އަހުމަދު މަހްލޫފު

މަހުލޫފުގެ މައްސަލަ ތަފާތު ކުރެވިއްޖެ

އެމްއެމްޕީއާރުސީގެ މައްސަލާގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައަށް ގޮތެއް ނުނިމި 68 ދުވަސް ފާއިތުވެގެން ހިނގައްޖެ އެވެ. މަހުލޫފްގެ މައްސަލަ އޭސީސީން ޕީޖީއަށް ފޮނުވުމާއެކު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރެއްވިއެވެ. އެހެން ކަމުން މިނިސްޓަރު މަހުލޫފް ގޭގައި ހުންނަވާތާވެސް އެހާ ދުވަސް ފާއިތުވެ ދިޔައީއެވެ. މިއީ މިފަދަ މައްސަލަތަކުގައި ޕީޖީ އިން އަމަލު ކުރަމުން އަންނަ ގޮތާއި މުޅީން ތަފާތު ގޮތެކެވެ. އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވުމުން ކޯޓަށް މައްސަލަ ފޮނުވުމަށް ހޭދަވީ ހަ ދުވަހެވެ. ކުރީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިންގެ މައްސަލައަށް ހޭދަވީ 10 ދުވަހެވެ. އެ ނޫންވެސް ބައެއް އެހެން މައްސަލަތަކަށްވެސް ކުރު މުއްދަތެއްގައި ގޮތް ނިންމާފައިވެއެވެ.

ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވާ ގޮތުގައި އެ އޮފީހަށް ފޮނުވާ މައްސަލަތަކުގައި އެންމެ ގިނަވެގެން ހަ ދުވަހާއި ދިހަ ދުވަހާއި ދެމެދު ގޮތް ނިންމާނެ އެވެ. އަމާޒަކީވެސް އަދި އަމަލު ކުރަމުންދާ ގޮތަކީވެސް އެއީ އެވެ. ނަމަވެސް މަހުލޫފްގެ މައްސަލައަށް މިހާ ދިގު މުއްދަތެއް ހޭދަވެގެން ދިއުމުން އެހެން ހުރިހާ މައްސަލަތަކާއި މި މައްސަލަ ވަރަށް ބޮޑަށް ތަފާތު ވެއްޖެ އެވެ. ހަަމައެކަނި މި ސަބަބަށްޓަކައިވެސް މަހުލޫފްގެ މައްސަލަ ތަފާތުވީއެވެ.

ނަމަވެސް ޕީޖީ އޮފީހުން އެ ތުހުމަތާއި ދެކޮޅު ހަދައެވެ. ޕީޖީ ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި މަހުލޫފް ވީމަ ދައުވާ ކުރަން އަދި ނުކުރަންވެސް މަސައްކަތެއް ނުކުރައްވާނެ އެވެ. އަދި މި މައްސަލާގައި ވަކި ތަފާތު ގޮތެއް އެ އޮފީހުން ނުގެންގުޅެއެވެ. މައްސަލަތަކުގައި ދައުވާ ކުރުމާ މެދު އެ އޮފީހުން ނިންމާ ނިންމުންތަކަކީ ހެއްކާއި ގަރީނާގެ މައްޗަށް ބިނާވާ ނިންމުންތަކެއް ކަމުން މައްސަލަތަކުގައި ތަހުގީގީ އިދާރާތަކުން ހޯދާ ހެއްކާއި ގަރީނާ އަކީ ގާނޫނާ އެއްގޮތަށް ހޯދާފައިވާ ހެއްކާއި ގަރީނާކަން އެ އޮފީހުން ކަށަވަރު ކުރާނެތީ އެކަމަށް ވަގުތު ވަނީ އެވެ.

އަދި އެއީ މަހުލޫފަށް ތަފާތުކޮށް އަމަލު ކުރުން ކަމަށް ދެކެވަޑައެއް ނުގެންނެވިއެވެ.

ނަމަވެސް މި މައްސަލާގައި ކަން ހިނގަމުންދާ ގޮތުން މަހުލޫފުގެ މައްސަލަ ތަފާތު ކަމަށް އެތައް ބަޔަކު ގަބޫލު ކުރެއެވެ. ހުދު މިނިސްޓަރު މަހުލޫފުވެސް ވަނީ އެކަމުގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މަހުލޫފް ވަނީ ދައުވާ ކުރިނަމަވެސް އަދި ނުކުރި ނަމަވެސް މައްސަލަ އަވަހަށް ނިންމަވައި ދެއްވުމަށް އެދިވަޑައިގެންފައެވެ.

