އެމްއެމްޕީއާރުސީގެ ހިޔާނާތް

އުޅެނީ އަބުރު ކަތިލަން: އާމިރު

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވެފައިނުވާނެ ކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި މި ސަރުކާރުގެ ބައެއް ވަޒީރުންނާއި މިހާރު ވެސް ތިއްބެވި ބައެއް ފަނޑިޔާރުންނާއި މިހާރުގެ މަޖިލިސް މެންބަރުން ވެސް ހިމެނޭ ކަމަށް ޕީޖީ ބިޝާމް ވަނީ ވިދާޅުވެފަ އެވެ. މަޖިލީހުގެ މެންބަރުންގެ ތެރޭގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ހިމެނޭ ކަމަށް ބިޝާމް އެދުވަހުގެ ކޮމެޓީ ބައްދަލުވުމުގައި ވިދާޅުވެފައިވާ ކަމަށް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.

"އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ނާޖާއިޒު މަންފާ ހޯދާފައިވާ ކަމަށް މީޑިއާތަކުގައި އެ ދައްކާ ވާހަކަތައް، އަޅުގަނޑާ ބެހޭގޮތުން އެ ދައްކާ ވާހަކަތަކަކީ ކަނޑައެޅިގެން ރޯ ބުހުތާނު ދޮގު. މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ތަކުރާރުކޮށް، ތަކުރާރުކޮށް އަޅުގަނޑުގެ ނަން ތީގެ ތެރޭ ހިމެނޭނަމަ ހާމަ ކުރުމަށްޓަކައި އެ ވާހަކަ ކަމާގުޅޭ ހުރިހާ މުއައްސަސާތަކުގައިވެސް އެ ވާހަކަ ދައްކަމުން ދަނިކޮށް، ބަޔާންކޮށްފައި ނެތް ވަގުތެއްގައި ވަކި މީހަކު ބުނެގެން މީހެއްގެ އަބުރު ކަތިލުމަށްޓަކައި ކަނޑައެޅިގެން ހާމަކޮށްފައިވާ ހާމަ ކުރުމެއްގެ ގޮތުގައި އަޅުގަނޑު ހަމަ ދަންނަވަން." އާމިރު ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އާމިރު ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހިވަޑައިގެންފައިނުވާނެ ކަމަށާ އެކަން ސާބިތުކޮށްދެއްވާނެ ކަމަށެވެ. އަދި މަޖިލީހުގެ ކޮމެޓީގައި ބިޝާމް ހައްދަވާފައިވަނީ ރޯ ދޮގު ކަމަށް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ މައްސަލަ ވަރަށް ރަނގަޅަށް ބަލަންޖެހޭ ކަމަށްވެސް އާމިރު ވިދާޅުވި އެވެ. އަދި ޚިޔާނާތުގެ ފައިސާ ލިބުނު މީހުން ވަރަށް ރަނގަޅަށް އެނގެންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި އާމިރު ވަނީ ޕީޖީއަށްވެސް ފާޑުވިދާޅުވެފަ އެވެ. އާމިރު ވަނީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަން ނުކެރިގެން އުޅެނީ ކީއްވެގެންތޯ ސުވާލު ކުރައްވާފަ އެވެ. އަދި ބިޝާމް ބަހައްޓާފައި ހުރީ ސިޔާސީ މީހުން އަބުރުކަތިލާ، އޭނާގެ ދޫ ބޭނުންކުރަންތޯވެސް އާމިރު ސުވާލު ކުރެއްވިއެވެ.

"ސިޔާސީ ބޭނުމަށްޓަކައި މިއަދު ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމުގައި ހުރި ބޭފުޅަކު ވަކިކުރަން ނިންމަވާފައި އަނެއްކާ ބައިންދަން.. ޝަރުތަކީ އެއީ އޭނަގެ ދޫ ބޭނުން ގޮތަކަށް ބޭނުންކުރުން ކަމަށްވާނަމަ އެއަކަށް އަދި އިންސާފެއް ނުކިޔޭނެ. އެހެންވީމަ އަޅުގަނޑު ދަންނަވާނީ އަދުލްއިންސާފު ގާއިމު ކުރުމަކީ އެއީ ތެޔޮ ފުޅިއެއްގެ ބޭރުގައި ލިޔާ ނަމަކުން ކުރާ ކަމެއް ނޫނޭ." އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ މަޖިލީހުގައި ހޭދަކުރެއްވި މުއްދަތު ވަރަށް ގިނަ ވާހަކަތައް އަޑު އިވިވަޑައިގެންފައިވާ ކަމަށާ ޚިިޔާނާތްތެރިންނަކީ ކޮބައިކަން ބަލާލަން އެ ވާހަކަތައް ދައްކަން ތައްޔާރަށް ހުންނެވި ކަމަށެވެ.