ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިނގާދިޔަ މޯލްޑިވްސް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ 3.8 ބިލިއަން ރުފިޔާގެ ހިޔާނާތަކީ މި ފަހުން ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތް ތަފާތު އެހެން ސަބަބެއްވެސް އެބައޮތެވެ. އެއީ ހިޔާނާތުގެ ފައިސާ އެތައް ބަޔަކަށް ލިބިފައިވާ ކަމަށް ކުރެވޭ ތުހުމަތެވެ. ކުޑައެއް ބޮޑެއް، ދެރައެއް މޮޅެއް އަދި އިސްވެރިއެއް އާދައިގެ ރައްޔިތެއް ތަފާތެއް ނެތި ހިޔާނާތުގެ ފައިސާ ލިބިފައިވުމެވެ.
ސިޔާސީ ހުރިހާ ޕާޓީތަކަކަށްހެން ހިޔާނާތުގެ ކަޅު ފައިސާ އެކި ސިފަސިފާގައި އެކި ކަންކަމަށް ޑިމާންޑްކޮށް ވަދެފައިވުމެވެ. ތަފާތެއް އޮތްނަމަ އޮތީ އެކި މީހުންނަށް ފައިސާ ލިބުނު މިންވަރެވެ. އަދި ފައިސާ ލިބުނު ވަގުތާއި ހާލަތެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ފަޅާ އަރުވާލީ އޭރުގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމެވެ. އޮޑިޓް ރިޕޯޓް ނެރުއްވުމުގެ ކުރިން އެކަމުގެ ތަފްސީލް ނިޔާޒު ވަނީ ރައީސް ޔާމީނާ ހިއްސާ ކުރައްވާފަ އެވެ. ނަމަވެސް އެވީ ގޮތެއްވެ ނިޔާޒުގެ މަގާމު ގެއްލެން ނެގީ ހިނދުކޮޅެކެވެ.
ކުއްލިއަކަށް އޮޑިޓާ ޖެނެރަލްގެ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ހުށަހެޅި ގިނަ ޕާޓީތަކެއްގެ ބައިވެރިވުން އޮވެ އެ ގާނޫނު އިސްލާހުކޮށް ނިޔާޒުގެ ކަންކަން "ނިންމާލި" އެވެ.
ބޮޑު ހިޔާނާތެއް ސަރުކާރުގެ ތެރޭގައި ހިންގާފަައިވާކަން ރައީސް ޔާމީން ރަސްމީކޮށް އިއުލާނު ކުރެއްވީ ފިނިފެންމާ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލާ އެމަނިކުފާނާއި އާއިލާ އަދި ކެބިނެޓްގެ ބައެއް ވަޒީރުންނާއި ކޯލިޝަން ލީޑަރުން އަވަހާރަކޮށްލަން ދިން ނުރައްކާތެރި ގޮއްވާލުމަށްފަހު ފުރަތަމަ ފަހަރަށް ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅު ގައެވެ. އެ ދުވަހު ރައީސް ޔާމީން ވިދާޅުވި ގޮތުގައި މިއީ ފަހުގެ ތާރީހެއްގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތެވެ. ހިޔާނާތުގެ ތުހުމަތު އޮތީ އޭރުގެ ނާއިބު ރައީސް އަދި ކުރިން ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަހްމަދު އަދީބަށެވެ. ރައީސް ޔާމީން އަވަހާރަކޮށްލަން ފިނިފެންމާ ގޮއްވާލުމުގެ އަޑީގައި ހުރީވެސް އަދީބު ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.
ރައީސް ޔާމީންގެ ބާރުގަދަ އާރުހުރި ވެރިކަން ނިމިގެންދިޔައީ ހިޔާނާތުގެ ތުހުމަތު އަދި އެ ކަމުގެ އަދަބު ހަމައެކަނި އަދީބާ ހަމައިގައި އޮވެގެންނެވެ. ނަމަވެސް އޭރު ވެރިކަން ހޯދަން އިދިިކޮޅުން ކުރި ކެމްޕޭންގައި އެންމެ ކުރިއަށް ނެރެފައި އޮތީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަ އެވެ. ކޮންމެ ޖަލްސާއެއް، އެއްވުމެއް އަދި ކެމްޕޭން ރަސްމިއްޔާތެއްގެ އެންމެ ހޫނު ވާހަކައަކީ އެއީ އެވެ. އެންމެ ފަހުން ރިޔާސީ ވައުދެއްގެ ގޮތުގައި އެކަން ހިމަނާ ހުވާކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ފައްޓަވާނެ މަަސައްކަތްތަކުގެ ތެރޭގައި ރައީސް ސޯލިހް އެކަން އިއުލާނު ކުރެއްވި އެވެ. އެއީ ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށާއި ހިޔާނާތްތެރިންނަށް ހައްގު އަދަބު ދެއްވުމެވެ.
