ދައުލަތުގެ އިދާރާތަކުގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން އެތައް ބިލިއަން ރުފިޔާއެއްގެ ގެއްލުން ދައުލަތަށް ހުރީ ލިބިފަ އެވެ. މިފަދަ ކޮންމެ ގެއްލުމަކީ ސީދާ ގޮތެއްގައި ރައްޔިތުންނަށް އަސަރު ކުރާނެ ކަންކަމެވެ. ދައުލަތުން ހިންގަން ބޭނުންވާ ތަރައްގީގެ ބައެއް މަޝްރޫއުތަކާއި ދޭން ބޭނުންވާ ބައެއް ހިދުމަތްތައް ހުއްޓާލަން މަޖުބޫރުވާނެ ކަންކަމެވެ. ކޮރަޕްޝަނާ ގުޅޭ އެތައް މައްސަލަތަކެއް ތަހުގީގީ އިދާރާތަކަށް ހުށަހެޅި، ގޮތް ނުނިމި އެބަހުއްޓެވެ. މަގާމާ ނުފޫޒު ބޭނުންކޮށްގެން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކުގެ ތެރެއިން ދައުލަތުން ވަގަށް ނަގާފައިވާ އެތައް މިިލިއަން ރުފިޔާއެއް ނުލިބި އެބަވެ އެވެ.
ކޮރަޕްޝަންގެ ސަބަބުން ދައުލަތަށް ލިބޭ ގެއްލުން ކުޑަކުރުމަށާއި ކޮރަޕްޝަންގެ އަމަލުތައް ހިންގުން ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން މުހިއްމު ފިޔަވަޅުތަކެއް އެޅުއްވި އެވެ. އެގޮތުން ފެބްރުއަރީ 2019ގައި ތައާރަފް ކޮށްފައިވާ ވިސްލްބްލޯވާ ޕޯޓަލް އަކީ ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓްކޮށް ފަޅާއަރުވާލުމަށް ސަރުކާރުން ހުޅުވާލި ވަރަށް މުހިއްމު ދޮރާއްޓެކެވެ. އެ ޕޯޓަލް އަކީ ކާކުކަން ނޭނގޭ ގޮތަށް އަދި ހިމާޔަތް ލިބިގެން އޮންލައިންކޮށް މައްސަލަތައް ރިޕޯޓް ކުރެވޭ ވަސީލަތެކެވެ. އަދި އޭގެ ފަހުން ސަރުކާރުން ހުށަހަޅައިގެން މަޖިލީހުން ފާސްކޮށްފައިވާ ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނަކީ ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓްކުރާ ފަރާތްތަކަށް ގާނޫނީ ރައްކާތެރިކަން ލިބޭނެ ކަން ޔަގީންކޮށްދިން ގާނޫނެކެވެ.
ވިސްލްބްލޯކުރުމުގެ ގާނޫނުގައި ބުނާ ފަދަ ނޭދެވޭ އަމަލެއް ދައުލަތުގެ އިދާރާ އަކުން ނުވަތަ އަމިއްލަ ފަރާތަކުން ކޮށްފިކަން ނުވަތަ ކުރަމުންދާ ކަން ނުވަތަ ކޮށްފާނެ ކަމުގެ މައުލޫމާތު ކަމާ ގުޅޭ ފަރާތަށް ހުށަހެޅުމަކީ ވިސްލްބްލޯ ކުރުމެވެ. ގާނޫނުގައި ނޭދެވޭ އަމަލުގެ ގޮތުގައި ކަނޑައަޅާފައިވަނީ 12 ކަމެކެވެ. އޭގެތެރެއިން ކޮރަޕްޝަނަކީ އެއް ކުށެވެ. އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ހައިސިއްޔަތު ލިބިފައިވާ ގާނޫނީ ޝަހްސުތަކަށާއި ދައުލަތާއި އަމިއްލަ މުވައްޒަފުންނަށް ވެސް ވިސްލްބްލޯ ކުރެވެ އެވެ. ވިސްލްބްލޯކުރުމުގެ ފުރުސަތު ސިއްރުގައި އަދި ހިމާޔަތާއި ރައްކާތެރިކަމުގައި ކުރެވެން އޮތް ނަމަވެސް ކޮރަޕްޝަންގެ ހާލަތާއި ސަގާފަތަށް ބަދަލެއް އައި ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.
