ހިޔާނާތް

ހިޔާނާތު ފައިސާ ނުހޭކޭ އަތެއް ހަމަ ނެތީ!

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގައި ނިއުޅެމުން އައި އިހުމާލާއި ބައިވެރިވުމުގެ ދިގު ލިސްޓުގެ ތެރެއިން ރައްޔިތުންނަށް އަބަދުވެސް އެއް ކަމެއް ސާފެވެ. އެވަރުގެ ބޮޑު ޖަރީމާއެއް ކަމާ ގުޅޭ މުއައްސަސާތައް ނޫނީ އެތަނުގައި އިސްކޮށްތިބި ބަޔަކަށް ނޭނގި ނުހިންގޭނެ ކަމެވެ. ރައްޔިތުންގެ ހަޒާނާއިން ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދަވާލައި އެއިން މަންފާ ލިބުނު ބައެއް މީހުންގެ ވާހަކަ ދެކެވޭތާ ދުވަސްގަނޑެއް ވެއްޖެ އެވެ.

އޮޑިޓް ރިޕޯޓުތަކާއި އޭގެ ފަހުން އޭސީސީން ނެރުނު ރިޕޯޓުތަކުގައި ވެސް ހިޔާނާތުގެ ފައިސާއިން ފަސް ބައި މުޑުދާރުވެފައި ތިބި އެތައް ބައެއްގެ ވާހަކަ އެވެ. ދައުލަތުގެ އިސް ބޭފުޅުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނެވެ. އިންސާފުގެ މުގުރު ޖައްސަވަން ތިއްބެވި ފަނޑިޔާރުންނެވެ. ފުލުހުންނާ ސިފައިންނެވެ. ނަން ހިނގާ ވިޔަފާރިވެރިންނާއި ދައުލަތުގެ ކުންފުނިތައްވެސްމެ އެވެ. ޖުމްލަކޮށް ބުނަންޏާ އެކަމުގައި މުޅި ދައުލަތް އެކީގައި ބައިވެރިވެ އެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން އާ ސަރުކާރަކަށް އައުމާއެކު ރައްޔިތުންގެ އުއްމީދުތައް އާވި އެވެ. އިންސާފު ލިބޭނެ ކަމުގެ އެވެ. އަދި އެއްކޮށް ނޫންވިޔަސް، ގެއްލުނު ފައިސާތަކުގެ ބައެއް އަނބުރާ ދައުލަތަށް ވެއްދޭނެ ކަމުގެ ކޮންމެވެސް އުއްމީދެވެ. ބޮޑު އަޣުލަބިއްޔަތަކާއެކު ކޯލިޝަން ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ ރަސްކަން ރައްޔިތުންގެ މަޖިލީހުގައި ފެށި، މަޖިލީހުގެ ކޮމިޓީތަކުން ވެސް އެ ހިޔާނާތުގެ ގޮށްތައް މޮހަން އަތުކުރި އޮޅާލި އެވެ.

އެ މަސައްކަތުން ކުރިން ނޭނގޭ އެތައް މައުލޫމާތުތަކެއް ހާމަވެގެން ހިނގައްޖެ އެވެ. އޭރުގެ ސަރުކާރުގެ ދުވަސް ވަރު އެކަން ހިނގަމުން ދިޔަ އިރު، ޖީބު ފުރި މީހުންނާއި، ބާރަށް އަތް ޖަހަން ތިބި ބަޔަކާއި ފެންނަ ކަމަށް ނެހެދި އެތައް މީހުނެއްގެ މައުލޫމާތެވެ. އެކަމަކު ނިމުމެއް ނެތް މި ސިލްސިލާގައި، މިދިޔަ ބުރާސްފަތި ދުވަހު އަނެއްކާވެސް މިވަނީ ކަންބޮޑުވާންޖެހޭ އެތަކެއް އާ ވާހަކަތަކެއް ހާމަވެފަ އެވެ.

ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ހިޔާނާތް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދި ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އިދާރާތަކުން ބުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މީހުންގެ އަދަދު 267 އަށް އަރާ ކަމަށެވެ.

