ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތީ ހިޔާނާތާއި ފަސާދައިގެ އަމަލުތައް ހުއްޓުވަން ވައުދުވެގެންނެވެ. ވަކިން ހާއްސަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ތަހުގީގުކޮށް ދައުލަތުން ގެއްލުވާލި ފައިސާ އަނބުރާ ހޯދާނެ ކަމުގެ ޔަގީންކަން ދެއްވުމަށްފަހު އެވެ. ރައީސް ސޯލިހް ވިދާޅުވާ ގޮތުގައި އެމަނިކުފާނު ސަރުކާރުގައި އޮތީ "ޒީރޯ ޓޮލަރެންސް" އެވެ. އެކަމަކު އެއީ ހަަމަ ވިދާޅުވި ބަސްފުޅެކެވެ. އެކަން މިހާރު އެބަ ހާމަވެ ޔަގީންވެ އެވެެ.
ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަސް -- ނޮވެމްބަރު 17، 2018 ގައި އެންމެ ފުރަތަމަ ވެސް ކުރެއްވި އެއް ކަމަކީ އެމަނިކުފާނުގެ ގަރާރަކުން ހިޔާނާތާއި ފަސާދައިގެ އަމަލުތައް ބެލުމަށް "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ"ގެ ނަމުގައ ކޮމިޝަން އުފެއްދެވުމެވެ.
ކޮމިޝަން އުފެއްދެވީ އެކަން ނުކުރަން ރައީސް ސޯލިހަށް ބައެއް ބޭފުޅުން ލަފާ ދެއްވަމުން ގެންދަވަނިކޮށެވެ. އޭގެތެރޭގައި ވާދަވެރި ސިޔާސީ ބޭފުޅުންނާއި ގާނޫނީ ބައެއް ބޭފުޅުން ވެސް ހިމެނެ އެވެ. ނަމަވެސް ރިޔާސީ ކޮމިޝަނެއް އުފައްދަވައިގެން ހިޔާނާތް ތަހުގީގުކުރުމަކީ ރައީސްގެ ވައުދަކަށް ވާތީވެ އެކަން ކުރެއްވީ އެވެ. ފަހުން ނިކުމެދާނެ މައްސަލަތަކަކަށް އެމަނިކުފާނު ވިސްނަވާފައެއް ނުވެ އެެވެ.
ކޮރަޕްޝަންގެ މައްސަލަތަކުގައި ރައީސް ސޯލިހްގެ އޮތީ ހެޔޮ ނިޔަތަކަށް ވެދާނެ އެވެ. އެކަމަކު ފެށުނީއްސުރެ ވެސް އަމަލުކުރެއްވުނީ އެންމެ ރަނގަޅަކަށް ނޫނެވެ.
އެސެޓް ރިކަވަރީ ކޮމިޝަންގެ އެންމެ ބޮޑު ބޭނުމަކީ ހިޔާނާތް ތަހުގީގު ކުރުމެވެ. ހިޔާނާތް ހިންގާ ފަރާތްތަކުން އެކަން ކުރަނީ ގާނޫނުގެ ދިގު އަތުން އެމީހުންގެ ގައިގައި ނުހިފޭނެ ހުރިހާ ގޮތެއް ކަށަވަރުކޮށް އަދި ހެކި ހޯދަން ދަތިވާނެ ހުރިހާ ގޮތެއް ހެދުމަށްފަހު އެވެ. އެހެންކަމުން ހިޔަނާތް ތަހުގީގުކުރަން މުޅިން އަލަށް އުފައްދަވާ ރިޔާސީ ކޮމިޝަނެއްގައި ހިޔާނާތުގެ އެފަދަ ބޮޑެތި މައްސަލަތައް ބަލައި ތަހުގީގު ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ގާބިލްކަން ނުހުންނާނެކަން އެއީ އެނގޭ ކަމެކެވެ. ދައުލަތުގެ ތެރޭގައި ހިންގާ ހިޔާނާތާއި ފަސާދައިގެ އަމަލުތައް ބަލައި ފިޔަވަޅު އަޅަން އުފައްދާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް 14 އަހަރު ފުރެން ދާއިރު އެ ކޮމިޝަނަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ވެސް ހިޔާނާތް ބަލަން ބޭނުންވާ ވަސީލަތްތަކާއި ބަޖެޓް ނެތުމެވެ. ކުރުކޮށް ބުނާނަމަ ގާބިލްކަން ނެތުމެވެ. އޭސީސީގައި ނެތް ގާބިލްކަމެއް ރިޔާސީ ކޮމިޝަނެއްގައި ހުންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން މައްސަލަތައް ބަލައި ތަހުގީގުކުރަން އިތުރު ބާރުތައް ބޭނުންވާކަމަށް ސަރުކާރަށް ފެނުމާ ގުޅިގެން ދެން އެޅުއްވީ ވެސް އެންމެ ރަނގަޅު ފިޔަވަޅެއް ނޫނެވެ. ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގެ ނަމުގައި ގާނޫނެއް ހަދާ އެސެޓް ރިކަވަރީ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ދެއްވީ އެވެ. މައްސަލަ އަކަށްވީ ބާރު ދެއްވުމެއް ނޫނެވެ. އެކަން ކުރެއްވި ގޮތެވެ. ގާނޫނުގައި އޮތީ ޖިނާއީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް އޭސީސީ އާއި ފުލުހުންނަށް ދީފައިވާ ހުރިހާ ބާރެއްހެން ރިޔާސީ ކޮމިޝަނަށް ދީފަ އެެވެ. މީގެތެރޭގައި މީހުން ހާޒިރުކުރުމާއި ކޯޓު އަމުރަށް އެދުމާއި ތަންތަނުގައި ހުރި ލިޔުންތައް ވެސް ކޮމިޝަނުން ބޭނުންވީމާ ހޯދެ އެވެ. އަދި ކޮމިޝަނުން ބޭނުންވާ މުވައްޒަފެއް ދައުލަތުގެ އިދާރާއެއްގައި ހުރި ނަމަ އެ މުވައްޒަފެއް ވެސް ކޮމިޝަނަށް ދޫކުރަން ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގައި ލާޒިމްކޮށްފައިވެ އެވެ.
