ރިޕޯޓް

ބޮޑު ހިޔާނާތް: ހެކި ނެތުމަކީ ރައްޔިތުންނަށް ހައްގު މިންވަރެއް ނޫން!

އެނގުނު ބަޔަކު ނޭނގޭ ކަމަށް ހެދީ އެވެ. އެނގެންޖެހޭ ބައަކު ތިބީ ނިދާ ކަމަށް ހަދައިގެނެވެ. އަނެއްބައި މީހުން ވިޔަފާރީގެ ހިމާޔަތުގައި ހޭ ވެސް އަހައެއް ނުލި އެވެ. މުޅި ގައުމު ސިއްސުވައިލި ބޮޑު އިހުމާލުގެ ނަތީޖާއަކަށްވީ، ރޯމާ ދުވާލު، ރައްޔިތުންގެ ފައިސާއިން ގާތްގަނޑަކަށް ހަތަރު ބިލިއަނެއްހާ ރުފިޔާ ލޫޓުވައިލުމެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތް އެކި ދުވަސްވަރު މަތީން އެކި ބޭފުޅުން އެކި ގޮތްގޮތަށް ވަނީ ސިފަކޮށްފަ އެވެ. ހިޔާނާތުގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ރައީސް އަހުމަދު އަސްއަދު މިދިއަ ބުރާސްފަތި ދުވަހު ވިދާޅުވި ގޮތުންނަމަ، އެ ހިޔާނާތުގެ ތެރެއިން މުޅި ސިސްޓަމް ފޭލުވެފައިވާކަން ވަރަށް ރަނގަޅަށް ސާފުވެ އެވެ.

ގާނޫނުތަކާ ހިލާފަށް ނުއަގުގައި ދިވެހި ރައްޔިތުންްގެ މުދަލުގެ ގޮތުގައި ހުރި 37 ރަށާއި 12 ފަޅު ދޫކޮށްލި އިރު، ދައުލަތުގެ އިދާރާތަކާއި، ބޭންކުތަކާއި، ފާރަވެރި އިދާރާތައް އޮތީ ކަހާތަން ހިރުވައި ވެސް ނުލަ އެވެ. މިކަމުގައި ވަކި ދާއިރާއެއް އިސްތިސްނާ ނުވާއިރު، އެންމެ މަތިން ފެށިގެން ތިރިއަށް ވެސް އޮތީ ހުސް އިހުމާލެވެ.

އެމްއެމްޕީއާރުސީއަށް ވަންނަންޖެހޭ ފައިސާ، އެސްއޯއެފް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކަށް ޖަމާ ކޮށްގެން، ދައުލަތެއް ގަނެލަން ބޭނުން ކުރަމުންދިއަ އިރު، މިއީ މުޅި ސިސްޓަމް ފެއިލްވެ އެ ސިސްޓަމްގެ ބައިވެރިވުން ކޮންމެސް ގޮތެއްގައި އޮވެގެން ކޮށްފައިވާ ކަމެއް ކަން ސާފުވާކަމަށް ވެސް އައްސަދު ސިފަ ކުރައްވަ އެވެ.

އެ ފައިސާ ބޭނުންކޮށްފައި ހުރީ އަމަލީގޮތުން އެކަމުގައި އުޅުނު މީހުންގެ އަމިއްލަ ފައިދާއަށާއި، ސިޔާސީ މީހުންނާއި، ޕަބްލިކް އޮފިޝަލުންނަށާއި މިނިވަން މުއައްސަސާތަކުގައި ތިބި މީހުންނާއި ނުވަތަ ފާރަވެރި އިދާރާތަކުގައި ތިބި މީހުންނާއި ޖުޑީޝަރީގައި ތިބި މީހުންނަށާއި އަދި ބައެއް އާންމު ރައްޔިތުންގެ ކަންކަމުގަ އެވެ.

"ކުރުކޮށް ދަންނަވާ ކަމަށް ވާނަމަ، މީގެން ވަކި އެއްވެސް ބަޔަކު އިސްތިސްނާ ނުވާ ގޮތަށް، ގިނަ ބަޔަކަށް މީގެ މަންފާ ކޮށްފަ ހުރީ، ނޫނީ މީގެ ނާޖާއިޒް ގޮތުގައި ފައިސާ ލިބިފަ ތިބި މީހުން ވަރަށް ގިނަ، ވަރަށް ގިނަ ސެކްޓާތައް އެބަހުރި. ޖުމްލަކޮށް ދަންނަވާ ނަމަ ވަކި ސެކްޓާއެއް ވަކި ބަޔަކު މީގެން އިސްތިސްނާ ކުރެވޭކަށް ނެތް،" އަސްއަދު ވިދާޅުވި އެވެ.

