މިހާރު އަމަލު ކުރަމުންދާ ގާނޫނުއަސާސީގެ ދަށުން އުފެއްދި މިނިވަން މުއައްސަސާތަކުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަކީ ވަރަށް މުހިއްމު މަސައްކަތްތަކެއް ގާނޫނީ ގޮތުން އެ ކޮމިޝަނާ ހަވާލު ކުރެވިފައިވާ ކޮމިޝަނެކެވެ. ދައުލަތާ ގުޅުންހުރި ހިޔާނާތާއި ފަސާދައިގެ އަމަލުތައް ބަލަން އުފައްދާފައިވާ އޭސީސީއަކީ އެ ކޮމިޝަނުން އަދާކުރަން ޖެހޭ ޒިންމާގެ ގޮތުން އެތައް ބައެއްގެ ފާޑުކިޔުން އަބަދުވެސް އޮންނަ މުއައްސަސާ އެކެވެ. ފާޑުކިޔުންތަކާއި ސިޔާސީ ބޭފުޅުން ނުފޫޒު ފޯރުވަން ހިންގާ އަމަލުތަކާއި ގުޅިގެން އޭސީސީ އަށް މިނިވަންކަމާއެކު މަސައްކަތް ކުރަން އަބަދުވެސް ގޮންޖެހުންތައް ހުރެ އެވެ. ނަމަވެސް އެއީ ކޮމިޝަންގެ މެންބަރުން އެމީހުންގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުުރުމުގައި ފަސްޖެހެން ޖެހޭ ސަބަބެއް ނޫނެވެ. އަދި އެއީ އޭސީސީގެ މަސައްކަތުގެ ދުވެލި މަޑުވާންޖެހޭ ސަބަބެއް ވެސް ނޫނެވެ. އޭސީސީގެ މެންބަރުންގެ މަސައްކަތް ރަނގަޅު ކަމަކަށް ވެސް ނުނިންމަމެވެ.
އޭސީސީގައި އެންމެ ފަހުން ތިއްބެވި ތިން މެންބަރުން ކަމަށްވާ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތިމަތު އަނޫލާ އާއި މެންބަރު އައިޝަތު އަބްދުﷲ، ތަފާތު ސަބަބުތަކާ ގުޅިގެން އިއްޔެ އެވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެ ތިން ބޭފުޅުންގެ ކުރިން އަލީ އަޝްރަފާއި، އިބްރާހީމް ޝަކީލް ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަލީ އަޝްރަފް އިސްތިއުފާ ދެއްވީ މި މަހުގެ ދެވަނަ ދުވަހު އެވެ. ޝަކީލް އިސްތިއުފާ ދެއްވީ މިމަހުގެ 15 ވަނަ ދުވަހު އެވެ.
އޭސީސީގެ މެންބަރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުން އެބޭފުޅުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންގޮސް، މަގާމުން ވަކިކުރަން ދެވަނަ ފަހަރަށް ނިންމުމާ ގުޅިގެންނެވެ. އޭސީސީގެ މެންބަރުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅީ ކޮމިޝަންގެ މަސައްކަތްތަކާއި މެންބަރުންގެ މަސައްކަތްތައް އޮޑިޓް އޮފީސް މެދުވެރިކޮށް އޮޑިޓް ކުރުމަށް ފަހު އެވެ. މެންބަރުން ވަކިކުރަން ކުރިއަށް ނެރުނު އެއް ސަބަބަކަށް އޮޑިޓް ރިޕޯޓް ހެދިއިރު އެކަމުގައި ސުވާލު އުފައްދަންޖެހޭ އެތައް އެބަހުއްޓެވެ.
ޕާފޯމަންސް އޮޑިޓް ހުއްޖަތަކަށް ހެދުން
އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި "އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާ މެދު އަމަލު ކުރަމުންދާ ގޮތުގެ "ޕާފޯމަންސް އޮޑިޓް ރިޕޯޓް" މައިގަނޑު ގޮތެއްގައި އެކުލަވާލާފައިވަނީ ޖެނައަރީ 1، 2015 އިން ޖުލައި 31، 2020ގެ ނިޔަލަށް އޭސީސީން ކުރި މަސައްކަތްތަކުގެ މައްޗަށެވެ. އޭސީސީން އެންމެ ފަހުން އިސްތިއުފާ ދެއްވި ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން އޭސީސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވީ ސެޕްޓެމްބަރު 9، 2019 ގައެވެ. ބާކީ ހުންނެވި މެންބަރު އައްޔަންކުރެއްވީ އޮގަސްޓް 25، 2019 ގައެވެ.
