ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ކޮރަޕްޝަން އިތުރުވެފައިވާ ކަމަށާއި، އެކަން ހުއްޓުވަން ސަރުކާރަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ބައިނަލްއަގުވާމީ ޖަމިއްޔާއެއްކަމަށްވާ ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް އިން އޭޝިއާގެ 17 ގައުމެއްގައި ހިޔާނާތާއި ރިސްވަތުގެ މައްސަލާގައި ރައްޔިތުން ދެކޭ ގޮތުގެ މައްޗަށް ބިނާކޮށް މި އަހަރަށް ނެރެފައިވާ "ގްލޯބަލް ކޮރަޕްޝަން ބެރޯމީޓާ" ދިރާސާގައި ރާއްޖޭން ހާހަކަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ.
މިގޮތުން، އެ ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން، ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަކީ ބޮޑު މައްސަލައެއްގެ ގޮތުގައި 90 ޕަސަންޓު މީހުން އިއްތިފާގުވެ އެވެ.
ރާއްޖޭގައި ކޮރަޕްޝަން އިތުރުވީ
ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ކޮރަޕްޝަން އިތުރުވެފައިވާކަމަށް 53 ޕަސަންޓް މީހުން ގަބޫލުކުރެ އެވެ. މިއީ، މުޅި އޭޝިއާ ސަރަހައްދުގެ 38 ޕަސަންޓް އެވަރޭޖަށްވުރެ ވެސް އިތުރު އަދަދެކެވެ. އަދި އެ މިންގަނޑުން ބަލާއިރު، މި ސަރައްދުގައި ރާއްޖެއަށް ވުރެ ކުރީގައި އުޅެނީ ނޭޕާލްގެ އިތުރުން ތައިލަންޑެވެ.
ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަކީ ބޮޑު މައްސަލައެއްގެ ގޮތުގައި ދިރާސާގެ ބައިވެރިން ފާހަގަކުރި ގައުމުތަކުގެ ތެރޭގައި 90 ޕަސަންޓާއެކު ރާއްޖެ އޮތީ މުޅި ސަރަހައްދުގެ ތިން ވަނައިގަ އެވެ. އެއް ވަނާގައި އޮތް އިންޑޮނީޝިއާގައި 92 ޕަސަންޓް މީހުން ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަކީ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވާއިރު، ދިރާސާގައި ބައިވެރިވި ޓައިވާންގެ 91 ޕަސަންޓް މީހުން އެކަން ވަނީ ފާހަގަކޮށްފައި އެވެ.
ކޮރަޕްޝަން ހުއްޓުވަން ސަރުކާރަށް މަސައްކަތް ނުކުރެވޭ
ކޮރަޕްޝަން ހުއްޓުވުމަށް ސަރުކާރަށް ކުރެވޭ މަސައްކަތާމެދު ދިރާސާގެ ބައިވެރިން ދިން ޖަވާބުތަކަށް ބަލާއިރު، މުޅި ސަރަހައްދުގެ 61 ޕަސަންޓް މީހުން ގަބޫލުކުރަނީ ސަރުކާރުން ކުރާ މަސައްކަތް ރަނގަޅު ކަމަށެވެ.
މިގޮތުން، ސަރުކާރުން ކުރާ މަސައްކަތާމެދު އެންމެ ބޮޑަށް ހިތްހަމަޖެހެނީ މިޔަންމާ މީހުންނެވެ. މިގޮތުން ދިރާސާގައި ބައިވެރިވި 93 ޕަސަންޓް މީހުން ގަބޫލުކުރަނީ ކޮރަޕްޝަން ހުއްޓުވަން ސަރުކާރަށް ރަނގަޅު މަސައްކަތްތަކެއް ކުރެވޭ ކަމަށެވެ.
ނަމަވެސް، މުޅި އޭޝިއާ ސަރަހައްދުގައި ރާއްޖެ އުޅެނީ ފުލުން ހަތަރު ވަނައިގަ އެވެ. ކޮރަޕްޝަން ހުއްޓުވަން ސަރުކާރަށް މަސައްކަތް ނުކުރެވޭކަމަށް ދިރާސާގައި ބައިވެރިވި 53 ޕަސަންޓް މީހުން ގަބޫލުކުރާއިރު، 17 ޕަސަންޓް މީހުން ބުނީ އެކަމަށް ދޭނެ ޖަވާބެއް ނެތް ކަމަށެވެ.
ދެކުނު އޭޝިއާ ސަރަހައްދުތަކަށް ބަލާއިރު، ރާއްޖެ އޮތީ އިންޑިއާ، ބަންގްލަދޭޝް، ނޭޕާލްގެ އިތުރުން ސްރީލަންކާއަށް ވުރެ ވެސް ފަހަތުގައި ކަމަށް ދިރާސާ އިން ދައްކަ އެވެ.
މީގެ ސަބަބުން، ސަރުކާރަށް ކުރެވޭ އިތުބާރު އެންމެ ކުޑަ ގައުމުތަކުގެ ތެރޭގައި ވެސް ރާއްޖެ ހިމެނެ އެވެ. މިގޮތުން، ދިރާސާގައި ބައިވެރިވި 55 ޕަސަންޓް މީހުން ބުނަނީ ސަރުކާރަށް އިތުބާރު ނުކުރެވޭ ކަމަށެވެ.
