ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތަކީ މިހާރު ދިވެހިންނަށް އާ ވާހަކައެއް ނޫނެވެ. އިއްޔެ އިސްތިއުފާ ދެއްވި ގަވަރުނަރުގެ ބަސްފުޅުންނަމަ، މި ހިޔާނަތަކީ "ޑޭލައިޓް ރޮބަރީ" އެކެވެ. ދައުލަތުގެ ހަޒާނާއަށް ނޫނީ ތިޖޫރިއަށް ރޯމާ ދުވާލު މަދު ބަޔަކު ވަދެ، މުށްޖަހާފައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަމަ ކާލީ އެވެ. އެ ވައްކަން ކުރަމުންދިޔަ އިރު ހޭ ވެސް އަހާލާނެ މީހަކު ނެތެވެ.
އެނގުނު ބަޔަކު ނޭނގޭ ކަމަށް ހަދައިގެން މޫނު ލީ އަނެއް ފަރާތަށެވެ. އަނެއް ބަޔަކު ތިބީ ބާރަށް އަތް ޖަހާށެވެ. އެ ފައިސާ ނުހޭކޭ އަތެއް އޭރުގެ ދައުލަތުގެ ވެރިންގެ ތެރޭގައި މަދެވެ. އެނގިގެންވިޔަސް "ޑޮލަރު ގަންނަން" ބުނެ ކަމަށް ވިޔަސް، އެ ހިޔާނާތުގައި މުޅި ދައުލަތް ޝާމިލުވެ އެވެ. މުއާލާތް ކެނޑުނު ފަހުން ކުއްލިއަކަށް ހޭވެރިކަން ވެގެން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ރިޕޯޓުތަކުން ވެސް މުޅި ނިޒާމް ފެއިލްވެފައިވާކަން ސާފެވެ.
އެ ރިޕޯޓުތަކުގައި މާބޮޑު އާ ވާހަކައެއް ނެތޭ ބުނެ ރައްޔިތުން ހަޅޭއްލަވަނިކޮށް، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެ މައްސަލަ އިތުރަށް ކޮންނަން ފެށުމާއެކު ފާއިތުވި ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، ނިޒާމް ފެއިލްވީ ނޫން ކަމާއި، އެކި ހުއްޖަތްތަކާއެކު ބަޔަކު ގަސްތުގައި ފެއިލްކޮށްލީކަން މިވަނީ ހާމަވާން ފަށައިފަ އެވެ.
ގައުމުގެ ތިޖޫރި ފޫގޮސްފައި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ނޫނީ މަރުކަޒީ ބޭންކަކީ ގައުމުގެ ތިޖޫރި އޭ، އެއީ ވެސް މިހާރު އިސްތިއުފާ ދެއްވާފައިވާ ގަވަރުނަރު ވިދާޅުވި ވާހަކަފުޅެކެވެ. ގަވަރުނަރު އެ ވިދާޅުވީ ވަރަށް ހައްސާސީ ވާހަކަފުޅެކެވެ. ރާއްޖޭގައި ދައުރުވާ ހުރިހާ ފައިސާއެއްގެ އިތުރުން މާލީ ހުރިހާ ސިޔާސަތުތަކެއް އެކަށައަޅައި ބަލަހައްޓައި، ފާރަވެރިވުމުގެ ހުރިހާ ބާރެއް ގާނޫނަކުން އެމްއެމްއޭއަށް ވަނީ ލިއްބައިދީފަ އެވެ. އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަމިއްލަ ކުންފުނިތަކުގެ އެކައުންޓުތަކަށް ޖަމާކޮށްގެން ނަގަމުންދިޔައިރު، ގިނަ ބަޔަކު ހީކުރީ އެމްއެމްއޭ އޮތީ ގަދަ ނިދީގައި ކަމަށެވެ. މަރުކަޒީ ބޭންކަށް ނޭނގި ދައުލަތުގެ ހަޒާނާ ލޫޓުވާލީ ކަމަށެވެ.
