ހަބަރު

"ހިޔާނާތުގެ މައްސަލަ ދިގުލާތީ މުޅި މާލީ ނިޒާމަށް އަސަރުކުރޭ"

މާލީ ނިޒާމުގެ ތެރެއިން ކުރެވޭ ކުށްތައް ނުބެލި ދިގުލައިގެންދާ ކޮންމެ ދުވަހަކީ މާލީ ނިޒާމަށް ރައްޔިތުންކުރާ އިތުބާރު ކުޑަވެ، މާލީ ހިދުމަތްތައް ފޯރުކޮށްދޭ ވިޔަފާރިތަކަށް ވެސް އޭގެ ނުރަނގަޅު އަސަރު ކުރުވާނެ ކަމެއް ކަމަށް ގައުމީ ބޭންކް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެއާޕާސަން ސައީދާ އުމަރު ވިދާޅުވެއްޖެ އެވެ.

ރޭ ހޮޓެލް ޖެންގައި ބޭއްވި އަހަރީ އާންމު ޖަލްސާ ނިންމާލައްވަމުން އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ސައީދާ ވިދާޅުވި ގޮތުގައި ފާއިތުވި ފަސް އަހަރަކީ މާލީ ގޮތުން ބޭންކަށް ވަރަށް ކާމިޔާބު އަހަރުތަކެއް ކަމަށެވެ. އެގޮތުން، ހިދުމަތްތައް ފުޅާ ކުރެވި، ޒާމާނީ ބޭންކިންއާބެހޭ ބައިނަލްއަގުވާމީ ހިންގުމުގެ މިންގަޑުތަކާ އެއްގޮތަށް ބޭންކުގެ ހިންގުން ބައްޓަން ކުރަން ފާހަގަކުރެވޭ ގިނަ މަސައްކަތް ކުރެވުނު ކަމަށެވެ.

ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު ހިޔާނާތާއި ގުޅިގެން ބޭންކަށް އަމާޒުވެފައިވާ ތުހުމަތުތަކަށް އިޝާރާތް ކުރައްވަމުން ސައީދާ ވިދާޅުވީ އޭގެ ސަބަބުން ބޭންކުގެ ކާމިޔާބީތައް ފަނޑުވެ ބުރަ މަސައްކަތުން ސަރަހައްދީ ފެންވަރުގައި ހޯދާފައިވާ ރީތި ނަން ކިލަނބުވަމުންދާ ކަމަށެވެ.

"ބޭންކްގެ ހިދުމަތް ދެމެހެއްޓެނިވި ގޮތުގައި ފޯރު ކޮށްދިނުމަށް ގާއިމުކުރެވިފައިވާ ގުޅުންތަކަށް ނުރަގަޅު އަސަރު ކުރުވާ ފަދަ ގޮންޖެހުންތަކެއް. ބޭންކާމެދު ބޭންކުގެ ހިއްސާދަރުންނާއި ބޭންކުގެ ކަސްޓަމަރުން ބޭންކަށް ކުރަމުން އައި އިތުބާރަށް ބުރޫ އަރާފަދަ ގޮންޖެހުންތަކެއް،" އޭނާ ފާހަގަ ކުރެއްވި އެވެ.

ސައީދާ ވިދާޅުވި ގޮތުގައި ބޭންކުގެ ބޯޑުގެ އިތުރުން މެނޭޖްމަންޓުން ވެސް ގަބޫލު ކުރަނީ މާލީ ނިޒާމުގެ ތެރެއިން ހިންގާ ފައިސާގެ މުއާމަލާތްތަކާ ގުޅުންހުރި ކުށްތަކަކީ، އެކަންކަން ފަހާގަ ވުމާއެކު އަވަހަށް ތަހުގީގުކުރެވި ފިޔަވަޅު އެޅެންޖެހޭނެ މައްސަލަތަކެވެ.

"މާލީ ނިޒާމުގެ ތެރެއިން ކުރެވޭ ކުށްތައް ނުބެލި ދިގުލައިގެންދާ ކޮންމެ ދުވަހަކީ މާލީ ނިޒާމަށް ރައްޔިތުންކުރާ އިތުބާރު ކުޑަވެ، މާލީ ހިދުމަތްތައް ފޯރުކޮށްދޭ ވިޔަފާރިތަކަށް ވެސް އޭގެ ނުރަނގަޅު އަސަރުކުރުވާނެ ކަމެއް،" ސައީދާ ވިދާޅުވި އެވެ.

