ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަ ކުރުވޭ ގޮތަށް އޮތް ހެއްކާބެހޭ ބިލު ތަސްދީގު ނުކޮށް އަނބުރާ ފޮނުވާލުމަށް އެދި ނޫސްވެރީން ތައްޔާރު ކުރި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ހުށައަޅައިފި އެވެ.
މި ބިލް ފާސްކޮށްފައި ވަނީ އެ ބިލް ފާސްކުރުމާއި ދެކޮޅަށް ނޫސްވެރީން އިހުތިޖާޖުވެސް ކޮށްފައި ވަނިކޮށެވެ. އަދި ބިލް އެ ގޮތަށް ފާސް ނުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލާއި ރާއްޖޭގެ ސީނިއާ ނޫސްވެރީން އަދި ނޫސް އިދާރާތަކުން ގޮވާލަމުން ދަނިކޮށެވެ.
މިއަދު ހުށައެޅި ޕެޓިޝަންގައި 158 ނޫސްވެރީން ވަނީ ސޮއިކޮށްފައެވެ. ޕެޓިޝަންގައި ބުނެފައިވަނީ ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަ ކުރުވޭ ގޮތަށް ހެއްކާބެހޭ ބިލްގައި އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެއީ ނުފޫޒާއި ބާރު އޮތް ބަޔަކަށް އެ މާއްދާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް އޮތް ފުރުސަތެއް ކަަމަށެވެ. އަދި މިއީ މައުލޫމާތު ހޯދުމަށް އޮތް ގޮންޖެހުމަކަށްވާނެ ކަމަށެވެ. މި މާއްދާ މިހެން އޮތުމުން މައުލޫމާތު ދޭން ޖެހިލުންވާނެ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ޖުމްލަ 151 މާއްދާ އެކުލެވޭ ބިލު ދިރާސާކޮށް ކޮމިޓީން ހުށަހެޅި ރިޕޯޓަށް މެންބަރުން މެދުވެރިކޮށް ބަންޑާރަ ނައިބު އޮފީހުން 15 އިސްލާހެއް ހުށަހަޅައި ބައެއް ބަދަލު ގަނައި ނަމަވެސް މަސްދަރު ހާމަ ކުރެވޭ ގޮތަށް އޮތް އޮތުމަށް ބަދަލު ގެނެސްފައެއް ނުވެއެވެ. ބިލު މަޖިލީހުން ފާސްކުރީ 50 މެންބަރުންގެ ވޯޓުންނެވެ. ބިލް ފާސް ކުރަން ނުފެންނަ ކަމަށް ފަސް މެންބަރަކު ވޯޓު ދެއްވި އެވެ. ވަކި ކޮޅަކަށް ވޯޓް ނުދެއްވާ ތިއްބެވީ ދެ މެމްބަރަކެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ މަޖިލީހަށް ހުށައެޅި ބިލެކެވެ. ބޭނުމެއް ކަމަށް ބުނީ 1976 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ހެއްކާބެހޭ ގާނޫނަކީ ޒަމާނާ ނުބައްދަލު ގާނޫނެއް ކަމަށްވާތީ ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ހެއްކާބެހޭ ތަފްސީލީ ގާނޫނެއް ތައާރަފު ކުރުމެވެ.
ސަރުކާރުގެ ބިލުގައި ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަ ކުރެވޭ ގޮތްތަކާއި ހެކި ހުށަހެޅުމާއި ބަލައިގަތުން އަދި ހެކިބަސް ނެގުމާއި ހެކި ވަޒަން ކުރުމުގެ މިންގަނޑުތައް ހިމަނާފައި ވެއެވެ. އަދި މަދަނީ އަދި ޖިނާއީ މައްސަލަތަކުގައި އިސްލާމްދީނުގައި ހައްދާއި ގިސާސް ކަނޑައެޅިފައިވާ ކުށްތައް ސާބިތު ކުރުމަށް ބޭނުންވާ ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުމާއި، ސާބިތުކުރުމުގެ ޒިންމާއާގުޅޭ އުސޫލުތައް ވެސް ހިމެނޭ އިރު ހެކީގެ ގޮތުގައި ހުށަ ނޭޅޭނެ އިމްތިޔާޒް ލިބިގެންވާ ކަންކަންފަދަ ހެއްކާބެހޭ އުސޫލުތައް ބަޔާން ކޮށްފައި ވެއެވެ.
މި ބިލް ތަސްދީގު ނުކޮށް ފޮނުވާލުމަށް މީޑިއާ ކައުންސިލުންވެސް ވަނީ ގޮވާލާފައެވެ. ބިލް ތަސްދީގު ކޮށްފިނަމަ މަސްދަރު ހާމަކުރުވާ މާއްދާ ބަދަލު ކުރަން ކޯޓަށް ދާންވެސް އެމްއެމްސީ އިން ވަނީ ނިންމާފައެވެ.