ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާ ކުރުމުގެ އަމުރެއް ކުރިމިނަލް ކޯޓުން ނެރެފި އެވެ. އެފަދަ އަމުރަކަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ކުރިމިނަލް ކޯޓުގައި އެދުނީ މިއަދު އެވެ.
އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ ބާތިލު ކުރުމާއެކު އަދީބު ވަނީ މިނިވަންވެފަ އެވެ. އޭނާގެ މައްޗަށް މިހާރު ޖަލު ހުކުމެއް ނެތްއިރު ބަންދުގައި ހުރީ ކުރިމިނަލް ކޯޓުގައި އޮތް ދައުވާތަކާ ގުޅިގެންނެވެ. ދައުވާތަކުގެ ތެރޭގައި މަނީ ލޯންޑްރިން ފަދަ ސީރިއަސް ބޮޑެތި ދައުވާތައް ހިމެނެ އެވެ.
ނަމަވެސް މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދިޔުމަކާާ ނުލައި ކުރިމިނަލް ކޯޓުން މިއަދު ނިންމީ ދައުވާތައް ބާތިލު ކުރުމަށެވެ. އެއީ އެ ދައުވާތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ މުއްދަތުގައި ހުށަހަޅާފައިނުވާ ދައުވާތަކަކަށްވުމާއި މައްސަލާގައި ގޯސްކޮށް އަދީބާއެކު އިއުތިރާފު އެއްބަސްވުމެއް ހަދާފައިވާތީ އެވެ. އޭރު ޕީޖީގެ މަގާމުގައި ހުންނެވީ އައިޝަތު ބިޝާމެވެ.
މިހާރުގެ ޕީޖީ ހުސެއިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މައްސަލަ އިސްތިއުނާފު ކުރުމަށް އެ އޮފީހުން ނިންމާފައިވާ ކަމަށާއި އެކަމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އިސްތިއުނާފުކުރުމުގެ އެންމެ ބޮޑު ސަބަބަކީ ވެސް މައްސަލާގައި ދެ ފަރާތަށް ވާހަކަ ދައްކަން ފުރުސަތު ނުދީ، ގާނޫނީ އިޖުރާއަތްތަކާ ހިލާފަށް ދައުވާތައް ބާތިލްކޮށްފައިވުމެވެ.
މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ކުރިމިނަލް ކޯޓުގެ ނިންމުން ބާތިލް ކުރާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބަ އޮތް ކަމަށާއި އޭރުން އަލުން މައްސަލަ ކުރިމިނަލް ކޯޓުގެ އެހެން ގާޒީއަކަށް ބަލަން ޖެހޭނެކަން ޝަމީމް ފާހަގަ ކުރެއްވި އެވެ. ޝަމީމް ވިދާޅުވީ، އެއްބަސްވުމާ ގުޅޭ ގޮތުން ޝަރީއަތުގައި އަދީބާ ސުވާލު ކުރަން ޖެހޭ ކަމަށާއި އެއްބަސްވުމަށް އޭނާ ދެކޮޅު ހަދައިފިނަމަ ދެން ކުރިއަށްދާނެ ގޮތަކާމެދު ޕީޖީއިން ގޮތް ނިންމާނެ ކަމަށެވެ.
ޝަމީމް ވިދާޅުވި ގޮތުގައި އެކި ރަށްތަކުގެ މައްސަލާގައި އަދީބަށް 150 އެއްހާ ދައުވާ ކުރެވޭ މިންވަރަށް ލިޔެކިޔުން އެބަހުރި ކަމަށެވެ. އެ އަދަދު އެހެން އޮތްވައި، އަދީބާއެކު އެއްބަސްވުމެއް ހަދައި ހަތް ދައުވާ ކުރަން ނިންމާފައި އޮތީ ކުރީގެ ޕީޖީ ކަމަށާއި އެ ނިންމުން އެގޮތަށް ކުރިއަށް ގެންދެވީ ޝަމީމް ވިދާޅުވި އެވެ. ނަމަވެސް އަމިއްލައަށް ގަބޫލު ކުރައްވާ ގޮތް އެއާ ވަރަށް ތަފާތު ކަމަށާއި އަދީބަށް ވަރަށް ގިނަ ދައުވާތަކެއް ކުރެވޭނެކަން ޝަމީމް ތަކުރާރުކޮސް ފާހަގަ ކުރެއްވި އެވެ. އަދި އެއްބަސްވުން ދޫކޮށްލައްވަން އަދީބު ނިންމަވައިފިނަމަ އެގޮތުގެ މަތިން ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
ކުރިމިނަލް ކޯޓުގެ ނިނންމުމާއެކު އަދީބު މިނިވަންވެފައިވީ ނަމަވެސް އޭނާ ދިރިއުޅޭ ގޭ ސަރަަހައްދުގައި ފުލުހުން ފޯރިމަރަމުންދެ އެވެ. މިހާތަނަށް އަދީބު އާންމުންގެ ތެރެއަށް ނުކުމެފައިނުވާއިރު އެއްވެސް ވާހަކައެއް ވެސް ދައްކަވާފައެއް ނުވެ އެވެ.