ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު، ޝަރީއަތް މެދުވެރިކޮށް ހާމަކުރުވޭ ގޮތަށް އޮތް ހެއްކާ ބެހޭ ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.
ހެއްކާ ބެހޭ ބިލަކީ ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ މަޖިލީހަށް ހުށަހެޅި ބިލެކެވެ. ރައީސުލްޖުމްހޫރިއްޔާ މި ގާނޫނުގެ ބިލް ތަސްދީގު ކުރެއްވީ މިދިޔަ ޖުލައި 18 ވަނަ ދުވަހު އެވެ.
މިގާނޫނުގެ ބޭނުމެއް ކަމަށް ބުނެފައިވަނީ 1976 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އައި ހެއްކާ ބެހޭ ގާނޫނަކީ ޒަމާނާ ނުބައްދަލު ގާނޫނެއް ކަމަށްވާތީ ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ހެއްކާ ބެހޭ ތަފްސީލީ ގާނޫނެއް ތައާރަފު ކުރުން ކަމަށެވެ.
ޖުމްލަ 151 މާއްދާ އެކުލެވޭ ބިލް ދިރާސާކޮށް މަޖިލީހުގެ ކޮމިޓީން ހުށަހެޅި ރިޕޯޓަށް މެންބަރުން މެދުވެރިކޮށް ބަންޑާރަނައިބު އޮފީހުން 15 އިސްލާހެއް ހުށަހަޅައި ބައެއް ބަދަލު ގެނައި ނަމަވެސް މަސްދަރު ހާމަކުރެވޭ ގޮތަށް އޮތް އޮތުމަށް ބަދަލު ގެނެސްފައެއް ނުވެ އެވެ.
ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ނޫސްވެރިން ލިޔާ ލިޔުންތަކުގައި ހިމަނާ މައުލޫމާތު ހޯދި މަސްދަރު ހާމަކުރަން އެމީހުންނަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށެވެ. އެކަމަކު ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގައި ފުލުހުންނަށް ނުވަތަ ދައުލަތުގެ ފަރާތުން މަސްދަރު ހާމަކުރަން އެދެފިނަމަ ޝަރީއަތުން އަންގާ ގޮތެއްގެ މަތިން މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
އެގޮތުން ޓެރަރިޒަމްގެ އަމަލެއް ކުރިކަން ނުވަތަ ކުރަން އުޅޭކަން ހިމެނޭ މައުލޫމާތުތަކާއި، ނޫސްވެރިޔާގެ މަސްދަރު ހާމަނުކުރުމުގެ މަސްލަހަތަށްވުރެ އާންމު މަސްލަހަތު ބޮޑު މައްސަލަތަކުގައި މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އަދި މަސްދަރު ހާމަނުކުރުމުގެ ސަބަބުން ތުހުމަތު އޮތް މީހާއަށް ކުށުން ބަރީއަވެވޭނެ ހާލަތެއް ނެތްނަމަ މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށް ގާނޫނުގައިވެ އެވެ.
މި ގާނޫނުގައި ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަ ކުރެވޭ ގޮތްތަކާއި، ހެކި ހުށަހެޅުމާއި ބަލައިގަތުން އަދި ހެކިބަސް ނެގުމާއި، ހެކި ވަޒަން ކުރުމުގެ މިންގަނޑުތައް ހިމަނާފައިވެ އެވެ. މަދަނީ އަދި ޖިނާއީ މައްސަލަތަކުގައި އިސްލާމްދީނުގައި ހައްދާއި ގިސާސް ކަނޑައެޅިފައިވާ ކުށްތައް ސާބިތު ކުރުމަށް ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުމާއި، ސާބިތުކުރުމުގެ ޒިންމާއާ ގުޅޭ އުސޫލުތައް ވެސް ހިމެނޭއިރު ހެކީގެ ގޮތުގައި ހުށަނޭޅޭނެ އިމްތިޔާޒު ލިބިގެންވާ ކަންކަންފަދަ ހެއްކާބެހޭ އުސޫލުތައް ބަޔާން ކޮށްފައި ވެއެވެ.