މަހުލޫފްގެ މައްސަލާގައި ޕީޖީ އޮފީހުން ތަފާތުކޮށް އަމަލު ކުރައްވާފައިވާ ކަމަށް ވިދާޅުވާ އެއް ބޭފުޅަކީ ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް އެވެ. ހައިލަމް ވިދާޅުވި ގޮތުގައި މަހުލޫފްގެ މައްސަލާގައި ގޮތެއް ނުނިމި ދެ މަސް ދުވަސް ހޭދަވެގެން ދިއުމަކީ ތަފާތު ކުރުމެވެ. އެއްވެސް ސަބަބެއް މެދުވެރިވެގެންވެސް އެ މުއްދަތު ހޭދަވެގެން ނުވާނެ އެވެ.

"ސަބަބެއް އޮތަސް ނެތަސް މި އޮތީ ތަފާތު ކުރެވިފައި،"

ހައިލަމް ވިދާޅުވި ގޮތުގައި މިފަދަ މައްސަލަތަކުގައި ދައުވާ ކުރަން ވަކި މުއްދަތެއް ނެތް ކަމަށް ޕީޖީ ވިދާޅުވިނަމަވެސް އެއީ ހަމަޖެހޭ ވާހަކައެއް ނޫނެވެ. ދައުވާ ކުރަން މުއްދަތެއް ނެތް ނަމަވެސް މި މައްސަލަ މިހާ ދިގު މުއްދަތަކަށް ލަސްވެގެން ދިއުމުގެ އަސާސަ ހިފޭ ސަބަބެއް ނެތެވެ. ޕީޖީ ދައްކަވަނީ އެފަދަ ސަބަބުތަކެއްވެސް ނޫނެވެ. އެހެންވީމަ މިއީ ވަރަށް ބޮޑު ތަފާތު ކުރުމެވެ.

ހައިލަމް ވިދާޅުވި ގޮތުގައި ދައުލަތުގެ ވަޒީރަކު އެފަދަ ގޮތަަކަށް މަގާމުން އެކަހެރިކޮށްފައި ބެހެއްޓުމަކީ މަހުލޫފާއި މުޅި ދައުލަތަށްވެސް އެކަމުން އޮތް ގެއްލުމެކެވެ. އެހެންވީމަ މުއްދަތް އޮތް ކަމަށް ބުނެ ވަޒީރެއްގެ މައްސަލަ މިހާ ބޮޑަށް ދިގު ދަންމާލައިގެން ނުވާނެ އެވެ.

"މި ދައްކަނީ ދައުލަތުގެ ވަޒީރެއްގެ ވާހަކަ. އެއީ އާދައިގެ މީހެއް ނޫން. އެފަދަ ބޭފުޅަކު މަގާމުގައި ހުންނަވާ އެހެނަސް މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ބެހެއްޓުމަކީ ދައުލަތަށްވެސް ލިބޭ ގެއްލުމެއް. ރައްޔިތުންނަށްވެސް ލިބޭ ގެއްލުމެއް. އެހެންވީމަ ޕީޖީގެ އެ ވާހަކަތަކަކީ ވަަރަށް ހަމަނުޖެހޭ ވާހަކަތަކެއް. އަދި އެފަދަ ބޭފުޅަކު ދައްކަވައިގެން ނުވާނެ ފަދަ ކަނޑުކޮސް ވާހަކައެއް އެއީ،"

މި ދައްކަނީ ދައުލަތުގެ ވަޒީރެއްގެ ވާހަކަ. އެއީ އާދައިގެ މީހެއް ނޫން. އެފަދަ ބޭފުޅަކު މަގާމުގައި ހުންނަވާ އެހެނަސް މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ބެހެއްޓުމަކީ ދައުލަތަށްވެސް ލިބޭ ގެއްލުމެއް. ރައްޔިތުންނަށްވެސް ލިބޭ ގެއްލުމެއް. އެހެންވީމަ ޕީޖީގެ އެ ވާހަކަތަކަކީ ވަަރަށް ހަމަނުޖެހޭ ވާހަކަތަކެއް. އަދި އެފަދަ ބޭފުޅަކު ދައްކަވައިގެން ނުވާނެ ފަދަ ކަނޑުކޮސް ވާހަކައެއް އެއީ
އަހުމަދު ހައިލަމް | ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒި

މި ސަރުކާރުން ރައްޔިތުންނަށްވީ ވައުދުތަކުގެ ތެރޭގައި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއަށް ހާއްސަ ވައުދުތައް ގިނަ އެވެ. އެ ވައުދުތައް ހާސިލުކުރުމަށް މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަޒީރު މަހުލޫފް ވަނީ އެތައް މަސައްކަތްތަކެއް ކުރައްވާފައެވެ. ހުރިހާ ވުޒާރާތަކަށްވުރެ ހަރަކާތްތެރި އަދި ނަތީޖާ ނެރެމުންދާ ވުޒާރާއެއްގެ ގޮތުގައި ޒުވާނުންނާއި ކުޅިވަރު ވުޒާރާ އޮތީ ފާހަގަކުރެވިފައިވެއެވެ.