އެސެޓް ރިކަވަރީ ކޮމިޝަނަށް ގާނޫނުން ދިން ބާރުތަކުގެ ގޮތުން ހިޔާނާތުގެ މައްސަލަތައް ބެލުމުގައި ވަކިން ހާއްސަކޮށް އެމްއެމްޕީއާރްސީގެ ހިޔާނާތް ބެލުމުގައި އޭސީސީއާއި ފުލުހުންނަށް ގާނޫނީ ގޮތުން ލިބިފައި އޮތް ބާރުތައް ވަރަށް ބޮޑަށް ހަނިވެގެންދޔަ އެވެ. ރިޔާސީ ކޮމިޝަންތަކުގެ ބިލްގެ ބަހުސްގައި މަޖިލީހުގެ ބައެއް މެންބަރުން ވެސް އެންމެ ބޮޑަށް ފާހަގަކުރެއްވި މައްސަލަ އަކީ އޭސީސީއާއި ފުލުހުންނަށް ލިބިގެންވާ ފަދަ ބޮޑެތި ބާރުތައް އެސެޓް ރިކަވަރީ ކޮމިޝަނަށް ދިނުމުން ފުލުހުންނާ އޭސީސީގެ ދައުރު ކުޑަވާ މައްސަލަ އެވެ. އޭގެބަދަލުގައި ބައެއް މެންބަރުން އޭރުވެސް ހުށަހެޅުއްވީ ހިޔާނާތް ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދުމުގެ ބަދަލުގައި ފުލުހުންނާއި އޭސީސީން ބޭނުންވާ ބަޖެޓާ ވަސީލަތްތައް ހޯދައިދީ އެ އިދާރާތަކުގެ ގާބިލްކަން އިތުރުކުރުމަށެވެ.
ސަރުކާރުން އެގޮތް ގަބޫލުނުކޮށް ކުރިއަށް ގެންދިއުމުގެ ސަބަބުން އެންމެ ބޮޑު ދެރައެއް ލިބުނީ އޭސީސީގައި މިދިޔަ އަހަރު ތިއްބެވި މެންބަރުންނަށެވެ. އޭސީސީގެ މެންބަރުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ މަޖިލީހުން އެ ބޭފުޅުން މަގާމުން ވަކިކުރާ ހިސާބަށް ދިއުމުން އޭސީސީގެ ހުރިހާ މެންބަރުން އެންމެ ފަހުން އިސްތިއުފާ ދެއްވީ އެވެ. އޭސީސީގެ އޭރުގެ މެންބަރުން މަގާމު ދޫކޮށްލަން މަޖުބޫރުވީ އޭސީސީގެ ހަގީގީ މަސައްކަތްތައް އެއްފަރާތްކޮށް އެސެޓް ރިކަވަރީ ކޮމިޝަނާ ގުޅިގެން މަސައްކަތް ކުރަންޖެހި ދެ އިދާރާގެ މަސްލަހަތު ފުށު އަރައި ނަތީޖާއެއް ނެރެވޭ ވަރުގެ އެއްވެސް މަސައްކަތެއް އޭސީސީ އަށް ވެސް ރިޔާސީ ކޮމިޝަނަށް ވެސް ނުކުރެވުމުންނެވެ.
