ސިއްހީ އެއްވެސް އެހީތެރި ކަމަކަށް ޖަލުގައި ހުންނެވި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދި ވަޑައިގެންފައި ނުވާ ކަމަށް ރައީސުލް ޖުމުހުރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އަދީބާއި ޒިޔަތު ގޭގައި ހުންނަވާއިރު ރައީސް ޔާމީނު ޖަލުގައި ހުންނެވި ސަބަބު ސާފު ކޮށްދެއްވަމުން ރައީސް ވިދާޅުވީ އަދީބާއި ޒިޔަތު ގޭގައި ތިއްބެވީ ގަވައިދާއި އެއްގޮތަށް ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކޮށްފައި ކަމަށެވެ.
ރައީސް ވިދާޅުވީ އަދީބާއި ޒިޔަތާއި ދެ ބޭފުޅުން ވެސް ގޭގައި ތިއްބެވީ ސިއްހީ ގޮތުން ހުށަހަޅާފައިވާ ޑޮކްޓަރުންގެ ލިޔުމާއިއެކު ކަމަށާއި ނަމަވެސް ރައީސް ޔާމީނުގެ އެފަދަ އެއްވެސް ލިޔުމެއް ލިބި ވަޑައިގެންފައި ނުވާ ކަމަށެވެ.
ރައީސް ވިދާޅުވީ ވަރަށް ކުރިން ކުރީގެ ރައިސް ޔާމީން ޓެސްޓް ތަކެއް ހަދަން ބޭރަށް ވަޑައިގަތުމަށް އެދިވަޑައިގެންނެވި ކަމަށާއި އެ ފުރުސަތު ރައީސް ޔާމީނަށް އެރުވި ކަމަށެވެ. ނަމަވެސް އެމަނިކުފާނު ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވީ ކަމަށެވެ. އަދި ވިދާޅުވީ އޭގެ ފަހުން ސިއްހީ އެއްވެސް ކަމެއްގައި ރައީސް ޔާމީނު އެހީއަކަށް އެދި ވަޑައި ނުގަންނަވާ ކަމަށާއި އެދިވަޑައިގެންފައި އޮތް ނަމަ އެކަމެއް އޮންނާނީ ކޮށްދެއްވަފައި ކަމަށެވެ.
ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަންގެ ދަށުން ވަރަށް ގިނަ މަސައްކަތް ތަކެއް ކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.