ހަބަރު

ޕީޖީކަމުން ބިޝާމް އިސްތިއުފާ ދެއްވައިފި

ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ މަގާމުން އައިޝަތު ބިޝާމް މިއަދު އިސްތިއުފާ ދެއްވައިފި އެވެ. އޭނާ އިސްތިއުފާ ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ސިޓީ ފޮނުއްވާފަ އެވެ.

އެ ސިޓީ ލިބިވަޑައިގެންކަން ހާމަ ކުރައްވައި ރައީސް ސޯލިހު ވަނީ ޕީޖީގެ މަގާމުގައި ބިޝާމް ދެއްވި ހިދުމަތަށް ޝުކުރު އަދާ ކުރައްވައި، މުސްތަގުބަލަށް ކާމިޔާބަށް އެދިވަޑައިގެންފަ އެވެ.

ބިޝާމް އިސްތިއުފާ ދެއްވީ އޭނާ ވަކި ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފަށާފައިވަނިކޮށެވެ. އެ ކޮމިޓީއަށް މިއަދު ހާޒިރުވެ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް ބިޝާމަށް އޮތީ އަންގާފަ އެވެ. އެއީ މިއަދު 11:00 އަށެވެ.

އިސްތިއުފާ ދެއްވުމުގެ ކުރިން ބިޝާމް ވަނީ ބަޔާނެއް ނެރުއްވައި އޭނާ ވަކި ކުރުމުގެ އިޖުރާއަތްތައް ފަށާފައިވަނީ ގާނޫނު އަސާސީގެ ރޫހާ ހިލާފަށް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

ބިޝާމް ވިދާޅުވީ ކޮމިޓީގައި މެންބަރުން ފާހަގަކުރި ޕީޖީކަމުން އޭނާ ވަކި ކުރުމަށް ޖެހޭ ސަބަބުތަކާއި މަޖިލީހުގެ ތަޅުމުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވި ސަބަބުތައް އެއްގޮތް ނޫން ކަމަށެވެ. އަދި ޖަވާބުދާރީވުމަށް އޭނާއަށް އަންގައި މަޖިލީހުން ފޮނުވި ސިޓީގައި ވެސް ޖަވާބުދާރީވާންވީ ކޮން ކަމަކަށް ކަމެއް ބަޔާންކޮށްފައިނުވާ ކަމަށެވެ.

ބިޝާމް ވިދާޅުވީ ޖަވާބުދާރީވާން ތައްޔާރުވުމަށް މުހުލަތެއް ދިނުމާއި ވަކީލެއްގެ ހާޒިރުގައި ޖަވާބުދާރީވާން ފުރުސަތު އޮތުމުގެ މަގުސަދަކީ ތައްޔާރުވުމަށް ފުރުސަތު ލިބޭ ފަދައިން ޖަވާބުދާރީވާން ޖެހޭ ކަންކަން ވެސް ސާފުކޮށް ތަފްސީލްކޮށް އެނގެން އޮތުން ކަމަށެވެ. ގާނޫނު އަސާސީގެ 43 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅު އެޅުމުގެ ހައްގު ކަށަވަރުކޮށް ދިނުމަކީ ފިޔަވަޅެއް އަޅާއިރު އެކަމާ ގުޅޭ ހުރިހާ އިޖުރާއަތްތަކެއް ވެސް އަދުލުވެރިކަމާއެކު ކަށަވަރުކޮށް ދިނުން ކަމަށެވެ.

"މިއީ މިނިވަން ދިމިގްރާތީ މުޖުތަމައުތަކުން ބަލައިގަނެ އިސްތިގްރާރުވެފައިވާ އަދި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ގިޔަމްތަކާއި މަބްދައުތައް ވެސް މި ހައްގުގެ ދާއިރާ ކަނޑައެޅުމުގައި ބަލައިގަނެފައިވާ ކަންކަން،" ބިޝާމް ވިދާޅުވި އެވެ.

ޕީޖީ ބިޝާމް ވަނީ ގާނޫނު އަސާސީގެ ހަތްވަނަ ބާބުގައި ބަޔާންކުރާ މުސްތަގިއްލު ކޮމިޝަންތަކާއި މުސްތަގިއްލު މަގާމުތަކުން މީހުން ދުރުކުރުމުގެ މައްސަލަތަކަކީ ވަކި މައްސަލަތަކެއްގެ އެޖެންޑާ ކުރެވެން ޖެހޭނެ މައްސަލަތަކެއްކަން ފާހަގަ ކުރައްވާފަ އެވެ. ޕީޖީގެ މަގާމަކީ އެ ބާބްގައި ބަޔާން ކުރާ ފަދަ މުސްތަގިއްލު މަގާމެކެވެ. ޖުޑިޝަރީ ކޮމިޓީއިން ޕީޖީގެ މައްސަލަ އެޖެންޑާ ކޮށްފައިވަނީ "އެހެނިހެން" އައިޓަމްގެ ތެރޭގަ އެވެ. ޕީޖީ ވިދާޅުވީ އެއީ އެގޮތަށް ނިންމޭ ވަރަށްވުރެ ބޮޑު ކަމެއް ކަމަށެވެ.

އެހެންކަމުން އޭނާ ވަކި ކުރުމަށް ކޮމިޓީއިން ފަށާފައިވާ އިޖުރާއަތްތަކުގައި އިހްލާސްތެރި ނިޔަތެއް ނެތް ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އަދި އެ އިޖުރާއަތްތައް ގާނޫނު އަސާސީގެ ރޫހާ ފުށުއަރާ ކަމަށް ބިޝާމް ވަނީ ވިދާޅުވެފަ އެވެ.

ގާނޫނު އަސާސީގައިވާ ގޮތުން، ޕީޖީ މަގާމުން ވަކި ކުރެވޭނީ އެ މަގާމާ އެކަށީގެން ނުވާ ކަމެއް ކުރި ކަމަށް ނުވަތަ މަގާމު އަދާ ކުރަން އުޒުވެރިވާ ހާލަތެއް މެދުވެރިވެގެން ނުވަތަ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރަން ގާބިލް ކަން ނެތް ހާލަތަކަށް ދިއުމުންނެވެ. މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ބޮޑެތި ޖިނާއީ މައްސަލަތަކުގައި ފިޔަވަޅު ނޭޅި އޮތުމަކީ ގާބިލް ކަން ނެތް ކަމެވެ.

އެމްޑީޕީގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ޕީޖީ ވަކި ކުރާނެ ކަމަށް އެ ޕާޓީން ކުރިން އޮތީ ބުނެފަ އެވެ. އެހެން ވިޔަސް 19 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީއާއެކު ވެސް ޕީޖީ ބިޝާމް ވަކި ކުރުމުގެ މަސައްކަތް ލަސްވާތީ ގިނަ ބަޔެއްގެ ފާޑުކިޔުން އޮތީ އަމާޒުވެފަ އެވެ.

ޕީޖީގެ މަގާމަށް ބިޝާމް އައްޔަން ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އޭރުގައި އިދިކޮޅު ސިޔާސީ ލީޑަރުންނަށް ދައުވާ އުފުލުމާ ގުޅިގެން، އެމްޑީޕީ ހިމެނޭ ގޮތަށް އޭރުގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒު ކުރި އެއް ބޭފުޅަކީ ވެސް ޕީޖީ ބިޝާމެވެ.