ސަރުކާރުގެ އިތުރުން، ކޮރަޕްޝަން ހުއްޓުވަން އުފައްދާފައިވާ އިދާރާތަކުން ވެސް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
މިގޮތުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މުއައްސަސާތަކުން ރަނގަޅު މަސައްކަތްތަކެއް ކުރާ ކަމަށް ގަބޫލުކުރަނީ އެންމެ 38 ޕަސަންޓް މީހުންނެވެ.
މިއީ މުޅި ސަރަހައްދަށް ބަލާއިރު، ތިން ވަނަ އަށް އެންމެ މަދު މީހުން ކޮރަޕްޝަން ހުއްޓުވަން އުފައްދާފައިވާ އިދާރާތައް ރަނގަޅުކަމަށް ބުނީ ރާއްޖޭންނެވެ.
ރިޝްވަތު ދޭންޖެހުން ކުޑަ، އެކަމަކު ހިދުމަތް ހޯދަނީ ދަންނަ މީހެއްގެ ފަރާތުން
ސީދާ ރިޝްވަތު ދީގެން އާއްމު ހިދުމަތްތައް ހޯދާކަމަށް އޭޝިއާގެ ގިނަ ގައުމުތަކުގެ މީހުން ބުނެފައިވާއިރު، ކޮންމެ ފަސް މީހަކުން އެކަކު ރިޝްވަތު ދީގެން ހިދުމަތް ހޯދަންޖެހުނުކަމަށް އިއުތިރާފުވެފައިވެ އެވެ.
ނަމަވެސް، ރާއްޖޭގައި އެކަން ކޮށްފައިވާކަމަށް އެއްބަސްވެފައިވަނީ އެންމެ ދެ ޕަސަންޓު މީހުންނެވެ.
މިއީ އަވަށްޓެރި އިންޑިއާ (39 ޕަސަންޓް) ފަދަ ގައުމުތަކާ އަޅާބަލާއިރު ވަރަށް ދަށް އަދަދެކެވެ.
އާއްމު ހިދުމަތެއް ހޯދަން ރިޝްވަތު ދޭން ނުޖެހުނު ނަމަވެސް، އެކަމަށް ދަންނަ މީހެއް ނުވަތަ ޕާސަނަލް ކަނެކްޝަނެއް މެދުވެރިކޮށް ކުރި ކަމަށް ދިރާސާގައި ބައިވެރިވި 15 ޕަސަންޓް މީހުން ބުނެފައިވެ އެވެ.
މިގޮތުން، 11 ޕަސަންޓާއެކު އެންމެ ގިނަ މީހުން ހިދުމަތް ހޯދާފައިވަނީ ޕަބްލިކް ސްކޫލްތަކުންނެވެ. ޕާސަނަލް ކަނެކްޝަނެއް މެދުވެރިކޮށް ދެން އެންމެ ގިނަ މީހުން ހިދުމަތް ހޯދާފައިވަނީ ސިއްހީ ހިދުމަތްދޭ ތަންތަނުންނާއި، އައިޑީކާޑާއި ޕާސްޕޯޓް ފަދަ އައިޑެންޓިޓީ ލިޔުން ދޫކުރާ އިދާރާތަކުންކަމަށް ދިރާސާ އިން ދައްކަ އެވެ.
އެންމެ ކޮރަޕްޓުކަމަށް ބުނީ މަޖިލިސް
ދިރާސާގައި ކުރި ސުވާލުތަކަށްބަލާއިރު، އެންމެ ކޮރަޕްޓު މުއައްސަސާއަކީ ރައްޔިތުންގެ މަޖިލިސް ކަމަށް ދިރާސާގައި ބައިވެރިވި 50 ޕަސަންޓު މީހުން ގަބޫލުކުރެ އެވެ.
ދެވަނަ އަށް ކޮރަޕްޓު މީހުން އެންމެ ގިނައީ ފަނޑިޔާރުގޭގެ އިތުރުން ވިޔަފާރިވެރިންކަމަށް އެމީހުން ބުނެފައިވެ އެވެ. އެ ބަޔަށް ވެސް ލިބިފައިވަނީ 44 ޕަސަންޓެވެ.
ކޮރަޕްޝަން ގިނަކަމަށް ދެން އެންމެ ގިނަ މީހުން ގަބޫލުކުރަނީ ސަރުކާރުގެ އޮފިޝަލުން (38 ޕަސަންޓް) އާއި ލޯކަލް ގަވަމަންޓު އޮފިޝަލުން (37 ޕަސަންޓް) މެދުގައިކަމަށް ވެސް ދިރާސާ އިން ދައްކަ އެވެ.
ކޮރަޕްޝަން ކުޑަކަމަށް އެ މީހުން ގަބޫލުކުރާ މުއައްސަސާތަކުގެ ތެރޭގައި ހިމެނެނީ މަދަނީ އަމިއްލަ ޖަމިއްޔާތައް ނުވަތަ އެންޖީއޯތަކާއި (17 ޕަސަންޓް) އަދި ދީނީ އިލްމުވެރިން (18 ޕަސަންޓް) އެވެ.
ދިރާސާއިން އިތުރަށް ފެންނަ ގޮތުގައި، ކޮރަޕްޝަން ހުއްޓުވުމަށް އާއްމު ރައްޔިތުންގެ ދައުރު ބޮޑުކަމަށް 56 ޕަސަންޓު މީހުން ގަބޫލު ކުރެ އެވެ.