ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

ޚިޔާނާތްތެރިން މަގާމުތަކުގައި ތިބެގެން ނުވާނެ: ރައީސް ވަހީދު

ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ އެއްވެސް މީހަކު މަގާމެއްގައި ބަހައްޓައިގެން ނުވާނެ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު މިހެން ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި މި ސަރުކާރުގެ ބައެއް ވަޒީރުންނާއި މިހާރުވެސް ތިއްބެވި ބައެއް ފަނޑިޔާރުންނާއި މިހާރުގެ މަޖިލިސް މެންބަރުން ވެސް ހިމެނޭ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ވިދާޅުވުމާއި ގުޅިގެންނެވެ.

އެކަމަނާ މިހެން ވިދާޅުވީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު އޮތް އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓު ރިޕޯޓުތަކާ ގުޅޭ ގޮތުން ޕީޖީ އޮފީހުގެ ބޭފުޅުންނާ ބައްދަލުކޮށް އަމާޒު ކުރި ސުވާލަކަށް ޖަވާބު ދެއްވަ އެވެ.

ރައީސް ވަހީދު ވިދާޅުވީ ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ އެއްވެސް މީހަކު މަގާމުތަކުގައި ތިބެގެން ނުވާނެ ކަމަށެވެ. އަދި ރައްޔިތުން ތިބީ ކަންކަން ހިނގާގޮތް ބަލަން ކަމަށެވެ.

މިއަދު ކޮމިޓީއަށް ޕީޖީ ހާޒިރުވެވަޑައިގެން ބިޝާމް ވިދާޅުވީ އެ ކޮމިޓީގައި ތިއްބެވި ބައެއް މެންބަރުންގެ ހާޒިރުގައި އެމްއެމްޕީއާރްސީގެ މައުލޫމާތުތައް ހާމަ ކުރަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށާއި އެއީ ކޮމިޓީގައި ވެސް އެ ހިޔާނާތުގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ ފަރާތްތައް ހިމެނި ވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން އެ މެންބަރުން ކޮމިޓީ އިން ތަނާޒިލުވެވަޑައިގަތުމުގެ ކުރިން މައުލޫމާތު ހިއްސާ ކުރައްވަން ދަތިފުޅުވާނެ ކަމަށެވެ.

ކޮމިޓީގައި ހިމެނޭ މެންބަރުންގެ އިތުރުން މި ސަރުކާރުގެ ބައެއް ވަޒީރުންނާއި ފަނޑިޔާރުންނާއި އިތުރު މަޖިލިސް މެންބަރުންގެ މައްސަލަ ވެސް އެ ހިޔާނާތުގެ ރިޕޯޓުގައި ހިމެނޭ ކަމަށް ބިޝާމް ވިދާޅުވި އެވެ.

ބިޝާމްގެ ވާހަކަތަކާ ގުޅިގެން ވަގުތުން އެ ކޮމިޓީ ސިއްރު ކުރުމަށް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވި އެވެ. އަދި ކޮމިޓީ ސިއްރުކޮށްގެން ކުރިޔަށް ގެންދިޔުމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވި އެވެ. އަދި ވޯޓަށް އަހައި ކޮމިޓީ ސިއްރު ކުރަން ނިންމެވި އެވެ.

އެހެންކަމުން އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވެފައިވާ މި ސަރުކާރުގެ ވަޒީރުންނާއި ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަކީ ކޮބައިކަން ވަނީ ސާފުވާ ގޮތް ނުވެފައެވެ.