ރިޕޯޓް

ހިޔާނާތުގެ މައްސަލަ: ހިއްސާދާރުން ބީއެމްއެލާއެކު!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަހަރީ އާންމު ޖަލްސާ ބާއްވާކަން އިއުލާނު ކުރުމާއެކު ހިތަށް އެރީ އާންމު ހިއްސާދާރުންގެ ސުވާލުތަކުގެ އެންމެ ކުރީގައި އޮންނާނީ ރާއްޖޭގެ ތާރީހުގައި ހިނގި ބޮޑު ހިޔާނާތުގެ މައްސަލަ އެވެ. އެމްއެމްޕީއާރްސީގެ މައްސަލާގައި މުޅި ގައުމުގެ އަމާޒު ބީއެމްއެލްއަށް ހުއްޓިފައިވާ ދަނޑިވަޅެއްގައި އާންމު ހިއްސާދާރުންގެ ކަންބޮޑުވުންތަކާއި ސުވާލުތައް ބަންޑުންކޮށްލާނެ ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފައިގެންނެވެ. ކޮންމެވެސް ވަރަކަށް ޖަލްސާ ހޫނުވެގެންދާނެ ކަމުގެ އިޝާރާތެއް ވެސް ލިބުނެވެ.

ނަމަވެސް، ރޭ ހޮޓެލް ޖެން ގައި ބޭއްވި ޖަލްސާގައި ބައިވެރިވި ގިނަ ހިއްސާދާރުންގެ ފަރާތުން ފެނުނީ ކުރިން ލަފާ ކުރެވުނު ރޫހާއި މުޅީން ހިލާފު މަންޒަރެކެވެ. ރޭގެ ޖަލްސާގައި ސުވާލުތަކާއި ހިޔާލުތައް ހުށަހެޅި ގިނަ ހިއްސާދާރުން ކަންބޮޑުވުން ފާޅުކުރަމުން ދިޔައީ ހިޔާނާތުގެ މައްސަލަ ބީއެމްއެލްއާ ދިމާލަށް އަނބުރާލައިގެން އެ ފައިސާ ބޭންކުގެ ރިޒާވުން ނަގަން އުޅޭކަމަށް ބުނަމުންނެވެ.

ގެއްލުނު ފައިސާއަށް ބޭންކުން ޒިންމާވާކަށް ނުޖެހޭ

އެގޮތުން، ވާހަކަ ދެއްކި ގިނަ ހިއްސާދާރުން ހަރު އަޑުން ބުނަމުން ދިޔައީ ބޮޑު ހިޔާނާތުން ދައުލަތަށް ގެއްލުނު 1.4 ބިލިއަން ރުފިޔާ، އެމީހުންގެ ހިއްސާ އޮތް ފައިސާއިން ދީގެން ނުވާނެއޭ އެވެ.

"ބޭންކުގެ ރިޒާވްގެ ގޮތުގައި އެބަހުރި ހަތަރު ބިލިއަން ރުފިޔާ. އެކަމަކު އެއިން ބޯނަސް ޝެއާ އަޅުގަނޑުމެންނަށް ހައްގުވޭ. އެމްއެމްޕީއާރްސީގެ ހިޔާނާތް ބޭންކުގެ ބޮލުގައި އެޅިގެން އެ 1.4 ބިލިއަން ރުފިޔާ ބޭންކުގެ ރިޒާވުން އެއްގޮތަކަށް ވެސް ނެގިގެން ނުވާނެ،" އާންމު ހިއްސާދާރެއް ކަމަށްވާ އަބްދުﷲ އަބްދުލް ރަހީމް ބުންޏެވެ.

އޭނާ ބުނި ގޮތުގައި މީގެ 10 ވަރަކަށް އަހަރު ކުރިން އޭރުގެ ސަރުކާރުން ހިންގި އަމަލުތަކުގެ ސަބަބުން ބީއެމްއެލް ބަނގުރޫޓުވުމާ ހަމައަށް ހާލަތު ގޯސްވެގެން ދިޔަ އެވެ. އަނެއްކާވެސް އެ މާޒީ ތަކުރާރުވަމުންދާ ކަމުގެ ކަންބޮޑުވުން އޭނާ ހިއްސާކުރި އެވެ.

އެއީ ގިނަ ހިއްސާދާރުންގެ ޝުއޫރުތައް ހުރި ގޮތެވެ. ނަމަވެސް، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި މައިގަނޑު ދައުރެއް އަދާކުރި އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓުތައް ދައުލަތަށް ލިބެންޖެހޭ ފައިސާތައް ޖަމާކުރުމުގައި ބީއެމްއެލް އިން ވަރަށް ބޮޑަށް އިހުމާލުވެފައިވާކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ވެސް ބައެއް ހިއްސާދާރުންގެ ސުވާލުތައް އަމާޒުވި އެވެ.