ވިސްލްބްލޯ ކުރުމުގެ ގާނޫނާ އެކު ބަދަލެއް އައިތަ؟
ވިސްލްބްލޯ ކުރުމުގެ ގާނޫނު އޮކްޓޫބަރު 17، 2019ގައި ވުޖޫދަށް އައުމުން ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓް ކުރުން އިތުރުވެ، ކޮރަޕްޝަންގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް އުއްމީދު ކުރެވުނެވެ. އެހެންނަމަވެސް ގާނޫނަށް އަމަލުކުރަން ފެށިތާ އެއް އަހަރާއި ނުވަ މަސް ވެގެން ދިޔައިރު ފާހަގަކޮށްލެވޭ ބޮޑު ބަދަލެއް ނުފެނެ އެވެ. އޭސީސީގެ ތަފާސްހިސާބުތަކަށް ބަލާއިރު ވިސްލްބްލޯ ކުރުުމުގެ ގާނޫނާ ގުޅިގެން ކޮރަޕްޝަންގެ މައްސަލައަށް ހެޔޮ ބަދަލެއް އައި ކަމަކަށް ވެސް ނުފެނެ އެވެ. އޭސީސީގައި 2018 ވަނަ އަހަރު 930 މައްސަލަ ރަޖިސްޓްރީކޮށްފައިވާއިރު، 2019 އަހަރު 1،397 މައްސަލަ ރަޖިސްޓްރީކޮށްފައިވެ އެެވެ. އަދި ނިމިގެން ދިޔަ 2020 އަހަރު 938 މައްސަލަ ވަނީ އޭސީސީގައި ރަޖިސްޓްރީކޮށްފަ އެވެ.
އޭސީސީގައި ރަޖިސްޓްރީ ކުރެވުނު މައްސަލަތައް 2019 އަހަރު އިތުރުވި މައިގަނޑު އެއް ސަބަބަކީ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމާ ގުޅިގެން ކެމްޕޭނާއި ކޮރަޕްޝަނާ ގުޅުވާ، މައްސަލަ ތަކެއް ހުށަހެޅުމުންނެވެ. ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ އެންމެ އިސް އިދާރާ އަށް ހުށަހެޅުނު މައްސަލަތަކުގެ ނަންބަރުތަކުން އެނގެނީ ގާނޫނަކުން ކޮރަޕްޝަންގެ ހާލަތަށް އައި ބަދަލެއް ނެތް ކަމެވެ. އެގޮތަށް ދިމާވަނީ މުއައްސަސާތަކަށް އާންމުން ކުރާ އިތުބާރު ކުޑަވުމުން ކަމަށް ގަބޫލުކުރެވޭ ސަބަބުތައް އެބަހުއްޓެވެ. މިދިޔަ އަހަރު އޭސީސީގައި 938 މައްސަލަ ރަޖިސްޓްރީކޮށްފައި އޮތް އިރު އެ އަހަރުގެ ތެރޭގައި ދައުވާ ކުރަން ފޮނުވާފައިވަނީ އެންމެ 15 މައްސަލަ އެވެ. މިކަމުން އެކަނި ވެސް އަންގައިދެނީ އިންސާފު ލިބުމުގެ މަގު ދިގު ކަމެވެ. އިންސާފަށް ކުރަންޖެހޭ އިންތިޒާރު ދިގު ކަމެވެ. އެއީ ގާނޫނަށް އަދި މުޅި ނިޒާމަށް އިތުރުބާރު ގެއްލޭނެ ކަމެކެވެ.
ގާނޫނު ވުޖޫދުވީ ފަހުން ބޮޑެތި ކޮރަޕްޝަން މައްސަލަތަކެއް
ވިސްލްބްލޯ ގާނޫނު ވުޖޫދުވި ފަހުން ފާހަގަކޮށްލެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެ އެ މައްސަލަތައް ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން ދަނީ ބަލަމުންނެވެ. އެގޮތުން ކޮވިޑް 19އާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ހޯދަން މިނިސްޓްރީ އޮފް ހެލްތާއި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ދެމެދު އެއްބަސްވުމެއް ހަދާ ހިންގާފައިވާ ކޮރަޕްޝަންގެ މުއާމަލާތްތައް ފާހަގަކުރަންޖެހެ އެވެ.
