މިއީ 1930 ގެ އަހަރުތަކުގެ ތެރޭގެ ހާދިސާ އެކެވެ. މާވެވަށް ބޮޑު ގެރިއެއް ވެއްޓިއްޖެ އެވެ. އެ ގެރި ހިނގަމުން ހިނގަމުން ގޮސް އެ ފެންގަނޑުން ފެންބޮމުން އެރެމުން ގޮސް ކިސަޑުގައި ހަތަރެސްފައު ހަރުލީ އެވެ. ގެރީގެ ބަނޑު ފެންގަޑުގައި ޖެހިފައި އޭގެ އިތުރަށް ނުގެނބި ހައްޔަރުވީ އެވެ. އޭރަކީ ކެރޭނެއް ހުވަފެނުންވެސް ދެކިފައިވާ ދުވަސްވަރެއް ނޫނެވެ. ވީމާ އަވަށުވެރިން ވިސްނާވަޑައިގަތީ ސޭލައެއް ޖަހައިގެން ގެރި ނަގާށެވެ. އެކަމަކު ސޭލާއެއް ހަދާނެ ގޮތަކާމެދު އެއްބަހެއް ނުވެވުނެވެ. ބަހުސް ހަމަ އޮވެގެން ދިގުވަނީ އެވެ. ގެރި އޮވެގެން ބަލިވަނީ އެވެ.
ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ބަލައި، އެކަމުގައި ވަށައިގެންވާ އެންމެނާއެކު އެ ފައިސާތައް އަނބުރާ ހޯދާނެ ކަމުގެ ފޮނި ވައުދުތަކާއެކު ވެރިކަމަށް އައި ސަރުކާރަށް އަންނަ މަހު ދެ އަހަރު ފުރޭނެ އެވެ. ސަރުކާރު އެކަންޏެއް ނޫނެވެ. ހިޔާނާތުގެ ވާހަކަ އަޑަށް ބާރުލާފައި، ޕޯޑިއަމްތަކުގައި ލެވި ހަޅޭކުގަ އަޑު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމާ ހަމައަށް ގުގުމާލަން، ނަމެއްގައި ވިޔަސް ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީއަށް ރައްޔިތުން ނުކުމެ، ބާލިދީ ފުރާ ވޯޓުދިނީ ތަފާތެއް ފެންނާނެކަމުގެ އުއްމީދުގަ އެވެ.
އަތްތައް ގިނަވެ، ތަހުގީގު ވާނުވާގައި
ގައުމު ހިންގުމުގެ ހުންގާނުގައި އަތްޕުޅު ޖެހުމާއެކު، ބިސްމި ކިޔުއްވާފައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފުރަތަމަ ކުރެއްވި އެއް ކަމަކީ ރައްޔިތުންނަށް ވި ވައުދު ފުއްދަވަން، ލިސްޓުގެ އެންމެ ކުރީގައި އޮތް ކަންކަމަށް ރިޔާސީ ކޮމިޝަން އުފެއްދެވުމެވެ. އޭގެ ފަހުން މަޖިލިސް މެދުވެރި ކުރައްވައި، ގާނޫނީ ބޮޑެތި ބާރުތަކެއް ދިން ކޮމިޝަންތަކުގެ ތެރޭގައި ހިޔާނާތް ބެލުމުގެ ކޮމިޝަނު ވެސް ހިމެނުނެވެ.
ނަމަވެސް، ކުރު ދޮށީގައި ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައިގެން، ފެށި ތަހުގީގުތައް މިހާރު ވެގެންގޮސްފައި ވަނީ ހަގީގަތުގައިވެސް "ޖަމަލު ފޮޑި" އަކަށެވެ. ބޮޑު މުސާރައެއް ދިނުން ފިޔަވައި، އަދާ ހަމައަށްވެސް އޮއްޓަރެއް ހުރި އެއްވެސް ކަމެއް ނުކުރެވުނެވެ. ދިގު ވަމުން ދިއައީ އެ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގައި ތުހުމަތުކުރެވޭ ލިސްޓެވެ.
