ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނޫސްވެރިން ތަޖުރިބާކުރަނީ ހިޔާލުގައިވެސް ނެތް މިނިވަންކަމެއް: ރައީސް

May 3, 2021

ދިވެހި ނޫސްވެރިން މިއަދު ތަޖުރިބާކުރަމުން ދަނީ ދިވެހި ރައްޔިތުންނާއި ދިވެހި ނޫސްވެރިން، މީގެ އަހަރުތަކެއް ކުރިން ޚިޔާލު ވެސް ނުކުރާ ވަރުގެ މިނިވަން ނޫސްވެރިކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ހިތޯބެއްގަ އެވެ.

ރައީސް ވިދާޅުވީ ދިވެހި ނޫސްވެރިން މިއަދު ތަޖުރިބާކުރަމުން ދަނީ މީގެ އަހަރުތަކެއް ކުރިން ޚިޔާލު ވެސް ނުކުރާ ވަރުގެ މިނިވަންކަމެއް ކަމަށެވެ. މި ސަރުކާރުން މިނިވަން ނޫސްވެރިކަމަށް ޖާގަދިނުމަށް ކުރި މަސައްކަތްތަކަށްފަހު، ފާއިތުވެގެން މިދާ ތިން އަހަރުގެ ތެރޭގައި ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުގައި ރާއްޖެ ބޮޑު ކުރިއެރުމެއް ހޯދައިފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި، މިހާރު ރާއްޖެ އޮތީ 72 ވަނައަށް ކުރިއަށް ޖެހިފަ އެވެ. ދެހާސް އަށާރަ ވަނަ އަހަރު މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އޮތީ 120 ވަނައިގަ އެވެ.

ދިވެހި ނޫސްވެރިކަމަށް މިނިވަން މާހައުލެއް ފަހިކޮށްދިނުމުން ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރުކަން، މިދިޔަ ތިން އަހަރުގެ ތެރޭގައި ވަރަށް ރަނގަޅަށް ސާބިތުވެއްޖެ ކަމުގައި ވިދާޅުވި އެވެ. ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހުރި ނުރަނގަޅު އެތައް ކަމެއް، ނޫސްވެރިންގެ ޚަބަރުތަކާއި ރިޕޯޓްތަކުގެ ޒަރީއާއިން، އާންމު ރައްޔިތުންނާ ހަމައަށް ތިލަކުރި އެވެ. ރައީސް ވިދާޅުވި ގޮތުގައި އެކަމުގެ ސަބަބުން ކަންތައްތަކެއް އިސްލާހްކުރުގެ ފުރުސަތު ތަނަވަސްވެގެން ދިޔަ އެވެ. އަދި އެކަމަކީ ދައުލަތުގެ މުވައްޒަފުން އަމިއްލައަށް ޒިންމާދާރުވުމަށް ލިބުނު ވަރަށް ބޮޑު ބާރެެއް ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިބިފައިވާ މިނިވަންކަމުގެ ބޭނުން ހިފާއިރު، އަނެކުންނަށް ލިބިގެންވާ އަބުރު ރައްކާތެރިކުރުމުގެ ހައްގަށް ހުރުމަތްތެރިވުމަކީ، ނޫސްވެރިޔާގެ ޒިންމާއެއްކަން ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށެވެ. އެ ޒިންމާ އަދާކުރުމަކީ މީސްމީހުންނާ ބެހޭ ގޮތުން، ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމާއި، ޔޯލަ ވާހަކަ ފެތުރުން ހުއްޓައިލުން ކަމުގައިވެސް ވިދާޅުވި އެވެ. މައުލޫމާތު ފެތުރުމުގައި ޔަގީންކަން ނެތް ވާހަކަތަކަށް ބަރޯސާނުވެ، ތަހުލީލީ ނޫސްވެރިކަމުގެ ޒަރީއާއިން، ކޮންމެ ކަމެއްގައިވެސް ހަގީގަތާ ހަމައަށް ފީނައި، ކަން އޮތް ގޮތް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ހިތޯބުގައި ވަނީ ގޮވާލައްވާފަ އެވެ. އަދި ހަބަރާއި މައުލޫމާތު ފެތުރުމުގައި މިހާރަށް ވުރެ ބޮޑަށް ޒިންމާދާރު ވުމަށް ހުރިހާ ދިވެހި ނޫސްވެރިންނަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ ނޫސްވެރިކަމަކީ ވަރަށް މަތިވެރި މަގުސަދެއްގެ މަތީގައި ބިނާވެފައި އޮންނަ ކަމެއް ކަމަށެވެ. އެހެންވެ ކޮންމެ ކަމެއްގައިވެސް އެންމެ ފުރިހަމަ ތެދު މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމާ އެކީ، ފަނާކުރަނިވި އެންމެހައި ކަންކަމުން ރައްޔިތުން ދުރުހެލިކުރަން ރައީސް ވަނީ އެދިވަޑައިގެންފަ އެވެ. އަދި ގައުމު ބިނާކޮށް އާރާސްތުކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރުމަކީ ނޫސްވެރިންގެ އެންމެ މަތީ ޒިންމާކަމަށް ހެދުން މުހިއްމު ކަމުގައިވެސް ވިދާޅުވި އެވެ. ނޫސްވެރިކަމަކީވެސް ގައުމީ ހިދުމަތެއް ކަމުގައި ދެކިގެން ގައުމު ބިނާކުރުމުގެ ރޫހުގައި ހުރިހާ ނޫސްވެރިން މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވެފައިވެ އެވެ.