އަހުމަދު މަހްލޫފު

މައްސަލަ އަވަސްކޮށްދެއްވުމަށް މަހުލޫފް އެދިވަޑައިގެންފި

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތުގައި ދައުވާކުރަން ފޮނުވާފައިވާ މައްސަލާގައި އަވަހަށް ގޮތެއް ނިންމަވައި ދެއްވުމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އެދިވަޑައިގެންފި އެވެ. މީގެ ކުރީންވެސް މަހުލޫފް ވަނީ މައްސަލައިގައި ގޮތެއް ނިންމެވުމުން ލަސްކުރަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މަހުލޫފް މިއަދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވިތާ ހަތް ދުވަސްތެރޭ ދައުވާ ކޮށްފައިވާ ކަމަށާ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާންގެ މައްސަލަ ފޮނުވިތާ 10 ދުވަސްތެރޭ ދައުވާ އުފުލި ކަމަށެވެ.

"‏އަޅުގަނޑުގެ މައްސަލައަަށް 65 ދުވަސް ވީއިރު އަދިވެސް ވިދާޅުވަނީ ނިމޭޭނެއިރެއް ނޭންގޭ ކަމަށް. ‏ދައުވާ ކުރިޔަސް ނުކުރިޔަސް ގޮތެއް ނިންމަވާށެވެ،" ޕީޖީއަށް އިލްތިމާސް ކުރައްވާ މަހުލޫފް ވިދާޅުވިއެވެ.

މަހްލޫފްގެ މައްސަލަ ދިރާސާ ކުރުމަށް ޕްރޮސެކިއުޓަރު ޖެނަރަލް އޮފީހުގައި އެކުލަވާލާފައި އޮތް ދައުލަތުގެ ޕްރޮސެކިއުޓަރުންގެ ކޮމެޓީ އިން ބަލަމުން ގެންދިޔަ މައްސަލަ އެ ކޮމިޓީ މެންބަރުންގެ އަތުންނަގާ އަބްދުﷲ ރާބިއު އާއި މަހްމޫދު ސަލީމް އާއި ހަވާލުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެންވެސް މަހުލޫފް އިއްޔެ ވަނީ ޓްވީޓްތަކެއް ކުރައްވާފައެވެ.

މަހުލޫފް ވިދާޅުވީ ގިނަވެގެން ހަ ދުވަސްތެރޭ ދައުވާ ކުރުމާމެދު ގޮތެއް ނިންމާކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލްވުމުގައިވެސް ވިދާޅުވެފައިވާ ކަމަށާ ނަމަވެސް އޭނާގެ މައްސަލަ ޕީޖީގައި އޮންނަތާ 60 ދުވަސް ވެއްޖެ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ މައްސަލަތައް ނިންމަން ނަގާފައޮތް ކޮމިޓީ އިން ދައުވާ ނުކުރެވޭނެ ކަމަށް ބުނުމުން އެމީހުންގެ އަތުން މައްސަލަ އަތުލާ އެހެން ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށެވެ.

"މޮހޯގެ ބަޔާނުން ކޮއްކޮ ޑޮލަރު މާރުކުރި ކަމަށް ބުނޭ. ރިސިޓް ގައޮތީ އެސްއޯއެފްގެ ސްޓޭމްޕް ކަމަށް އެބަ ބުނޭ. ޗެއިން އޮފް ކަސްޓަޑީ އެއްނެތް ޗެޓްލޮގްގެ އެނެލެސިސް ހެދި ކަމަށް ބުނާ ފަރަޑޭ ފޮރެންސިކްއަށް ސިދާ ޕީޖީ އިން ގުޅައިގެން އެމީހުން ކޯޓަށް ގެނަން އުޅެފި. އެމީހުން ބުނަނީ އެއީ އެމީހުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް. އަދި އަޔަސް ޗެއިން އޮފް ކަސްޓަޑީ ނެތް އެއްޗެއްގެ އެއްވެސް ގާނޫނީ ބުރަދަނެއް ނެތް. އަދި އެޗެޓް ލޮގްތަކުގައި އަޅުގަނޑު ދެއްކި ކަމަށް ބުނާ ވާހަކައެއްވެސް ނެތް،" މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ މީގެ ދެ އަހަރު ކުރިން ގާނޫނީ ވަކީލަކު ފޮނުވި އެ ޗެޓްލޮގް އަދިވެސް އޭނާގެ އަތުގައި އެބައޮތް ކަމަށެވެ. އަދި މި މައްސަލާގައި ސްރީލަންކާގެ ރައްޔިތެއްގެ ބަޔާން ގާނޫނާއި ހިލާފަށް ނަގާފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. އެކަން ކުރީ ރާއްޖޭގެ ގާނޫނުތަކާއި ލަންކާގެ ގާނޫނުތަކާއިވެސް ހިލާފަށް ކަމަށާ އެކަން ލަންކާގެ ކަމާބެހޭ އިދާރާތަކުން ބަލަމުންދާ ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

