ވ. އާރަށް ކުއްޔަށް ދިނުމުގައި ރަސްމީ އެއްވެސް މުއާމަލާތެއް ނުހިނގާ ކަމަށާއި އެރަށް ކުއްޔަށް ދިނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެންގެވުމުން ކަމަށް އެރަށުގެ ހިޔާނާތާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގެ މަޖިލީހުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ހެކިބަސް ދެއްވައިފި އެވެ.
އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގައި ދައުލަތުގެ ހެކިވެރިޔެއްގެ ގޮތުގައި ހެކިބަސް އަދާކުރައްވަމުން އަދީބު ވިދާޅުވީ އާރަށް ޔޫސުފް ނައީމަށް ކުއްޔަށް ދޫކުރުމުގެ ކުރިން އެއީ ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ބެއްލެވުމުގެ ދަށުގައި އޮތް ރަށެއް ކަމަށެވެ. އެރަށް ބޭނުންފުޅުވެގެން އެންމެ ފުރަތަމަ ޔޫސުފް ނައީމް ވަޑައިގަތީ އޭނާގެ އަރިހަށް ކަމަށާއި، އެކަމަކު އެހެން ބޭފުޅެއްގެ އަތްޕުޅުގައި އޮތް ރަށަކަށްވެފައި އަދި އެއީ އެހެން މިނިސްޓްރީއެއްގެ ދަށުގައި އޮތް ރަށަކަށްވާތީ ހެއްދެވޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވި ކަމަށް އަދީބު ވިދާޅުވި އެވެ.
އޭގެ ފަހުން ޔާމީން އަދީބަށް ގުޅުއްވައި ޔޫސުފް ނައީމަށް އެރަށް ދިނުމުގެ ކަންކަން ކުރުމަށް އެންގެވި ކަމަށް އަދީބު ވިދާޅުވި އެވެ. އެ އެންގެވުމާ އެއްގޮތަށް ރަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް، ދެ މިލިއަން ރުފިޔާއަށް އެމްއެމްޕީއާރްސީ މެދުވެރިކޮށް ޔޫސުފް ނައީމަށް ކުއްޔަށް ދިން ކަމަށް އަދީބު ވިދާޅުވި އެވެ. އާރަށް ކުއްޔަށް ދިނުމުގައި މުޅިން ވެސް މުއާމަލާތް ކޮށްފައިވަނީ ފޯނުން ކަމަށާއި އެއްވެސް ރަސްމީ މުއާމަލާތެއް ނުހިނގާ ކަމަށްވެސް އަދީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެރަށް ކުއްޔަށް ދިނުމުގެ މުގާބިލުގައި ރައީސް ޔާމީނަށް އެއް މިލިއަން ޑޮލަރު ދިން ކަމަށް ޔޫސުފް ނައީމް ވިދާޅުވި ކަމަށެވެ.
ދައުލަތުގެ ފަރާތުން ކުރި އިތުރު ސުވާލުތަކަށް ޖަވާބު ދެއްވަމުން އަދީބު ވިދާޅުވީ 2012 ވަނަ އަހަރުން ފެށިގެން ޔާމީން އެކި ކަންކަމުގައި އޭނާއަށް އިރުޝާދުތައްދީ ކަންކަމުގައި ނުފޫޒު ފޯރުވާ ބޭފުޅެއް ކަމަށެވެ. އެގޮތުން ރައީސް ވަހީދުގެ ސަރުކާރުގައި އަދީބް ޓޫރިޒަމަކަށް ހުންނެވިއިރު ވަކި ރަށްތަކެއް ވަކިގޮތަކަށް ކުއްޔަށް ދީގެން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ފައިސާ ހޯދުމުގެ ކަންކަމާ ގުޅިގެން އިރުޝާދުތައް ދެއްވި ކަމަށް އަދީބު ވިދާޅުވި އެވެ.
"ބޮޑަށް ނުފޫޒު ފޯރަނީ އެރަށްތަކާ މި ސްކީމްތަކުގެ ތެރެއިން ފައިސާ ރެއިޒްކުރައްވަން އެއީ އެންމެ ބޮޑު މަގުސަދަކީ. ފައިސާ ރެއިޒް ކުރަނީ 2013 ގައި ބޮޑަށް ރިޔާސީ އިންތިހާބަށް. ދެން ޕާލިމެންޓް އިންތިހާބަށް. ހަމައެހެންމެ އެއަށްފަހު މެމްބަރުން ގަންނާށާ، ދައުލަތުގެ ހުރިހާ ވުޒާރާތަކެއްގެ ބޭފުޅުންނަށް ރިޝްވަތު ދޭށާ، އަދި ހަމައެހެންމެ އަމިއްލަފުޅު އެކައުންޓަށް ލައްވާށާ، އަދި ހަމައެހެންމެ އޭރުގެ ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލުތަކާ އަދި ހަމައެހެންމެ އޭރުގެ ބޭވަފާތެރިވި ނައިބު ރައީސް ވަކިކުރަން ހަރަދުކުރެއްވި. އެހުރިހާ ކަމަކަށް ފައިސާ ހޯއްދަވަން،" އަދީބު ވިދާޅުވި އެވެ.
