އެންމެ ފުރަތަމަ ބަލަންވީ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ މައްސަލަ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މަލީހް މިހެން ވިދާޅުވީ މިދިޔަ ހޯމަ ދުވަހު އޮތް މާލިއްޔަތު ކޮމެޓީގެ ބައްދަލްވުމުގައި، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި މި ސަރުކާރުގެ ބައެއް ވަޒީރުންނާއި މިހާރު ވެސް ތިއްބެވި ބައެއް ފަނޑިޔާރުންނާއި މިހާރުގެ މަޖިލިސް މެންބަރުން ވެސް ހިމެނޭ ކަމަށް ވިދާޅުވެ، ޕީޖީ ހާމަކުރެއްވި ބޭފުޅުންގެ ނަންތައް އާންމުވި މައްސަލަ ބެލުމަށް މާލިއްޔަތު ކޮމެޓީން މިއަދު ނިންމުމާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައެވެ. މާލިއްޔަތު ކޮމެޓީގެ މެންބަރުން ވަނީ ޕީޖީ ކޮމެޓީގައި ވިދާޅުވި ނަންތައް އާންމުވުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ ކޮމެޓީން ވަނީ އެކަން ބެލުމަށްވެސް ނިންމާފައެވެ.
މަލީހް ވިދާޅުވީ އެންމެ ފުރަތަމަ ބަލަންވީ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ މައްސަލަ ކަމަށެވެ. އަދި ކޮމެޓީން ނިންމި ގޮތަށް ޕީޖީ ބިޝާމް އިންސާފުގެ ކުރިމައްޗަށް ގެންދަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"އެންމެ ފުރަތަމަ ބަލަން ޖެހޭނީ ކަނޑައެޅިގެން ބޮޑެތި ބުހުތާނު ދޮގު ހަދާ، މީހުންގެ އަބުރު ކަތިލި ޕީޖީ {ބިޝާމް} ގެ މައްސަލަ. އަދި ކޮމެޓީން ނިންމި ގޮތަށް ޕީޖީ އިންސާފުގެ ކުރިމައްޗަށް ގެންދަން ޖެހޭ. ޕީޖީ އޮފީސް ތާހިރު ކުރަންޖެހޭ." މަލީހް ވިދާޅުވިއެވެ.
ޕީޖީގެ އެދިވަޑައިގަތުމަށް ސިއްރުން ކުރިއަށް ގެންދިޔަ ކޮމެޓީ ބައްދަލްވުމުގައި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވެފައިވާ މަޖިލީސް މެންބަރުންނާއި، ފަނޑިޔާރުންނާއި، ވަޒީރުންގެ ނަންތައް އެކަމަނާ ވަނީ ވިދާޅުވެފައެވެ. އަދި ޕީޖީ ވިދާޅުވި ބައެއް ނަންތައް މަޖިލީހުގެ އިއްޔެއާ މިއަދުގެ ޖަލްސާގައި މެންބަރުން ވަނީ ހާމަކުރައްވާފައެވެ.
ބިޝާމް ވިދާޅުވި ތިން ވަޒީރުންނަކީ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާ، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ކަމަށް މެންބަރުން ވިދާޅުވެއެވެ. އެއާއެކު މިނިސްޓަރު މަލީހް ވަނީ ބިޝާމްގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މި މައްސަލައާއި ގުޅިގެން މިނިސްޓަރު ޒަހާ އަދި މިނިސްޓަރު މަހުލޫފް އެއްޗެއް ވިދާޅެއް ނުވެއެވެ.
އެމްއެމްޕީއާރްސީގެ މައްސަލާގައި މީގެ ކުރިން ތުހުމަތު ވެސް ކުރެެވިފައި ނުވާ މީސްމީހުންގެ ނަންތައް އެކަމުގައި ޝާމިލު ކުރަމުން ގެންދަނީ ހިޔާނާތުގެ މިސްރާބު އޮޅުވާލަންތޯ ވެސް މިނިސްޓަރު މަލީހު ވަނީ ސުވާލު ކުރައްވާފަ އެވެ. މީގެ އިތުރުން ޕީޖީއަކީ އެނބުރޭ ވަހުތާނަކަށް ވެގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އޭގެ ފަހުން މިނިސްޓަރު ވަނީ "އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދު" އޮތް ކަން ހަނދާން ކޮށްދެއްވާފަ އެވެ. އަދި ވިދާޅުވީ ޕީޖީ މަގާމަކީ ވަރަށް ޒިންމާދާރު މަގާމެއް ކަމަށެވެ.
"ޕީޖީ ތައްޔާރުވެ ވަޑައިޑަތުމަށް ނަސޭހަތްތެރިވަން. އަސާސެއް ނެތި މެންދުރު ނިދީގައި ސިއްރު ކޮޓަރީގައި އަނގަ ތެޅުވުމަށްވުރެ ޒިންމާދާރު މަގާމެއް ގައުމުގައި ޕީޖީއަކީ." ބިޝާމަށް ފާޑުވިދާޅުވަމުން މަލީހު ވިދާޅުވި އެވެ.