އަސްއަދު ވިދާޅުވި ގޮތުގައި ތަހުގީގުން އެނގުނީ ރާއްޖޭގެ އެންމެ އަގު ބޮޑު މުދާ ނުހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމެވެ. އަދި އެއީ ޕްލޭން ކޮށްގެން، އެތައް ބަޔަކު ގުޅިގެން ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމެވެ. އެ ހިޔާނާތް ހިންގުމަށް ބޭނުންކުރި އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފް ކުންފުނިން ފައިސާ ލިބުނު ކަމަށް 155 ފަރާތެއްގެ ނަން އޭސީސީން އާއްމު ކޮށްފައިވީ ނަމަވެސް، މިހާރު އެ އަދަދު 300 އަށް ވުރެ މައްޗަށް އަރާފަ އެވެ.

"މިހާރު އެ އަދަދު ހުރީ 300 އަށް ވުރެ މަތީގައި. އެކަމަކު މީގެ ދެ ހަފުތާ ފަހުން އެ އަދަދު އަނެއްކާ ވެސް އިތުރު ވެދާނެ. އިތުރު ވަނީ، އަޅުގަނޑުމެން މި މައްސަލަ ބަލަމުންދާ ވަރަކުން އެ ލިސްޓަށް އިތުރު ނަންތައް ވަންނަމުންދާތީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ހިޔާނާތާ ގުޅިގެން، ތުހުމަތުކުރެވޭ 300 މީހުން އޭސީސީ އާއި، ފުލުހުންނާއި ބަންޑާރަ ނައިބުގެ އިތުރުން ޕްރޮސެކިޔުޓާ ޖެނެރަލާ ގުޅިގެން ވަނީ ގިންތި ކޮށްފައެވެ. އޭގައި ބަލާފައިވަނީ، އެ މީހަކު އެ ވަގުތު ހުރި މަގާމެއްގެ އިތުރުން، ފައިސާ ލިބުނު އަދަދާއި ހެކި ހުރި މިންވަރުގެ މައްޗަށެވެ. މިހާރުވެސް ދައުވާ ކުރުމަށް ދެ މައްސަލައެއް ފޮނުވާފައިވާއިރު، ކުރިއަށް އޮތް ދެ ތިން ހަފުތާގެ ތެރޭގައި އިތުރު ފަސް މައްސަލަ ދައުވާކުރަން ފޮނުވާނެ އެވެ.

"އެ ކޭސްތައް ފޮނުވީމާ، ހާމަވެގެންދާނެ މި ކޮމިޝަނުން މަސައްކަތް ކުރަނީ މިނިވަންކަމާއެކު، ވަކި މީހަކަށް އަދި ވަކި ކުލައަކަށް ވެސް ބެލުމެއް ނެތިކަން،" އޭނާ ވިދާޅުވި އެވެ.

ހެކި ނެތަސް މައުލޫމާތު ހާމަކުރަންޖެހޭ

ކޮމިޝަނުގެ ރައީސް ވަރަށް ހައްސާސީ ވާހަކައެއް ވިދާޅުވެފައި ވެއެވެ. އެއީ ހިޔާނާތުގެ ފައިސާ އަތަށް އެރި، ނުވަތަ އެމީހެއްގެ އަތް މަތިން ދައުރުވި ކޮންމެ މީހަކީ ކުށްވެރިއަކަށް ވުން ލާޒިމު ނޫން ވާހަކަ އެވެ. އަދި ދައުވާ ކުރެވޭނީ، އެކަމެއް ކޯޓުގައި ސާބިތު ކުރެވޭ މިންވަރަށް ހެކި ހުރެގެންކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ. އަދި ކޯޓަށް މައްސަލަ ފޮނުވުމުން، އެކަމުގައި ޝާމިލުވާ ބަޔަކު ހާމަވާނެ ކަމަށް ވިދާޅުވި އިރު ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އިތުރު މައުލޫމާތެއް ނުދެއްވި އެވެ.