ނަމަވެސް މިދިޔަ ދެ މަހެއްހާ ދުވަހު މަހުލޫފު މަގާމުގެ މަސްއޫލިއްޔަތުން އެެކަހެރިކުރައްވާފައި ހުރުމުން އެކަމުގެ އަސަރު ވަނީ އެ ދާއިރާތަކަށް ކޮށްފައެވެ. އެކަން ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިންނާއި ދާއިރާގެ އިސް ބޭފުޅުން ފާހަގަކުރައްވައެވެ.

ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމްވެސް ވިދާޅުވި ގޮތުގައި މަހުލޫފްގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ތަފާތު ކޮށްފައެވެ. އަދި މައްސަލަ ދިގުދަންމާލުމުގެ ސަބަބުން މަހުލޫފްގެ އަސާސީ ހައްގަކަށް ދައުލަތުން އެ ވަނީ އަރައިގެންފައެވެ. އެއީ ރާއްޖެ ބައިވެރިވެފައިވާ އިންސާނީ ހައްގުތަކާއި ބެހޭ ބައިނަލްއަގްވާމީ މުއާހަދާތަކާއި ސިޔާސީ ހައްގުތަކާއި ބެހޭ ބައިނަލްއަގްވާމީ މުއާހަދާތަކާވެސް ހިލާފު ކަމެކެވެ.

"އަޅުގަނޑަށް މިހާރު ފާހަގަކުރެވެނީ ސިޔާސީ ސަބަބުތަކަކަށްޓަކައޭ އެ މައްސަލަ އެ ބާއްވަނީ. އެހެން ނޫންނަމަ މިހާރު މި މައްސަލަ ނިންމަން ޖެހޭހާ މުއްދަތު ފާއިތުވެ ހިނގައްޖެ. އަނެއް ކޮޅުން މިއީ ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާއި ކަނޑައެޅިގެން ހިލާފަށް ކުރަމުންދާ ކަމެއް. އެކަމުގެ ސަބަބުން ދައުލަތަށް އެ ވަނީ މަހުލޫގެ އަސާސީ ހައްގަކަށް މިހާރުވެސް އަރައިގަނެވިފައި،"

އަޅުގަނޑަށް މިހާރު ފާހަގަކުރެވެނީ ސިޔާސީ ސަބަބުތަކަކަށްޓަކައޭ އެ މައްސަލަ އެ ބާއްވަނީ. އެހެން ނޫންނަމަ މިހާރު މި މައްސަލަ ނިންމަން ޖެހޭހާ މުއްދަތު ފާއިތުވެ ހިނގައްޖެ. އަނެއް ކޮޅުން މިއީ ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާއި ކަނޑައެޅިގެން ހިލާފަށް ކުރަމުންދާ ކަމެއް. އެކަމުގެ ސަބަބުން ދައުލަތަށް އެ ވަނީ މަހުލޫގެ އަސާސީ ހައްގަކަށް މިހާރުވެސް އަރައިގަނެވިފަ
މުހައްމަދު ނިޝާން އިބްރާހިމް | ގާނޫނީ ވަކީލެއް

ނިޝާން ފާހަގަ ކުރެއްވި ގޮތުގައި މަހުލޫފްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ފޮނުވާފައިވާ މައްސަލަ އަކީ ބޮޑެތި ކުށްތަކުގެ ތެރޭގައިވެސް ހިމެނޭ މައްސަލައެއް ނޫނެވެ. އެފަދަ ކުށްތަކުގެ ތެރޭގައި ހިމެނޭ އެތައް މައްސަލައެއްގައި ބޮޑެތި ތަހުގީގުތައް ހިންގާ ކުރު މުއްދަތެއްގައި ދައުވާ ކުރަން ފޮނުވާފައިވާއިރު މި މައްސަލަ ލަސްވާން ޖެހޭ ސަބަބެއް ނެތެވެ.