ނަމަވެސް، މި ފަހުން ތިލަވެފައިވާ މައުލޫމާތުތަކަށް ބަލާއިރު އެއީ އަދި މުޅިން ކަން ހިނގާދިޔަ ގޮތް ނޫންކަން މިހާރު ވަނީ ހާމަވެފަ އެވެ. އެ ހިޔާނާތް މައިގަނޑު ގޮތެއްގައި ހިންގާފައިވަނީ އެސްއޯއެފް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏެއް މެދުވެރިކޮށް ކަމަށްވާއިރު، މަނީ ލޯންޑަރިންގް ކަމަށް ޝައްކުކުރެވޭ މުއާމަލާތްތައް ހިންގާ ކަމަށް ބެލެވިގެން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސަސްޕިޝަސް ޓްރާންސްއެކްޝަން ރިޕޯޓް (އެސްޓީއާރު) އެއް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަށް 27 ނޮވެމްބަރު 2014 ގައި ވަނީ ފޮނުވައިފަ އެވެ.
އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ ފައިސާތައް އެ ކުންފުނީގެ އެކައުންޓުތަކަށް ޖަމާކުރަން ފެށިތާ ގާތްގަނޑަކަށް ތިން މަސް ދުވަސް ފަހުންނެވެ. ރިޕޯޓް ފޮނުވުމުގެ އިތުރުން، އެ އެކައުންޓް ވެސް ވަގުތީ ގޮތުން ބޭންކުން ވަނީ ހިފަހައްޓައިފަ އެވެ.
އެހެނަސް، ބޭންކަށް އެ އެކައުންޓް ނުހިފެހެއްޓޭނެކަމަށް ބުނެ، އޭރުގެ އެސިސްޓަންޓް ގަވަރުނަރު ނީޒާ އިމާދުގެ އިތުރުން، އެފްއައިޔޫގެ އޭރުގެ ވެރިޔާ އާތިފް ޝަކޫރު ވެސް އެންގެވިކަމަށް ބީއެމްއެލުން ބުނެ އެވެ. އަދި އެ އެސްޓީއާރު ދިރާސާކޮށް 31 ޑިސެމްބަރު 2014 ގައި ތައްޔާރުކޮށްފައިވާ އެނަލިސިސް ރިޕޯޓްގައި މަނީ ލޯންޑަރިންގް އަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހިނގާފައިވާކަމަށް ބަޔާންކޮށްފައިވެ އެވެ. އެކަމަކު އޭރުވެސް އެ ޔުނިޓުން އެކަމާ އެޅި އެއްވެސް ފިޔަވަޅެއް ނެތެވެ. އޭގެ ފަހުން އެ ރިޕޯޓް 06 އެޕްރީލް 2015 ގައި ފައިނަލް ކުރުމަށްފަހު، އާތިފް ޝަކޫރު އިސްވެ ހުންނަވައި، އެ ރިޕޯޓް ތަހުގީގީ އިދާރާއަކަށް ނުފޮނުވަން ނިންމުން ވެގެންދިޔައީ އެ ހިޔާނާތް ހުއްޓުވަން އޮތް އެންމެ ފަހު ދޮރު ބަންދުވެގެން ދިޔުމެވެ.
އެފްއައިޔޫ އަކީ އެމްއެމްއޭ ތެރޭގައި އޮންނަ މިނިވަން ޔުނިޓެއް ކަމުން، އޭރު ހީވެފައި އޮތީ، އެ މައުލޫމާތު އެނގިފައިއޮތީ ހަމައެކަނި އެތަނުގައި އިސްކޮށް ތިބި އާތިފް ގެ އިތުރުން މެނޭޖަރު އަބްދުﷲ އަޝްރަފް ކަމެވެ. ނަމަވެސް، އެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ތައްޔާރުކޮށް މިދިޔަ މަހު އާންމުކުރި ރިޕޯޓަށް ބަލާއިރު، އެފްއައިޔޫގެ އެނެލިސިސް ރިޕޯޓް އޭރުގެ ގަވަރުނަރު އަޒީމާ އާދަމާވެސް ވަނީ ހިއްސާކޮށްފަ އެވެ. އަޒީމާގެ އިތުރުން އަޝްރަފްގެ އިހުމާލުއޮތްކަމަށް ގާނޫނީ ގޮތުން ބެލެންނެތީ، އެފްއައިޔޫގެ ނިންމުންތައް ނިންމާނީ އެ ޔުނިޓުގެ ވެރިޔާކަމަށް ގާނޫނުގައި ބުނާތީ އެވެ. އެހެންކަމުން ދައުވާ ކުރެވެންއޮތީ ހަމައެކަނި އާތިފްގެ މައްޗަށެވެ.