މިއެއްބަސްވުމުގެ ދަށުން 75 ވެންޓިލޭޓަރު ލިބެންޖެހޭއިރު މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު އެއްބަސްވުން ބާތިލްކުރުމާ ހަމައަށް ލިބިފައިވަނީ 15 ވެންޓިލޭޓަރެވެ. ނަމަވެސް ވެންޓިލޭޓަރު ގަތުމަށް ހުޅުވާލުމުން އެންމެ ބޮޑު އަގު ހުށަހެޅި ދުބާއީ ކުންފުންޏަށް މަސައްކަތް ހަވާލުކޮށް ސަރުކާރުން ވަނީ އެ ކުންފުންޏަށް 30.91 މިލިއަން ރުފިޔާ ދައްކާފަ އެވެ. އެމަސައްކަތް ކޮށްދިނުމަށް އެގްޒެކިއުޓާސް ކުންފުނިން ހުށަހެޅީ 34 މިލިއަން ރުފިޔާ އަށެވެ.
މިމައްސަލަ އޭސީސީން ތަހުގީގުކޮށް 12 މީހެއްގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ ކުރަން ޕީޖީ އޮފީހަށް ދެ ފަހަރަށް ހުށަހެޅި އެވެ. ނަމަވެސް ޕީޖީ ވަނީ މިމައްސަލައިގެ ތަހުގީގު ފުރިހަމަ ނުވާތީ ދައުވާ ސާބިތުކުރެވޭ ވަރަށް މައްސަލައިގައި އުންސުރު ފުރިހަމަ ނުވާ ކަމަށް ބުނެ ދެ ފަަހަރުވެސް ދައުވާ ކުރުމަށް އިންކާރުކުރައްވާފަ އެވެ. ނަމަވެސް ޕީޖީގެ ނިންމުން އަލުން މުރާޖައާ ކުރަން މިހާރު ވަނީ ނިންމަވާފަ އެވެ.
ވިސްލްބްލޯ ގާނޫނު ވުޖޫދުވި ފަހުން ފާހަގަކޮށްލެވޭ ކޮރަޕްޝަންގެ ދެވަނަ މައްސަލައަކީ ކޮވިޑް-19 އާއި ގުޅިގެން ހެދި ފެސިލިޓީތަކަށް 4،128 އޮކްސިޖަން ސިލިންޑަރު ގެނައުމުގައި މޯލްޑިވްސް ގޭހުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމް އަލީ ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަންގެ އަމަލުތަކެވެ. ސިލިންޑަރުތައް ގެނައިރު ގިނަ ސިލިންޑަރު ތަކަކީ ބާތަކެތި ކަމަށްވެސް ތުހުމަތުކުރެވެ އެވެ. މި މުއާމަލާތުގައި 16 މިލިއަނެއްހާ ރުފިޔާގެ ކޮރަޕްޝަން ހިމެނޭ ކަމަށް ކަމާ ގުޅޭ އިދާރާތަކުން ފާހަގަކޮށްފައިވެ އެވެ. މިމައްސަލާގައި އިކްރާމުގެ މައްޗަށް އަދި ދައުވާ އުފުލާފައެއް ނުވެ އެވެ. އެކަމަކު އޭނާ ގެންދަވަނީ ތުހުމަތުތައް ތަކުރާރުކޮށް ދޮގު ކުރައްވަމުންނެވެ.
މީގެއިތުރުން ގާނޫނު ވުޖޫދަށް އައި ފަހުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ފެނަކަ ކޯޕަރޭޝަންގައި ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަންގެ އެތައް މައްސަލަތަކެއް ވެސް އޭސީސީއަށް ވަނީ ހުށަހަޅާފަ އެވެ. އެކަމަކު އެތަނުން އެއްވެސް މައްސަލައެއް ނިންމާ އެއްވެސް ފަރާތަކަށް އަދި ދައުވާ އުފުލާފައެއް ނުވެ އެވެ.
ވިސްލްބްލޯ ކުރަން ގާނޫނުގައި ފުޅާކޮށް ފުރުސަތު ދީފައިވީ ނަމަވެސް ކުރިން ފާހަގަކުރި ތިން މައްސަލައިގެ ތެރެއިން ފެނަކަ ކޯޕަރޭޝަނާ ގުޅޭ ބައެއް މައްސަލަތަކުގައި އެތަނުގެ ބައެއް މުވައްޒަފުން ވިސްލްބްލޯގެ ގާނޫނުގެ ބޭނުން ހިފާފައިވެ އެވެ. އަނެއް ދެ މައްސަލަ ފެންމަތިކުރީ އެހެން ގޮތަކުން ކަމަށްވާއިރު ވިސްލްބްލޯ ކުރަން ހިތްވަރުދީ އެކަމަށް އަދިވެސް އާންމުން ހޭލުންތެރިކުރަންޖެހެ އެވެ. އެހެން ނޫނީ ގާނޫނެއް އޮތުމުގެ ބޭނުމެއް ނުފެނެ އެވެ.
ދައުލަތުގެ އިދާރާތަކުގައި އިންތިޒާމެއް ނެތް
ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 20 ވަނަ މާއްދާގައިވާ ގޮތުން މި ގާނޫނަށް އަމަލުކުރާ ދުވަހުން ފެށިގެން 90 ދުވަސް ހަމަވުމުގެ ކުރިން، ދައުލަތުގެ އިދާރާތަކުގައި ވިސްލްބްލޯ ކުރުމުގެ އެތެރޭގެ އިންތިޒާމު ހަމަޖައްސައި، އެ އިންތިޒާމުތަކުގެ މައުލޫމާތު އެފަރާތުގެ މުވައްޒަފުންނަށް ދޭންޖެހެ އެވެ. އެ އިންތިޒާމުތައް ހަމަޖައްސާފައި ހުރިތޯ ކަށަވަރުކުރުމާއި މޮނިޓާ ކުރުމަކީ މި ގާނޫނުގެ ދަށުން މިހާރު އުފައްދާފައިވާ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ކުރަންޖެހޭ ކަމެކެވެ.
ވިސްލްބްލޯ ގާނޫނުގައިވާ ގޮތުން ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަކީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ދަށުން އެ ކޮމިޝަނުން އެކުލަވާލަން ޖެހޭ މިނިވަން ޔުނިޓެކެވެ. މި ޔުނިޓްގެ ވެރިޔަކަށް ހުންނަވަނީ ވެސް އެޗްއާރްސީއެމުން ކަނޑައަޅުއްވާ ބޭފުޅެކެވެ. ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓް ހިންގާނެ ގޮތުގެ ގަވާއިދާއި އެ ޔުނިޓަށް ސިއްރުކޮށް މައުލޫމާތު ހުށަހެޅުމާއި ބަލައިގަތުމާއި، މައުލޫމާތު ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ގަވާއިދު އެކުލަވާލައި އެތަނުން ވަނީ އާންމުކޮށްފަ އެވެ. ޔުނިޓަށް މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ސިޓީން ނުވަތަ ފޯމަކުން ނުވަތަ އީމެއިލް މެދުވެރިކޮށް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ނުވަތަ ޔުނިޓަށް ހާޒިރުވެގެން މައްސަލަ ހުށަހެޅޭނެ އެވެ.
މީގެއިތުރުން ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުގައި ގާއިމުކުރަން ޖެހޭ އެތެރޭގެ އިންތިޒާމުތައް ގާއިމުކުރުމުގެ ގޮތުން އަމަލު ކުރަންޖެހޭ ގައިޑްލައިން ވެސް ޕްރޮޓެކްޝަން ޔުނިޓުން އެކުލަވާލައި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކާއި ހިއްސާކޮށްފައިވާ އެ ޔުނިޓުން ބުނެ އެވެ. އެހެންނަމަވެސް ދައުލަތުގެ އިދާރާތަކުގައި ވިސްލްބްލޯ ކުރުމަށްޓަކައި ހަދަންޖެހޭ އެތެރޭގެ އިންތިޒާމުތައް ނެތް އިދާރާތައް އަދިވެސް ހުރިކަން ބައެއް އިދާރާތަކުގެ މުވައްޒަފުންނާ ވާހަކަަދައްކާލުމުން އެނގެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ ވިސްލްބްލޯވް ކުރަން އެ މިނިސްޓްރީގެ ތެރޭގައި އިންތިޒާމެއް ނެތް ކަމަށެވެ. އަދި ގިނަ މުވައްޒަފުންނަށް އެއީ ލިބިގެންވާ ހައްގެއް ކަމާއި އެކަން ކުރުމުގައި އޮންނަ އިޖުރާތްތައްވެސް ނޭނގޭ ކަމަށެވެ.
"ވިސްލްބްލޯކުރުމުގެ ގާނޫނުން އެކަން ކުރާ މީހާ އަށް ލިބިދޭ ހައްގުތަކާއި ބާރުތައް އެނގޭނަމަ އަޅުގަނޑު ގަބޫލުކުރަނީ މިތަނުގައި [މިނިސްޓްރީގައި] ހުރި މައްސަލަ މުވައްޒަފުން އެ ހުށަހަޅަންޖެހޭ ގޮތަށް ހުށަހަޅާނެ ކަން. އެކަމަކު އެ ހޭލުންތެރިކަމެއް ނެތް. އެފަދަ ޕްރޮގްރާމެއް މިތަނުގައި ހިންގި ހަނދާނެއްވެސް ނުވޭ،" 10 އަހަރު ތަނުގައި މަސައްކަތްކޮށްފައިވާ މުވައްޒަފު ބުނެފައިވެ އެވެ.