ނޮވެމްބަރު 17، 2018 ގައި ގަލޮޅު ދަނޑުގައި ބޭއްވުނު ބޮޑު ރަސްމިއްޔާތުގައި ރައީސް ސޯލިހް މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެން ކެބިނެޓަށް މެންބަރުން އައްޔަން ކުރައްވާ އޭގެ ފަހުން ކުރެއްވި ފުރަތަމަ ކަމަކަށް ވެވަޑައިގަތީ ރިޔާސީ ދެ ކޮމިޝަނެއް އުފެއްދެވުމެވެ. އެއީ ދައުލަތުން ގެއްލިފައިވާ ފަައިސާ ހޯދުމަށް އުފެއްދެވި ރިޔާސީ ކޮމިޝަނާއި މަރުތަކާއި ގެއްލުވާލާފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް އުފެއްދެވި ރިޔާސީ ކޮމިޝަނެކެވެ.
ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދާ ހިޔާނާތްތެރީން ވަކިކުރުމަށް އުފެއްދެވި ރިޔާސީ ކޮމިޝަންގެ އެންމެ ބޮޑު ޒިންމާއަކީ އެމްއެމްޕީއާރްސީގެ ހިޔާނާތް ތަހުގީގު ކުުރުމެވެ. ގާނޫނީ ބޮޑެތި ބާރުތަކެއް ހޯއްދަވައިގެން އެ ކޮމިޝަނުން އެ ކުރައްވާ ކަމެއް ކުރައްވާތާ ދެ އަހަރާއި ހަ މަސް ދުވަސް ވަނީ އެވެ. އެހެން ގޮތަކަށް ބުނާނަމަ ދައުރު ދެބައިވީ އެ މަސައްކަތް ކޮމިޝަނުން ކުރާ ކަމަށް ބުނަމުން ދަނިކޮށެވެ. މިދިޔަ މުއްދަތުގަައި އެ ކޮމިޝަނުން ދެތިން ފަހަރަކު ނޫސްވެރިންނާއި ބައްދަލުކޮށް މައުލޫމާތު ދިނެވެ. ހިޔާނާތަށް ތުހުމަތުވާ މީހުންގެ އަދަދަށް އަންނަ ބަދަލާއި ލިސްޓުގައި މަޖިލީހާއި ކޯޓްތަކާއި ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުން ހިމެނޭ ކަމަށް ބުނެ އެވެ. ނަމަވެސް ލިސްޓް އާންމު ކުރަން ކޮމިޝަނުން ދިޔައީ ދެކޮޅު ހަދަމުންނެވެ.
ލިސްޓް މަޖިލީހަށް، މަޖިލީހުން އާންމުންނަށް
އެމްއެމްޕީއާރްސީގެ މައްސަލައިގައި 70،000 މެސެޖު ހިމެނޭ ޕެންޑްރައިވްއެއްގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަބަދުވެސް ވިދާޅުވެ އެވެ. އެމަނިކުފާނަށް އެ ލިބިވަޑައިގެންނެވި ގޮތްވެސް އެކި ފަހަރު މަތިން ތަފްސީލު ކޮށްދެއްވާފައިވެ އެވެ. ހިޔާނާތުގެ ތަހުގީގު މަޖިލީސް ތެރެއިން ހިންގަން އަދި އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕްގެ ތެރެއިން ހިންގަންވެސް އެމަނިކުފާނު ވަނީ މަސައްކަތް ކުރައްވާފަ އެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އާއި 241 ކޮމިޓީ ގުޅިގެން ޖޮއިންޓް ކޮމިޓީއެއް އުފައްދާ ބޮޑު ހިޔާނާތް ދިރާސާ ކުރުމުގެ މަަސައްކަތް ފެށުމަށް ފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެސެޓް ރިކަވަރީ ކޮމިޝަނުން ހޯދާފައިވާ މައުލޫމާތާއި ހިޔާނާތުގެ ތުހުމަތު ކުރެވޭ މީހުންގެ ލިސްޓް މަޖިލީހާ ހިއްސާ ކުރުމަށް ސަރުކާރުގައި އެދިވަޑައިގެންފައެވެ. އެ ކޮމިޝަނުން ވަނީ ސިއްރު މައުލޫމާތު ހިމެނޭ ތަހުގީގުގެ މައުލޫމާތާއި ލިސްޓްތައް ޖޮއިންޓް ކޮމިޓީއާ ހިއްސާ ކޮށްފަ އެވެ. އެއާއެކު ހިޔާނާތުގެ ލިސްޓް މަޖިލީހުން އާންމުކުރަން ގޮވާލާ ގޮވާލުމުގެ އަޑު ގަދަވި އެވެ.