"އެފަދަ ބައެއް މައްސަލަތައް ކޯޓަށް ހުށައަޅާއިރު ވީޑިއޯ ފުންޏެއް ހުރޭ. އެތައް ހާސް ކަރުދާހެއް ހުރޭ. ނަމަވެސް އެކަންކަން ބަލާފައި ދައުވާ ކުރަން ފޮނުވާފައި އެބަހުރި ކުރު މުއްދަތެއްގައި. އަނެއްކޮޅުން އެ މައްސަލައެއްގައި އެތައް ބަޔަކަށް ދައުވާ ކުރަންވެސް އެބަ ފޮނުވާ މިހާ މުއްދަތުގައި. މަހުލޫފް މައްސަލަ މިއީ އެފަދަ ބޮޑު މައްސަލައެއް ނޫން. ވީޑިއޯ ފުންޏަކާއި ކަރުދާސް ފުންޏެއް ނުހުންނާނެ. އަޅުގަނޑަށް އެނގޭތީ މި ދަންނަވަނީ. އެހެންވީމަ މަހުލޫފްގެ މައްސަލާގައި މި އޮތީ ތަފާތު ކުރުން ގެންގުޅެވިފައި. ހަމަހަމަ ކަމެއް ނެތް،"


ނިޝާމް ވަނީ މައްސަލަ ފުރިހަމަ ކުރުމަށް ކަމަށް ބުނެ އޭސީސީއަށް ދެ ފަހަރު މައްސަލަ ފޮނުވާލި ފޮނުވާލި ފޮނުވާލުމާމެދުވެސް ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މައްސަލަ އެ އޮފީހަށް އަންނައިރު ކޮންމެހެން ފުރިހަމަ ކޮށްލަން ޖެހޭ ބައެއް ކަންކަން ފުރިހަމަ ކުރުމަށް މައްސަލައެއް ފޮނުވާލުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ދެތިން ހަތަރު ފަހަރު މަތިން ފޮނުވަން ޖެހުމަކީ ޕީޖީން މީގެ ކުރީން އަމަލު ކުރަމުން އައި ގޮތެއް ނޫނެވެ. އެއީވެސް މައްސަލާގައި އޮތް ތަފާތު ކުރުމެވެ.

"އަޅުގަނޑަށް ފެންނަނީ އެއީ މިކަން ނުކޮށް މިހެން ބާއްވަން ދައްކާހާ ބަހަނާތަކެއް ކަމަށް. މިއީ ކުޅޭކުޅޭ ކުޅިވަރެއް ނޫން. މި ދައްކަނީ މީހެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރާ ވާހަކަ. ނުވަތަ ނުކޮށް ދޫކޮށްލާ ވާހަކަ. އެހެންވީމަ މިކަން ކުޅިވަރަކަށް ހަދައިގެން ނުކުރެވޭ،" ފުލުހުންގެ ގާނޫނީ ވަކީލެއްގެ ގޮތުގައިވެސް ކުރީން މަަސައްކަތް ކުރެއްވި ނިޝާމް ވިދާޅުވިއެވެ.

މަހުލޫފްގެ މައްސަލަ ނުނިމި ދިގުލައިގެންދާ މައްސަލާގައި ފާހަގަކުރެވޭ އެތައް ގޯސްތަކެއް މިނިސްޓަރު ވަނީ އާންމުވެސް ކުރައްވާފައެވެ.

އެއް ކަމަކީ މަހްލޫފްގެ މައްސަލަ ދިރާސާ ކުރުމަށް ޕްރޮސެކިއުޓަރު ޖެނަރަލް އޮފީހުގައި އެކުލަވާލާފައި އޮތް ދައުލަތުގެ ޕްރޮސެކިއުޓަރުންގެ ކޮމެޓީ އިން ބަލަމުން ގެންދިޔަ މައްސަލަ އެ ކޮމިޓީ މެންބަރުންގެ އަތުންނަގާ އިތުރު ދެ ޕްރޮސެކިއުޓަރަކާއި ހަވާލުކުރި ކުރުމެވެ. ނަމަވެސް ޕީޖީން މި ވާހަކަ ދޮގު ކުރެއެވެ. ޕީޖީން ބުނަނީ ކޮމެޓީއަތުން މައްސަލަ ނުނަގާ ކަމަށެވެ. އިތުރު ދެ ޕްރޮސެކިއުޓަރުންގެ ރައުޔު ހޯއްދަވަނީ އެވެ. އެ ދެ ބޭފުޅުންގެ ރައުޔުވެސް މިހާރު ދީފައިވާއިރު މައްސަލަ ނިންމުން އޮތީ ޕީޖީގެ އަތް މަތީއެވެ. ނަމަވެސް މިއީވެސް މި މައްސަލާގައި ތަފާތުކޮށް ހިނގާފައިވާ ކަމެކެވެ.

