ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަ ކުރުވޭ ގޮތަށް ހެއްކާބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކޮށްފައިވާ ގޮތަށް ތަސްދީގު ނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އެދިއްޖެ އެވެ.
މީޑިއާ ކައުންސިލުން ވަނީ އެކަމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މިދިޔަ ބުރާސްފަތި ދުވަހު ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަ ކުރުވޭ ގޮތަށް ހެއްކާބެހޭ ބިލު ގައި އޮތުމުން ކަންބޮޑުވުން ފާޅު ކުރެއްވިއެވެ. އަދި އެ ބިލް މިހާރު އޮތް ގޮތަށް ތަސްދީގު ނުކުރެއްވުމަށް އެދިފައިވެއެވެ.
އެމްއެމްސީ އިން އެދިފައިވަނީ އެ ގާނޫނު އަލުން އިސްލާހު ކުުރުމަށް މަޖިލީހަށް ބިލް އަނބުރާ ފޮނުވާލުމަށެވެ.
މި ބިލް ފާސްކޮށްފައި ވަނީ އެ ބިލް ފާސްކުރުމާއި ދެކޮޅަށް ނޫސްވެރީން އިހުތިޖާޖުވެސް ކޮށްފައި ވަނިކޮށެވެ. އަދި ބިލް އެ ގޮތަށް ފާސް ނުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލާއި ރާއްޖޭގެ ސީނިއާ ނޫސްވެރީން އަދި ނޫސް އިދާރާތަކުންވެސް ގޮވާލާފައިވެއެވެ.
ޖުމްލަ 151 މާއްދާ އެކުލެވޭ ބިލު ދިރާސާކޮށް ކޮމިޓީން ހުށަހެޅި ރިޕޯޓަށް މެންބަރުން މެދުވެރިކޮށް ބަންޑާރަ ނައިބު އޮފީހުން 15 އިސްލާހެއް ހުށަހަޅައި ބައެއް ބަދަލު ގަނައި ނަމަވެސް މަސްދަރު ހާމަ ކުރެވޭ ގޮތަށް އޮތް އޮތުމަށް ބަދަލު ގެނެސްފައެއް ނުވެއެވެ. ބިލު މަޖިލީހުން ފާސްކުރީ 50 މެންބަރުންގެ ވޯޓުންނެވެ. ބިލް ފާސް ކުރަން ނުފެންނަ ކަމަށް ފަސް މެންބަރަކު ވޯޓު ދެއްވި އެވެ. ވަކި ކޮޅަކަށް ވޯޓް ނުދެއްވާ ތިއްބެވީ ދެ މެމްބަރަކެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ މަޖިލީހަށް ހުށައެޅި ބިލެކެވެ. ބޭނުމެއް ކަމަށް ބުނީ 1976 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ހެއްކާބެހޭ ގާނޫނަކީ ޒަމާނާ ނުބައްދަލު ގާނޫނެއް ކަމަށްވާތީ ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ހެއްކާބެހޭ ތަފްސީލީ ގާނޫނެއް ތައާރަފު ކުރުމެވެ.
ސަރުކާރުގެ ބިލުގައި ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަ ކުރެވޭ ގޮތްތަކާއި ހެކި ހުށަހެޅުމާއި ބަލައިގަތުން އަދި ހެކިބަސް ނެގުމާއި ހެކި ވަޒަން ކުރުމުގެ މިންގަނޑުތައް ހިމަނާފައި ވެއެވެ. އަދި މަދަނީ އަދި ޖިނާއީ މައްސަލަތަކުގައި އިސްލާމްދީނުގައި ހައްދާއި ގިސާސް ކަނޑައެޅިފައިވާ ކުށްތައް ސާބިތު ކުރުމަށް ބޭނުންވާ ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުމާއި، ސާބިތުކުރުމުގެ ޒިންމާއާގުޅޭ އުސޫލުތައް ވެސް ހިމެނޭ އިރު ހެކީގެ ގޮތުގައި ހުށަ ނޭޅޭނެ އިމްތިޔާޒް ލިބިގެންވާ ކަންކަންފަދަ ހެއްކާބެހޭ އުސޫލުތައް ބަޔާން ކޮށްފައި ވެއެވެ.
ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަ ކުރުވޭ ގޮތަށް ހެއްކާބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެން ސިލްސިލާ އިހުތިޖާޖުތަކެއް ކުރިއަށް ގެންދަން ނޫސްވެރީން ދަނީ ތައްޔާރު ވަމުންނެވެ.