އެ ހިޔާނާތް ހިންގުމަށް ބޭނުންކުރި އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފް ކުންފުނިން ފައިސާ ލިބުނު ކަމަށް 155 ފަރާތެއްގެ ނަން އޭސީސީން އާއްމު ކޮށްފައިވީ ނަމަވެސް، މިހާރު އެ އަދަދު 300 އަށް ވުރެ މައްޗަށް އަރާފައި ވެއެވެ. އެ އަދަދު ހާމަކުރި ފަހުން ބަރާބަރު އަހަރެއް ހަމަވާން ދާއިރު، އެ ބުނާ ބަޔަކަށް ދައުވާ ކުރުން އޮތީ ހަމައެކަނި ވާހަކައެއްގެ ގޮތުގައި އެވެ.
ބޮޑު ހިޔާނާތުގެ މަންފާ ލިބުނު އަދަދުތައް
- ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރުން
- ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރުން
- މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރުން
- ކުރީގެ ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި 30 ބޭފުޅުން
- މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅުން
- ފަސް ފަނޑިޔާރުން (ކުރީގެ ފަނޑިޔާރުންނާއި މިހާރުގެ ފަނޑިޔާރުން ހިމެނޭ)
- ފުލުހުންނާއި ސިފައިންގެ ހަތް އޮފިސަރުން
ތުހުމަތުގެ ލިސްޓާ ދާދި އެއްވަރަށް، ދިގުވެފައިވަނީ ތަހުގީގަށް އަތް ބާނައިގެން އުޅޭ މުއައްސަސާތަކުގެ އަދަދެވެ. ރިޔާސީ ކޮމިޝަނާއެކު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން އަދި ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީސް އަދި ބަންޑާރަ ނައިބުގެ އޮފީސް ވެސް ވަނީ މައްސަލަތައް ބެލުމުގައެވެ. އެ ހުރިހާ އިދާރާތަކެއް ގުޅިގެން ހިންގާ ތަހުގީގެއްގެ ބަހާނާގެ ނިވަލުގައި، މުޅި ތަހުގީގު އޮތީ ވާނުވާގައި އެވެ. ތަހުގީގު އޮތް ހިސާބަކާ ގުޅޭ ސީދާ ޖަވާބެއް ދެވޭނެ ބޭފުޅަކު އެ މުއައްސާތަކުގައެއް ނެތެވެ.
އެ ދަރަޖައަށް ތަހުގީގު ގަޑުބަޑުވެފައިވާކަމުގެ މަލަމަތި ފެންނަމުންދާއިރު، ސަރުކާރުގެ ބައެއް ބޭފުޅުންނާއެކު، ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސް އެ ޝަކުވާގެ އަޑު މިހާރު ވަނީ ގަދަވާން ފަށައިފަ އެވެ. ހާއްސަކޮށް އެމްޑީޕީގެ މެންބަރުންގެ ނުރުހުން މި ފަހުން އެންމެ ބޮޑަށް އަމާޒުވެފައިވަނީ އޭސީސީ އަށެވެ. ކުރީ ސަރުކާރުގެ ވަސްވެސް ނުދުވާ މިންވަރަށް އެ ކޮމިޝަން ދޮވެ ސާފުކޮށް، މި ސަރުކާރުން ބޭނުންވާ މެންބަރުން އައްުުޔަންކޮށްގެންވެސް އެ ހިޔާނާތުގެ ތަހުގީގު ގުޑާލާ ތަން ނުފެންނާތީ އެ ކަންބޮޑުވުމެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ދައުވާކޮށް، ގެއްލުނު ފައިސާ އަނބުރާ ހޯދުމުގައި ތަހުގީގީ އިދާރާތައް ފެއިލްވެފައިވާ ކަމަށް އެމްޑީޕީގެ ގިނަ މެންބަރުން ދެކެއެވެ. އެ ފާޑުކިޔުމުގެ އެންމެ ހޫނުކަން އެންމެ ބޮޑަށް ކުރަމުން ދަނީ އޭސީސީ އަށެވެ. ހާއްސަކޮށް، އެ ހިޔާނާތް ނުބަލައި، މި ސަރުކާރާ ގުޅުން އޮތް އެކި ބޭބޭފުޅުންގެ "ކުދިކުދި" މައްސަލަތައް ބަލާ ކަމުގެ ޝަކުވާއާއެކު އެވެ.