އެހެންކަމުން 2015 ވަނަ އަހަރުން ފެށިގެން ސެޕްޓެމްބަރު 9، 2019 ވަނަ އަހަރާ ދެމެދު އޭސީސީގައި ހުރި މައްސަލަތައް ވެސް ހިމެނޭ ގޮތަށް އެންމެ ފަހުން ތިއްބެވި މެންބަރުންގެ ޕާފޯމަންސް ބެލުމަކީ ކޮން އިންސާފެއް ހެއްޔެވެ؟ ބައެއްގެ މަސައްކަތް ވަޒަން ކުރާނަމަ އެ ބަޔަކު އެ މަސައްކަތާ ހަވާލުވި ދުވަހުގެ މާކުރިއަށް ހުރި ކަންތައްތަކެއް ހިމަނައިގެން މަސައްކަތް އޮޑިޓް ކުރުމަށްފަހު ފިޔަވަޅު އެޅުމަކީ ކިހިނެއް އުފަންކުރުވި ހިޔާލެއް ކަމެއް ނޭނގެ އެވެ. އެ ސުވާލުތަކަށް މަޖިލީހުގެ މެންބަރުންނަށް ދެވޭނެ ޖަވާބެއް ނޯންނާނެ އެވެ. އޭސީސީގެ މެންބަރުން ވަކިކުރުމުގެ މައްސަލާގައި މަޖިލީހުގެ ކޮމިޓީން އަމަލުކުރި ގޮތުން މެންބަރުންގެ ޒާތީ ތައައްސުބެއް އޮތް ކަމާއި އޭސީސީ "ތަޅުއަޅުވާލީ" ސިޔާސީ ބޭނުމެއްގައި ކަމަށް ބެލުމަށް ފުރުސަތު އެބައޮތެވެ.
އޮޑިޓް ރިޕޯޓްގައި އޭސީސީގެ މަސައްކަތްތަކަށް ދަތިވާ ގޮތަށް ޕީޖީ އޮފީހުގެ ތެރެއިން ވެސް ބައެއް ކަންކަން ކުރެވެމުން ގޮސްފައިވާ ކަން ފާހަގަ ކޮށްފައިވެ އެވެ. ނަމަވެސް ޕީޖީއަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. ދެ މުއައްސަސާއެއްގެ އިދާރީ ކޯޅުމެއްގެ ތެރެއިން މަސައްކަތް ކުރިއަށް ނުދާނަމަ ފިޔަވަޅު އެޅުމުގައި ވެސް ދެ އިދާރާއަށް އެއް ހަމައަކުން ފިޔަވަޅު އެޅުން އެއީ އޮންނަންޖެހޭ ގޮތެވެ.
އޭސީސީގެ މެންބަރުންގެ ޖަވާބުތަކަށް ރިއާޔަތްނުކުރޭ
އޮޑިޓް ރިޕޯޓްގެ ދިފާއުގައި އޭސީސީގެ މެންބަރުން ނެރުއްވި ބަޔާނުގައި އޮޑިޓް އޮފީހުން، އޭސީސީގެ ޕާފޯމަންސް އޮޑިޓެއް ހަދައި އެކުލަވާލި ރިޕޯޓްގައި ކޮމިޝަންގެ ގިނަ ކަންތައްތަކަކަށް ރިއާޔަތް ކޮށްފައި ނުވާ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި އެ އޮޑިޓް ހަދާފައިވަނީ ކޮމިޝަނަށް އެންމެ ފަހުން އައްޔަންކުރެއްވި މެންބަރުންގެ ދައުރުގައި ހިނގި މަސައްކަތްތަކަށް އެކަނި ބަލައިގެން ނޫން ކަމަށް އެ ބޭފުޅުން ވެސް ފާހަގަކުރައްވަ އެވެ.