ބޮޑު ހިޔާނާތުގެ މަންފާ ލިބުނު އަދަދުތައް

  • ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރުން
  • ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރުން
  • މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރުން
  • ކުރީގެ ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި 30 ބޭފުޅުން
  • މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅުން
  • ފަސް ފަނޑިޔާރުން (ކުރީގެ ފަނޑިޔާރުންނާއި މިހާރުގެ ފަނޑިޔާރުން ހިމެނޭ)
  • ފުލުހުންނާއި ސިފައިންގެ ހަތް އޮފިސަރުން

އެ ދުވަހު އެނގިގެން ދިޔަ މައުލޫމާތުތަކަށް ބަލާއިރު، ހިޔާނާތުގެ ތަހުގީގަށް މިހާރު ވަނީ ހިޔާނާތުގެ ފައިސާ މައިގަނޑު ގޮތެއްގައި ދައުރުކުރި އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފްގެ އިސް ފަރާތްތަކުގެ އިތުރުން، ފައިސާތައް އެކި ފަރާތްތަކަށް ހަވާލު ކުރުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހުންގެ ފޯނުތަކާއި ލެޕްޓޮޕްތައް ވަނީ ލިބިފަ އެވެ.

އޭސީސީން ކުރިން ނެރުނު ރިޕޯޓުގައި ހަމައެކަނި އެސްއޯއެފްގެ އެކައުންޓުން ޑޮލަރު ޖަމާވި މީހުންގެ މައުލޫމާތު ހާމަކޮށްފައިއޮތް އިރު، މިހާރު ތިން އިދާރާ ގުޅިގެން ހިންގާ ތަހުގީގުގައި އެ ޑޮލަރުތައް މާރު ކޮށްގެން ނަގުދު ފައިސާގެ މޫތައް ދެމިގެން ދިޔަ ގޮތް ވަނީ ނިއުޅެން ފަށާފަ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު ވިދާޅުވި ފަދައިން، ހިޔާނާތުގެ ފައިސާ ބޭނުންކުރީ އެވަގުތު ދައުލަތް ހިންގުމުގެ ހުންގާނުގައި ތިބި އަތްތަކަށް ނުފޫޒު ފޯރުވާށެވެ. ވަކި ބަޔަކު މަޖިލީހަށް ގެންނާށެވެ. މަޖިލީހަށް ގެންނަން ބޭނުންނުވި ބަޔަކު ގަނެލާށެވެ. ހިތުހުރި ގޮތަކަށް ގާނޫނު އަސާސީއާއި ގާނޫނުތަކަށް ބަދަލު ގެންނާށެވެ. ސިޔާސީ ވާދަވެރިން ޖަލަށްލާށެވެ. ނުސީދާ ގޮތަކަށް ބުނަނީމަ ރައްޔިތުންގެ ފައިސާތައް ވަގަށް ނަގައިގެން މުޅި ދައުލަތެއް ގަނެލާށެވެ.

އިންސާފު ލިބުމުގެ އުއްމީދު ކުޑަ

ކުރިން ނޭނގޭ ނަމަ، މިހާރު ގައިމުވެސް ހިޔާނާތުގެ ފަހަތުގައި ފޮރުވިފައިހުރި ހަގީގަތްތައް އެވަނީ ތިލަވެފަ އެވެ. މުޅި މަންޒަރު ސާފުވެއްޖެ ކަމަށް އެ ދުވަހު ބުންޏެވެ. އެވަރުން ނުވެގެން ކަމާބެހޭ އިދާރާތަކަށް އެހެރީ އެކަމުގެ ހެކި ލިބިފަ އެވެ. ދެން އުފެދޭ ސުވާލަކީ ފިޔަވަޅު އެޅޭނެ ހެއްޔެވެ؟ ނޫނީ އަޅަން ކެރޭނެ ހެއްޔެވެ؟ މިހާރު ތިލަވެފައިވާ މައުލޫމާތުތަކަށްބަލާއިރު، އެ ސުވާލުގެ ޖަވާބު ހުދާއި ކަޅާހާ ސާފެއް ނޫނެވެ. ނޫނީ ނުވާނެ އެވެ.

ކިތަންމެ ގަބޫލުކުރަން ދަތި ނަމަވެސް، ފުލުހުން އެ ދުވަހު ބުނި ވާހަކައެއް ހަޖަމުކޮށްލަން ޖެހެ އެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވި ފަދައިން މިހާރު ލިބިފައި ހުރި މައުލޫމާތުތަކުން ވެސް ތަހުގީގު އަދި އިތުރަށް ފުޅާކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން މިވަގުތު ނަންތައް އާއްމެއް ނުކުރެވޭނެ ކަމެވެ.

އެކަމަކު އުފެދޭ ސުވާލަކީ އެ ނަންތައް ފަހުން ވިޔަސް ހާމަކުރާނެ ބާ އެވެ. ސަބަބަކީ ހިޔާނާތް ހޭކުނު އަތްތަކުގެ ދިގު ލިސްޓުގައި، ހިޔާނަތް ބަލާނެ ކަމަށް ރައްޔިތުންނަށް ވައުދުވި ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ބައެއް މެންބަރުން ވެސް ހިމެނޭ ކަމަށް އެ އިދާރާތަކުން ބުނާތީ އެވެ.

