ހަބަރު

ހިޔާނާތުގެ އަސްލު ބައިވެރިން އަދިވެސް ތިބީ އެމްއެމްއޭގެ ލީޑަޝިޕްގަ: ނަސީރު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވި އަސްލު ބައިވެރިން އެމްއެމްއޭގެ ލީޑަޝިޕްގައި އަދިވެސް އެބަ ތިއްބެވި ކަމަށް ވިދާޅުވެ، މިއަދު ގަވަރުނަރު ކަމުން އިސްތިއުފާ ދެއްވި އަހުމަދު ނަސީރު ބޮޑު ތުހުމަތުތަކެއް ކުރައްވައިފި އެވެ.

ނަސީރު ގަވަރުނަރުގެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އެމަނިކުފާނަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވަނިކޮށެވެ. އެގޮތުން، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފް ވަނީ އެ ޔުނިޓުގެ މަސައްކަތަށް ނަސީރު ނުފޫޒުފޯރުވަން އުޅުއްވިކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ތުހުމަތުކޮށްފަ އެވެ.

ތުހުމަތުތަކާއެކު ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް އިސްތިއުފާ ދެއްވައި އާންމު ކުރެއްވި ބަޔާންގައި ނަސީރު ވިދާޅުވީ އެފްއައިޔޫގެ އިދާރީ ހިންގުން ބޮއްސުންލައިގެން ގޮސް، ގާނޫނުގައި ލާޒިމުކުރާ ރިޕޯޓުތައް ނަހަދައި ލަސްވާނަމަ، އެކަމާ ފަރުވާކުޑަކުރާ މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމަކީ ގާނޫނީ ގޮތުން ކުރަން ޖެހިފައި އޮތް މަސައްކަތެއް ކަމަށާއި އެ މަސައްކަތް ކުރީ، ގާނޫނުގައި އޮތް އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ހިނގައިގެން ދިޔައީ، އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މަގާމަށް އައްޔަންވުމުގެ މާ ކުރިންކަން ފާހަގަ ކުރައްވައި ނަސީރު ވިދާޅުވީ އެ މައްސަލައިގައި އޭރުގެ ގަވަރުނަރާއި، އެމްއެމްއޭގެ ވެރިންނާއި، އެފްއައިޔޫގެ ވެރިން އަމަލުކޮށްފައިވާ ގޮތަކީ އެންމެ ޒިންމާދާރު ގޮތެއް ނޫންކަން، އޭނާ ގަވަރުނަރުކަމުގައި ތައްޔާރުކުރި އެމްއެމްއޭގެ އިންޓާނަލް ރިވިއު ރިޕޯޓުންނާއި، އެ މައްސަލައިގައި ކުރެވިފައިވާ ތަހުގީގުތަކުން ފެންނާނެ ކަމަށެވެ.

އިންޓާނަލް އޮޑިޓުން ފެންނަންހުރި ކަންކަމުގައި ހިމެނޭ ޖިނާއީ މައްސަލަތައް މި އަހަރުގެ މާޗް މަހު ވަނީ ފުލުހަށް ފޮނުވާފަ އެވެ. ނަސީރު ވިދާޅުވީ އެ މައްސަލަތަކުގައި އިންސާފުވެރި ތަހުގީގެއް ހިންގައިފިނަމަ، އެކަމުގައި ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭ މިންވަރުގެ ހެކި ލިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު، އެމްއެމްއޭގެ ގަވަރުނަރުކަމާ ހަވާލުވުމުގެ ކުރިން އެމްއެމްއޭގައި އޮތް ލީޑަޝިޕު އެގޮތަށް އޮއްވާ، ދައުލަތުގެ ފައިސާގެ ތެރެއިން 1.3 ބިލިއަށް ރުފިޔާ ގެއްލިގެން ގޮސްފައިވޭ، އެމްއެމްއޭގެ ލީޑަޝިޕުން، އޭރުގެ ޓުވަރިޒަމް މިނިސްޓަރާ، އާދަޔާ ހިލާފަށް ގިނައިން ވަކިން ބައްދަލުކޮށްފައިވާކަން، އެމްއެމްއޭގެ ރެކޯޑުތަކުން ފެންނަން އެބައޮތް،" ނަސީރު ވިދާޅުވި އެވެ.

"އެ މީސްމީހުން، މިހާރުވެސް އެމްއެމްއޭގެ އާއި ދައުލަތުގެ އެހެން މަގާމުތަކުގައި އެބަތިއްބި، އެކަންތައް ހިނގާފައިވަނީ ކިހިނެތްތޯ ބެލުމަށް އަޅުގަނޑު މަސައްކަތް ކުރުމުން، އަޅުގަނޑުގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވަން މަސައްކަތް ކުރާކަމީ މިއަދު ފެންނަން އޮތް ހަގީގަތް، މިދެންނެވި ހިޔާނާތުގައި އަސްލު ބައިވެރިވި މީހުންގެ މައްސަލަތައް އަދިވެސް ވަނީ ނުބެލި،"