"އަދި ލަންކާގަ ހުންނަވާ ދިވެހިސަފީރު، މިނިސްޓްރީ އަަށްވެސް މިކަން ސިއްރުން ހިންގަވާފައިވާ ކަން ފަޅާއަރާ އެމައްސަލަ ފޮރިން މިނިސްޓްރީ އިންވެސް ތަހުގީގު އެބަކުރޭ. ޖިނާއީ ތަހުގީގު ޒޫމް މެދުވެރިކޮށް ހިންގިއިރު ސަފީރު އެތާ އިންނެވިތަން ވީޑިއޯއިން ފެނޭ. ރައީސް އަށްްވެސް އެތާ ނީއްނެވޭނެ،"

ކުރިން ނިންމައިގެން ހުރީ ޕީޖީ އޮފީހުން ގޮތެއް ނިންމީމަ އިސްތިއުފާ ދޭން. އެކަމަކު މިހާ ގޯސްކޮށް ޕީޖީ އޮފީސް ތެރެއިންވެސް ކަންކަން ދާތީ ދައުވާ ކުރިޔަސް ދެން އަޅުގަނޑު އިސްތިއުފާދިނުމާ މެދު އިތުރަށް ވިސްނާނަށް. ހަޑިކޮށް އެއްބަޔަކު ކުޅޭއިރު އެހާ ފަސޭހަކޮށް މަގު ކޮށާދޭކަށް ނެތިން
އަހުމަދު މަހުލޫފް | ޔޫތު މިނިސްޓަރު

މަހުލޫފް ވިދާޅުވީ އޭނާގެ ކަންބޮޑުވުންތަކާއި މި މައްސަލާގައި ޕީޖީ އަމަލު ކުރައްވާ ގޮތާއި އަދި އޭނާ މިހާރު ނިންމަވާފައިވާ ނިންމެވުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ރަސްމީކޮށް ދަންނަވާނެ ކަމަށެވެ. މަގާމުން ވަކިކުރެއްވުމަކީ ރައީސުލްޖުހޫރިއްޔާއަށް ގާނޫނު އަސާސީ އިން މަތިކޮށްފައިވާ ބާރެއް ކަމުން މިކަމުގައި ގޮތެއް ނިންމަވާނީ ރައީސް ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓުގައި ހިމެނިވަޑައިގެންނެވި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މައްސަލަ ކޯޓަށް ފޮނުވާ ހިސާބުން އެ ބޭފުޅުން މަގާމުން ވަކިކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ހިޔާނާތް ބަލައި އިންސާފު ގާއިމުކުރުމަށް ރައީސް ސޯލިހް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ކޮމިޝަނެއް އުފައްދަވާ އެ ކޮމިޝަންގެ މަސައްކަތްތަކާއެކު ދެން އަޅުއްވާނެ ފިޔަވަޅުތައް މާކުރިން ފެށިގެން ނިންމަވާފައިވާ ކަމަށެވެ. ކޮމިޝަންގެ މަަސައްކަތްތައް ހަލުވި ކުރެވި ވީހާވެސް އަވަހަށް އެ މައްސަލަތައް ނިންމުމަކީ ރައީސް ވަރަށް ބޮޑަށް ބާރު އަޅުއްވާ ކަމެއް ކަމަށާ އެ ކޮމިޝަންގެ މަަސައްކަތްތައް ވަރަށް ގާތުން ރައީސް ބައްލަވަމުން ގެންދަވާ ކަމަށެވެ.

މަބުރޫކް ވިދާޅުވީ ކޮމިޝަންގެ ތަހުގީގު ނިންމާ ދައުވާ ކުރުމަށް ފޮނުވުމުން އެ މައްސަލާގައި ދައުވާ ކުރުމާމެދު ޕީޖީން ގޮތްތަކެއް ނިންމުމާ އެކު އެ ބޭފުޅަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

"ރީޒަނަބަލް ޑައުޓެއް އޮތް ކަން ނިންމޭނެ ހިސާބެއް އެއީ ޕީޖީން އެ މައްސަލަ ބަލާ ދައުވާ ކުރަން ފޮނުވޭ ހިސާބު. އެހެންވީމަ އެ ހިސާބުން ރައީސް ފިޔަވަޅު އަޅުއްވާނެ. ކޮންމެހެން ކޯޓް މަރުހަލާ ނިމެންދެން މަޑެއް ނުކުރައްވާނެ،" މަބުރޫކް ވިދާޅުވި އެވެ.