އާތިފްވެސް ވަނީ ހުއްޖަތެއް ދައްކަވާފަ އެވެ. "އޭރު ވެރިކަމުގައި ތިބި ވެރިންނަށް އެކަން އެނގޭ. އެކަން ނުހުއްޓުވޭނެކަން އަޅުގަނޑަށް އެނގުމުން އަޅުގަނޑު މަގާމުން އިސްތިއުފާދިނީ އެކަން ހުއްޓުވޭނެ މީހަކަށް ފުރުސަތު ދޭން،" އެއީ އާތިފް ދެއްކެވި ސަބަބެވެ. އާތިފަށްފަހު އެ ކަން ހުއްޓުވުމުގެ ޒިންމާ އެޅުނީ އަޝްރަފްގެ ބޮލުގަ އެވެ. ނަމަވެސް، އެ ޔުނިޓުގެ ވެރިޔާގެ މަގާމު ރަސްމީކޮށް ހަވާލުނުކުރާތީ، އަޝްރަފްވެސް އެ ރިޕޯޓުގައި މަތިއަޅައިގެން ހުރީ އެވެ. ޖޫން 2015 އިން ފެށިގެން ސެޕްޓެމްބަރު މަހު ފިނިފެންމާ ލޯންޗު ގޮވި ހާދިސާއަށްފަހު ފުލުހުން އެދެންދެނެވެ. އެއީ އެއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށް ބެލެވެ އެވެ. އޭރު އެސްއޯއެފް އެކައުންޓުގައި ބާކީ ހުރި ލައްކައެއްހާ ޑޮލަރު ނަގައި، ޖުމްލަ 1.2 ބިލިއަން ރުފިޔާ ދޮވެ ސާފުކޮށް ނިންމައިފި އެވެ.
ހަމައެކަނި އެފްއައިޔޫއަށް ތުހުމަތުގެ އިނގިލިތައް އަމާޒުކޮށްގެން ތިއްބާ، އެ ހިޔާނާތުގެ މައްސަލަ އެމްއެމްއޭގެ އިތުރު ބޭފުޅުންނަށް އެނގިފައިއޮތްކަމަށް ދޭހަވާ ގޮތަށް ނަސީރު ވަނީ މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފަ އެވެ. އެގޮތުން، އޭރުގެ އެސިސްޓެންޓް ގަވަރުނަރު ނީޒާ ސޮއި ކުރައްވާ، އެސްއޯއެފްގެ އިތުރުން އެމްއެމްޕީއާރުސީއަށް ޑޮލަރު ވިއްކުމުގެ ހުއްދަ ދިން އިރުވެސް، ޝައްކުކުރެވޭ މުއާމަލާތްތައް ހިންގަމުންދާކަން އެނގޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، [އެސްއޯއެފަށް] މަނީ އެކްސްޗޭންޖް ލައިސެންސް ދިން އިރުވެސް ރިޕޯޓުތަކުގަ އެބަ ބުނޭ ސަސްޕިޝަސް ޓްރާންސްއެކްޝަންތަކެއްގެ ވާހަކަ،" ނަސީރު ހާމަކުރެއްވި އެވެ.
އޭރު ހިނގާފައިހުރި ކަންތައްތަކަށް ބަލާއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އެފްއައިޔޫގެ އިތުރުން އެމްއެމްއޭގެ އެހެން ފަރާތްތަކަށް ވެސް އެނގިފައިވާކަމަށް ނަސީރު ވަނީ ވިދާޅުވެފަ އެވެ. އެ ވިދާޅުވާ ލައިސެންސެއް އެސްއޯއެފަށް ދޫކޮށްފައިވަނީ 13 ޖެނުއަރީ 2015 ގަ އެވެ. އެއީ ބީއެމްއެލްގެ އެސްޓީއާރު ލިބިގެން، މަނީ ލޯންޑަރިންގްގެ މުއާމަލާތްތަކެއް އެފްއައިޔޫއަށް ފާހަގަވެފައިވާ ރިޕޯޓެއް ވެސް ތައްޔާރުކުރި ފަހުންނެވެ.