އޮޑިޓް ރިޕޯޓްގައިވާ ގޮތުން އޭސީސީގެ 67 މަސް ދުވަހުގެ މަސައްކަތް އެވަނީ އޮޑިޓް ކޮށްފަ އެވެ. އެކަމަކު އެންމެ ފަހުން ތިއްބެވި މެންބަރުން ޒިންމާވާން ޖެހެނީ އެ 67 މަހުގެ ތެރެއިން އެންމެ ފަހު 10 މަސް ދުވަހުގެ މަސައްކަތަށެވެ. ބާކީ އޮތް 57 މަސް ދުވަހުގެ މަސައްކަތަކީ އޭސީސީގައި އެންމެ ފަހުން ތިއްބެވި މެންބަރުންގެ ދައުރުގެ ތެރޭގައި ކޮމިޝަންގައި ހުރި މައްސަލަތަކެއް ނޫނެވެ. އެހެންކަމުން އޮޑިޓް ރިޕޯޓްގައި ހުރި މައްސަލަތައް ހުއްޖަތަކަށް ހަދައިގެން އޭސީސީގެ މެންބަރުން މަގާމުން ދުރުކުރުމަށް ނިންމުމަކީ އިންސާފުގެ ޒައްރެއްގެ މިންވަރު ވެސް ނެތް ކޮމިޓީ އަކުން ނިންމި ނިންމުމެކެވެ.
އޭސީސީގެ މެންބަރުން މަގާމުން ވަކިކުރަން ނިންމުމުގެ ކުރިން މަޖިލީހުގެ ކޮމިޓީން މެންބަރުން ލިޔުމުން ޖަވާބުދާރީވުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނެވެ. އެ މުއްދަތު ހަމަވާން އޮތް އެންމެ ފަހު ދުވަސް ކަމަށްވާ މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ހާއިރު މެންބަރުން ފޮނުވި ލިޔުންތައް މަޖިލީހުގެ އިދާރާއަށް ލިބިފައިވެ އެވެ. މަޖިލީހުގައި މައްސަލަ ބެލި ކޮމިޓީގެ ބައެއް މެންބަރުން އަވަސް އަށް ވިދާޅުވި ގޮތުގައި އޭސީސީގެ މެންބަރުން ފޮނުވި ޖަވާބު ކޮމިޓީ މެންބަރުންނަށް ލިބިވަޑައިގަތީ އާދިއްތަ ދުވަހުގެ މެންދުރުފަހު 1:30 ހާއިރު އެވެ. އޭގެ ތިން ގަޑިއިރު ފަހުން އެ ދުވަހުގެ ހަވީރު 4:30 ހާއިރު ވަނީ ކޮމިޓީ ބާއްވާ އޭސީސީގެ މެންބަރުން ވަކިކުރުމަށް ނިންމާފަ އެވެ.
ކޮމިޓީގެ ބައްދަލުވުމުގައި އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ވިދާޅުވީ އޭސީސީގެ މެންބަރުން ޖަވާބުދާރީވެ ފޮނުއްވި ސިޓީތައް ލިބުނީ ކޮމިޓީ ފެށެން ކުޑަވަގުތު ކޮޅަކަށް ވެފައި ވަނިކޮށް ކަމަށެވެ. ބައެއް ސިޓީތަކުގައި 22 ސަފްހާ ހިމެނޭ ކަމަށާއި އަދި ކޮންމެހެން ރިއާޔަތްކުރަންޖެހޭ ގާނޫނީ ބައެއް މައްސަލަތައް ވެސް ޖަވާބުތަކުގައި ފާހަގަކޮށްފައިވާތީ އެ ޖަވާބުތައް ދިރާސާކުރަން އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. އެހެންވެ އޭނާ ހުށަހެޅުއްވީ އިތުރު ތިން ދުވަސް މައްސަލަ ދިރާސާކުރަން ދިނުމަށެވެ. ނަމަވެސް މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ފަސް މެންބަރުންގެ ތާއީދާ އެކު ފާސްކުރީ އިތުރު ވަގުތުތައް ހޭދަނުކޮށް އޭސީސީގެ މެންބަރުން މަގާމުން ވަކިކުރާށެވެ.
މެންބަރުންނާ މެދު ޒާތީ ގޮތެއް ގެންގުޅުން
އޭސީސީގެ މެންބަރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުން ކުރިއަށް ގެންދިޔައީ ވެސް މީގެކުރިން ދުވަހަކު ވެސް މަޖިލީހުން އަމަލުކުރާ ގޮތަކަށް ނޫނެވެ. އޭސީސީގެ މެންބަރުން ވަކިކުރުމުގެ މައްސަލާގައި މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމަށްޓަކައި ޗުއްޓީގައި އޮތް މަޖިލިސް އެއްވެ، ޖަލްސާތައް ފެށުމުން ތަފާތުކުރުން އޮތް ވަރު ހާމަވެ އެވެ. ނޭނގެނީ އަވަސް އަރުވާލައިގެން ކުރަން ބޭނުންވާ ކަމެކެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށާއި، އެޗްއާރްސީއެމަށް މެންބަރަކު ހަމަނުވެ ގާނޫނީ ހުސްކަމެއްގެ ތެރޭގައި އެ ދެ މުއައްސަސާ އެތައް މަސް ދުވަހެއް ވަންދެން އޮތް އިރު މިހާރުގެ މަޖިލީހުން އެ މައްސަލަ ހައްލުކުރުމަށް އެއްވެސް ކަމެއް ކޮށްފައެއް ނުވެ އެވެ. އެހެންކަމުން އޭސީސީގެ މެންބަރުން މަގާމުން ދުރުކޮށް އޭސީސީ ގާނޫނީ ހުސްކަމަކަށް ވައްޓާލީ މަޖިލީހުގެ ބައެއް މެންބަރުންގެ ޒާތީ ވިސްނުންތަކެއްގެ ތެރެއިން ކަމަށް ގަބޫލުކުރެވެ އެެވެ. މުޅިން ވެސް ފެންނަން ހުރީ އެގޮތަށް ގަބޫލުކުރަންޖެހޭ ސަބަބުތަކެވެ.
ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ތެރޭގައި އައްޔަންކުރި އޭސީސީގެ މެންބަރުން މިދައުރުގެ ތެރޭގައި ބޭރުކޮށްލިއިރު މަޖިލީހުގެ ރައީސަކަށް ހުންނެވީ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު ރަށަކަށް ކުރެއްވި ދަތުރުފުޅެއްގެ ޓިކެޓަށް ކުރަންނުޖެހޭ ހަރަދެއް ދައުލަތުން ކޮށްފައިވާތީ އެ މައްސަލަ ބަލަން އޭސީސީ އަށް އޮތީ ހުށަހަޅާފަ އެވެ. މައްސަލަ ނިންމި ކަމަކަށް މިއަދާ ހަމައަށް ވެސް އޭސީސީން ބުނެފައެއް ނުވެ އެވެ. ނަމަވެސް ދައުލަތުން އިތުރަށް ކުރި ހަރަދު ނަޝީދު ދައްކާވަފައިވެ އެެވެ.
ރައީސް ނަޝީދު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ދުވަސްވަރު ވެސް އޭސީސީއާ ގުޅޭ ބޮޑު ކޯޅުންގަނޑެއް ހިނގާ ގޮސްފައިވެ އެވެ. އޭސީސީގެ މެންބަރު ކަމަށް އެ ކޮމިޝަންގެ ކުރީގެ ރައީސް ހަސަން ލުތުފީގެ ނަން މަޖިލީހަށް ފޮނުވުމަށްފަހު ރައީސް ނަޝީދު ބޭނުންފުޅުވީ އެ ނަން އަނބުރާ ގެނައުމަށެވެ. ނަމަވެސް އޭރުގެ މަޖިލީހުން އެ ފުރުސަތު ރައީސް ނަޝީދަށް ނުދީ ލުތުފީ އަށް ރުހުން ދިނީ އެވެ. އެކަމާ ހިތްޕުޅު ހަމަޖެހިވަޑައިނުގެން ލުތުފީ މަގާމަށް އައްޔަންކުރެއްވުމަށް ރައީސް ނަޝީދު އޭރު ދެކޮޅު ހެއްދެވި އެވެ. އޭސީސީގެ މެންބަރު ކަމަށް އެންމެ ފަހުން ލުތުފީ އައްޔަންކުރެއްވީ ސުޕްރީމް ކޯޓުން ހުކުމްކުރުމުންނެވެ. މިހުންނަނީ ވެސް އޭސީސީގެ ވާހަކަ ދެކެވޭއިރު ފާހަގަކޮށްލެވޭ އިއްތިފާގުތަކެވެ.
އެމްއެމްޕީއާރްސީގެ ތަހުގީގު ލަސްކުރުމުގެ ތުހުމަތު
އޭސީސީގެ މެންބަރުންނާ މެދު އެމްޑީޕީގެ މަޖިލިސް މެންބަރުންގެ އޮތް އެންމެ ބޮޑު ޝަކުވާ އަކީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ތަހުގީގު ލަސްކުރުމެވެ. އެ މައްސަލާގައި އޭސީސީގެ މެންބަރުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް އެތައް ފަހަރަކު ހާޒިރުކޮށް ސުވާލުވެސް ކޮށްފައިވެ އެވެ. އޭސީސީގެ މެންބަރުންގެ މައިގަނޑު ކަންބޮޑުވުމަކީ ފައިސާ އާއި ވަސީލަތްތައް ނެތުމެވެ. ހާއްސަކޮށް ތަމްރީންވެފައިވާ އިންވެސްޓިގޭޝަން އޮފިސަރުން މާބޮޑަށް މަދުވުމެވެ. އަންނަ އަހަރުގެ ބަޖެޓު ފާސްކުރުމާ ހަމައަށް އޭސީސީގެ މެންބަރުންގެ އެ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމަށް މަޖިލީހުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. އަންނަ އަހަރުގެ ބަޖެޓުގައި އޭސީސީ އަށް އިތުރު ފައިސާ ކޮޅެއް ދޭން ނިންމި ނަމަވެސް ކޮމިޝަންގައި ހުރި މައްސަލަތަކުގެ އަދަދަށް ބަލާއިރު އެއީ ވެސް އެކަށީގެންވާ ބަޖެޓެއް ނޫނެވެ.
