ޑރ. މުހައްމަދު މުއިއްޒު

އޭސީސީއާއި އީސީގެ ވެރިން، ރައީސް އައްޔަންކުރައްވާ އިސްލާހު ތަސްދީގުކުރައްވައިފި

0%
0%
0%

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އާއި ނައިބް ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ގާނޫނުތަކަށް ހުށަހެޅި އިސްލާހުތަކުގެ ބިލްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެެވެ.

ސަރުކާރުގެ ފަރާތުން ވަކިވަކިން ހުށަހެޅި މި ދެ ބިލް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރީ 69 މެންބަރުން ތާއީދު ވޯޓާ އެކު އެވެ. މި ދެ ބިލް ފާސްކުރުމަށް ނުފެންނަ ކަމަށް 10 މެންބަރުން ވޯޓު ދެއްވި އެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާއި ނައިބުރައީސް އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް އޭސީސީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު އެވެ. އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް އެވެ.

އިލެކްޝަންސް ކޮމިޝަންގެ ގާނޫނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މި އިސްލާހު ގެނައުމުގެ ކުރިން ގާނޫނު އޮތް ގޮތުން އެ ކޮމިޝަންތަކަށް ރައީސަކާއި ނައިބް ރައީސަކު އައްޔަންކުރާނީ ކޮމިޝަންގެ މެންބަރުންގެ ތެރޭގައި ވޯޓެއް ލައިގެންނެވެ. މިގޮތުން ކޮމިޝަންގެ ރައީސަކާއި ނައިބް ރައީސަކަށް އައްޔަންކުރާ ބަޔަކު އެ މަގާމަށް އައްޔަންކުރާތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އަންގަންވާނެ ކަމަށް އޭރު ގާނޫނުގައި ބުނެފައިވެ އެވެ.

ގާނޫނަށް އިއްޔެ ގެނައި އިސްލާހާއެކު އީސީ އާއި އޭސީސީއަށް ރައީސް އާއި ނައިބް ރައީސް ދެން އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ކޮމިޝަނުގެ ރައީސަކު ނުވަތަ ނައިބު ރައީސަކު އައްޔަންކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު ކޮމިޝަނަށް އައްޔަންކުރެވޭ މެންބަރުންގެ ތެރެއިން މީހެއް ނުވަތަ މީހުންގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް އިސްލާހުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ މީހަކު، ކޮމިޝަނުގެ ރައީސްކަމުގެ މަގާމަށް ނުވަތަ ނައިބު ރައީސްކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެ ކަމަށް އިސްލާހުގައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910