މިހުރީ ހައްތަހާވެސް އިހުމާލެވެ. އަޅާ ނުލާ ދޫކޮށްލާފައިވާ ނުރައްކަލުގެ ރަނގަބީލުތަކެވެ. އެމްއެމްއޭގެ އެންމެ ބޭފުޅަކު ފިޔަވަޅު އެޅއްވި ނަމަވެސް، ދައުލަތަށް ސަލާމަތް ކުރެވޭނެ އެތައް މިލިއަން ޑޮލަރެކެވެ. ކޮނު ކޮނުނު ހެން ފަސް ގިނަވާނެއޭ ބުނާ އުސޫލުން، ޕްރެޝަރު ބޮޑުކޮށްލުމުން، އެފްއައިޔޫއާ ގުޅޭ އާ ވާހަކަތަކެއްވެސް ނަސީރު ވަނީ ހާމަކުރައްވައިފަ އެވެ.
އެފްއައިޔޫ ގެ ޑޭޓާބޭސްގެ ތެރެއަށް ލާފައިއިން ބޮޓެއް މެދުވެރިކޮށް މައުލޫމާތު ލީކު ކޮށްފައިވާ ވާހަކަ އެވެ. "ޑޭޓާބޭސް ތެރޭގައި ލާފައި އިން ބޮޓަކުން، ބައެއް މައުލޫމާތުތައް ފޮނުވަމުން ދިޔައީ ޓެލެގްރާމްގައި ހަދާފައި އިން ގުރޫޕަކަށް،" އެ ގުރޫޕާބެހޭ އިތުރު ތަފްސީލެއް ނުދެއްވާ ނަސީރު ވިދާޅުވި އެވެ. އެއީ ކޮން މައުލޫމާތެއް، ކޮން ބޭނުމެއްގައި، ކާކަށް ދީފައިވާ މައުލޫމާތެއްކަމެއް އަދި ނޭނގެ އެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، އެ ތަހުގީގު ގޮސްފައިވާ ހިސާބެއްވެސް އަދި ސާފުވާ ގޮތެއް ނުވެ އެވެ.
އެހާ ހިސާބަށް މައުލޫމާތު ތިލަވެފައި އޮއްވާ، އިއްޔެ އިސްތިއުފާ ދެއްވުމަށްފަހު، ނަސީރު ނެރުއްވި ބަޔާނުގައި އިތުރަށް ކަންބޮޑުވާންޖެހޭ ތުހުމަތުތަކެއް ވަނީ ކުރައްވައިފަ އެވެ. ދެ ގަޑިއިރަށް ދިގުދެމިގެންދިޔަ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، މެންބަރުން އެތަކެއް ސުވާލެއް ކުރެއްވިއިރު، ހާމަނުކުރައްވާ ގިނަ މައުލޫމާތުތަކެއް އެ ބަޔާނުގައި ނަސީރު ވަނީ ހާމަކުރައްވައިފަ އެވެ.
"އަޅުގަނޑު، އެމްއެމްއޭގެ ގަވަރުނަރުކަމާ ހަވާލުވުމުގެ ކުރިން އެމްއެމްއޭގައި އޮތް ލީޑަޝިޕު އެގޮތަށް އޮއްވާ، ދައުލަތުގެ ފައިސާގެ ތެރެއިން 1.3 ބިލިއަށް ރުފިޔާ ގެއްލިގެން ގޮސްފައިވޭ، އެމްއެމްއޭގެ ލީޑަޝިޕުން، އޭރުގެ ޓުވަރިޒަމް މިނިސްޓަރާ، އާދަޔާ ހިލާފަށް ގިނައިން ވަކިން ބައްދަލުކޮށްފައިވާކަން، އެމްއެމްއޭގެ ރެކޯޑުތަކުން ފެންނަން އެބައޮތް،" ނަސީރު ވިދާޅުވެފައިވެ އެވެ.
އަދި ނަސީރު އެ ވިދާޅުވާ ބަޔަކު މިހާރުވެސް އެމްއެމްއޭގެ އާއި ދައުލަތުގެ އެހެން މަގާމުތަކުގައި އެބަތިބި ކަމަށެވެ.