ބީއެމްއެލް އިން ރާއްޖޭގެ އިގުތިސޯދުގައި އަދާކުރަމުންދާ ދައުރުގެ މައްޗަށް އަލި އަޅުވާލައްވަމުން ސައީދާ ވިދާޅުވީ ބޭންކަށް އަންނަ ކޮންމެ ލޮޅުމަކުން ދިވެހި ވިޔަފާރިތަކާއި ދިވެހި ރައްޔިތުންނަށް ހީނުކުރާފަދަ އަސަރުތައް ކުރަމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގައުމުގެ އިގުތިސޯދަށް ގެއްލުން ފޯރާނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ މާލީ ބާޒާރުގައި ސިސްޓެމިކް ބޭންކެއްގެ ގޮތުގައި މި ބޭންކުން އަދާކުރާ ދައުރު ނަގަހައްޓާ، ދަމަހައްޓާ އަދި ދިމާވާ ގޮންޖެހުންތަކަށް ފާރެވެރިވެ، އެ ގޮންޖެހުންތަކަށް ހައްލު ލިބިގެންދިއުމަކީ މުހިއްމު ކަމެއް. ކުރިމަތިވެފައި މައްސަލަތައް ނުނިމި ދިގުލައިގެންދާ ކޮންމެ ދުވަހަކީވެސް މި ބޭންކަށާއި ބޭންކުގެ ހިއްސާދާރުނަށް އިއާދަ ނުކުރެވޭނެ ފަދަ ގެއްލުންތަކެއް ލިބިގެންދާ ދުވަހެއް،" ދެ އަހަރު ދުވަހު ބޯޑު މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގަންނަވާ ސައީދާ ވިދާޅުވި އެވެ.

ހިޔާނާތާއި ގުޅިގެން ކުރެވޭ ތުހުމަތުތަކަކީ ބޭންކު މުވައްޒަފުންގެ ކެރިއަރުންތަކާ ގުޅިފައިވާ މައްސަލައެއްކަން ފާހަގަ ކުރައްވަމުން، ބޭންކަށް ކުރިމަތިވެފައިވާ ތުހުމަތުތައް އަވަހަށް ތަހުގީގުކުރެވި އަވަސް ހައްލެއް ލިބިގެން ދިޔުމަށް ބޭންކުން ކުރަމުންދާ އުންމީދު ސައީދާ ވެސް ވަނީ ރޭ ތަކުރާރުކުރައްވައިފަ އެވެ.

އަދި ތަހުގީގީ އިދާރާތަކުން ބޭނުންވާ މައުލޫމާތުތައް އަބަދުވެސް ފޯރުކޮށްދީ އެއްބާރުލުން ދެމުންދާނެ ކަމުގެ ޔަގީންކަން ސައީދާ ވަނީ ދެއްވައިފަ އެވެ.

ރޭގެ ޖަލްސާގައި ހިޔާނާތުގެ މައްސަލާގައި ބޭންކަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ގިނަ ހިއްސާދާރުން ވަނީ ސުވާލުކޮށްފަ އެވެ. ނަމަވެސް، ގިނަ މީހުން ވާހަކަ ދައްކާފައިވަނީ ބޭންކުގެ ދިފާއުގަ އެވެ. އަދި ހިޔާނާތުގެ އަމާޒު ބޭންކާ ދިމާލަށް އަނބުރާލައިގެން ގެއްލުނު ފައިސާ ބޭންކުގެ ރިޒާވުން ނެގުމަށް ސަރުކާރުން މަސައްކަތްކުރާ ކަމުގެ ތުހުމަތުތައް ވެސް އާންމު ހިއްސާދާރުންގެ ފަރާތުން އިވިގެންދިޔަ އެވެ. ނަމަވެސް، އެ ގޮތަށް ދައުލަތުން ގެއްލުނު ފައިސާއަށް ބޭންކުން ޒިންމާވާންނުޖެހޭނެ ކަމަށާއި އެ ފައިސާ ބޭންކުން ނެގިގެން ނުވާނެކަމަށް ގިނަ ބަޔަކު ރޭ ވަނީ ތަކުރާރުކޮށް ގޮވާލައިފަ އެވެ.