ނަމަވެސް މަޖިލީހުގެ ބައެއް މެންބަރުން އަދި ހާއްސަކޮށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ފުރަތަމަ އެކަމާ ދެކޮޅު ހެއްދެވި އެވެ. ހިޔާނާތުގެ ބައިވެރިން ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅުން ވިދާޅުވަމުން ގެންދެވީ އެ ލިސްޓް އާންމު ކުރުން އަދި ރަނގަޅު ނޫން ކަމަށެވެ. ލިސްޓް އާންމުކުރަން ޖެހޭ ކަމަށް ވިދާޅުވި މެންބަރުންނަށް ފާޑުވިދާޅުވެ އެއީ ޒިންމާދާރު ގޮވާލެއްވުމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ނަމަވެސް ބުދަ ދުވަހުގެ ހަވީރު އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓާއި ކޮމިޓީގެ ރިޕޯޓް މަޖިލީހުން ވަނީ އާންމުކޮށްފަ އެވެ. ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް އެ ލިސްޓްގައި 281 ނަމެއް އޮތެވެ. މި ލިސްޓް އާންމު ކުރުމުގެ ކުރިން އަންގާރަ ދުވަހުގެ ރޭ ލިސްޓެއް އާންމުވި އެވެ. ނަމަވެސް އެ ލިސްޓާ މަޖިލީހުން އާންމުކުރި ލިސްޓާ ތަފާތުތަކެއް ހުއްޓެވެ. އެމްްޑީޕީގެ ދެތިން ހަތަރު ބޭފުޅެއްގެ ނަން ނެތެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން ޔަގީންކޮށްދިން ގޮތުގައި ކޮމިޝަނުން މަޖިލީހަށް ފޮނުވާ، މަޖިލީހުން އާންމުކުރި ލިސްޓަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
ހިޔާނާތުގައި ބައިވެރިވި ކަމުގެ ތުހުމަތު އޮތް މީހުންގެ ލިސްޓާއެކު ހުޅުގަނޑު ފަޅައިގެންދިޔަ އެވެ. ލިސްޓްގައި ނަން ނެތް ބޭފުޅުން އުފަލުން ގޮސް އަލްހަމްދުﷲ ލިޔެ ސްޓޭޓަސްތައް އަޕްކޮށްލި އެވެ. ލިސްޓްގައި ނަން އޮތް ބޭފުޅުން ހިޔާނާތުގެ ފަައިސާ ނުލިބޭ ކަމަށް ވިދާޅުވެ ތުހުމަތުތައް ދޮގުކުރަން ފެށި އެވެ. ބައެއް ބޭފުޅުން ދިގު ބަޔާންތަކާއެކު އެކަން ސާބިތުކޮށްދޭން އެތައް މަަސައްކަތެއް ކޮށްފި އެވެ.
މަޖިލީހުން މިކުރީ ކޮން ކަމެއް؟
އެމްއެމްޕީއާރްސީގެ ހިޔާނާތް ތަހުގީގު ކުރުމުގައި ސަރުކާރުން ދައުރުގެ ދެބައިކުޅަ އެއްބައި ހޭދަކޮށްފި އެވެ. ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު ވިދާޅުވި ގޮތުގައި މިހާރު އޮތް ހިސާބަށް ދިއުމަށް ކޮމިޝަނުން ކުރީ އުނދަގޫ ބުރަ މަސައްކަތްތަކެކެވެ. ކޮމިޝަނަށް މީހަކު ހާޒިރު ކުރުމަށް، ތަހުގީގަށް މައުލޫމާތެއް ހޯދުމަށް ލައްކަ މަސައްކަތް ކުރަން ޖެހުނެވެ.
ބޮޑު ހިޔާނާތަށް އިންސާފު ހޯދުމަކީ މި ސަރުކާރުގެ ވައުދެކެވެ. މަސައްކަތް ލަސް، ހިންގުން ލަސް ކަމުގެ ތުހުމަތު އޮތް މި ސަރުކާރަށް ބޮޑު ހިޔާނާތުގެ ފުނަށް ފީނި ދައުލަތުން ގެއްލުނު ފައިސާ ހޯދާ ހިޔާނާތްތެރިން ދެނަގެނެވިއްޖެނަމަ އެހެން އެއްވެސް ކަމެއް މި ފަސް އަހަރުގައި ނުކުރެވުނު ނަމަވެސް ރައްޔިތުން އޭ ސްޓާއެއް ދޭނެކަން ޔަގީނެވެ. އެހެންވީއިރު އެސެޓް ރިކަވަރީ ކޮމިޝަނުން ކުރި މިވަރުގެ ތަހުގީގެއް ސަރުކާރުން ހާމަ ނުކުރީ ކީއްވެ ހެއްޔެވެ. މި މަސައްކަތް މިހާ ހިސާބުން މަޖިލީހަށް ގޮސް މަޖިލީހުން ހިޔާނާތުގެ ލިސްޓް އާންމު ކުރަން ފުރުސަތު ދިނީ ކީއްވެ ހެއްޔެވެ.