އެގޮތުން މައިގަނޑު ގޮތެއްގައި ބޭންކުގެ ބޯޑާ އަމާޒުކުރީ "ނޮޓް ނެގޯޝިއަބަލް" ޖަހާފައިވާ ޗެކުތަކެއް އެސްއޯއެފްގެ އެކައުންޓުތަކަށް ޖަމާކޮށްދީފައިވާކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުންނެވެ. އެފަދަ ޗެކުތަކެއް ޖަމާކޮށްދީފައިވާނެތޯ ސާފުކޮށް ބުނެދިނުމަށް ހިއްސާދާރުން އެދުނެވެ. އަދި އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ބީއެމްއެލްގެ ފަރާތުން ދޮގު މައުލޫމާތު ދިންކަމަށް ބުނާ މައްސަލަ ސާފުކޮށްދޭން ވެސް ހިއްސާދާރުން އެދިފައިވެ އެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަން ބީއެމްއެލްގެ ޗެއާޕާސަން ސައީދާ އުމަރު ވިދާޅުވި ގޮތުގައި "ނޮޓް ނެގޯޝިއަބަލް" ޖަހާފައިވާ ޗެކުތަކާގުޅޭ މައުލޫމާތު އެހެން ބޭންކުތަކުގައި އެދިގެން ދަނީ ހޯދަމުންނެވެ. އަދި އެކަމުގައި މަރުކަޒީ ބޭންކުގެ އެހީތެރިކަމަށް ވެސް އެދިފައިވާނެ އެވެ.

އެންޑޯސްކޮށްފައިވާ ޗެކުތަކާ ގުޅޭގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ބީއެމްއެލްގެ ފަރާތުން ދީފައިވާ މައުލޫމާތަކީ އޭރު އެނގިފައިހުރި ކަންކަމުގެ އަލީގައި ހިއްސާކޮށްފައިވާ ތެދު މައުލޫމާތު ކަމަށް ރޭ ވެސް ސައީދާ ވަނީ ތަކުރާރުކުރައްވައިފަ އެވެ.

ޑެޕިއުޓީ ސީއީއޯ ޝަރީފުގެ ދިފާއުގައި ހިއްސާދާރުން

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފައިވާ ގޮތުގައި އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ޗެކްތައް އެންޑޯޒްކޮށްގެން އަމިއްލަ ކުންފުނިތަކަކަށް ޖަމާކޮށްފައި ވަނީ ބީއެމްއެލްގެ އިހުމާލަކުން ނޫނެވެ. އޭނާ ވިދާޅުވާ ގޮތުގައި ޗެކް އެންޑޯޒް ކުރުމުގައި ބީއެމްއެލް އިން އަމަލު ކުރީ ތަފާތު ކުރުމެއް ނެތި، އޭރު އޮތް ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިންނެވެ.

މި ކަމާ ގުޅިގެން ޝަރީފް މަޖިލީހުގެ ކޮމިޓީއަށް ތެދު ނޫން މައުލޫމާތު ދެއްވައި އޮޅުވާލައްވާފައިވާ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފަ އެވެ. ފުލުހުން ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފަށައިފަ އެވެ.

ބީއެމްއެލްގެ އާ ބޯޑަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބޭފުޅުންގެ ތެރެއިން ޝަރީފްގެ ނަން އަނބުރާ ގެންގޮސްފައިވާއިރު، ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށްޓަކައި ވަކި މީހަކަށް އަމާޒު ކޮށްގެން "ގުރުބާން ކުރާ ކަންބަޅި" އެއްހެން ކަތިލަމުންދާ ކަމަށް ވެސް އެއް ހިއްސާދާރަކު ރޭ ވަނީ ބުނެފަ އެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ ވަކި މީހަކަށް ޓާގެޓް ކޮށްގެން ކަންބަޅިއެއްހެން ކަތިލަމުން ދާތަން. ދެން ބީއެމްއެލްގެ އެހެން މުވައްޒަފުން ވެސް ކަންބަޅިތަކެއްހެން ކަތިލަން އަޅުގަނޑުމެން ދޫކޮށްލަންވީތޯ،" ބީއެމްއެލްގެ އެއް ހިއްސާދާރާކު ސުވާލު ކުރި އެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި، މި މައްސަލާގައި ބޭންކުން އަމަލު ކޮށްފައިވާ ސްޕީޑު ވެސް ލަހެވެ. އަދި މި ހިޔާނާތުގައި ބައިވެރިވިކަމުގެ ތުހުމަތު ސީދާ ބީއެމްއެލްގެ މުވައްޒަފުންނަށް ކުރެވޭއިރު، މުވައްޒަފުންގެ ދިފާއުގައި ބޭންކުން އިތުރަށް މަސައްކަތް ކުރަންޖެހޭކަން ވެސް އޭނާ ފާހަގަކުރި އެވެ.