ދައުލަތުން މިއަދު ވަނީ 2013 ވަނަ އަހަރު ހިނގައިދިޔަ ރައީސް ޔާމީން އަދި އަދީބުގެ ކޯލް ރިކޯޑިންތަކެއް ޝަރީއަތަށް އިއްވައި ސުވާލުކުރުމުގެ ފުރުސަތަކަށް އެދިފަ އެވެ. އެއީ މީގެ ކުރިން ވެސް ޔާމީންގެ ފަރާތުން އެކި ގޮތްގޮތަށް ނުފޫޒު ފޯރުވާކަން ހާމަކުރުމަށެވެ. އެކަމަކު އެފުރުސަތު އިސް ގާޒީ އަހުމަދު ޝަކީލް ދެއްވާފައެއް ނުވެ އެވެ. ގާޒީ ވިދާޅުވީ 2015 ވަނަ އަހަރު ހިނގާ ދިޔަ ހާދިސާއަކަށް މާކުރީގެ ކޯލް ރިކޯޑިންތައް ލައިވްކޮށްގެން ހިންގާ ޝަރީއަތެއްގައި ނުއިއްވޭނެ ކަމަށެވެ.
އަދީބު ކުރިން މިއަދުގެ ޝަރީއަތުގައި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވަނީ ހެކިބަސް ދެއްވާފަ އެވެ. އެ މަޖިލީހުގައި އަދީބު އަދި ޒިޔަތާ ދެމެދު ދައުލަތުން ހަދާފައިވާ އެއްބަސްވުން ހާމަކޮށްދިނުމަށް ދިފާއުން އެދުނު ނަމަވެސް އެއީ މި މައްސަލަ އާއި ގުޅުންހުރި ކަމެއް ނޫން ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.
އެ އެއްބަސްވުމުގެ ތަފްސީލް ހާމަނުކުރާނަމަ މި ދެ ބޭފުޅުން އަދުލުވެރިކަމާއެކު ހެކިބަސް ނުދެއްވާނެ ކަމަށް ބުނެ ޔޫސުފް ނައީމްގެ ފަރާތުން ވަނީ ސުވާލު ކުރުމުގެ ފުރުސަތު ދޫކޮށްލާފަ އެވެ.
އައްލާމްގެ ހެކިބަހެއް ނުނަގާނެ
އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ދައުރުކުރަން ބޭނުންކުރި އެސްއޯއެފްގެ މެނޭޖިން ޑިރެކްޓަރު އައްލާމް ލަތީފުގެ ހެކިބަސް ނުނެގުމަށް ދައުލަތުން ނިންމާފައިވާ ކަމަށް މިއަދުގެ އަޑުއެހުމުގައި ވަނީ ހާމަކޮށްފަ އެވެ. ދައުލަތުން ބުނީ އައްލާމުގެ ފަރާތުން މި މައްސަލައިގައި ހެކިބަސް ދިނުމަށް އުޒުރުވެރިވާ ކަމަށް ބަޔާންކޮށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
އެ ސިޓީގައިވާ ގޮތުގައި މި މައްސަލައިގައި މީގެ ކުރިން އިނގިރޭސި ވިލާތުގައި ހުރެގެން އެ ކުންފުނީގެ އިސްވެރިއެއް ކަމަށްވާ މުހައްމަދު ހުސައިން (އޮއިއްޓޭ) ހެކިބަސް ދިނުމާ ގުޅިގެން އެ ގައުމުގެ އެކި އިދާރާތަށް އެކި ޝަކުވާތައް ހުށަހެޅިފައިވާ ކަމަށެވެ. އޭގެ ސަބަބުން އޭނާއަށް އެގައުމުގައި ދިރިއުޅުމަށް އުނދަގޫވަމުން އަންނަ ކަމަށް ސިޓީގައި ބަޔާންކޮށްފައިވާ ކަމަށް ދައުލަތުން ބުންޏެވެ. އެހެންކަމުން އެފަދަ ހާލަތަކަށް އައްލާމް ވެސް އައިސްދާނެތީ މި މައްސަލައިގައި ހެކިބަސް ދޭން އޭނާ ވަނީ އުޒުރުވެރިވެފަ އެވެ. އެހެންކަމުން އޭނާގެ ހެކިބަސް ނުނެގުމަށް ދައުލަތުން ވަނީ ނިންމާފަ އެވެ.
ދައުލަތުގެ މިނިންމުމާ އެކު ދައުލަތުން ހުށަހަޅާފައިވާ ހުރިހާ ހެކިންގެ ހެކިބަސް މިއަދު ވަނީ ނަގައި ނިންމާފަ އެވެ. މާދަމާ ދެން އޮންނާނީ ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ.