ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

"ހަޖަމް" ގެ ޕްރެޒެންޓަރުންނަށް ފިޔަވަޅު އަޅަން ގޮވާލައިފި

ކޮވިޑް-19 ފަދަ ބަލިމަޑުކަމެއް ފެތުރެމުންދާ ދަނޑިވަޅުގައި ވެސް ޗެނަލް 13 ގެ "ހަޖަމް" ޕްރޮގްރާމްގައި ދޮގު މައުލޫމާތު ދެމުންދާ ކަމަށާއި ބައެއް މީހުންގެ އަބުރަށް ހުތުރުވާ ގޮތަށް ވެސް ބަސްމަގު ގެންގުޅޭތީ އެ ޕްރޮގްރާމް ހުށަހަޅާ ޕްރެޒެންޓަރުންނަށް ފިޔަވަޅު އަޅަން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ގޮވާލައްވައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން މިނިވަން މުއައްސަސާތަކުން ކުރަމުންދާ މަސައްކަތް ދިރާސާ ކުރުމުގެ ގޮތުން ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ބައެއް މެންބަރުން ވަނީ ބައެއް މީޑިއާތަކުން ހަބަރު ގެނެސްދޭ ގޮތާ މެދު ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އެ ކަން ހުއްޓުވުމަށް މީޑިއާ ކައުންސިލް އާއި ބްރޯޑްކާސްޓިން ކޮމިޝަނުން ކުރަމުންދާ މަސައްކަތްތައް ސާފު ކުރުމަށް އެ ދެ މުއައްސަސާއަށް ފޮނުވަން މެންބަރުން ނިންމެވި އެވެ.

މީގެ ކުރިން ދިވެއްސަކަށް ކޮވިޑް-19 ޕޮޒިޓިވް ވެފައިވާ ކަމަށް އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދީފައިވާ ކަމަށް ޗެނަލް 13 ގެ "މަޑިސީލަ" ޕްރޮގްރާމްގައި ހަބަރު ފެތުރުއިރު އޭރު އެއްވެސް ދިވެއްސަކު އެ ބައްޔަށް ޕޮޒިޓިވް ވެފައެއް ނުވެ އެވެ. އެ ކަމާ ގުޅިގެން މި ހާލަތު ނިމެންދެން މަޑިސީލަ ޕްރޮގްރާމް ހުއްޓާލަން ބްރޯޑްކޮމް އިން އެންގި އެވެ.

އޭގެ ފަހުން ޗެނަލް 13 އިން ވަނީ މަޑިސީލަ ޕްރޮގްރާމް ނިންމާލައިފަ އެވެ. އޭގެ ފަހުން ޗެނަލް 13 އިން ވަނީ "ހަޖަމް" ނަމުގައި އާ ޕްރޮގްރާމެއް ފަށައިފަ އެވެ. އެ ޕްރޮގްރާމްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުކިޔައި ހަދަމުންދެ އެވެ. އެ ޕްރޮގްރާމްގައި ގެންގުޅޭ ބަސްމަގާ މެދު އާންމުންގެ ތެރޭގައާއި އެމްޑީޕީގެ ސަޕޯޓަރުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެގެން ދިޔަ އެވެ.

މިކަމާ ގުޅޭ ގޮތުން ކޮމިޓީގައި ވާހަކަ ދައްކަވަމުން މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވީ މީހުންގެ އަބުރު ގެއްލޭ ގޮތަށް ވަރަށް ދަށު ދަރަޖައިގެ ބަސް މަގު ބޭނުން ކުރާ ގޮތަށް ޓީވީ ޕްރޮގްރާމް ގެނެސް ދިނުމުން ހަމައެކަނި އެ ޕްރޮގްރާމް ހުއްޓާލުމުން އޭގެ މަނާވީ އަސަރެއް ނާންނަ ކަމަށެވެ. އޭގެ ބަދަލުގައި ޕްރޮގްރާމްގެ ޕްރެޒެންޓަރުންނާއި އުފައްދާ މީހުންނަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"[ޗެނަލް 13 އިން] ކުރިން މަޑިސީލަ ހިންގީ. މިހާރު ހަޖަމް ޕްރޮގްރާމް. ބޭނުމަކީ ކޮންމެހެން މަޑިސީލަ ޕްރޮގްރާމް ހުއްޓުވާކަށް ނޫން. ހުއްޓަލާންވީ ޕަބްލިކަށް އެ އުފައްދާ ފިތުނައާއި އެކަށީގެން ނުވާ ދަށު ދަރަޖައިގެ ބަސްމަގު. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެ ޕްރޮގްރާމް އުފެއްދި މީހުނަށް ދެން ޕްރެޒެންޓް ނުކުރެވޭ ގޮތަށް ނުވަތަ ޕްރޮގްރާމްއެއް ނުއުފެއްދޭ ގޮތަށް، އެ މީހުން ސަސްޕެންޑް ކުރަން އެބަ ޖެހޭ،" އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.

މީގެ އިތުރުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) ވިދާޅުވީ މީގެ ކުރިން އަބުރު ރައްކާތެރި ކުރުމުގެ ގާނޫނު ވުޖޫދު ކުރަން ޖެހޭ ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށެވެ. ދޮގު ހަބަރު ފަތުރަމުންދާ މީޑިއާތަކަށް ފިޔަވަޅު އެޅެން ނެތީ އެފަދަ ގާނޫނެއް ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ކުރީގެ ގާނޫނު ބާތިލު ކުރަން ޖެހުނީ އޭރުގެ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަން ކަން ގެއްލޭ ގޮތަށް ގާނޫނު ބައްޓަން ކޮށްފައި އޮތުމުން ކަމަށް ވެސް ވިދާޅުވި އެވެ.

އަބުރު ރައްކާތެރި ކުރުމުގެ ގާނޫނެއް މިދިޔަ ސަރުކާރުގައި ވުޖޫރު ކުރީ އޭރު ވެރިކަން ކުރި ޕީޕީއެމްގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުންނެވެ. އެ ގާނޫނުގެ ދަށުން އޭރުގެ އިދިކޮޅު ފަރާތްތަކުގެ ހަބަރުތަކާއި ވާހަކަތައް ގެނެސްދިން ބައެއް ޓީވީ ސްޓޭޝަންތައް މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވެ އެވެ.

ފަހުން ސަރުކާރު ބަދަލުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ވަނީ އެ ގާނޫނު އުވާލައިފަ އެވެ. ގާނޫނު އުވާލައިފައި ވަނީ އެ ގާނޫނަކީ ނޫސްވެރިކަމުގެ މިނިވަން ކަން ގެއްލޭ ގޮތަށް ފަރުމާ ކޮށްފައިވާ ގާނޫނެއް ކަމަށް ބުނެފަ އެވެ.