އެހެން ހިއްސާދާރެއް ކަމަށްވާ އިބްރާހިމް މުއްތަލިބު ފާހަގަ ކުރެއްވި ގޮތުގައި ބީއެމްއެލްގެ ތާރީހުގައި ވެސް ސީއީއޯގެ މަގާމަށް ދިވެއްސަކު އައްޔަން ކޮށްފައެއް ނުވެއެވެ. ބޭންކަށް ގިނަ އަހަރުތަކެއް ހިދުމަތްކޮށްދީފައިވާ ޝަރީފް ފަދަ ބޭފުޅަކާމެދު އެގޮތަށް އަމަލުކުރަމުންދާ ދިއުމަކީ ހިތާމައެކެވެ. އެވާހަކަތަކާ ގުޅުވައިގެން އިބްރާހިމް ދީދީ ވެސް ނެގީ އެ ނުކުތާ އެވެ. އޭނާ ބުނިގޮތުގައި، ސީއީއޯގެ މަގާމަށް ދިޔުމުގެ ފުރުސަތު އޮތް ބޭފުޅެއްގެ މުޅި ކެރިއަރު ހަލާކުކޮށްލީ އެވެ.

ނަމަވެސް، އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ބޭންކުގެ އިހުމާލު އޮތް ކަމަށް ގަބޫލުކުރެވޭ ކަމަށް ބައެއް ހިއްސާދާރުން ރޭވެސް ބުންޏެވެ. އެގޮތުން އަހުމަދު މުހައްމަދު ބުނި ގޮތުގައި ފާއިތުވި ދެ އާންމު ޖަލްސާގައި ވެސް އެމްއެމްޕީއާރުސީއާބެހޭ ސުވާލުތައް ކުރެވުނެވެ. ނަމަވެސް ބޯޑުގެ ފަރާތުން އެ ސުވާލުތަކަށް އެކަށީގެންވާ ޖަވާބެއް އޭރު ދީފައެއް ނުވެއެވެ.

އޭނާގެ ވާހަކަތަކަށް ތާއީދުކުރަމުން އަހުމަދު ޒާހިރު ބުނީ އެފަދަ ބޮޑެތި އަދަދުތަކުން ޗެކުތައް ޖަމާކޮށްދީފައިވަނީ ބޭންކުގެ ކޮންމެވެސް އިހުމާލެއް އޮވެގެނެވެ. ނަމަވެސް، މުޅި ހިޔާނާތުގެ ޒިންމާ ބޭންކުން އުފުލައިގެން، އެ ފައިސާ ބޭންކުން ދައުލަތަށް ދެއްކުމާ އޭނާ ވެސް ދެކޮޅެވެ.

"ބަޔަކު ކުރި ވައްކަމަކުން، ބޭންކުން ފައިސާ ދައްކަންޖެހޭ ގޮތަށް ވެގެންނުވާނެ،" ޒާހިރު ބުންޏެވެ.

ސަރުކާރުގެ އިތުރުން އާ ބޯޑަށް ވެސް ގިނަ ތުހުމަތުތަކެއް

ރޭ އިންތިހާބުކުރި ބީއެމްއެލްގެ އާ ބޯޑާ މެދުވެސް ކަންބޮޑުވުންތަކެއް ހިއްސާ ކުރެވިގެން ދިޔަ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ދެކެވުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭ ބައެއް މީހުންނާ އާއިލީ ގުޅުން އޮންނަ ބޭފުޅުންތަކެއް ބޭންކުގެ އާ ބޯޑުގައި ތިއްބަވާނެ ވާހަކަ އެވެ. އެ ގޮތުން އެފަދަ ބޭފުޅުން ބޯޑުގައި ތިއްބަވައިގެން ހިޔާނާތުގެ މައްސަލާގައި މަސްލަހަތު ފުށުނާރާނެތޯ އެއީ ރޭގެ ޖަލްސާ ތެރެއިން ކުރެވިގެން ދިޔަ ސުވާލެކެވެ.

