ހަބަރު

ނޫސްވެރިކަމުގެ ހުރަސް ނައްތާލަން ރާއްޖޭން ގޮވާލައިފި

Dec 10, 2020

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަސްތައް ނައްތާލުމަށް ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

ވޯލްޑް ޕްރެސް ފްރީޑަމް ކޮންފަރެންސް 2020 ގެ ހަވާސާގައި ބޭއްވި ނޫސްވެރިންގެ ރައްކާތެރިކަމާ ބެހޭ ވަށްމޭޒު ބައްދަލުވުމުގައި ރާއްޖެ ތަމްސީލު ކުރެއްވީ މިނިސްޓަރު ޝާހިދެވެ.

ނެދަލެންޑްސްގެ ފޮރިން މިނިސްޓަރު ސްޓެފް ބްލޮކް ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމަށް ފަހު ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށް ހާއްސަ ސަމާލު ކަމެއް ދިނުމާ ބެހޭ "ދަ ހޭގް ކޮމިޓްމަންޓް" ވަނީ ނެރެފައި އެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ތަފާތު ހިޔާލުތަކާއި ގިނަ ފިކުރުތަކުގެ ސަބަބުން އެކަހެރިކަން އިތުރުވެފައިވާ ދުނިޔެއެއްގައި ނޫސްވެރިކަމުގެ މިނިވަންކަން މުޖުތަމައުތައް ގުޅުވައިދީ ބަދަހި ކުރުމަށް މުހިންމު ދައުރެއް އަދާ ކުރާކަމަށެވެ. ނަމަވެސް، މިނިވަން ނޫސްވެރިކަމުން ސަރުކާރުތައް ޒިންމާދާރުކޮށް، ޑިމޮކްރަސީގެ ހަރުދަނާ އުސޫލުތައް ނެގެހެއްޓުމަށް މަސައްކަތްކުރާ ނޫސްވެރިންނަށް ކުރިމަތިވާ ނުރައްކާތަކާމެދު މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ހަމައެއާއެކު، ކޮވިޑް-19 އިގެ ސަބަބުން ނޫސްވެރިންނަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ނުރައްކާ ކުޑަކުރުމަށް ވެސް ޝާހިދު ވަނީ ގޮވާލައްވައިފަ އެވެ.

ރާއްޖޭގެ ނޫސްވެރިކަމަށް އިޝާރާތްކުރައްވައި، އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަސްތައް ނައްތަވާލެއްވުމުގެ މުހިއްމު ފިޔަވަޅުތައް އެޅުއްވި ކަމަށެވެ.

މިގޮތުން، އަބުރު ރައްކާތެރިކުރުމާ ޚިޔާލުފާޅުކުރުމުގެ ޤާނޫނު އުވާލުމާއި، މަރާލެވިފައިވާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަން އެކުލަވާލުމާއި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް އަލުން މެމްބަރުން އައްޔަން ކުރެވުނުކަން ޝާހިދު ވަނީ ފާހަގަކުރައްވައިފަ އެވެ.

އިތުރަށް ވިދާޅުވީ، ދުނިޔޭގެ ތާރީހުގެ ކޮންމެ ހިސާބެއްގައިވެސް، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އަސާސި ހައްގެއް ގޮތުގައި ކަނޑައެޅިފައިވާއިރު، އެ ހައްގުގެ ދިފާއުގައި މި ބައްދަލުވުމުން ރަމްޒުކޮށްދެނީ އިންސާނީ މުޖްތަމައުއަށް ކުރިމަތިވާ މިފަދަ ކޮންމެ މައްސަލެއްގެ ހައްލު ހޯދެން އޮތީ އެކުވެރިކަމާއި މަޝްވަރާގެ އުސޫލުން ކަމަށެވެ.