ބޭންކަށްވެސް ވީނުވީއެއް ނޭނގެ
އެންމެ ފުރަތަމަ ހިޔާނާތުގެ ވާހަކަ ފެންމަތިވެގެން އައިއިރުވެސް، ގިނަ ބަޔަކަށް ގޯސްވެފައިއޮތީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެވެ. އެސްއޯއެފުން ބީއެމްއެލްގައި ހުޅުވާފައިހުރި ދެ އެކައުންޓަކުން 1.2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައުރުކުރަމުންދިޔަ އިރު، ޝައްކުގެ ބުމައެއްހާ ހިސާބުވެސް ހިއްލާ ނުލީމަ އެވެ. އާންމުންގެ އެކައުންޓަކަށް އެންމެ ރުފިޔާއެއް ޖަމާކުރަން ކާބަފައިންގެ މައުލޫމާތު ދާންދެން ހުށަހަޅަންޖެހޭއިރު، އެކަމުން އެސްއޯއެފް އިސްތިސްނާކޮށްފައިވާތީ އެވެ.
އެސްއޯއެފުން ހިންގި ވިޔަފާރިތަކާ ނުބައްދަލު ފައިސާގެ މުއާމަލާތްތައް އެ ކުންފުނީގެ އެކައުންޓުތަކުން ހިންގަމުން ގެންދިޔައިރު ބީއެމްއެލްއިން އެ މުއާމަލާތްތަކުގެ މައުލޫމާތު ހޯދައިފައިނުވާކަމަށާއި އެ ފައިސާތަކުގެ ރެލެވަންޓް ކަސްޓަމާ ޑިއު ޑިލިޖެންސް (ސީޑީޑީ) އެއްހާ މިންވަރުވެސް ހެދިފައިނުވާކަމަށް އެފްއައިޔޫން ނިންމާފައިވާކަމަށް އޭސީސީން ވަނީ ބުނެފަ އެވެ. އެކަމަކު އެކަމުގައިވެސް ފުށު އެރުންތަކެއް އެބަހުއްޓެވެ. ބީއެމްއެލްގެ އެސްޓީއާރު އެފްއައިޔޫއަށް ފޮނުވާފައިވަނީ ސީޑީޑީ ނެހެދިގެންނެވެ. އެކައުންޓުތަކަށް ވަންނަ ފައިސާ ހޯދި ތަނެއް ބޭންކުން އެދިގެން އެސްއޯއެފަށް ބުނެނުދެވުނީމަ އެވެ.
ނަމަވެސް، އެ ހިޔާނާތުގެ މުޅި އަމާޒު ބޭންކާ ދިމާލަށް އެނބުރިގެން ގޮސްފައިވަނީ ދާދި ފަހުންނެވެ. މިމަހު ކުރީ ކޮޅު، އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅިގެން ހެދި ހާއްސަ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން ސުވާލުކުރުމަށް އޭސީސީގެ މެންބަރުން މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރުމުން، އެ ހިޔާނާތުގައި ބީއެމްއެލްގެ 38 މުވައްޒަފަކު ބައިވެރިވާ ކަމަށް ތުހުމަތުކުރި އެވެ.
އަނެއްކާވެސް މި މައްސަލަގަނޑުގެ ތެރެއިން އާންމުވެގެންދިޔަ އާ ވާހަކައަކާއެކު، އެންމެންގެ ނަޒަރު ބޭންކާ ދިމާލަށް ހުއްޓުނެވެ. ނަމަވެސް، އާންމު އުސޫލުގެ ދަށުން ބީއެމްއެލް އިން އެވާހަކަތައް ވަގުތުން ދޮގުކުރި އެވެ. ތަކުރާރުކުރީ އަބަދުވެސް އެ ބޭންކުން ބުނަމުންދާ ވާހަކަ އެވެ. އެ މައްސަލާގައި މިހާތަނަށްކުރި އޮޑިޓުތަކުގައި ބޭންކުވެސް އަދި ބޭންކުގެ އެއްވެސް މުވައްޒަފަކު ވެސް ގާނޫނުތަކާއި ނޫނީ އުސޫލާ ހިލާފަށް އެއްވެސް ކަމެއްކޮށްފައިވާ ކަން ފާހަގަވެފައިނުވާކަމަށެވެ. އެއީ ބީއެމްއެލްގެ ސްޓޭންޑެވެ. އެސްއޯއެފުން ކުރި މުއާމަލާތްތަކުގައި ބޭންކުން އަމަލުކޮށްފައިވަނީ ތަފާތުކުރުމެއްނެތި އެވެ. އޭގެ މާނައަކީ، ހިޔާނާތުގައި ބޭންކުން ބައިވެރިނުވާ ވާހަކަ އެވެ. ގޯހީ އުސޫލެވެ. ހިޔާނާތް ހިންގުނީ ގާނޫނުތަކާއި ގަވައިދުތަކުގައި ބާގަނޑުތައް ހުރީމަ އެވެ. ބޭންކުގެ މާބޮޑު އިހުމާލެއް އޮވެގެން ނޫން ކަމެވެ.