ގާނޫނީ ގޮތުން ހުރިހާ ބާރެއް ދީގެން ވެސް އެސެޓް ރިކަވަރީ ކޮމިޝަންގެ ތިން އަހަރާއި ހަތަރުމަސްވީ މުއްދަތުގައި ދައުލަތަށް ހޯދައިދެވުނު އެންމެ ރުފިޔާ އެއް ވެސް ނެތެވެ. ނިމިދިޔަ ސަރުކާރުގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އިތުރަށް ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ހިންގި ޖަރީމާތަކާއި އެންސްޕާއާއި އާސަންދަ ތެރެއިން ހިންގާފައިވާ ވައްކަމާއި ބޮޑެތި މަޝްރޫއުތައް ވަކި ބަޔަކަށް ދީގެން ހިންގާފައިވާ ނާޖާއިޒު އަމަލުތަކުގެ ތެރެއިން އެއްވެސް ކަމެއް ސާބިތުކުރެވޭ ވަރަށް މައްސަލަތައް ނިންމާ ދައުވާކުރަން ފޮނުވިފައެއް ނުވެ އެވެ. އެކަމަކު ރިޔާސީ ކޮމިޝަންގެ ތިން އަހަރުގެ ތެރޭގައި މެންބަރުންގެ މުސާރަ އަށް އެކަނި ވެސް 9.1 މިލިއަން ރުފިޔާ އަދި އޮފީސް ހަރަދަށް 809،000 ރުފިޔާއާ އެކު ޖުމްލަ 10 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ. ހިޔާނާތާއި ފަސާދައިގެ ތެރެއިން ދައުލަތުން ގެއްލުވާލި އެތައް ބިލިއަން ރުފިޔާއެއްގެ ފައިސާ ހޯދަން ހަވާލުކުރި ރިޔާސީ ކޮމިޝަނުން ވެސް ދައުލަތަށް ދިނީ ގެއްލުމެވެ. އެހެން ދަންނަވަންޖެހެނީ ރިޔާސީ ކޮމިޝަންގެ މަސައްކަތުން ދައުލަތަށް ފައިސާއެއް ހޯދައިނުދެވި ދައުލަތުގެ މާލިއްޔާ އިން ބޮޑެތި ހަރަދުތަކެއް ކޮށްފައިވާތީ އެވެ.
ރިޔާސީ ކޮމިޝަންގެ މަސައްކަތް ފެއިލްވި އެންމެ ބޮޑު އެއް ސަބަބަކީ ކޮމިޝަން އުފެއްދެވި މަގުސަދު ގޯސްވުމެވެ. ކޮމިޝަން އުފެއްދެވީ 2012 ވަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ރައީސް ސޯލިހް ވެރިކަމުގެ ހުވާ ކުރެއްވުމާ ހަމައަށް ދައުލަތުގެ ތެރޭގައި ހިންގި ހިޔާނާތާއި ފަސާދައިގެ އަމަލުތައް ބެލުމަށެވެ. އެ ހިސާބުން ވެސް އެނގި ސާފުވަނީ ކޮމިޝަންގެ މަސައްކަތް އަމާޒުކުރީ ވަކި ބަޔަކު ހިފައި ހައްޔަރުކުރަން ކަމެވެ. އެ މަގުސަދު ހާސިލްވާ ގޮތަށް ރިޔާސީ ކޮމިޝަނުން ވެސް އަމަލުކުރި މަންޒަރު އޮތީ ފެންނާށެވެ. އެއީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓް ކަމަށް ބުނެ މަޖިލީހާ ހިއްސާކުރި ލިސްޓްގައި ހިމެނޭނެ ކަމަށް ގިނަ ބަޔަކަށް އެއްބަސްވެވޭ ނަންތަކެއް ލިސްޓުން އުނިކޮށްފައިވާތީ އެވެ.
ކޮމިޝަނަށް އައްޔަންކުރެއްވި މެންބަރުންގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތު ކުރެވޭ މެންބަރުން ތިއްބެވުމަކީ ވެސް ރައީސް ސޯލިހްގެ "ޒީރޯ ޓޮލަރެންސް" ފެއިލްވި ސަބަބެކެވެ. ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގު ކުރާނެ ގޮތުގެ ހުނަރާއި ތަޖުރިބާ ލިބިފައިވާ މެންބަރަކު ރިޔާސީ ކޮމިޝަނަށް އައްޔަންކުރައްވާފައި ނެތުމަކީ ހެއްދެވި ގޯހެކެވެ. މިހުރިހާ ގޯސްތަކަކާ އެކު، ހިޔާނާތާއި ފަސާދައިގެ މައްސަލަތައް ބެލުމުގައި ސަރުކާރުން ގެންގުޅުނު ސިޔާސަތު އެވަނީ ފެއިލްވެފަ އެވެ. އެސެޓް ރިކަވަރީ ކޮމިޝަން މިދިޔަ ބުރާސްފަތި ދުވަހު އުވާލެއްވުމުން އެކަން ވަކި ބޮޑަށް އެނގި ޔަގީންވެއްޖެ އެވެ.