ހަބަރު

"ޔާމީނަށް އިނގިލި ދިއްކުރަނީ ފެއިލްވިކަން ފޮރުވަން"

Nov 21, 2020
4

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިނގިލި ދިއްކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަމިއްލަފުޅަށް ފެއިލްވެފައިވާކަން ފޮރުވަންކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ތުހުމަތު ކުރައްވައިފަ އެވެ.

ޔާމީންގެ ވެރިކަމުގައި ޓޫރިޒަމަށް ރަށްތައް ދޫކޮށްފައިވަނީ ނުއަގުގައި ކަމަށާއި، އެ ރަށްރަށުން ލިބުނު ފައިސާގައި އެމަނިކުފާނު ޖެހިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ރައީސް ސޯލިހު މިދިއަ ބުރާސްފަތި ދުވަހު ވިދާޅުވުމުން އިދިކޮޅުން ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.

"އަދި މިހާ ހިސާބަށް އައިއިރުގައި ކުރީގެ ސަރުކާރުތަކުން އަޅުގަނޑު ދަންނަވާނީ ވިއްކާފައިވާ 85 ރަށް ރިސޯޓް ނުހެދި އެބައޮތް. ދައުލަތަށް ލިބެންވާ އާމްދަނީ އެއް ނެތް، ނުލިބޭ. އަޅުގަނޑުމެން މިހާތަނަށް އައިއިރުގައި އެއްވެސް ފަޅު ރަށެއް ރިސޯޓް ހަދާކަށް އަދި ދޫކޮށްފައެއް ނުވާނެ. އަދި އެހާ ހިސާބުން ނިމުނީއެއް ނޫނޭ އިނގޭތޯ. ރައީސް ޔާމީންގެ ވެރިކަމުގައި އެ ދޫކުރި ރަށްތައް ނުއަގުގައި ދޫކޮށް އެ ލިބިވަޑައިގެންނެވި ފައިސާކޮޅުވެސް ހިފައިގެން ވަޑައިގެންނެވީ. އެވެސް ބަޖެޓްގައި ހުރިނަމަތާ މި ދަތި ހާލަތުގައި އަޅުގަނޑުމެންނަށް އެއިގެން ހަރަދު ކުރެވޭނީ،" މިދިއަ ބުރާސްފަތި ދުވަހު ހއ. ހޯރަފުށީގައި ގާއިމުކުރި އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.

ވާހަކަތައް އިޝާރާތް ކުރައްވައި، ޑރ. ޖަމީލް މިއަދު ވަނީ ރައީސް ސޯލިހާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މޭސްތިރިކަމަށް ތުހުމަތުކުރާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ އަތުން ފައިސާ ނެންގެވިކަމުގެ ތުހުމަތު ތަކުރާރުކުރައްވައިފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކުށް ސާބިތުވެ ޖަލަށް ލާން ހުކުމްކޮށްފައި ވީނަމަވެސް، އަދީބު ގެއަށް ބަދަލުކުރުންފަދަ އަޑިނޭނގޭ އެއްބަސްވުންތައް ހަދަންޖެހިފައިވަނީ އެކަމުގައި ރައީސް ސޯލިހު "ކޮމްޕްރޮމައިސް" ހުންނެވުމުންކަމަށްވެސް ޖަމީލް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

"ރައީސް ޔާމީނަށް އިނގިލި ދިއްކުރައްވަނީ އަމިއްލަފުޅަށް ފެއިލްވެފައިވާކަން ފޮރުވަން. ނާގާބިލްކަން ކޮންމެ ދިމާލަކުން އެބަފެނޭ. މުޅި ގައުމު ފަގީރުވެއްޖެ. އަމިއްލަ ޕާޓީތެރޭގަވެސް ހުޅުރޯވެފަ. އަސްލުވެރިމީހާ ހުންނެވީ މަޖްލީހުގައި، މަނިކުފާނު ހަމައެކަނި ވަގުތު ގުނަނީ،" ޖަމީލް އިތުރަށް ވިދާޅުވި އެވެ.

ޔާމީނާ ގުޅުވައި، ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅު އިދިކޮޅު ކޯލިޝަނުންވެސް ވަނީ ކުށްވެރިކޮށްފައި އެވެ.

އިދިކޮޅުން ބުނެފައިވާ ގޮތުގައި ރައީސް ޔާމީނާ މެދު ކުރެއްވި ތުހުމަތުތައް ސާބިތުކޮށްދެއްވުމަށް ރައީސް ސޯލިހަށް އެ ކޯލިޝަނުން ވަނީ ޗެލެންޖް ކޮށްފައެވެ. އަދި އެކަން ނުކުރެއްވޭ ނަމަ، އެމަނިކުފާނުގެ ވެރިކަން ނިމޭ ދުވަހަކުން އިންސާފާ ކުރިމަތިލާން ޖެހޭނެ ކަމަަށް ވަނީ ބުނެފައެވެ.