ބޭންކުން ނެގި ސްޓޭންޑު މަތީގައި ފައި ހަރުކޮށްގެން ތިއްބާ، ދާދި ފަހުން އޮޑިޓް އޮފީހުގެ ބޭފުޅުން ވަނީ އެ ފައި ސޮއްސުވާލައިފަ އެވެ. އެމްއެމްޕީއާރުސީއަށް ރަށްތަކާއި ފަޅުތައް ގަތް ފަރާތްތަކުން ދިން ޗެކުތައް، އެންޑޯސްކޮށްގެން އެސްއޯއެފްގެ އެކައުންޓުތަކަށް ބީއެމްއެލުން ޖަމާކޮށްދީފައިވަނީ އެންޑޯސްކުރުމުގެ ޕްރޯސެސް ފުރިހަމަނުވަނީސްކަމަށް ބުނަމުންނެވެ. އޮޑިޓް އޮފީހުން އެ ބުނަނީ ބީއެމްއެލަށް ދީފައިވާ އެމްއެމްޕީއާރުސީން ފާސްކޮށްފައިވާ ބޯޑު ރިޒޮލިއުޝަނެއްގެ ވާހަކަ އެވެ. އޭގައި ބުނަނީ އެމްއެމްޕީއާރުސީއަށް ލިބޭ ޗެކުތައް އެންޑޯސްކުރެވޭނީ އެތަނުގެ ދެ ވެރިއެއްގެ ސޮއި އޮވެގެން ކަމެވެ. އެކަމަކު އެސްއޯއެފަށް އެންޑޯސްކޮށްފައިވާ ޗެކުތަކުގައި ސޮއިކޮށްފައިވަނީ ހަމައެކަނި އޭރުގެ އެމްޑީ އަބްދުﷲ ޒިޔަތު އެކަންޏެވެ.
ނަމަވެސް، އެކަމާވެސް ބޭންކުން ދެއްކީ 1995 އަހަރުން ފެށިގެން އަމަލު ކުރަމުންދާ ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ގާނޫނެވެ. އެ ގާނޫނުގެ ޗެޕްޓަރު ތިނެއްގައި ލިޔެފައިއޮތް ޗެކާބެހޭ ބާބެވެ. އެންޑޯސްކޮށްފައިވާ ޗެކެއް ހިފައިގެން ބޭންކަށް ދިޔުމުން، އެއީ ސައްހަ އެންޑޯސްކުރުމެއްތޯ ބޭންކުން ބަލަންނުޖެހޭނެ ކަމަށެވެ. ޗެކް އެންޑޯސް ނުކުރެވޭނެ ގޮތް ވެސް ގާނޫނުގައި ބުނެފައިވެ އެވެ. ފައިސާ އަށް ބަދަލު ކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގައި ޗެކް ކްރޮސް ކުރުމާ ބެހޭ އުސޫލުތައް ބަޔާން ކޮށްފައިވާއިރު، ޗެކް އެއް ފަރާތުން އަނެއް ފަރާތަށް ނުދެވޭނެ ނުވަތަ އެންޑޯސް ނުކުރެވޭނެ ގޮތަކީ ކްރޮސް ކުރާއިރު "Not Negotiable" މިގޮތަށް ބަޔާންކޮށްފައި އޮތުމެވެ. ބީއެމްއެލް އިން ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރްސީގެ ނަމުގައި ދޫކޮށްފައިވާ، އެންޑޯސް ކުރެވިގެން އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރެވިފައިވާ ޗެކްތަކަކީ "Not Negotiable" މިގޮތަށް ބަޔާން ކޮށްފައިވާ ޗެކް ތަކެއް ނޫނެވެ.