ބައެއް ބޭފުޅުންގެ ނަޒަރުގައި އެކަން އެހެންވީ ކޮމިޝަން ފެއިލްވެފައި އޮތުމުންނެވެ. އެދެވޭ އެއްވެސް މަސައްކަތެއް ކުރެވިފައި ނެތީމަ އެވެ. އެއްވެސް ކަމެއްގެ ހަގީގަތަށް ވާސިލްވެވިފައި ނެތީމަ އެވެ. އެ ކޮމިޝަނަށް އެ މަަސައްކަތް ކުރެވި ނަތީޖާ އަކާ ހަމަައަށް ދެވޭނެ ކަމަށް ހުދު ސަރުކާރަށްވެސް ގަބޫލު ނުކުރެވުނީމަ އެވެ.
ކަޅު ފައިސާގައި ޖެހިފައިވާ ނުވަތަ މަންފާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ލިސްޓް މަޖިލީހުން އާންމުކުރި ގޮތާމެދު އެސެޓް ރިކަވަރަކީ ކޮމިޝަނުން ވާހަކަ ދައްކާކަށް ބޭނުމެއް ނުވެ އެވެ. އެ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު ވިދާޅުވި ގޮތުގައި އެ ކޮމިޝަނުން އަދާކުރީ ގާނޫނީ ޒިންމާ އެކެވެ. ދައުލަތުގެ ބާރަކުން އެދުމުން އެކަން ކޮށްދިނުމަކީ ކޮމިޝަނުން ކުރަން ޖެހޭ ކަމެކެވެ.
"އަޅުގަނޑުމެން އަދާކުރީ ގާނޫނީ ގޮތުން އަދާކުރަން ޖެހޭ ޒިންމާއެއް. ދައުލަތުގެ ދެ ބާރަކުން ބޭނުންވީ ލިސްޓް. އެ ލިސްޓް އަޅުގަނޑުމެން ފޯރުކޮށްދިނީ. ލިސްޓް އާންމުކުރީ މަޖިލީހުން،"
ނަމަވެސް މަޖިލީހުން ކުރީ ކޮން ކަމެއްތޯ އަދި މަޖިލީހުގެ ނިޔަތާ މެދު ސުވާލު އުފެދޭ ހިސާބަކީ މިއީ އެވެ. ކޮމިޝަންގެ ރިޕޯޓުން އެނގޭ ގޮތުން ލިސްޓްގައި ހިމެނޭ މީހުންގެ ތެރެއިން ފަސްދޮޅަސް ތިން ޕަސެންޓް މީހުންގެ ތަހުގީގު އޮތީ ނުވެސް ފެށި އެވެ. މުޅި ލިސްޓްގައި ގިނަ ބޭފުޅުންގެ ނަމަށް ފަހު ތަހުގީގު ގޮސްފައިވާ ހިސާބުގައި އޮތީ އަދިވެސް މައުލޫމާތު ހޯދަމުންދާ ކަމެވެ. ލިސްޓްގައި އެފަދަ ބޭފުޅުންގެ ނަން ހިމަނާފައި އޮތީ ހަމައެކަނި ބޭފުޅަކު ނުވަތަ ދެ ބޭފުޅަކު ވިދާޅުވާ ވިދާޅުވުމަކަށެވެ. ހިޔާނާތުގެ ފައިސާ މިވެނި އެވެނި މީހަކަށްވެސް ދިން ކަމަށް ބުނާ ބުނުމަކަށެވެ.