ދައުލަތުން ގެއްލުނު ފައިސާ އަނބުރާ ހޯދަން ނުކުޅެދި، ހިޔާނާތް ތަހުގީގު ކުރަން މުއައްސާސަތަކަށް ކުރާ ހަރަދުން އެއީ ދައުލަތަށް ދެކޮޅުޖެހޭ ކަމެއްތޯވެސް މިހާރު ވަނީ ސުވާލު އުފައްދަން ފަށައިފަ އެވެ.
ހިޔާނާތުން ގެއްލުނު ފައިސާގެ ތެރެއިން ދައުލަތަށް އަނބުރާ ހޯދުނީ ކިހާ ފައިސާއެއް ހެއްޔެވެ؟ އަދި އެ ފައިސާ ހޯދަން މިހާތަނަށް ދައުލަތުން ކިހާ ހަރަދެއް ކޮށްފި ހެއްޔެވެ؟ މިއީ ހައްތާހާވެސް މަޖިލީހުގެ ތަޅުމުގައި މި ފަހުން އިވިގެން އައި ސުވާލުތަކެވެ.
އޭސީސީ އުފެދުނު ފަހުން 12 އަހަރު ވެފައިވާއިރު ކޮރަޕްޝަނާ ގުޅިގެން ކިތައް މީހުންގެ މައްޗަށް ދައުވާ ކުރެވުނުތޯ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ސުވާލު އުފައްދަވަ އެވެ.
"ކިހާ ފައިސާއެއްތޯ ދައުވާކޮށްގެން ހޯދުނީ. ނުވަތަ އެ ކޮރަޕްޝަން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތާއި ދޭތެރޭ ރައްޔިތުން ދެކެނީ ކިހިނެތްތޯ މިއީ އަޅުގަނޑުމެން މިއަދު ކޮށްލަން ޖެހޭ ސުވާލެއް،" އަލީ ހުސައިން ވިދާޅުވި އެވެ.
މި ފަހުން ބޭއްވުނު މަޖިލީހުގެ ޖަލްސާތަކުގައި ވެސް އޭސީސީ އާ މެދު އޮތް ކަންބޮޑުވުން ބަންޑުވެންފައިވާއިރު، އެކަމުގެ ތެރެއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވަންނަވައިފަ އެވެ.
"އަޅުގަނޑަކަށްވެސް އެއްވެސް މިންވަރަކަށް ވިސްނައިގަންނަން ވެސް ނޭނގިގެން މިއުޅެނީ، އޮޅިފައި މިހުރީ އެމްއެމްޕީއާރުސީގެ މައްސަލަ ތުހުމަތު ކުރެވޭ މީހުން ސާފުކޮށް އެނގޭއިރު އެކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ފުލުހުން ވެސް ޕްރޮސެކިޔުޓާ ޖެނެރަލް ވެސް އެއްވެސް ދައުވާއެއް ނުއުފުލާ ތިއްބަވާ ސަބަބެއް އެއީ ވަރަށް އަޅުގަނޑު ވަރަށް ބޮޑަށް ހުއްޓުން އަރާ ކަމެއް،" މިދިއަ ހަފުތާގެ ޖަލްސާއެއްގައި ނަޝީދު ވިދާޅުވެފައިވެ އެވެ.
އޭސީސީއަށް ބިރު ދައްކަނީ؟
އޭސީސީއަށް މިފަހުން ކުރިމަތިވެގެން މިއުޅޭ ޕްރެޝަރަކީ، ހަގީގަތުގައި ވެސް އެމްއެމްޕީއާރުސީގެ ތަހުގީގު ލަސްވުމާގުޅޭ ޖާއިޒު ކަންބޮޑުވުމެއްތޯ ނޫނީ މި ސަރުކާރުގެ މައްސަލަތައް ބަލާތީ އޮތް ނުރުހުމެއްތޯ އެއީ ވެސް މިހާރު އުފައްދަންޖެހިފައިވާ ސުވާލެކެވެ.
