އެމްއެމްޕީއާރުސީގެ ހިޔާނާތް

ހިޔާނާތުގައި މި ސަރުކާރުގެ ވެރިން ބައިވެރިވެފައިވޭ

އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލަ ރައީސް ސޯލިހްގެ ސަރުކާރަށް ނުބެލޭނެ ކަމަށާ ކޮރަޕްޝަންގެ އެ އަމަލުގައި ސަރުކާރުގެ އިސްވެރިންނާއި އެމްޑީޕީގެ މަޖިލީސް މެންބަރުންވެސް ބައިވެރިވެފައިވާ ކަމަށް ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތުހުމަތު ކުރެވޭ މީހުންގެ ލިސްޓުގައި ހުރިހާ ދިމާލެއްގެ ސިޔާސީ ލީޑަރުންނާއި ބޭފުޅުން ހިމެނޭ ކަމަށާ ސާބިތު ކުރެވޭ މައްސަލައެއްނަމަ ކޮންމެ ޕާޓީއެއްގެ ބޭފުޅަކަށް ވިޔަސް ޝަރުއީ މަރުހަލާއަށް އެ މައްސަލައެއް ގެންދަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.

އާދަމް ޝަރީފް ވިދާޅުވީ ބޮޑު ހިޔާނާތުގެ މައްސަލަ ރައީސް ސޯލިހްގެ ސަރުކާރަށް ނުބެލޭނެ ކަމަށާ ކޮރަޕްޝަންގެ އެ އަމަލުގައި ސަރުކާރުގެ އިސްވެރިންނާއި އެމްޑީޕީގެ މަޖިލީސް މެންބަރުންވެސް ބައިވެރިވެފައިވާ ކަމަށެވެ.

"ރައީސް ނަޝީދު ޖަލުން ސަލާމަތް ކުރުމަށާއި މި ސަރުކާރު ވެރިކަމަށް ގެނައުމަށްވެސް އެމްއެމްޕީއާރުސީގެ ފައިސާ ބޭނުން ކުރިކަމަށް އާންމުން ތުހުމަތު ކުރޭ. ކޮރަޕްޝަންއަށް ޒީރޯ ޓޮރަލެންސް ވަނީ ފެއިލްވެފައި."

ބޮޑު ހިޔާނާތުގެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ތެރޭގައި އެކަމުގެ އެއްވެސް ނުފޫޒެއް އޮތްތޯ ބެލުމަށްޓަކައި އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެފައިވާތީ އެކަމާއި ގުޅޭގޮތުންވެސް އާދަމް ޝަރީފް ވަނީ ވާހަކަ ދައްކަވާފައެވެ.

ޝަރީފް ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުންވެސް ނަތީޖާއެއް ނުނެރެވޭ ކަމަށާ އެމްއެމްޕީއާރުސީގެ މައްސަލާގައި ޕީޖީ އޮޕީސް ކޮމްޕްރޮމައިސް ވެދާނެ ކަމުގެ ބިރު ދަނީ އުފެދެމުން ކަމަށެވެ.

"މަޖިލީސް ސުޕަ މެޖޯރިޓީއަކީ މިނިވަން މުއަސްސާތަކަށް އޮތް ބިރަކަށް ވެއްޖެ. ޕީޖީ އޮފީހުގެ ގާނޫނީ ޒިންމާ އަދާ ކުރައްވާ."

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި މިހާތަނަށް ދައުވާކޮށްފައިވަނީ ރައީސް ޔާމީނަށާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށެވެ. އޭގެ ތެރެއިން ޖަލުުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ރައީސް ޔާމީނަށް އެކަންޏެވެ.

ޝަމީމް ރޭ ވިދާޅުވީ އެ ހިޔާނާތުގެ އެންމެ ބޮޑެތި ތުހުމަތު ކުރެވޭ ރައީސް ޔާމީނާއި، އަދީބާއި ޒިޔަތަކީ އެ ކަން ރާވައި އިސްކޮށް އުޅުއްވި ބޭފުޅުން ކަމަށެވެ. އޭގެ އިތުރުން ވެސް ހިޔާނާތުގެ ބައިވެރިވި އެކި ސިޔާސީ ބޭފުޅުންނާއި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވާނެ ކަމަށެވެ.

އެ ގޮތުން ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ތެރޭގައި ވެސް ހިޔާނާތުގެ ބައިވެރިންގެ ގޮތުގައި ތުހުމަތު ކުރެވޭ ބޭފުޅުން އެބަ ތިއްބެވި ކަމަށެވެ. ޕީޖީ އޮފީހުގެ ތެރޭގައި ވެސް އެފަދަ ބޭފުޅުން ތިބޭނެ ކަމަށް ބެލެވޭތީ އެ ކަމުގެ އިންކުއަރީއެއް ފަށަން ތިން މީހުންގެ ކޮމިޓީއެއް ނަގަން މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މިހާރު ވާނެ އިންޓާނަލް އިންކުއަރީއެއް ފަށާފައި. އެމްއެމްޕީއާރުސީގެ މައްސަލަ ކުރީގައި މަސައްކަތްކުރެއްވި ބޭފުޅުންނާއި މިހާރު އެކަމާ އުޅުއްވާ ބޭފުޅުންނާއި އެއްވެސް ކަހަލަ ތުހުމަތެއް އެއްވެސް ކަހަލަ ސުވާލު އުފެދޭ ކަމެއް އޮތްތޯ. އެ ބަަލަން ތިން ބޭފުޅުންގެ ކޮމެޓީއަކާއި ހަވާލުކޮށްފައި އޮންނާނީ،" ޝަމީމް ވިދާޅުވި އެވެ.

އެ ބޮޑު ހިޔާނާތުގެ މައްސަލާގައި އެންމެ ބޮޑު ތުހުމަތެއް ކުރެވޭ އަދީބުގެ ދިފާއީ ވަކީލެއްގެ ގޮތުގައި ޝަމީމް އުޅުއްވާފައިވާތީ ދެކެވޭ ބައެއް ވާހަކަތަކަށް ވެސް އޭނާ ރައްދު ދެއްވި އެވެ. ވިދާޅުވީ އަދީބުގެ ވަކީލެއްގެ ގޮތުގައި އޭނާ އުޅުއްވީ އެ ހިޔާނާތުގެ މައްސަލާގައި ނޫން ކަމަށާއި އުޅުއްވީ ވެސް އެ މައްސަލަ ފެންމަތިވުމުގެ ކުރިން ކަމަށެވެ.