ކޮމިޝަނުން މައުލޫމާތު ހޯއްދަވާ ބޭފުޅުންނަށް ހިޔާނާތުގެ ކަންކަން ހިނގާދިޔަ ގޮތް ސާފުކޮށް އެނގިވަޑައިގަންނަވާނެ އެވެ. އެޔަކު ޝައްކެއް ނެތެވެ. ނަމަވެސް ސަރުކާރުން މިހާތަނަށް އެ ބޭފުޅުން ބޭނުން ކުރެއްވީ ވަކި ބަޔަކު ގާނޫނީ ގޮޅިއަށް ފައްތާ ވަކި މަގުސަދެއް ހާސިލު ކުރުމަށެވެ. އެހެންވީމަ ތަހުގީގު ފުރިހަމަ ނުކޮށް އަދި ތުހުމަތުވާ މީހުންނާ އެންމެ ކުޑަމިނުން ސުވާލެއްވެސް ނުކޮށް މިފަދަ ލިސްޓެއް އާންމެއް ނުކުރެވޭނެ އެވެ. މިއީ ޒިންމާދާރު މުއްސަސާއަކުން ކޮށްފާނެ ކަމެއްތޯ މިއީ ކޮށްލަން ރަނގަޅު ސުވާލެކެވެ.
އަނެއްކޮޅުން މި ތަހުގީގު ނިމޭނެ ދުވަހެއް ބުނާންވެސް ނޭނގެ އެވެ. އައްސަދު ވިދާޅުވި ގޮތުގަައި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ވަރަކަށް ލިސްޓަށް އަދިވެސް ބަދަލު އަންނާނެ އެވެ. އެ ބަދަލަކީ ހަމައެކަނި ވަކި ބަޔަކު ލިސްޓަށް އިތުރުވުމެއްވެސް ނޫނެވެ. ލިސްޓުން ބައެއް މީހުން އުނިވެސް ވާނެ ކަމަށް އައްސަދު ވިދާޅުވެ އެެވެ. އެހެން ކަމަށްވީއިރު މިވަރުގެ ލިސްޓެއް އާންމުންގެ ތެރެއަށް ދޫކޮށް އެތައް ބަޔަކު ބޮޑެތި ހިޔާނާތްތެރިންނަށް މި ހެދީ ކޮން ކަމެއް ކޮން މަގުސަދެއް ހާސިލު ކުރަންތޯ ސުވާލު އުފެދެ އެވެ.
ތަހުގީގެއް ނެތް، އޮތީ ބޭފުޅަކު ވިދާޅުވާ އެއްޗެއް
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ހިޔާނާތުގެ މައްސަލާގައި ބައިވެރިވާ ކަމަށް ނުވަތަ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ދައުލަތުގެ މަގާމެއް އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ 119 މީހެއްގެ ނަން ކޮމިޝަނުން ވަނީ ވަކިން ފާހަގަކޮށްފަ އެވެ. މަޖިލީހުން ނިންމާފައި އޮތީ 119 މީހުންގެ ތެރެއިން މިހާރު ވަޒީފާތަކުގައި ތިބި މީހުން ވަޒީފާތަކުން ދުރުކުރާށެވެ. ވަޒީފާގައި ނެތް ނަމަ އެޅެން އޮތް ފިޔަވަޅެއް އަޅާށެވެ.
މި 119 މީހުންގެ ތެރޭގައި ކެބިނެޓް މިނިސްޓަރަކާއި ސްޓޭޓް މިނިސްޓަރަކާއި މަޖިލީހުގެ 16 މެންބަރަކާއި ކުރީ މަޖިލީހުގެ އެތައް މެންބަރުންނަކާއި ދަށު ކޯޓާއި މަތީ ކޯޓްތަކުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނާއި މިނިވަން މުއައްސަސާތަކުގައި މެންބަރުކަން ކުރެއްވި ބޭފުޅުންވެސް ހިމެނިވަޑައިގަންނަވަ އެވެ.
ހިޔާނާތުގެ ތުހުމަތުކޮށް ލިސްޓްގައި ނަން ހިމަނާ ބައެއް ބޭފުޅުންގެ މައްސަލައިގެ ތަހުގީގު ނިންމާ ދައުވާ ކުރުމާ ހަމައަށް ގޮސްފައިވާ ކަމަށް ބުނާއިރު ލިސްޓްގައި ހިމެނޭ ބައެއް ބޭފުޅުންނާ އެއްވެސް ސުވާލެއްވެސް އަދި ކޮށްފައެއް ނުވެ އެވެ. އެއިން އެއް ބޭފުޅަކީ އާންމުކުރި ލިސްޓާއެކު މަގާމުން އިސްތިއުފާ ދެއްވި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތެވެ.
ޒިޔަތު ވިދާޅުވި ގޮތުގައި ކޮމިޝަނުން އެދުނު ބައެއް ކަންކަމުގައި މީގެ ކުރިން އޮޑިޓް އޮފީހުން އެެހީތެރިވެދީފައި ވާނެ އެވެ. ނަމަވެސް ބުދަ ދުވަހު ލިސްޓް އާންމުވުމާއި ހަމައަށް އޭނާގެ ނަން ލިސްޓްގައި އޮތްކަން ވެސް އެނގިވަޑައިނުގަންނަވަ އެވެ. ސުވާލެއް ކޮށްލަން އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ވެސް ހާޒިރުކޮށްފައެއް ނުވެ އެވެ.