ކަމާ ގުޅޭ އިދާރާތަކުން ދައްކާ އުޒުރުތައް
ވިސްލްބްލޯކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަކީ މި ގާނޫނަށް އާންމުން ހޭލުންތެރިކުރުވުމަށް އެންމެ މުހިއްމު ދައުރެއް އަދާކުރަންޖެހޭ އިދާރާ އެވެ.
އެޗްއާރްސީއެމްގެ މެންބަރު ޑރ. އަދުހަމް އަބްދުﷲ އަވަސް އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ޕްރޮޓެކްޝަން ޔުނިޓަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުނީ އެ ޔުނިޓަށް ހާއްސަ ބަޖެޓެއް ލިބިފައި ނެތުމުންނާއި ޔުނިޓްގެ މަސައްކަތްތަކަށް އެކަށީގެންވާ މުވައްޒަފުން ހަމަޖެހިފައި ނުވާތީ ކަމަށެވެ.
"ބަޖެޓުގެ އިޝޫޒްތައް އެބަހުރި. އެހެންނަމަވެސް މިއަހަރުގެ ތެރޭގައި ކޮންމެވެސް ވަރެއްގެ ބަޖެޓެއް ލިބިފައިވާތީ ޔުނިޓްގެ މަސައްކަތްތައް ކުރިއަށް ވުރެ ފުޅާކޮށް ހިންގޭނެ،" އަދުހަމް ވިދާޅުވެފައިވެ އެވެ.
މުއައްސަސާތަކުގައި ވިސްލްބްލޯ ކުރަން އިންތިޒާމުތައް ހަމަޖެހިފައި ނެތް ނަމަ އެކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެޗްއާރްސީއެމުން ބުނެ އެވެ. އަދި މިކަމާ ގުޅޭ ގާނޫނަށް އިދާރާތަކުގެ މުވައްޒަފުން ހޭލުންތެރިކުރުމަށް ވަރަށް އަވަހަށް ހާއްސަ މަސައްކަތްތަކެއް ފަށައިގަނެވޭނެ ކަމަށް އެޗްއާރްސީއެމުން އުއްމީދު ކުރެ އެވެ.
އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވެސް މީޑިއާގައި މީގެކުރިން ވިދާޅުވީ ވިސްލްބްލޯ ކުރާ ގާނޫނަށް އާންމުން ހޭލުންތެރިކުރަންޖެހޭ ކަމަށެވެ. އަދި ވިސްލްބްލޯ ކުރާ މީހުންގެ މައުލޫމާތު ސިއްރު ކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވީ ނަމަވެސް ބައެއް އިދާރާތަކުގެ އިންތިޒާމުތައް ހުރި ގޮތުން އެމީހާގެ މައުލޫމާތު ހާމަވުމުގެ ފުރުސަތު އޮތް ކަމަށް ޝިއުނާ ގަބޫލުކުރައްވަ އެވެ.
"މި ގާނޫނުން ދައުލަތުގެ މުވައްޒަފުންނަށް ލިބޭ ރައްކާތެރިކަމާ އެކީ މައްސަލަތައް ރިޕޯޓް ކުރަން މަގުފަހިކޮށްދޭ. އެކަމަކު ވެސް މައްސަލަ ހުށަހަޅައިފިއްޔާ ދެން ތިމަންނަގެ ވަޒީފާ އަށް ވެދާނެ ގޮތަކާ މެދު [ބައެއް މީހުން] ބިރުގަނޭ،" ޝިއުނާ ވިދާޅުވެފައިވެ އެވެ.
ދައުލަތުގެ އިދާރާތަކުން މަސައްކަތް ކޮށްގެން ވިސްލްބްލޯ ކުރުމުގެ ގާނޫނަށް މީހުންގެ ހޭލުންތެރިކަން އިތުރުކޮށްގެން ނޫނީ ހާލަތު ބަދަލެއް ނުކުރެވޭނެ އެވެ. ކޮރަޕްޝަނާ ނޭދެވޭ އަމަލުތައް ހުއްޓުވޭނީ ގާނޫނުން ދީފައިވާ ރައްކާތެރިކަން ކަށަވަރުކޮށްދީ، ވިސްލްބްލޯ ކުރަން އިންތިޒާމުތައް ފުރިހަމަކޮށްދީގެންނެވެ. ޔަގީންކަމާއި އިތުބާރު ހޯދައިދީގެންނެވެ.