ހެއްކާ ބެހޭ ބިލު މިއަދު ރައީސް ތަސްދީގުކުރެއްވީ އަދި މިއަދު އަމަލުކުރަން މި ފެށީވެސް މަސްދަރު ހާމަކުރާ މާއްދާ އުނިކޮށްދިނުމަށް އެދި 158 ނޫސްވެރިންގެ ސޮޔާއެކު ރައީސް އޮފީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައި ވަނިކޮށެެވެ. އަދި މީޑިއާ ކައުންސިލުން ވެސް ކަންބޮޑުވުން ފާޅުކޮށް ރައީސް އޮފީހަށް ސިޓީއެއް ފޮނުވާފައި ވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުން ހެއްކާ ބެހޭ ބިލް ފާސްކޮށްފައި ވަނީ އެ ބިލް ފާސްކުރުމާއި ދެކޮޅަށް ނޫސްވެރީން އިހުތިޖާޖުވެސް ކުރަމުން ދަނިކޮށެވެ. އަދި ބިލް އެ ގޮތަށް ފާސް ނުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލާއި ރާއްޖޭގެ ސީނިއާ ނޫސްވެރީން އަދި ނޫސް އިދާރާތަކުން ގޮވާލަމުން ދަނިކޮށެވެ.
ހެއްކާ ބެހޭ ގާނޫނުގައި ހުރި ނޫސްވެރިން ކަންބޮޑުވާ ކަންތައްތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ވަނީ ގާނޫނު އިސްލާހުކުރުމަށް ނިންމާފަ އެވެ. އަދި އެ އިސްލާހުތައް މަޖިލީހަށް ހުށަހެޅުމަށްޓަކައި ބަންޑާރަނައިބް އޮފީހުން ވަނީ ރައީސް އޮފީހަށް އިސްލާހުތައް ފޮނުވާފަ އެވެ.
ނޫސްވެރިން މައިގަނޑު ގޮތެއްގައި ކަންބޮޑުވުން އޮތީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގައި ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތައް ބަޔާންކުރާތީ އެވެ. އެ ހާލަތްތައް އިތުރަށް ސާފުވާނެ ގޮތަށް ގާނޫނު އިސްލާހުކުރާނެ ކަމުގެ ޔަގީންކަން ބަންޑާރަނައިބް އޮފީހުން ދެއެވެ. އެގޮތުން ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކަކީ ރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ނުވަތަ މީހެއްގެ ނުވަތަ ބައެއްގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަށް މަގުފަހިކުރާ އަމަލުތައް އެކުލެވޭ ކުށްތައް ކަމަށް ކަނޑައެޅުން ހިމެނެ އެވެ. ޓެރަރިޒަމްގެ ކުށްތަކަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށްތައް ކަމަށް ގާނޫނުގައި ކަނޑައެޅުންވެސް ހިމެނެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރުމުގައި ކޯޓުން ރިއާޔަތްކުރަންޖެހޭ ކަންކަން ގާނޫނުގައި ކަނޑައެޅުމަށާއި، އެފަދަ ނިންމުމެއް ނިންމާނީ ހައިކޯޓުން ކުރާ އަމުރެއްގެ ދަށުން ކަމަށް ކަނޑައެޅުމަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ. ނަމަވެސް ގާނޫނަށް އިސްލާހު ގެންނައިރު "ގައުމީ ސަލާމަތު"ގެ ލަފްޒު ހިމަނައިގެން ގާނޫނު އިސްލާހު ކުރަން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން [އެމްޖޭއޭ] އިން ދެކޮޅު ހަދަ އެވެ. މިކަންބޮޑުވުމަށް އަދިވެސް ހައްލެއް ނުލިބެ އެވެ.