ހަބަރު

އަދަބުގެ ނިޒާމު ފުނޑާލައިގެން ކޮރަޕްޝަން ނުހުއްޓުވޭނެ

Dec 10, 2020

ދައުލަތުގެ ފައިސާއަށް ހިޔާނަތްތެރިވާ މީހުން ޖަލަށްލުމުގެ ބަދަލުގައި، އަދަބުގެ ނިޒާމު ފުނޑު ފުނޑު ކޮށްލައި އެ މީހުން ގޭގައި ބައިތިއްބައިގެން ސަރުކާރަކަށް ކޮރަޕްޝަން ނުހުއްޓުވޭނެކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

"ޓްރާސްޕޭރެންސީ އެންޑް އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2020" އަށް ދެއްވި ވީޑިއޯ މެސެޖެއްގައި، ކުރީގެ ސަރުކާރުގެ ތެރޭގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅުވައި، ރައީސް ސޯލިހު އިއްޔެ ވަނީ އޭރުގެ ސަރުކާރަށް ފާޑު ވިދާޅުވެފައި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅޭގޮތުން ރައީސް ވިދާޅުވީ އެ މައްސަލަ ވެސް ފެންމަތިވީ ރިޔާސީ ލޯންޗުކޮޅު ގޮއްވާލައި، ވެރިކަން ގެއްލިދާނެ ކަމުގެ ބިރު ހީވި ހިސާބުން ކަމަށެވެ. ބޮޑު ހިޔާނާތް އޭރުގެ ސަރުކާރުން ހާމަކުރީ ކޮރަޕްޝަނަ ދެކޮޅު ކަމެއްގެ ގޮތުގައި ނޫން ކަމަށާ އެކަން ކުރި ވެރިކަން ފުރޮޅައިލާން އުޅޭ ކަމަށް ޝައްކު ކުރެވުނު ބަޔަކު ހިފައި ހައްޔަރު ކުރަން ޖެހި މަޅިއެއްގެ ގޮތުގައި ކަމަށް ރައީސް ވަނީ ވިދާޅުވެފައިވެ އެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅަށް ރައްދު ދެއްވައި ޖަމީލް މިއަދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ޖަލަށް ހުކުމް ކޮށްފައިވާ ބޮޑެތި ކުށްވެރިން، ގޭގައި ތިބުމުން އެނގިގެން ދަނީ ކޮރަޕްޝަން ހުއްޓުވޭ ވަރަށް ވުރެ ރައީސްގެ އަތް "ކިލަނބުވެފައިވާ" ކަމަށެވެ.

ޖަމީލް އިޝާރާތް ކުރެއްވީ، ބޮޑު ހިތާނާގެ އެންމެ ބޮޑު ތުހުމަތުތަކާއި ދައުވާތައް އޮތް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިކެޓަރުކަން އަބްދުﷲ ޒިޔަތާއެކު ސަރުކަރުން އެއްބަސްވުންތަކެއް ހަދައި އެބަސްވެވޭ ގޮތަށް ހުކުމްތަކެއް ކުރުމަށް ފަހު އެ ދެ ބޭފުޅުން ގޭބަންދުގައި ބައިތިއްބާފައިވާ ތިބުމަށެވެ.

"އެންމެ ބޮޑެތި ވަގުން ތިބީ ރައީސްގެ ރައްކާތެެރިކަން ލިބިގަނެގެން. މިވަރަށް ކޮރަޕްޝަން އާންމު މިވީ އަދަބުގެ ނިޒާމް ފުނޑާލުމުން،" ކުރީ ސަރުކާރުގެ ވާހަކަ ރައީސް ސޯލިހު ދައްކަވަނީ އެކަން ފޮރުވަންކަމަށް ތުހުމަތު ކުރައްވައި، ޖަމީލް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ، ސަރުކާރުން އެގޮތަށް އަމަލު ކުރުމުގެ ސަބަބުން، ކޮރަޕްޝަނަކީ ބިރުގަންނަންޖެހޭ ވަރުގެ ކުށެއް ނޫންކަން މިހާރު ސާބިތުވެގެން ގޮސްފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ އެންމެ ބޮޑު ތުހުމަތެއް އޮތީ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބާއި އޭރު އެމްއެމްޕީއާރުސީގެ އެމްޑީ އަބްދުﷲ ޒިއަތަށެވެ. އަދީބަށް 20 އަހަަރުގެ ޖަލު ހުކުމެއް އަދި ޒިޔަތަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. އަދީބަށް ބިލިއަން ރުފިޔާގެ ހިޔާނާތުގެ ތުހުމަތު ކުރާއިރު ޒިޔަތަށް 700 މިލިއަން ރުފިޔާގެ ހިޔާނާތުގެ ތުހުމަތު ދައުލަތުން ކުރެއެވެ. ނަަމަވެސް އެ ދެ ބޭފުޅުން މިހާރު ތިއްބެވީ ދައުލަތާއެކު އެއްބަސްވުމެއް ހައްދަވައިގެން ގޭގައެވެ. އަދި އެ ދެ ބޭފުޅުންގެ މައްޗަށް އިއްވި ހުކުމަކީވެސް ދެ ފަރާތުން ވެވުނު އެއްބަސްވުމުގެ ތެރެއިން އިއްވުނު ހުކުމެކެވެ.