ނަމަވެސް، އާންމު ހިއްސާދާރުންގެ ފަރާތުން އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ މިހާރުގެ ސަރުކާރާމެދު އެވެ. އެގޮތުން ބީއެމްއެލްގެ ހިންގުން ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށްޓަކައި ބޭންކުގެ ހިންގާ ގަވައިދަށް ސަރުކާރުން އިސްލާހެއް ހުށަހަޅާފައިވާކަމުގެ މައުލޫމާތު ސާފުކޮށްދޭން އެދުނެވެ.

އެ ސުވަލުތަކާ ގުޅިގެން، ސައީދާ ވިދާޅުވީ ސަރުކާރުން ބީއެމްއެލް ހިންގާ ގަވައިދަށް އިސްލާހުތަކެއް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް، އެ ހުށަހެޅުންތަކާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރެވެމުންދާކަން އޭނާ ހާމަކުރެއްވި އެވެ.

ނަމަވެސް، އެ އިސްލާހުގެ ތެރެއިން ސަރުކާރުގެ އަމާޒަކީ އާންމު ހިއްސާދާރުންގެ ތެރެއިން ބޯޑަށް އައްޔަނުކުރާ މެންބަރުން އިންތިހާބު ކުރުމަށްނެގޭ ވޯޓުގައި، މައި ހިއްސާދާރުގެ ހައިސިއްޔަތުން ސަރުކާރުން ވޯޓުލެވޭގޮތް ހެދުންކަމަށް ތުހުމަތު ކުރެވިގެން ދިޔަ އެވެ. އޭގެ ރައްދުގައި ސައީދާ ވިދާޅުވީ ބޭންކުގެ ހިންގާ ގަވައިދަށް ސަރުކާރުގެ ފަރާތުން ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވާ ކަމަށާއި، އޭގެ ތެރެއިން ބަދަލު ގެންނާނެ ކަންކަން ނިންމާނީ މަޝްވަރާތަކަށްފަހު ކަމަށެވެ.

ބީއެމްއެލް ސިޔާސީ ހަތިޔާރަކަށް ނަހަދާ

ހަގީގަތުގައި ވެސް ހިއްސާދާރުންގެ ފަރާތުން ރޭ ފެނިގެންދިޔައީ ކުރިން ލަފާކުރެވުނު އިހުސާސްތަކެއް ނޫނެވެ. ރޭގެ ޖަލްސާގައި ތަފާތު 63 ހިއްސާދާރުން ބައިވެރިވެފައިވާއިރު، ވާހަކަ ދެއްކި ގިނަ މީހުން އިއްތިފާގުވާކަމެއް ހާމަވެގެން ދިޔަ އެވެ.

ބީއެމްއެލްއަކީ ގައުމީ ބޭންކެވެ. ރާއްޖޭގެ އިގުތިސޯދުގެ ހިތެވެ. ސިޔާސީ ހަތިޔާރަކަށް ހަދައިގެން އެތަނަށް އަންނަ ކޮންމެ ލޮޅުމެއްގެ އަސަރު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ކުރާނެ ކަމެވެ. ބޭންކަށް ނަގާ ކޮންމެ ރާޅަކުން އިޔާދަނުކުރެވޭ ގެއްލުންތައް އާންމުންގެ އިތުރުން ވިޔަފާރިވެރިންނަށް ވަމުންދާ ކަމެވެ. ބޭރުގެ މާލީ އިދާރާތަކާ ގުޅި ލާމެހިފައިވާ ބީއެމްއެލް އަގު ދުނިޔޭގެ ކުރިމަތީގައި ހިފަހައްޓަންޖެހެ އެވެ.

ހިއްސާދާރުންގެ އިތުރުން އެއީ ބޭންކުން ރޭ ވެސް ތަކުރާކުރި ވާހަކަ އެވެ. ކޮންމެ ދުވަހަކު އާ ތުހުމަތެއް ފެންމަތިކުރުމުގެ ބަދަލުގައި ހިޔާނާތުގެ ތަހުގީގު އަވަހަށް ނިންމައި ދިނުމެވެ. ފިޔަވަޅު އަޅަންޏާ އެކަންވެސް ވީއެންމެ އަވަހަކަށް ކުރަންވީ އެވެ. ނަމަވެސް، ގައުމީ ބޭންކު ވެއްޓިފައިއޮތް މި ވަޅުގަނޑުން އަރައިގަނެވޭނެ މަގެއް ފަހިކޮށްދޭން ޖެހޭކަމެވެ.