އޭސީސީގައި ތިބި މެންބަރުންގެ މައްޗަށް އިތުބާރު ގެއްލިފައިވާކަމަށް ބައެއް މެންބަރުން މިހާރު ވިދާޅުވާން ފަށާފައިވާއިރު، މިދިއަ ހަފްތާގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި ވެސް "އިތުރު ގޮތެއް ހޯދަންޖެހިދާނެ" ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.
އެ ދުވަހު އޭސީސީ ކޮމިޓީއަށް ހާޒިރުކުރީ ކޮވިޑް-19 އާ ގުޅިގެން ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ހެލްތު މިނިސްޓްރީގެ ބޭފުޅުން ހިޔާނާތް ހިންގާފައިވާކަމަށް ބުނާ މައްސަލަ ލަސްވާތީ، ސުވާލު ކުރުމަށެވެ.
ވެންޓިލޭޓަރު މައްސަލަ ލަސްވާތީ ކޮމިޓީއަށް ހާޒިރު ވާން ނޯޓިސް ފޮނުވި ފަހުން އެ ރޭގެ ވަގުތެއްގައި ދައުވާ ކުރަން ފޮނުވީ، އެ މައްސަލަ ކޮމިޓީއަށް ހާޒިރުވުމުގެ ކުރިން ނިންމުމަށް ކަމަށް އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ކޮމިޓީގައި އިއުތިރާފުވެ ވަޑައިގެންނެވުމުން، މެންބަރުންނަށް އޮތް ޕްރެޝަރު ހާމަވެގެން ދިއަ އެވެ.
ވެންޓިލޭޓަރު މައްސަލާގައި ދައުވާކޮށްފައި އޮތުމުން، ކޮމިޓީގެ މެންބަރުންގެ ސުވާލުތައް އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ދިމާއަށް އެނބުރިގެން ގޮސްފައިވާއިރު، އެކަމަށް އެކަށީގެންވާ ޖަވާބެއް ލިބުމުގެ ބަދަލުގައި، އިވިގެން ދިއައީ، ބަހަނާތަކާއި ނާގާބިލުކަމުން އިއުތުރާފެކޭ ބުނުމުގެ ޖާގަ ލިބެ އެވެ.
އެ ތަހުގީގު ނިންމޭނެ ސީދާ ތާރީހެއް، ގަދަކަމުން ނަމަވެސް ހޯދަން މެންބަރުން ކުރި މަސައްކަތުން އަނެއްކާވެސް ހާމަވީ ހަމަ ކުރިން ވެސް އޮތް ކަންބޮޑުވުމެވެ. ތަހުގީގުގައި އަތްތައް ގިނަވެ، ގަޑުބަޑުވެފައިވާކަމެވެ.
އޭސީސީގެ ރައީސް ޝިއުނާ ވިދާޅުވި ގޮތުގައި އެ ތަހުގީގު މިހާރު ކުރިއަށް ދަނީ އޭސީސީގެ އިތުރުން ފުލުހުންނާއި، ހިޔާނާތް ބަލާ ރިޔާސީ ކޮމިޝަން ފަދަ ގިނަ މުއައްސަސާތަކެއް ގުޅިގެނެވެ.
"މި ވަގުތަށް، އެމްއެމްޕީއާރުސީގެ މުޅި މައްސަލަ، ނޫނީ އޭގައި ހިމެނޭ ވަކި މައްސަލައެއް ވިޔަސް، ނިންމޭނެ ވަކި ޑެޑްލައިނެއް ދޭން ހަމަ ދަތި،" ޝިއުނާ ވިދާޅުވި އެވެ.
ޝިއުނާގެ އިއުތިރާފުން މިދިއަ ހަފްތާގެ ޖަލްސާއެއްގައި ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު އީސާ ދެއްކެވި ވާހަކަފުޅަށް ބާރު ލިބެ އެވެ.