ހިޔާނާތުގެ މަންފާ ލިބުނު ކަމަށް ކުރާ ތުހުމަތަކީ 2014ގެ އިންތިހާބަށް ޕީޕީއެމުން ޒިޔަތުގެ ކެމްޕޭނަށް ދިން ފައިސާ އެެވެ. ޒިޔަތަކީ ޕީޕީއެމްގެ ފަރާތުން ހުޅުހެންވޭރު ދާއިރާއަށް ނެރުނު ކެންޑިޑޭޓެކެވެ. އެމްޑީޕީން އެ ޕާޓީގެ އޭރުގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވާދަކުރެއްވި އެ ގޮނޑި ނަގަން ޕީޕީއެމުން ވަރަށް ބޭނުންވެ މަސައްކަތް ކުރި އެވެ. ވަރަށް ބޮޑަށް ހަރަދުވެސް ކުރި އެވެ. އެއީ ކޮންމެ ޕާޓީއަކުން ނަމަވެސް ކަން ކުރާނެ ގޮތެވެ. ކޮންމެ ކެމްޕޭނަކަށް ވެސް ޕާޓީތަކުން ހަރަދު ކުރެ އެވެ. އެކަމަށް އެކި ގޮތްގޮތުން ފައިސާ ހޯދަ އެވެ. އެހެންވީއިރު ޒިޔަތުގެ ކެމްޕޭނަށް ދިން ފައިސާ އެއީ ކަޅު ފައިސާއަށްވެ ހިޔާނާތުގެ ފައިސާކަން ޒިޔަތަށް އެނގޭނީ އެކަން ބަޔަކު ބުނީމާ އެވެ. 2014 ގައި މި ހިޔާނާތުގެ އަޑެއްވެސް ނެތެވެ. އަދި އެ އިންތިހާބަށް ފަހު މިނިވަން މަގާމަކަށް ވަޑައިގަތުމުން ޒިޔަތު ވަނީ ސިޔާސީ މަސައްކަތް މުޅިން ދޫކޮށްލައްވާފަ އެވެ. ނަމަވެސް އޭގެ ހަތް އަހަރު ފަހުން މަގާމުން އިސްތިއުފާ ދެއްވީ މަޖިލިސް ކެމްޕެއިނަށް ހޭދަކުރަން ޕީޕީއެމުން ދިނީ ހިޔާނާތުގެ ފައިސާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ބުނީމަ އެވެ. ނަމަވެސް އެކަން ހިނގާދިޔަ ގޮތް ބަލަން ސުވާލެއްވެސް ކޮށް ނުލަ އެވެ. އެއީ އެންމެ ބޭފުޅަކު ވިދާޅުވި ވިދާޅުވުމެކެވެ.
ލިސްޓްގައި ހިމެނޭ ބައެއް މީހުން ކޮށްފައިވާ މުއާމަލާތްތައް ފެންނަން އެބަހުއްޓެވެ. އެހެންވީމަ ލިސްޓްގައި ހިޔާނާތުގެ މަންފާ ލިބުނު މީހުން އެބަތިބި ކަމީ ޔަގީން ކަމެކެވެ. ނަމަވެސް މާބޮޑު މައުލޫމާތެއް އަދި ހިޔާނާތުގެ މަންފާ ލިބުނު ކަމުގެ ހެއްކެއް ނެތް މީހުންވެސް އެބަ ތިއްބެވެ. އަދި ވަކީލުކަން ކޮށްދީގެން އަހްމަދު އަދީބު އަތުން ފައިސާ ލިބުނު ބޭފުޅުންނާއި ކެމްޕޭނަށް ޕާޓީން ދިން ފައިސާ އެއީ ހިޔާނާތު ފައިސާއަށް ވެގެން ލިސްޓްގައި ހިމެނުނު މީހުންވެސް އެބަތިއްބެވެ. މި އެންމެން އެއްކޮށް އެއް ލިސްޓެއްގެ ގޮތުގައި ހިމަނާ އާންމުކުރުމުން މި ކުރެވުނީ ކޮން ކަމެއް ހެއްޔެވެ. ހަގީގީ ހިޔާނާތްތެރިން ފޮރުވަައިދިނީ ނޫން ހެއްޔެވެ.
ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުކޮށް ލިސްޓެއް ހަދަން ދެ އަހަރު ހޭދަކޮށް، މަޖިލީސް މެދުވެރިކޮށް ކުއްލި ގޮތަކަށް ހިޔާނާތުގެ ލިސްޓެއް އާންމުކުރިއިރު ތަހުގީގަށް އެންމެ ކުޑަމިނުން ސުވާލެއްވެސް ކޮށްނުލީ ކީއްވެތޯ އެތައް ބޭފުޅަކު ދަނީ ސުވާލު ކުރަމުންނެވެ. މެންބަރު ކާނަލް މުހައްމަދު ނާޒިމާއި މެންބަރު އަލީ ހުސައިނާއި މެންބަރު އަހްމަދު ޝިޔާމާއި މެންބަރު ޣައްސާން މައުމޫނާއި މެންބަރު އަލީ އާޒިމާއި މެންބަރު އިބްރާހިމް ޝަރީފާއި މެންބަރު މުހައްމަދު ހުސައިން ލަތީފާއި ކުރީގެ މެންބަރު މުހައްމަދު ނަޝީދު ފަދަ އެތައް ބޭފުޅުން ނެރުއްވި ސްޓޭޓްމަންޓްތަކުގައި އެ ސުވާލު ކުރައްވާފައިވެ އެވެ.
"ތަހުގީގެއް ނުކޮށް ހެއްކަށް ބެލުމެއްނެތި ލިސްޓެއް ހަދާ އަބުރު ކަތިލެވިދާނެ މިއަދު. ހަމަ ބުނާ ބުނުމަކަށް ނަންޖަހާ ބޮޑެތި ބަދުނާމު އެޅުވުމަކީ އިންސާފުތޯ؟ އެވެސް ތިމާ ހިތްރުހޭ މީހާގެ ނަން އުނިކޮށްފައި،" ލިސްޓުން ބައެއް ބޭފުޅުންގެ ނަން އުނިކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކަށް އިޝާރާތް ކުރައްވާ ޣައްސާން ވިދާޅުވި އެވެ.
އެ ހުރިހާ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ލިސްޓްގައި ނަން ހިމަނާ ރައްޔިތުން ކުރިމައްޗަށް ނެރެ "ވަގުން"ގެ ޓެގް އެޅުވީ އަބުރު ކަތިލާ ސިޔާސީ މަަސައްކަތް ހުއްޓުވާލުމަށެވެ. އަދި މިއީ ޒިންމާދާރު ކަމެއް ނެތް ލަދުވެތި އަމަލެއް ކަމުގައި ސިފަކުރެއްވި އެވެ.
"މި މައްސަލައާ ގުޅިގެން ދައުލަތުގެ އެއްވެސް މުއައްސަސާއަކުން މިއަދާ ހަމައަށްވެސް ސުވާލެއްވެސް އަދި އެއްވެސް ބާވަތެއްގެ ތަހުގީގެއްވެސް ހިންގާފައި ނުވުމަކީ މިއީ ސިޔާސީ ގޮތުން އަގު ވައްޓާލުމަށް ވަކި ބަޔަކު ރާވައިގެން ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކޮށްފައިވާ ކަމެއްކަން އަންގައިދޭ އަލިގަދަ ހެއްކެއް،" ކާނަލް ނާޒިމްގެ ސްޓޭޓްމަންޓްގައި ވިދާޅުވެފައިވެ އެވެ.
ލިސްޓްގައި ނަން ހިމަނާފައިވާ ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި މިވަރުގެ ބޮޑު މައްސަލައެއްގައި މުޅި ގައުމާއި ރައްޔިތުންގެ ރުޅިވެރިކަމާއި ނަފްރަތު އޮތް ކަމެއްގައި ތަހުގީގު ފުރިހަމަ ނުކޮށް އަދި ސުވާލެއް ވެސް ކޮށްލުމެއް ނެތި ހިޔާނާތްވި ކަމަށް ތުހުމަތުކޮށް ލިސްޓްގައި ނަން ހިމަނާފައިވާ މައްސަލަ ދޫކޮށް ނުލައްވާނެ އެވެ.
މަޖިލީހުން އެ ލިސްޓް އާންމު ކުރުމަކީ އެސެޓް ރިކަވަރީ ކޮމިޝަނަށް މައްސަލައަކަށް ނުވި ނަމަވެސް އަދި މަޖިލީހުގައި އެކަން ކުރެއްވި މެންބަރުންނަށް އެއީ މާމޮޅުކޮށް ކޮށްލެވުނު ކަމެއް ކަމަށް ހީފުޅުވީ ނަމަވެސް އެ ބަދުމާނަށް އިންސާފު ހޯދާނެ އެވެ. އަދި މަޖިލީހާއި ކޮމިޝަނުންވެސް މައާފަށް އެދެން ޖެހޭނެ އެވެ.