މާލިއްޔަތު ކޮމިޓީގައި ވެސް ބީއެމްއެލްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ޑެޕިޔުޓީ ސީއީއޯ މުހައްމަދު ޝަރީފް ވެސް އެ ދުވަހު ތަކުރާރުކޮށް ވިދާޅުވީ އެހެންނެވެ. "ނޮޓް ނެގޯޝިއަބަލް" ޖަހާފައިނެތް ނަމަ، ގާނޫނުން ބޭންކުގެ އަތް ބަނދެވިފައިވާ ކަމެވެ. ކުރެވޭނެ މާބޮޑު ކަމެއް ނެތް ވާހަކަ އެވެ. ފޯޖުކޮށްފައިވާ ސޮއިއެއް އޮތަސް، އެ ސޮއިގެ ސައްހަކަން ބެލޭނެ ފުރުސަތެއް ބޭންކަކަށް ނޯވެ އެވެ. އެވާހަކަ ގަބޫލުކުރަން ދަތިވެގެން، މުޅި ބައްދަލުވުމުގައި އެކި ގޮތްގޮތަށް އަނބުރައިގެން ކޮމިޓީގެ މެންބަރުން ސުވާލުކުރައްވަމުން ގެންދެވި އެވެ. ނަމަވެސް، ކުރާނެ ކަމެއް ނެތެވެ. ގާނޫނުގައި އޮތީ އެހެންނެވެ. ބޭންކުގެ ޒިންމާ ވަނީ އަދާކޮށްފަ އެވެ. އެންޓި މަނީ ލޯންޑަރިންގް ގާނޫނަށް އޮކްޓޯބަރު 2014 ގައި އަމަލު ކުރަން ފެށުމާއެކު، އެ އަހަރުގެ ނޮވެމްބަރު މަހު އެސްޓީއާރެއް މެދުވެރިކޮށް އެސްއޯއެފްގެ ވާހަކަ އެފްއައިޔޫއަށް އެންގި އެވެ. އިތުރު ފިޔަވަޅެއް ނޭޅުނީ އެފްއައިޔޫން އެއްވެސް އެއްޗެއް ނޭންގީމަ އެވެ.
ނަމަވެސް، ނިމުމެއްނެތް އިހުމާލުގެ މި ސިލްސިލާގައި އަނެއްކާވެސް އާ ކަމެއް ވަނީ ފެންމަތިވެފަ އެވެ. އެސްއޯއެފްގެ އެކައުންޓުތަކަށް ބީއެމްއެލްއިން ޖަމާކޮށްދީފައިވާ "ނޮޓް ނެގޯޝިއަބަލް" ޖަހާފައިވާ ޗެކުތަކެއް ސޯޝަލް މީޑިއާއަށް ފެތުރިގެން ދިޔަ އެވެ. މިހާތަނަށް ބޭންކުން ދައްކަމުން އައި ހުރިހާ ވާހަކައެއް ފަނު ފުލުން ދިޔައީ އެވެ. މަޖިލީހަށް ދޮގު ހެދިކަމަށް ބުނެ، ބީއެމްއެލްގެ ޑެޕިޔުޓީ ސީއީއޯގެ މައްސަލަ މިހާރު ވަނީ ފުލުހުންނަށްވެސް ވަނީ ހުށަހަޅައިފަ އެވެ.
ހުސް އިހުމާލު
މި ދަނޑިވަޅުގައި މުޅި ގައުމުގެ އަމާޒު އޮތީ އެމްއެމްއޭގެ އިތުރުން ބީއެމްއެލް އަށެވެ. އެ ދެ މުއައްސަސާގެ އިހުމާލު ހަގީގަތުގައި ވެސް ބޮޑެވެ. ކުރު ދޮށީގައި ދައުލަތުގެ ހަޒާނާއިން ވައްކަން ކުރަމުންދިޔަ އިރު، ދޮން ކަޅު މިން ވެސް އެނގޭކަމަކަށް ނުހެދި އެވެ. ޗެކުތައް އެންޑޯސްކޮށް ކޮށްގެން ހަމައެކަނި ބީއެމްއެލްގައި އޮތް އެސްއޯއެފްގެ އެކައުންޓަށް ޖުމްލަ 22 މިލިއަނަށްވުރެ ގިނަ ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ. ޗެކު ކްލިއަރަންސްގެ ޒިންމާ އެޅިފައިވާ އެމްއެމްއޭއަށް ވީ ގޮތެއް ނޭނގެ އެވެ. ނަސީރު ވިދާޅުވި ގޮތުގައި، ބޭންކުތަކުން ޗެކުތައް ބަދަލުކުރުމުގައި އެމްއެމްއޭގެ އެއްވެސް ދައުރެއް ނޯވެ އެވެ. ހަމައެކަނި އެ އޮތޯރިޓީގެ ކޮޓަރިއެއް ބޭނުންކުރާކަން އެކަންޏެވެ. ރާއްޖޭގެ ހުރިހާ ބޭންކަށް އެ ވިދާޅުވާ ކޮޓަރިއަކަށް ޖަމާވެ، އެއް ބޭންކުން އަނެއް ބޭންކުން ޗެކުތައް ބަދަލުކޮށް، އެ ބޭންކެއްގެ ޗެކެއް ހިފައިގެން ދަނީ އެވެ.
