ރައްޔިތުންގެ މަޖިލިސް

މުހައްމާ ހިމެނޭ ގޮތަށް ބްރޯޑްކޮމްއަށް 12 ބޭފުޅެއްގެ ނަން

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހުސްވެފައިވާ ދެ މެންބަރުގެ މަގާމަށް 12 ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ބްރޯޑްކޮމްގެ ދެ މެންބަރެއްގެ މަގާމު ހުސްވީ ގ. ހިލްމަން، މަރިޔަމް ވަހީދާ އާއި ޅ. ހިންނަވަރު، ބާރަނާ، އަލީ ޔޫސުފުގެ މެންބަރުކަމުގެ މުއްދަތު މިމަހުގެ ފަސް ވަނަ ދުވަހަށް ހަމަވުމުންނެވެ.

ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާނުކުރުމުން އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅުންގެ ނަންފުޅާއި އެ ބޭފުޅުންގެ މައުލޫމާތު އެ މަގާމުތަކަށް އައްޔަންކުރުމަށް އިސްކަންދޭ ތަރުތީބުން ހުށަހަޅުއްވާފަ އެވެ.

ރައީސް މުއިއްޒު ހުށަހެޅުއްވި ނަންތައް ތަރުތީބުން

  • މުހައްމަދު އަބްދުﷲ (މުހައްމާ)، އުސްއަކުރުގެ، ހއ. އިހަވަންދޫ
  • އިބްރާހީމް މުއާޒު އަލީ، ހަޒާރުމާގެ، ނ. ފޮއްދޫ
  • އިބްރާހީމް އަޝްރަފް، ވ. މަށިވެލި
  • ލެފްޓިނެންޓް ކާނަލް ރިޓަޔަޑް ޒުބައިރު އަހުމަދު މަނިކު، ގ. މަލްވިނަ
  • އަބްދުﷲ ހުމައިދު، ފަޒާ، ޅ. ހިންނަވަރު
  • އާއިޝަތު ދިޔާނާ ތޯހިރު، ސެވަން ސްޓާ، ސ. ހިތަދޫ
  • އައިމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި
  • ޝިމްލާ އަހުމަދު، އާސްޓްރަލްގެ، ސ. ހިތަދޫ
  • އިސްމާއީލް ޝަފީގު، މ. ސްލީޓް
  • ޝިފްޒާ މުސްތަފާ، މާދަނޑު، އާސާނު، ޏ. ފުވައްމުލައް
  • އަލީ ނިޝާން، ގ. ކޫލް ގްރާސް
  • މުހައްމަދު ޝަމީމް، ހ. ޕްރިޓީ ވިލާ

މި ބޭފުޅުންގެ ތެރެއިން މުހައްމަދު އަބްދުﷲ (މުހައްމާ) ވަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރުކަން ކުރައްވާފަ އެވެ.

އިބްރާހީމް މުއާޒު އަލީ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނުކަން ކުރައްވާފަ އެވެ.

އާއިޝަތު ދިޔާނާ ތާހިރު ވަނީ އެމްބީސީގެ ބޯޑު މެންބަރުކަން ކުރައްވާފަ އެވެ.

ސަރާހަތު މީގެ ކުރިން ވަނީ ބްރޯޑްކޮމްގެ މެންބަރުކަން ކުރައްވާފަ އެވެ.

ޝިމްލާ އަހުމަދުއަކީ އައްޑޫގައި މީޑިއާ ހައުސްއެއް ހިންގަވަމުން ގެންދަވާ ބޭފުޅެކެވެ.

މި މައްސަލަ ދިރާސާކުރަން ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.