ރައީސް އޮފީސް

އެމްއެމްސީއާއި ބްރޯޑްކޮމްގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޝްވަރާކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައީސް އޮފީހުން އެ ދެ އިދާރާއާ މިއަދު މަޝްވަރާކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު އޮތް މިބައްދަލުކުރެއްވުމުގައި ސަރުކާރުގެ ފަރާތުން އިސްކޮށް އިންނެވީ މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހީމް ހަލީލް އެވެ. މިބައްދަލުކުރެއްވުމުގައި ރައީސް ބައެއް އިސްވެރިންގެ އިތުރުން އެމްއެމްސީއާއި ބްރޯޑްކޮމްގެ މެންބަރުންވެސް ބައިވެރިވި އެވެ.

ރައީސް އޮފީހުން ބުނީ މިބައްދަލުކުރެއްވުމުގައި ބްރޯޑްކޮމް އާއި އެމްއެމްސީ އިން މީޑިއާގެ ކަންކަން ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތަކާއި، މި ދާއިރާގައި ހުރި ކަންބޮޑުވުންތައް ރައީސް އޮފީހުގެ ވެރިން އޮޅުންފިލުއްވި ކަމަށެވެ.

މިބައްދަލުވުމުގެ ބައިވެރިން ވަނީ 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ މީޑިއާއާ ގުޅޭ އިސްލާހީ މަސައްކަތްތައް ހުއްޓިފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި ސަރުކާރުގެ އެހީތެރިކަމާއެކު މީޑިއާތަކުގައި މަސައްކަތްކުރާ މީހުން ބިނާކުރުމަށް ބޭނުންވާކަމާއި، މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެންނަން ޖެހޭކަންވެސް ބްރޯޑްކޮމް އާއި އެމްއެމްސީގެ ބޭފުޅުން ވަނީ ފާހަގަކުރައްވާފަ އެވެ.

ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ވަކި މިންވަރެއް ކަނޑައެޅުމާއި، މީޑިއާގެ އީލްމީ ޖީލެއް ބިނާކުރުމާއި، މީޑިއާ ވިލެޖެއް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ހުވާ ކުރެއްވުމުގެ ކުރިން ވަނީ ރާއްޖޭގެ މީޑިއާތަކާ ބައްދަލުކުރައްވާ މީޑިއާތަކުގެ ހިޔާލާއި މަޝްވަރާވެސް ހޯއްދަވާފަ އެވެ.