އެމްއެމްޕީއާރްސީގެ މައްސަލަތައް ބެލުމުގައި އޭސީސީގެ އިތުރުން ފުލުހުންނާއި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގެ ނަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ވެސް މަސައްކަތް ކުރެ އެވެ. ކޮންމެ އިދާރާއެއް ވަކިން އެ މައްސަލަތައް ކުރިން ބަލަމުން ދިޔަ ނަމަވެސް ފަހުން އެ މައްސަލަތައް މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދިޔައީ ތިން އިދާރާ ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގަ އެވެ. އެގޮތަށް ތަހުގީގުކުރާތީ އެކި މަސައްކަތްތައް އެކި އިދާރާތަކަށް ބަހާލައިގެން ކުރަމުން ގެންގޮސްފައިވެ އެވެ. ނަމަވެސް މަޖިލިސް މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ތަހުގީގު ލަސްވުމުގައި ޒިންމާ ނަގަންޖެހެނީ ހަމައެކަނި އޭސީސީ އެވެ. އެއީ މަޖިލީހުގެ މެންބަރުން ދެނެވަޑައިގަންނަވާ އިންސާފެވެ.
އޭސީސީގެ މެންބަރުން ކޮމިޓީ އަށް ތަކުރާރުކޮށް ހާޒިރުކޮށް މެންބަރުން ކުރައްވާ ކަންކަމުގެ ސަބަބުން އޭސީސީގެ މެންބަރުންނަށާއި އޭސީސީގެ މަސައްކަތްތަކަށް ނުފޫޒު ހިނގަ އެވެ. މިނިވަންކަމާ އެކު މަސައްކަތް ކުރުމަށް މަޖިލީހުން ވެސް ދަތިކޮށްފައިވެ އެވެ. މިނިވަންކަމާ އެކު މަސައްކަތް ކުރުމަށް ފުރުސަތު ދޭންޖެހޭ ކަމަށް ކޮމިޝަންގެ ރައީސަކަށް އެންމެ ފަހުން ހުންނެވި ޝިއުނާ ވިދާޅުވެފައިވާތީ އޭސީސީއަށް މަޖިލިސް މެންބަރުންނާއި ސިޔާސީ ބޭފުޅުންގެ ނުފޫޒު އޮތް ކަން ހާމަވެ އެވެ.
އެމްއެމްޕީއާރްސީގެ ތަހުގީގު އަވަސް ކުރުމުގެ ނަމުގައި މަޖިލީހުގެ މެންބަރުން ކުޅުއްވި ޑްރާމާގެ ނަތީޖާ އަކަށް ވެގެން މިދިޔައީ އޭސީސީގެ ގާނޫނުގައި ނުވެސް ނެތް ހާލަތެއް ކުރިމަތިވުމެވެ. އެ ހާލަތުގެ ސަބަބުން އޭސީސީ ގާނޫނީ ހުސްކަމަކަށް ވެއްޓި ތަޅުއަޅުވަންޖެހުމެވެ. އޭސީސީގެ ހުރިހާ މެންބަރުން އެއް ފަހަރާ އިސްތިއުފާ ދެއްވައިފިނަމަ ދެން ކޮމިޝަން ހިނގާނެ ގޮތެއް، ކޮމިޝަންގެ ފަރާތުން ޖަވާބުދާރީވާނެ ގޮތެއް ގާނޫނުގައި ލިޔެފައެއް ނެތެވެ. އެހެންކަމުން މި ހާލަތުގައި އޭސީސީގެ ތަހުގީގުތަކެއް ވެސް ކުރިއަކަށް ނުދާނެ އެވެ. މިހާލަތަށް އޭސީސީ ވައްޓާލީ މަޖިލީހުގެ މެންބަރުން ނުފޫޒާއި ބާރު ހިންގައިގެންނެވެ.