"ތިޔަ ލިސްޓުން އަހަރެންގެ ނަން ޖެހޭނީ އުނިކުރަން. އަދި މަޖިލީހުންނާއި ކޮމިޝަނުން ޖެހޭނީ މައާފަށް އެދެން. ބަލަމާ ހިނގާ،" ލިސްޓްގައި ނަން އޮތް ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވި އެވެ.
"ތާކުންތާކު ނުޖެހޭ ލިސްޓެއް ނެރެ އެތައްބައެއްގެ އަބުރު ކަތިލުމުގެ ޒިންމާ މަޖިލީހުގެ ރައީސް ނަޝީދު ނަންގަވަން ޖެހޭނެ. މަނިކުފާނަކަށް އެމްއެމްޕީއާރްސީގެ ވާހަކަ ނުދެއްކޭނެ. ކެރިގެން މިބުނަނީ،" މަލީހް އިތުރަށް ވިދާޅުވެފައިވެ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތް ބެލުމަށް ދައުުރުގެ ދެބައިކުޅަ އެއްބައި ހޭދަވެ ދިޔަ ފަހުން މަޖިލީހުން މި ކުރި ކަމަކުން ހާމަވީ ދެ ކަމެކެވެ. އެއް ކަމަކީ ކޮމިޝަނަށް މިހާ ދިގު މުއްދަތެއްގައި އެދެވޭ ވަރުގެ އެއްވެސް މަަސައްކަތެއް ކުރެވިފައި ނެތުމެވެ. އަނެއް ކަމަކީ އަނބުރާ ހޯދާނެ ކަމަށް ވައުދުވެފައިވާ ފައިސާ ހޯދާ އެ ވައުދު ފެއްދޭނެ ކަމުގެ ޔަގީން ކަމެއް ނެތުމުން މަޖިލީހަށް ލިސްޓެއް ފޮނުވާ އެ މަޖިލީސް މެދުވެރިކޮށް ލިސްޓެއް އާންމުކޮށްލީ އެވެ. ވައުދު ފުއްދަން ކޮންމެވެސް މަސައްކަތެއް ކޮށްލެވިއްޖެކަން ދެއްކެވީ އެވެ.
ހަގީގަތަކީ މަޖިލީހުން ކުރި ކަމަކުން މި ސަރުކާރުން ފެށި ބޮޑު ހިޔާނާތަށް އިންސާފު ހޯދުމުގެ ދަތުރު ނަތީޖާއެއް ނުނެރެވި ނިމިފައިވާ ކަމަށް އެތައް ބަޔަކު ގަބޫލުކުރީ އެވެ. ގެއްލުނު ފައިސާ ހޯދާ ހަގީގީ ހިޔާނާތްތެރިން ހޯދާނެ ކަމަށް ސަރުކާރަށް ކުރަމުން އައި އިތުބާރު މުޅީން ގެއްލުނީ އެވެ. ދެން ކިތަންމެ މަސައްކަތެއް ކޮށް ބަޔަކަށް ދައުވާކުރި ނަމަވެސް ގިނަ ބަޔަކަށް އެކަން ގަބޫލު ނުކުރެވޭނެ އެވެ. ހަގީގަތުގައި މިދިޔަ ސަރުކާރުގައި ވައްކަން ހިނގާ އެ ސަރުކާރުން ބޮޑުވަރިހަމަ ކޮށްލި އުސޫލުން މި ސަރުކާރުންވެސް ގަސްދުގައި އެ ހިޔާނާތަށް އިންސާފު ހޯދުމަށް ރައްޔިތުން ކުރަމުން ދިޔަ އުއްމީދު "މަރާލީ" އެވެ. އަދި ހިޔާނާތުގެ ބޮޑުން ފޮރުވާ އެންމެން ހަމަހަމަ ކޮށްލީ އެވެ.
ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތުހުމަތު އެ ގޮތުގަައި ދެމި އޮންނާނެ އެވެ. ދައުލަތުން "ވަގަށް" ނެގި ފައިސާގައި ޕާޓީތަކާއި ލީޑަރުންނާއި މެންބަރުންނާއި ފަނޑިޔާރުންނާއި އެކްޓިވިސްޓުންގެ ތެރެއިން ކޮންމެ ވެސް ބަޔަކު، ނޫންނަމަ އެތައް ބަޔަކު ޖެހިފައިވާ ކަމުގެ ތުހުމަތު އެ ގޮތުގައި ދެމި އޮންނާނެ އެވެ. އެ ބޮޑު ހިޔާނާތުން މަންފާވީ އެންމެ މީހަކަށް އެންމެ ޕާޓީއަކަށް ނޫނެވެ. އެއީ ޔަގީން ކަމެކެވެ.