އެކަމަކު މި ހިޔާނާތުގައި މިހާރު ގިނަ ބަޔަކު ހަނދާންނެތިފައިވާ ބައިވަރުކަންކަން އެބަ ހުއްޓެވެ. ދެ އަހަރަށް ވުރެ ދިގު މުއްދަތެއް އެ ހިޔާނާތް ހިންގަމުން ދިޔައިރު، އެކަން ހުއްޓުވަންތިބި ހުރިހާ މުއައްސާތަކެއް ވަނީ ބޮޑުތަނުން ފެއިލްވެފަ އެވެ. އަމިއްލައަށް އިސް ނަގައިގެން ހިޔާނާތުގެ މައްސަލަތައް ބެލުމުގެ ގާނޫނީ ބާރު އޮންނަ އޭސީސީއަށް ކަމެއް ހިނގާކަން އެނގުނީ އެސްއޯއެފްގެ އެކައުންޓުގައި ބާކީ ހުރި ފައިސާކޮޅު ނެގިވެސް ފަހުންނެވެ. ޖުލައި 2017 ނިންމި ތަހުގީގުގެ ރިޕޯޓް އާންމުކުރެވޭކަމަށްވީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ. އެމްއެމްޕީއާރުސީއަށް ލިބިންޖެހޭ ފައިސާތަކެއް އެ ކުންފުންޏަށް ވަންނަމުން ނުދިޔަ އިރު، އެ ތަނުގެ ފިނޭންސް ޑިޕާޓްމަންޓަށް އެނގޭކަމަކަށް ނުވި އެވެ. އެހެން ހުރިހާ ކަމެއް އެނގޭކަމަށް ބުނާ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ވާހަކަ ދެއްކޭކަށް ނެތެވެ. ޓޫރިޒަމް މިނިސްޓްރީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީވެސް އެއް ހަމައެއްގަ އެވެ. އެންމެ ދުވަހެއް ލަސްވިޔަސް ކުދި ވިޔަފާރިތައް ޖޫރިމަނާ ކުރަމުން ދުވާ މީރާއަށް ވެސް ދައުލަތަށް ލިބެންޖެހޭ އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުގެ ހަޒާނާއަށް ނުވެއްދިއިރު ވެސް ކުރީ ކީއްކަމެއް ނޭނގެ އެވެ. މިހާރު އެ ވާހަކަތައް ދައްކާނެ ބަޔަކު ވެސް ނެތެވެ. ހަގީގަތަށް ބުނަންޏާ ވައްކަން ކުރި ބަޔަކާއި ވައްކަން ދެނަހުރި ބަޔަކުވެސް ނެތް ފަދަ އެވެ.
މިހާރު އެފްއައިޔޫގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރުގެ އިތުރުން ކުރީގެ އެސިސްޓެންޓް ގަވަރުނަރު އަދި މިހާރުގެ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނީޒާ ވެސް ވަނީ ޖަވާބުދާރީވުމުގެ ފުރުސަތަކަށް މާލިއްޔަތު ކޮމިޓީގައި އެދިފަ އެވެ. ކަންކަން ވަމުންދާގޮތަށް ބަލާއިރު، އެ ބޭފުޅުން ވިދާޅުވާނީ ކޮން ފަދަ ވާހަކައެއްކަމަށް ލަފާކޮށްލަންވެސް ނޭނގެ އެވެ.
އެކަމަކު އެއް ކަމެއް ސާފެވެ. ދަނޑިބުރި ބާނައިގެން ދައުލަތުގެ ހުރިހާ މުއައްސަސާއެއް ހަލުވާލާ ކޮންމެ ފަހަރަކު ބޮޑު ހިޔާނާތާ ގުޅިފައިވާ އިހުމާލުތައް ފާބައިގަންނަ ކަމެވެ.