އެ ވިދާޅުވާ ބޭފުޅުން މި ތަހުގީގު ކުރިއަށް ގެންދަން ބޭނުން ނުވާނެކަން ކަށަވަރެވެ. އެ މަގާމުތަކުގައި ތިއްބަވައިގެން ނުފޫޒު ފޯރުވޭނެ އެވެ. ތަހުގީގަށް ހުރަސްވެސް އެޅޭނެ އެވެ. މިހާރުވެސް އެކަހަލަ މަންޒަރުތަކެއް ފެންނަމުން ދާކަމަށް ދާދި ފަހުން އޭސީސީން ވެސް ވަނީ ބުނެފަ އެވެ.

އެ ބީދައިން ވިސްނާއިރު، އެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އައްސަދު ވިދާޅުވި އެއް ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުލިބުނު ނަމަވެސް، ވަރަށް ހައްސާސީ ނުކުތާއެއް އޭނާ ފާހަގަ ކުރެއްވި އެވެ.

އައްސަދު ވިދާޅުވީ ބޭންކުތަކުގެ އިހުމާލެއްނެތެވެ. އިހުމާލުއޮތީ ބޭންކުތަކުގެ ބައެއް މުވައްޒަފުންގެ އެވެ. ނަމަވެސް، އެ މުވައްޒަފުންނާމެދު މަރުކަޒީ ބޭންކު މެދުވެރިކޮށް ފިޔަވަޅު އަޅައިފިނަމަ، ބޭރުގެ މާލީ އިދާރާތަކުން ރާއްޖޭގައި ހިންގާ ބޭންކުތަކާ ގުޅުން ކަނޑާލަފާނެކަމުގެ ބިރު އޮތް ކަމަށް އައްސަދު އެ ދުވަހު އިޝާރާތްކުރެއްވި އެވެ. އެކަމުގެ އަސަރު މުޅި އިގުތިސޯދަށް ކުރާނެތީ ފިޔަވަޅު އެޅުމުގައި "ދަތި" ތަކެއް ހުރި ކަމަށް ވިދާޅުވަމުންނެވެ. އެ ނުކުތާގައި ކޮންމެވެސް ބުރަދަނެއް ހުރި ނަމަވެސް، ކުރިއަށް އަޅަން ނޫނީ އެޅެން އޮތް ފިޔަވަޅުތަކާމެދު ސުވާލު އުފެދެ އެވެ.

ރައްޔިތުންގެ އިތުރުން ގައުމީ މަސްލަހަތުގެ ނަމުގައި ފިޔަވަޅުން ނޫނީ އިންސާފުން ސަލާމަތްވާނީ ހަމައެކަނި ބޭންކުތަކުގެ މުވައްޒަފުންތޯ އެވެ؟ ސަބަބަކީ ގައުމީ މަސްލަހަތަކީ ވަރަށް ވެސް ފުޅާ މައުލޫއެކެވެ. އެ މަސްލަހަތުގެ ހިމާޔަތް ކުރުމުގެ ޒިންމާ ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ ކޮނޑުގައި އޮތީ އެޅިފަ އެވެ. ސަރުކާރާއި، އަދުލު އިންސާފުގެ ނިޒާމާއި ގާނޫނު ހަދާ މަޖިލީސްވެސް ހިމެނެ އެވެ. ކަން އެހެން އޮތް އިރު އެ މުއައްސަސާތަކުގެ އިސް ސަފުގައި މިހާރު ތިއްބެވި ބޭފުޅުންތަކަކަށް ފިޔަވަޅު އަޅައިގެން ގައުމަށް ގެއްލުންވާނެކަމަށް ބުނެ ފިޔަވަޅު ނާޅާ ދޫކޮށްލާފަނެތޯ އެއީ ހަމަ ސައްހަ ކަންބޮޑުވުމެކެވެ. ކުރީ ސަރުކާރުން ހިޔާނާތް ބޭނުންކުރީ ފައިސާ ދީގެން ސިޔާސީ ގޮތުން ނުފޫޒު ފޯރުވާށެވެ. މިފަހަރު ފިޔަވަޅު އަޅާނެކަމުގެ ބިރު ދައްކައިގެން އެހެން ގޮތަކަށް އެ މާޒީ ތަކުރާރުނުކޮށްފިނަމަ ކިތަންމެހާވެސް ރަނގަޅެވެ.