މީގެ އިތުރުން ޗެއިން އޮފް ކަސްޓަޑީ އެއްނެތް ޗެޓްލޮގެއް ގެ އެނެލެސިސް ހެދި ކަމަށް ބުނާ ފޮރެންސިކު ކުންފުންޏެއްގެ ހެކިބަސް ހޯދަން ޕީޖީން އަމަލުކޮށްފައިވާ ގޮތްވެސް މަހުލޫފް ފާހަގަ ކުރެއްވިއެވެ.

"މޮހޯގެ ބަޔާނުން ކޮއްކޮ ޑޮލަރު މާރުކުރި ކަމަށް ބުނޭ. ރިސިޓް ގައޮތީ އެސްއޯއެފްގެ ސްޓޭމްޕް ކަމަށް އެބަ ބުނޭ. ޗެއިން އޮފް ކަސްޓަޑީ އެއްނެތް ޗެޓްލޮގްގެ އެނެލެސިސް ހެދި ކަމަށް ބުނާ ފަރަޑޭ ފޮރެންސިކްއަށް ސިދާ ޕީޖީ އިން ގުޅައިގެން އެމީހުން ކޯޓަށް ގެނަން އުޅެފި. އެމީހުން ބުނަނީ އެއީ އެމީހުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް. އަދި އަޔަސް ޗެއިން އޮފް ކަސްޓަޑީ ނެތް އެއްޗެއްގެ އެއްވެސް ގާނޫނީ ބުރަދަނެއް ނެތް. އަދި އެޗެޓް ލޮގްތަކުގައި އަޅުގަނޑު ދެއްކި ކަމަށް ބުނާ ވާހަކައެއްވެސް ނެތް،" މަހުލޫފް ވިދާޅުވިއެވެ.

އަދި މި މައްސަލާގައި ސްރީލަންކާގެ ރައްޔިތެއްގެ ބަޔާން ގާނޫނާއި ހިލާފަށް ނަގާފައިވާކަންވެސް ވަނީ ފެންމަތި ކުރައްވާފައެވެ. އެކަން ކުރީ ރާއްޖޭގެ ގާނޫނުތަކާއި ލަންކާގެ ގާނޫނުތަކާއިވެސް ހިލާފަށެވެ. އެކަން ލަންކާގެ ކަމާބެހޭ އިދާރާތަކުން ބަލަމުންދާއިރު ދިވެހި ފޮރިން މިނިސްޓްރީންވެސް މައްސަލަ ވަނީ ބަލާފައެވެ. އެކަން ރައީސް ސޯލިހްވެސް ވަނީ އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލްވުމުގައި ފާހަގަ ކުރައްވާފައެވެ.

"ލަންކާގަ ހުންނަވާ ދިވެހިސަފީރު، މިނިސްޓްރީ އަަށްވެސް މިކަން ސިއްރުން ހިންގަވާފައިވާ ކަން ފަޅާއަރާ އެމައްސަލަ ފޮރިން މިނިސްޓްރީ އިންވެސް ތަހުގީގު އެބަކުރޭ. ޖިނާއީ ތަހުގީގު ޒޫމް މެދުވެރިކޮށް ހިންގިއިރު ސަފީރު އެތާ އިންނެވިތަން ވީޑިއޯއިން ފެނޭ. ރައީސް އަށްްވެސް އެތާ ނީއްނެވޭނެ،"

މި ނޫންވެސް މި މައްސަލައިގެ ވަށައިގެންވާ އެތައް ކަމެއް މަހުލޫފް ވަނީ އާންމު ކުރައްވާފައެވެ. މައްސަލައަށް ގޮތެއް ނުނިންމާ ދިގުދަންމާލުގައި ސިޔާސީ ނުފޫޒު އޮތް ކަމުގެ ތުހުމަތުވެސް އެބައޮތެވެ. މަހުލޫފްގެ މައްސަލަ އަލުން ހެޑްލައިނަށް އައިސް މަގާމުން އެކަހެރި ކުރުމުގެ ކުރީން ނުފޫޒުގަދަ ބައެއް ބޭފުޅުންނާއި މަޖިލީހުގައި އަޑުގަދަ ބައެއް މެންބަރުންނާއި އެކި ކަންކަމުގައި ބޮޑެތި ހިޔާލު ތަފާތުންތައް އޮތެވެ. އެފަދަ ބޭފުޅުން އެކި ފަހަރު މަތިން ދައްކަވާފައިވާ އެކި ވާހަކަތަކުންވެސް މި މައްސަލައަށް އެކި ގޮތް ގޮތުން ނުފޫޒު ފޯރުވާކަން ހާމަވެފައިވެއެވެ.