އީސަ ވިދާޅުވި ގޮތުގައި އެ ވައްކަމަކީ މާ "މޮޅަށް" ކުރި ވައްކަމެއް ނޫނެވެ، އެ ހިޔާނާތުގެ ފައިސާ ގޯނި ހިފައިގެން ތިބެ މުޅި ދައުލަތް ބަހާލީ އެވެ. އޭގެ ތެރޭގައި ސިޔާސީ މަގާމުތަކުގައި ތިބި މީހުންނާއި، މިނިވަން މުއައްސަސާތަކާއި ބޭންކުތަކާއި ވިޔަފާރިތައް ހިމެނޭއިރު، އެ ތަހުގީގު ކުރިއަށް ނުގެންދެވޭނެ އެވެ.
ތަހުގީގު ކުރާ ފަރާތްތަކަށްވުރެ ފުރިހަމަ މައުލޫމާތުތައް "ކެފޭ" ތަކުން ލިބެންހުންނައިރު، އެ ތަހުގީގު ކުރަން ތިބި މީހުންގެ ތެރެއިން 70 ޕަސެންޓް މި ހިޔާނާތުގައި ބައިވެރިވާ ކަމަށް އީސަ ތުހުމަތު ކުރައްވަ އެވެ.
"ތަހުގީގު ކުރަން އެތާ އިންނަ މީހާ ހިމާޔަތް ކުރަންޖެހޭ ހަތަރު ފަސް މީހުން މި ލިސްޓުގައި ހިމެނޭ. ސިޔާސީ ޕާޓީތަކުން ހިމާޔަތްކުރަންޖެހޭ މީހުން އެބަތިބި. ސަރުކާރުން މި ރައްޔިތުންގެ މަޖިލީހުން ހިމާޔަތްކުރަންޖެހޭ މީހުން އެބަތިބި. ދެން ކިހިނެތް މި މަޖިލީހުން އައްޔަނުކުރާ ބަޔަކު ނޫނީ ސަރުކާރުން އައްޔަނުކުރާ ތަހުގީގީ އިދާރާއަކުން މި ތަހުގީގު ކުރާނީ،" އޭނާ ވިދާޅުވި އެވެ.
ކޮންމެ މަގުސަދެއްގައި ނަމަވެސް، އީސަ އެ ވިދާޅުވި ވާހަކަފުޅަކީ ބޮޑު ހިޔާނާތާ ގުޅިގެން ފުންކޮށް ވިސްނަންޖެހޭ ކަމެކެވެ. ތަހުގީގު ނިންމައި، ދައުވާ ކުރުން ލަސް ކުރަނީ ގަސްދުގައިތޯ، ނޫނީ ތަހުގީގީ އިދާރާތަކުން އެއް ބަޔަކު އަނެއް ބައެއްގެ ކުރި ކެނޑޭތީތޯ މިއީ މިހާރު އުފައްދަންޖެހިފައިވާ ސުވާލެކެވެ.
އެ ސުވާލުގެ ފަހުބައި، ކޮމިޓީގައި އޭސީސީގެ ރައީސަށް އަމާޒުވުމުން އެކަމަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ. ނޫނީ ކެރިވަޑައެއްނުގެންނެވި އެވެ. ތަހުގީގު ލަސްވަނީ ރިޔާސީ ކޮމިޝަނުގެ ސަބަބުން ކަމަށް ނުދަންނަވާނެކަމަށް ޝިއުނާ އެ ދުވަހު ވިދާޅުވި އެވެ. ނަމަވެސް، ބަހަނާއެއްގެ ތެރެއިން އޭސީސީން ކޮމިޓީގައި ބުނި ވާހަކައެއް އައިސް ބޮޑު ހިޔާނާތާ ސީދާ ގުޅެ އެވެ.
