ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"ބޮޑު ހިޔާނާތް ހާމަކުރީ ވެރިކަން ގެއްލުމުގެ ބިރު ހީވުމުން"

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގާދިޔަ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް އޭރުގެ ސަރުކާރުން ހާމަކުރީ ކޮރަޕްޝަނަ ދެކޮޅު ކަމެއްގެ ގޮތުގައި ނޫން ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކުރީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދެއްކެވީ "ޓްރާސްޕޭރެންސީ އެންޑް އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2020" އަށް ދެއްވި ވީޑިއޯ މެސެޖެއްގައެވެ. ރައީސް ވިދާޅުވީ ދައުލަތުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވެގެންދާ ގޮތަށް ހުރި، ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށާ އެއް ކަމަކީ، ޕްރޮކިއުމަންޓްގެ ކަންތައް މިހާތަނަށް އޮތް ގޮތް ކަމަށެވެ. އެއީ ދައުލަތުގެ އިދާރާތަކަށް ބޭނުންވާ ތަކެތި ހޯދުމުގައި ގެންގުޅޭ ހަމަތަކާއި އުސޫލުތަކެވެ. އަދި ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ބީލަމުގެ ކަންތައް ރޭވިފައި ހުރި ގޮތާއި ދައުލަތުގެ އިދާރާތަކުން ހިދުމަތް ދިނުމުގައި އަމަލުކުރެވޭ ގޮތްތައް ކަމަށެވެ. އަދި އޭގެ އިތުރުން، ވަޒީފާ ދިނުމުގައި އަމަލުކުރަމުން އައި ގޮތަކީވެސް ދައުލަތުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވެގެންދާ ގޮތަށް އޮތް ކަމެއް ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގާދިޔަ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅޭގޮތުން ރައީސް ވިދާޅުވީ އެ މައްސަލަވެސް ފެންމަތިވީ ރިއާސީ ލޯންޗުކޮޅު ގޮއްވާލައި، ވެރިކަން ގެއްލިދާނެ ކަމުގެ ބިރު ހީވި ހިސާބުން ކަމަށެވެ. ބޮޑު ހިޔާނާތް އޭރުގެ ސަރުކާރުން ހާމަކުރީ ކޮރަޕްޝަނަ ދެކޮޅު ކަމެއްގެ ގޮތުގައި ނޫން ކަމަށާ އެކަން ކުރި ވެރިކަން ފުރޮޅައިލާން އުޅޭ ކަމަށް ޝައްކުކުރެވުނު ބަޔަކު ހިފައި ހައްޔަރުކުރަން ޖެހި މަޅިއެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ފަހުން ފެންމަތިވި، އެންމެ ބޮޑު މައްސަލައަކީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަ. އެ މައްސަލަވެސް ފެންމަތިވީ ރިއާސީ ލޯންޗުކޮޅު ގޮއްވާލައި، ވެރިކަން ގެއްލިދާނެ ކަމުގެ ބިރު ހީވި ހިސާބުން. ހަގީގަތުގައި، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް އޭރުގެ ސަރުކާރުން ހާމަކުރީ، ކޮރަޕްޝަނާ ދެކޮޅަށް ކުރި ކަމެއްގެ ގޮތުގައެއް ނޫން. އެކަން ކުރީ، ވެރިކަން ފުރޮޅައިލާން އުޅޭ ކަމަށް ޝައްކުކުރެވުނު ބަޔަކު ހިފައި ހައްޔަރުކުރަން ޖެހި މަޅިއެއްގެ ގޮތުގައި
އިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ

ރައީސް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ކޮރަޕްޝަނަށް ނޫނެކޭ ބުނެ ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓްކުރަން ހިތްވަރު ދިނުން ކަމަށެވެ. އަދި ކޮރަޕްޝަންގެ އަމަލުތައް ފަޅާއަރުވައިލާ މީހުންނަށް ގާނޫނުން ރައްކާތެރިކަން ހޯދައިދިނުން ކަމަށެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އަމަލުކުރަން ފެށި ވިސްލްބްލޯކުރާ މީހުން ރައްކާތެރި ކުރުމުގެ ގާނޫނުގެ އެންމެ ބޮޑު ބޭނުމަކީވެސް، ކޮރަޕްޝަންގެ މައްސަލަތައް ފަޅާއަރުވައިލާ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅެއް ނޭޅޭނެކަން ކަށަވަރު ކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮރަޕްޝަނާއި ހިޔާނާތާއި ފަސާދައިގެ އަމަލުތަކަށް ޖަވާބުދާރީވަނިވި ދެފުށް ފެންނަ، ނަޒާހަތްތެރި ސަގާފަތެއް ދައުލަތުގެ އިދާރާތަކާއި، އާންމު ރައްޔިތުންގެ ކިބައިގައި އަށަގެންނެވުމަކީ ވެސް، މި ގާނޫނުގެ ވަރަށް މުހިންމު މަގުސަދެއް ކަމަށެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ އެންމެ ބޮޑު ތުހުމަތެއް އޮތީ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބާއި އޭރު އެމްއެމްޕީއާރުސީގެ އެމްޑީ އަބްދުﷲ ޒިއަތަށެވެ. އަދީބަށް 20 އަހަަރުގެ ޖަލު ހުކުމެއް އަދި ޒިޔަތަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. އަދީބަށް ބިލިއަން ރުފިޔާގެ ހިޔާނާތުގެ ތުހުމަތު ކުރާއިރު ޒިޔަތަށް 700 މިލިއަން ރުފިޔާގެ ހިޔާނާތުގެ ތުހުމަތު ދައުލަތުން ކުރެއެވެ. ނަަމަވެސް އެ ދެ ބޭފުޅުން މިހާރު ތިއްބެވީ ދައުލަތާއެކު އެއްބަސްވުމެއް ހައްދަވައިގެން ގޭގައެވެ. އަދި އެ ދެ ބޭފުޅުންގެ މައްޗަށް އިއްވި ހުކުމަކީވެސް ދެ ފަރާތުން ވެވުނު އެއްބަސްވުމުގެ ތެރެއިން އިއްވުނު ހުކުމެކެވެ.