ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ޖަލަށްލީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދުގެ ހިތުގައި އޮތް ޒާތީ ހަސަދަވެރި ކަމެއްގެ ތެރެއިން ކަމަށާ އެކަމުގެ ބައިވެރިން އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރުމުގެ އަޒުމް އެބަހުރި ކަމަށް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން އެ މަނިކުފާނު ހުންނަވަނީ މާފުށީ ޖަލުގަ އެވެ.
ޖަމީލް މިއަދު ކުރައްވާފައިވާ ޓްވީޓެއްގަައި ރައީސް ޔާމީން ޖަލުގައި ހުންނެވީ ޖިނާއީ ކޮންކުށެއް ކުރައްވައިގެންތޯ ވަނީ ސުވާލު ކުރައްވާފަ އެވެ. ރައީސް ޔާމީންގެ އަތްޕުޅުގައި ދަައުލަތުގެ ފަައިސާއެެއް ހުރި ކަމަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށް ވިދާޅުވި އެވެ.
"އެމަނިކުފާނު އަތްޕުޅުގައި ދައުލަތުގެ ފައިސާއެއް ހުރި ކަމަކަށް މިއަދާ ހަމައަށް ވެސް ދައުލަތަށް ސާބިތު ކޮށްދެވިފައެއް ނެތް. އަދީބު އަތުގައި ހުރި އެމަނިކުފާނުގެ ފައިސާގެ މިންވަރަށް މަދަނީ އެއްބަސްވުމެއް ހެއްދެވީ." ދަައުލަތުން ރައީސް ޔާމީނާއި ކުރީގެ ނާއިބު ރައީސް އަދީބާމެދު އަމަލު ކުރި ގޮތަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭނެ ގާނޫނީ ހަމައެއް އެއްވެސް އިންސާފުވެރި މަގަކުން ނުދެއްކޭނެ ކަމަށެވެ.
"މިއީ ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަސަދަ ފިލުވާލުމެއް. މިކަމުގައި، ނިޒާމަށް ނުފޫޒު ފޯރުވި ބައިވެރިންގެ މައްޗަށް ތަހުގީގުކޮށް އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރުމުގެ އަޒުމް އެބަހުރި"