އައިޝަތު ބިޝާމް

ޕީޖީއަށް ތިން ދުވަހުގެ މުހުލަތެއް!

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ބައިވެރިވެފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެފައި ވާތީ އެކަމަނާގެ މައްޗަށް އަބުރުގެ ދައުވާ ކުރަން ނިންމާ ތިން ދުވަހުގެ މުހުލަތެއްދީ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ސިޓީއެއް ފޮނުއްވަން ނިންމަވައިފި އެވެ.

މަލީހުގެ ސިޓީގެ ތަފްސީލް ހާމަނުކުރި ނަމަވެސް މިނިސްޓަރު ވަނީ އެ ސިޓީ މިރޭގެ ވަގުތެއްގައި އާންމު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

"ތިން ދުވަހުގެ މުހުލަތެއްދީ، ޕީޖީއަށް ފޮނުވާ ސިޓީ މިރޭ އާންމު ކުރާނަން." މިނިސްޓަރު ވިދާޅުވެފައިވެއެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ބައިވެރިވެފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެފައި ވާތީ އެކަމަނާގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށާ އެ ދައުވާއާ ކުރިމަތިލައްވަން ތައްޔާރުވެ ވަޑައިގަންނަވަން ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވަނީ ގޮވާލައްވާފައެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި މި ސަރުކާރުގެ ބައެއް ވަޒީރުންނާއި މިހާރު ވެސް ތިއްބެވި ބައެއް ފަނޑިޔާރުންނާއި މިހާރުގެ މަޖިލިސްގެ ބައެއް މެންބަރުން ވެސް ހިމެނޭ ކަމަށް ޕީޖީ ބިޝާމް ވަނީ ވިދާޅުވެފަ އެވެ.

އެ ކޮމިޓީއަށް ޕީޖީ ހާޒިރުވެވަޑައިގެން ވިދާޅުވީ އެ ކޮމިޓީގައި ތިއްބެވި ބައެއް މެންބަރުންގެ ހާޒިރުގައި އެމްއެމްޕީއާރްސީގެ މައުލޫމާތުތައް ހާމަ ކުރަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށާއި އެއީ ކޮމިޓީގައި ވެސް އެ ހިޔާނާތުގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ ފަރާތްތައް ހިމެނި ވަޑައިގަންނަވާތީ ކަމަށެވެ. އެހެންކަމުން އެ މެންބަރުން ކޮމިޓީ އިން ތަނާޒިލުވެވަޑައިގަތުމުގެ ކުރިން މައުލޫމާތު ހިއްސާ ކުރައްވަން ދަތިފުޅުވާނެ ކަމަށެވެ.

ބިޝާމްގެ ވާހަކަތަކާ ގުޅިގެން އެ ކޮމިޓީ ސިއްރު ކުރުމަށް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ އެދި ވަޑައިގަތެވެ. އަދި ކޮމިޓީ ސިއްރު ކޮށްގެން ކުރިޔަށް ގެންދިޔުމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވި އެވެ. އަދި ވޯޓަށް އަހައި ކޮމިޓީ ސިއްރު ކުރަން ނިންމެވި އެވެ.

އެ ކޮމެޓީ ބައްދަލްވުމުގައި މިނިސްޓަރު މަލީހުގެ ނަން، ޕީޖީ ވިދާޅުވި ކަމަށް މަޖިިލީހުގެ ބައެއް މެންބަރުން ވަނީ މަޖިލީސް ފްލޯގައި ވެސް ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ އަންގާރަ ދުވަހުގެ މަޖިިލީހުގެ ޖަލްސާގައި ވާހަކަދައްކަަމުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތުހުމަތުކޮށް މިނިސްޓަރު މަލީހު މަގާމުން ދުރުކުރުމުގެ މަސައްކަތް އެމްޑީޕީން ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ޔޫތު މިނިސްޓަރު މަހުލޫފު ވެސް މަގާމުން ދުރުކުރަން މަސައްކަތް ކުރަމުން ގެންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.