ނަސީރު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ދައުލަތުން ބަލަންޖެހޭ ބެލުންތައް ބަލައި، އެ މައްސަލައިގައި ގެއްލިފައިވާ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަކީ މިއަދު ކުރަންޖެހިފައިވާ ބޮޑު މަސައްކަތެއް ކަމަށާއި އެ މަސައްކަތް ކުރެވެން އަންނަނީ، ދައުލަތުގެ މުއައްސަސާތަކަށް އިތުބާރު ހޯދައިދީގެން ކަމަށެވެ. އެކަން، އެގޮތަށް ނުހިނގާނެކަން ކަށަވަރުކުރަން ބޭނުންވާ ބަޔަކު، ދައުލަތުގެ ތެރޭގައި އުޅޭކަމީ ދެބަސްވެވެން ނެތް ހަގީގަތެއް ކަމަށެވެ.

"މިދަނޑިވަޅުގައި، ސިޔާސީ ނުވަތަ އެނޫން ވެސް ބޭނުމެއްގައި، އަޅުގަނޑުގެ މައްޗަށް ރަނގަޅު ނޫން ތުހުމަތުތަކެއްކޮށް، އަޅުގަނޑަށް އަމާޒުކޮށްގެން ހިންގާ ކަންތައްތަކެއްގެ ސަބަބުން، ވޭތުވެދިޔަ އަހަރުތަކުގައި އެމްއެމްއޭއަށް ހޯދިފައިވާ ކުރިއެރުންތައް ގެއްލިގެން ދިއުމަކީ އަޅުގަނޑު އެދޭ ގޮތެއް ނޫން، އެ ފުރުސަތު، މިދެންނެވި މީހުންނަށް ދޭކަށް އަޅުގަނޑު ބޭނުމެއްވެސް ނޫން،" ނަސީރު ވިދާޅުވި އެވެ.

ނަސީރުގެ ބަޔާނުގައި އިތުރަށް ވިދާޅުވީ އޭނާގެ މައްޗަށް ކުރިމަތިކުރާ ތުހުމަތުތަކުގެ ސަބަބުން، އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގެ ހައިބަތާއި ގަދަރަށާއި، އެމްއެމްއޭއަށް އުނިކަން ލިބުމަކީ އަމިއްލަ ނަފުސަށް ލިބޭ ގެއްލުމަށްވުރެ މާބޮޑު ގެއްލުމެއް ކަމަށެވެ. އެހެންކަމުން، އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަގާމުގައި ހުރެގެން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ތާކުންތާކު ނުޖެހޭ ކަންތައްތަކާ ކުރިމަތިލުމުގެ ބަދަލުގައި، އެ މަގާމުން އިސްތިއުފާ ދިނުމަށްފަހު، އެ ތުހުމަތުތަކަށް ޖަވާބުދާރީވުން، އެމްއެމްއޭއަށާއި އޭނާއަށް ވެސް މާ ފައިދާ ބޮޑުވާނެ ކަމަށެވެ.

ނަސީރަށް ތުހުމަތުވީ ޔާމީންއާ ގުޅޭ ދެ މައްސަލައެއްގައި

ރައީސް ޔާމީނާ ގުޅޭގޮތުން ފުލުހުންނަށް ހުށަހެޅީ މިދިޔަ ސެޕްޓެމްބަރު މަހު ކެމްޕޭނު ފައިސާގެ ގޮތުގައި ބޮޑެތި އަދަދުތަކެއް ޖަމާވި ކަމުގެ ސަސްޕިޝަސް ޓްރާންސްއެކްޝަން ރިޕޯޓް (އެސްޓީއާރު) އެކެވެ.

އެކަމާ ގުޅިގެން ގަވަރުނަރު އެމްއެމްއޭގެ ޓެރަސްގައި ބައްދަލުކޮށް ރިޔާސީ އިންތިހާބުގެ ކުރިން އެފަދަ ހައި ޕްރޮފައިލް މައްސަލަތައް ނުފޮނުވަން އަޝްރަފަށް އެންގި ކަމަށް އޭނާ ތުހުމަތު ކުރެ އެވެ.

"ވިދާޅުވި ތިކަން ތި ކުރަނީ ކަލޭ މޮޔަކަމުންހޭ ނޫނީ ތިމަންނާއަށް ޖެއްސުމަށްހޭ. ތިމަންނާއަށް މިހާރުވެސް މަގާމުން ދުރުކުރާނެކަމުގެ އިންޒާރު އެބަ އާދެއޭ. ޖަލަށް ވެސް ދާންޖެހިދާނެ އޭ. ތިމަންނަ ކަންބޮޑުވަނީ ފެމިލީއަށް ދެރަގޮތެއް ވެދާނެތީ އޭ،" އޭނާ ބުންޏެވެ.

އޭގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެއްބަސްވެ ބީއެމްއެލްގައި ހުޅުވި އެސްކޮރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކުރި މައްސަލަ ވެސް ނުފޮނުވަން ނަސީރު އެންގެވި ކަމަށް އަޝްރަފް ވަނީ ތުހުމަތުކޮށްފަ އެވެ.