އަސްއަދުގެ އެ ވިދާޅުވި ވާހަކަފުޅުން ކަންބޮޑުވާންޖެހޭ އިތުރު ކަމެއް ވަނީ ފެންމަތިވެފަ އެވެ. ދައުވާ ކުރެވޭ މިންވަރަށް ހެކި ނެތް ނަމަ، ހިޔާނާތުން ފަސްބައި ހަޑިވެފައިވާ ހުރިހާ ނަންތަކެއް ރައްޔިތުންނާ ހަމައަށް ތިލަވާނެ ހެއްޔެވެ؟ މިއީ މިހާރު އުފައްދަންޖެހިފައިވާ ސުވާލެކެވެ. މީގެ ނުވަ މަހެއްހާ ދުވަސްކުރިން ވެސް އުފެދުނު ސުވާލަށް ބުރާސްފަތި ދުވަހުވެސް ޖަވާބެއް ނުލިބުނެވެ.

މިދިއަ އޮކްޓޯބަރު މަހު ރިޔާސީ ކޮމިޝަނާއި، އޭސީސީގެ އިތުރުން ފުލުހުން ގުޅިގެން ހަމަ 300 އާ ގާތްކުރާ އަދަދެއް ހާމަ ކުރި އެވެ. އެސްއޯއެފްގެ އެކައުންޓުތަކުން ސީދާ ފައިސާ ޖަމާވި 150 އެއްހާ ފަރާތްތަކުގެ ނަންތައް ފިޔަވައި، ހޯދުނުކަމަށް ބުނާ ހުރިހާ މައުލޫމާތެއްގައި އަދިވެސް ތިބީ އަތް އަޅައި، ފޮރުވައިގެނެވެ.

ބޮޑު ހިޔާނާތުގެ މަންފާ ލިބުނު އަދަދުތައް

  • ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރުން
  • ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރުން
  • މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރުން
  • ކުރީގެ ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި 30 ބޭފުޅުން
  • މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅުން
  • ފަސް ފަނޑިޔާރުން (ކުރީގެ ފަނޑިޔާރުންނާއި މިހާރުގެ ފަނޑިޔާރުން ހިމެނޭ)
  • ފުލުހުންނާއި ސިފައިންގެ ހަތް އޮފިސަރުން

އޭގެ ތެރޭގައި މިހާރު ހިނގަމުންދާ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން، މިހާރުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުންތަކެއް ހިމެނޭ ކަމަށް ބުނި ނަމަވެސް، އެއީ ކޮން ބައެއް ކަމެއް މިއަދާ ހަމައަށް ވެސް ރައްޔިތުންނަށް ހާމަކޮށްފައެއް ނުވެ އެވެ. އަދި ވަޒީރަކު ދުވަސް ކޮޅަކަށް ސަސްޕެންޑު ކުރުން ފިޔަވައި، އެކަމާމެދު އެއްވެސް ފިޔަވަޅެއް އެޅި މަންޒަރެއް ވެސް ނުފެނެ އެވެ. ތުހުމަތުވާ ބޭފުޅުން އެ މަގާމުތަކުގައި ތިބި ގޮތަށް ތިއްބެވީ އެވެ. އެއާއެކު، ދައުވާ ކުރެވޭ ވަރަށް ހެކި ނެތުމަކީ، ރައްޔިތުންނަށް އެބައެއްގެ މައުލޫމާތު ނޭނގި އޮންނަންޖެހޭ ސަބަބެއް ކަމަށް ވުމަކީ ގަބޫލު ކުރަން ދަތިކަމަކަށް ވަނީ ވެފަ އެވެ.

ކުރުކޮށް ދަންނަވާ ކަމަށް ވާނަމަ، މީގެން ވަކި އެއްވެސް ބަޔަކު އިސްތިސްނާ ނުވާ ގޮތަށް، ގިނަ ބަޔަކަށް މީގެ މަންފާ ކޮށްފަ ހުރީ، ނޫނީ މީގެ ނާޖާއިޒް ގޮތުގައި ފައިސާ ލިބިފަ ތިބި މީހުން ވަރަށް ގިނަ، ވަރަށް ގިނަ ސެކްޓާތައް އެބަހުރި. ޖުމްލަކޮށް ދަންނަވާ ނަމަ ވަކި ސެކްޓާއެއް ވަކި ބަޔަކު މީގެން އިސްތިސްނާ ކުރެވޭކަށް ނެތް
އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އަސްއަދު

ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ކޮމިޔުނިކޭޝަންސް އެންޑް އެޑްވޮކަސީ މެނޭޖަރު އައިމަން ރަޝީދު ވިދާޅުވި ގޮތުގައި، އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ކުރެވޭ ދައުވާތަކަކީ ވަކި ބަޔަކަށް އަމާޒުކޮށްގެން ބޭނުންކުރާ ސިޔާސީ ހަތިޔާރެއް ނޫންކަން ރައްޔިތުންނަށް ގަބޫލުކުރެވެންޖެހޭ ކަމަށެވެ.

"އެކަމަކު އެގޮތަކަށް ނޫން އަދި މި ފެންނަނީ. ހެކި ހުރެގެން ދައުވާ ކުރެވޭ މައްސަލަތަކަކީ އެކަމުގައި ޝާމިލުވާ ހުރިހާ އެންމެން ހިމެނޭގޮތަށް ކުރާ ކަމަކަށް ވާންޖެހޭ،" އައިމަން ވިދާޅުވި އެވެ.

އައިމަން ވިދާޅުވި ގޮތުގައި، ރައްޔިތުންނާ ހަމައަށް ތިލަވާ ފަރާތްތަކަކީ ހަމައެކަނި ހެކި ހުރި މައްސަލަތަކަށް ވުމަކީ ގަބޫލުކުރަން ދަތިކަމެއް ކަމަށާއި، ކޮމިޝަނުގެ ރިޕޯޓުވެސް އެއްވެސް ހިފެހެއްޓުމެއްނެތި ހާމަކުރަންޖެހޭ ކަމަށެވެ. އެގޮތުން، ޑޮލަރު ގަތުމުގެ ނަމުގައި އެސްއޯއެފާއެކު މުއާމަލާތްކޮށްފައިވާ ހުރިހާ ފަރާތެއްގެ ވަނަވަރު ރައްޔިތުންނަށް އެނގެންޖެހޭކަން ވެސް އައިމަން ފާހަގަކުރެއްވި އެވެ.

"ބިޒްނަސް ޓްރާންސްއެކްޝަނެކޭ ބުނެ ނިންމާލެވިގެން ނުވާނެ. އެންމެނަށްވެސް އެނގޭނެ ނައިބު ރައީސަކަށް ލިބޭ މުސާރަ. މިލިއަނުން ޑޮލަރުގެ މުއާމަލާތްތައް ހިންގާއިރު، އިނަސަންޓްކަމަށް ހެދިގެން އެންމެން އޭރު އުޅުނީ. އެކަމަކު އޭރުވެސް ޝައްކުވާންޖެހޭ ދައުލަތު އިދާރާތަކާއި ކުންފުނިތައްވެސް ނޭނގޭކަމަށް ހަދައިގެން އެ މުއާމަލާތްތައް ހިންގަމުން ދިއައީ،" އޭނާ ވިދާޅުވި އެވެ.

ތަކުރާރު ނުވާނީ ވަނަވަރު ހާމަކޮށްގެން

ބޮޑު ހިޔާނާތް ތަހުގީގު ކުރުމަށް އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަންގެ އެންމެ ބޮޑު މަގުސަދަކަށް ވެސް ވެގެން ދިޔައީ ދައުލަތުގެ ނިޒާމުގެ ތެރެއިން މިވަރުގެ ބޮޑުކަމެއް ހިނގައިގެން ދިޔަ ގޮތް ހޯދައި ދެނެގަތުމުގެ އިތުރުން، ދެން ކުރިއަށް އޮތްތަނުގައި މިފަދަ ކަމެއް ތަކުރާރުވިއަ ނުދިނުމެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ މިހާރު ހިޔާނާތާ ގުޅޭ ރިޕޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވަައިފަ އެވެ. އަސްއަދު ވިދާޅުވީ އެ ރިޕޯޓުގައި ތަހުގީގަށް ފާހަގަވި ކަންކަމާއި ރެކޮމެންޑޭޝަންތައް ހިމަނާފައިވާނެ ކަމަށެވެ.