ޝިއުނާ ވިދާޅުވި ގޮތުގައި މި ވަގުތު ކޮމިޝަނުގައި ގިނަ މައްސަލަތަކެއް ހުރި އިރު، އެ މައްސަލަތައް ތަހުގީގު ކުރަން އެކަށީގެންވާ މިންވަރަށް ވަސީލަތްތައް ނެތެވެ. އެގޮތުން، މިހާރުގެ މެންބަރުން ކޮމިޝަނާ ހަވާލުވިއިރު، ތަހުގީގު ކުރެވެމުންދާ 500 އަށް ވުރެ ގިނަ މައްސަލަތައް ހުއްޓެވެ. އޭގެ ތެރޭގައި 2010 ވަނަ އަހަރުގެ މައްސަލަތައް ވެސް ހުއްޓެވެ. އަދި އެ ފަދަ ގިނަ މައްސަލަތަކުގެ މުއާލާތް ކެނޑިފައިވާއިރު، ތަހުގީގު ނިންމަން ގިނަ ގޮންޖެހުންތައް ކުރިމަތިވެ އެވެ.
އެ ވާހަކަތަކާ ގުޅިގެން، އުފައްދަންޖެހެނީ އެންމެ ސުވާލެކެވެ. އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ނުނިމި ލަސްވާ ކޮންމެ ދުވަހަކީ، އެ ފައިސާ އަނބުރާ ހޯދައި، އެކަމެއް ހިންގި ބަޔަކަށް އަދަބު ދިނުމަށް ކުރިމަތިވާ އިތުރު ގޮންޖެހުމެއް ނޫން ހެއްޔެވެ؟ އެ ތަހުގީގު ނުނިމި، ކަލަންޑަރުން ކެނޑޭ ކޮންމެ ގަނޑައަކާއެކު، އެ ބުނާ 500 މައްސަލައަށް ބޮޑު ހިޔާނާތް ވެސް އިތުރުވެގެން ނުދާނެތޯ މިއީ ކުރަންޖެހިފައިވާ ސުވާލެކެވެ.
ތަޅުމުގައި ބައެއް މެންބަރުން ވިދާޅުވި ގޮތަށް، ހިޔާނާތުގެ ފައިސާ ލިބުނު ބަޔަކު އިތުރު ވިޔަފާރިތައް ކުރަނީ އެވެ. ބޮޑެތި ގޯތިތަކާއި، އެޕާޓްމަންޓުތައް ގަނެ، ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލުކުރަނީ އެވެ. ތަހުގީގު ދިގުލައި ވަރަކަށް، އިންސާފުގެ ދިގު އަތް ނުޖެހޭ ހިސާބަށް އެ ބަޔަކު ދަތުރުކުރަނީ އެވެ. އެ ހިޔާނާތުން ގެއްލުނު ފައިސާގެ ތެރެއިން ލޯ ލާރިއެއް އަނބުރާ ހޯދުމުގެ ފުރުސަތު ހަނިވަނީ އެވެ.
މި ހުރިހާ ކަމެއްގެ ތެރެއިން މާވެވަށް ވެޓުނު ގެރިއާ ގުޅެނީ މި ހިސާބުންނެވެ.
މާވެވުން ގެރި ނެގުމުގެ ބަހުސްގައި އެއްބޭފުޅަކު ވިދާޅުވާ ގޮތަކާ އަނެއްބޭފުޅަކަށް އެއްބަސްވެ ވަޑައެއް ނުގެންނެވުނެވެ. އެއޮތް ބޮޑު ގެރި ނެގުމަކީ ކުޅަދާނަ ކަމެއްވެސް ނޫނެވެ. ދެން ބަހުސް ދިގުވަމުން ދަނީ އެވެ. ބައެއް ބޭފުޅުންނަށް ގެރި މަރުވެދާނެކަމަށްވެސް ހީފުޅުވަނީ އެވެ. އެހެންވެއްޖިއްޔާ އެއީވެސް ވަރަށް ބޮޑު ކަމެކެވެ. އެކަމަކު ބަހުސް އޮވެގެން ދިގުވަނީ އެވެ.
ވަކި ގޮތެއްނުނިމިގެން އުޅެނިކޮށް މީހަކުއައިސް ދެންނެވި އެވެ. ގެރި އަރައިގެން ހިނގައްޖެ އެވެ.