އެމްއެމްޕީއާރުސީގެ ހިޔާނާތް

ޚިޔާނާތުގެ ބައިވެރިން ސިއްރުނުކޮށް ފަޅާއަރުވާލާނަން: ޔައުގޫބު

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވެފައިވާ މީހުންގެ ނަންތައް ސިއްރު ނުކުރާނެ ކަމަށާ ހުރިހާ އެންމެންގެ މައުލޫމާތު ހާމަ ކުރައްވާނެ ކަމަށް ދާންދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅު ވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި މި ސަރުކާރުގެ ބައެއް ވަޒީރުންނާއި މިހާރުވެސް ތިއްބެވި ބައެއް ފަނޑިޔާރުންނާއި މިހާރުގެ މަޖިލިސް މެންބަރުން ވެސް ހިމެނޭ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް އިއްޔެ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ އެ ކޮމިޓީގައި ތިއްބެވި ބައެއް މެންބަރުންގެ ހާޒިރުގައި އެމްއެމްޕީއާރްސީގެ މައުލޫމާތުތައް ހާމަ ކުރަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށާއި އެއީ ކޮމިޓީގައި ވެސް އެ ހިޔާނާތުގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ ފަރާތްތައް ހިމެނޭތީ ކަމަށެވެ. އެހެންކަމުން އެ މެންބަރުން ކޮމިޓީ އިން ތަނާޒިލުވެވަޑައިގަތުމުގެ ކުރިން މައުލޫމާތު ހިއްސާ ކުރައްވަން ދަތިވާނެ ކަމަށެވެ.

ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ ބައެއް މެންބަރުންނާއި މި ސަރުކާރުގެ ބައެއް ވަޒީރުންނާއި ބައެއް ފަނޑިޔާރުންނާއި އިތުރު މަޖިލިސް މެންބަރުންގެ މައްސަލަ ވެސް އެ ހިޔާނާތުގެ ރިޕޯޓުގައި ހިމެނޭ ކަމަށް ބިޝާމް ވިދާޅުވި އެވެ.

ބިޝާމްގެ ވާހަކަތަކާ ގުޅިގެން އެ ކޮމިޓީ ސިއްރު ކުރަން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވި އެވެ. އަދި ކޮމިޓީ ސިއްރު ކޮށްގެން ކުރިޔަށް ގެންދިޔުމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވި އެވެ. އަދި ވޯޓަށް އަހައި ކޮމިޓީ ސިއްރު ކުރަން ނިންމެވި އެވެ.

އެކަމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް ޖަވާބު ދެއްވަމުން ޔައުގޫބު ވިދާޅުވީ ސިއްރު ކުރަން ހުށައެޅީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ އަމަލުގައި ބައިވެރިވި މީހުންގެ ނަންތައް ނޫން ކަމަށެވެ. ކޮމެޓީ ސިއްރުކުރީ އެއީ ތަހުގީގު ކުރިއަށްދާ މައްސަލައަކަށް ވާތީ އެ މައްސަލައާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ހިމެނޭތީ ކަމަށެވެ.

"އެއްގޮތަކަށްވެސް އެކަމުގައި ހިމެނޭ ފަރާތްތައް ސިއްރެއް ނުކުރަން. ހުރިހާ އެންމެން ހާމަ ކުރާނަން." ޔައުގޫބު ވިދާޅުވިއެވެ.

އޭނާ ވަނީ ރައްޔިތުންނަށް ކަންކަން ސިއްރު ނުކުރައްވާނެ ކަމަށާ އެ ރައްޔިތުންނަށް ޖަވާބުދާރީވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

އިއްޔެ ކޮމެޓީ ބައްދަލްވުން ސިއްރުކުުރުމުން އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވެފައިވާ މި ސަރުކާރުގެ ވަޒީރުންނާއި ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަކީ ކޮބައިކަން ވަނީ ސާފުވާ ގޮތް ނުވެފައެވެ.