އެގޮތުން މައްސަލައަށް ގާނޫނީ ހަމަތަކުގެ ތެރެއިން ހައްލެއް ހޯދުމާ އެކު، އިގްތިސާދީ މަންފާއާއި އިގްތިސާދީ ގޮތުން ބަލަންޖެހޭ ކަންތައްތަކަށް ބަލައިގެން މިކަމަށް ހައްލެއް ހޯދުމަށް ރިޕޯޓުގައި ހިމަނާފައިވާނެ ކަމަށް އަސްއަދު ވިދާޅުވި އެވެ.

އެއީ މަދަނީ މައްސަލައެއް ނަމަވެސް، ރަށެއް ހޯދުމުގައި އެއްވެސް ކަހަލަ ޖިނާއީ މައްސަލައެއް ހިނގާފައި ވާނަމަ އެކަން ހުއްޓާލެވިގެން ނުވާނެ ކަމަށްވެސް ރެކަމެންޑޭޝަންގައި ހިމަނާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މިފަދަ ބޮޑު ޖަރީމާއެއް ދެން ހިނގުމުގެ ފުރުސަތު އެންމެ ބޮޑަށް ހަނިކުރެވޭނީ ހިޔާނާތުގެ ފައިސާ ހޭކުނު އަތްތައް ދައުލަތުގެ މުއައްސަސާތަކުންނާއި، ކުންފުނިތަކުން ބޭރުކުރެވިގެނެވެ. އެއީ ހެކި ހުއްޓަސް އަދި ނެތަސް "ޒީރޯ ޓޮލަރަންސް"ގެ ދަށުން ސަރުކާރަށް ކުރެވޭނެ އަދި ކުރަންޖެހޭވެސް ކަމެކެވެ. ދެން ތިބީ އިންތިހާބީ މަގާމުތަކުގައި ތިބި ފަރާތްތަކެވެ. އެފަދަ މީހުންނަށް ދެން ވޯޓު ދެދޭންވެސް ނުވަތަ ނުދޭންވެސް ރައްޔިތުންނަށް އެނގޭނީ އެ މައުލޫމާތު ހާމަކޮށްގެނެވެ.

އައިމަންވެސް ފާހަގަ ކުރެއްވި ގޮތުން ނަމަ، ހެކި ނެތުމަކީ މި ޖަރީމާއިން އެމީހުން ބަރީއަވެގެން، ރައްޔިތުންގެ ފައިސާއަށް އަނެއްކާވެސް ހިޔާނާތްތެރި ވުމުގެ ދޮރު ހުޅުވައިދީފައި ބާއްވަންޖެހޭ ހުއްޖަތަކަށް ވެގެން ނުވާނެ އެވެ. ޕަބްލިކް އޮފިޝަލުންގެ ހައިސިއްޔަތުން ރައްޔިތުންނަށް ހިދުމަތްކޮށްދޭން، ދައުލަތުގެ ފައިސާއިން މުސާރަ ލިބޭ ބައަކަށް ހިޔާނާތުގެ ފައިސާ، ކޮންމެ ގޮތަކަށް ލިބުނު ނަމަވެސް، އެއީ ޒާތީ މައުލޫމާތެއްގެ ފޮށާ އަޅުވާފައި ބޭއްވިގެން ނުވާނެ އެވެ.

އަސްއަދު ކިތަންމެ އުއްމީދާއެކު ވިދާޅުވި ނަމަވެސް، ގެއްލުނު ފައިސާގެ އެއްވެސް މިންވަރެއް ހޯދޭނެކަމީ ނާދިރުކަމެކެވެ. ޖޫރިމަނާގެ ގޮތުގައި، ގެއްލުނު ވަރަށް ބޮޑު އަދަދެއްވެސް ހޯދިދާނެއޭ އޭނާ ވިދާޅުވިޔަސް، އެމްއެމްޕީއާރުސީ ހިޔާނާތުގައި ހަމައެކަނި ހުކުމް އިއްވި މައްސަލާގައިވެސް އެންމެ ލޯ ލާރިއެއްވެސް ޖޫރިމަނާގެ ގޮތުގައި އަދި ލިބިފައެއް ނުވެ އެވެ. އެހެންވީއިރު، ހަތަރު ބިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ވެގެން އުޅޭއިރު، އޭގައި ޖެހުނު ބަޔަކު ރައްޔިތުންނަށް ހާމަކޮށްދިނުމަކީ މިހާރު ރައްޔިތުންނަށް ހައްގުވާ އެންމެ ކުޑަ މިންވަރެވެ.