ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ގިނަ ކުރިއެރުންތަކެއް ލިބިއްޖެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ނެރުއްވި ބަޔާނެއްގަ އެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ މިއަދު ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން މިއޮތީ މީގެ ތިން އަހަރު ކުރިއާ އަޅާބަލާއިރު އެތައް ހަރުފަތެއް ކުރީގައި ކަމަށެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގާނޫނުތައް އުވާލައި، ނޫސްވެރިކަން އިތުރަށް ކުރިއަރުވަން މި ސަރުކާރުން މަސައްކަތްތަކެއް ކުރަމުން ގެންދާ ކަންވެސް ފާހަގަކުރެއްވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި މިއަހަރުގެ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގެ 72 ވަނަގައި ރާއްޖެ އޮތުމަކީ ރާއްޖޭގެ ނޫސްވެރިކަން ކުރިއަށްދާ ކަމުގެ މިސާލެކެވެ. ޕްރެސް ފްރީޑަމް އިންޑެކްސްގައި މިދިޔަ އަހަރު ރާއްޖެ ވަނީ 15 ދަރަޖަ އިން ކުރިއަށް ޖެހިލައި، ލިސްޓްގެ 79 ވަނަ ހޯދާފަ އެވެ. އޭގެ ކުރީ އަހަރު ރާއްޖެ އޮތީ 120 ވަނައިގަ އެވެ.
މީގެ އިތުރުން ކޮވިޑް-19ގެ ޕެންޑެމިކްގައި ދުނިޔޭގެ ހުރިހާ ގައުމެއްގެ ނޫސްވެރިން ކޮށްފައިވާ މަސައްކަތްތައް ވެސް ޝާހިދު ފާހަގަކުރެއްވި އެވެ. އާންމުންގެ ފަރާތުން ވެސް ނޫސްވެރިންނަށް އެއްބާރުލުންދީ އަދި ދޮގު ހަބަރުތައް ފެތުރުން ހުއްޓުވުމަށް އާންމުންގެ ބައިވެރިވުން ވެސް މުހިންމު ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ޝާހިދު އިތުރަށް ވިދާޅުވީ މިނިވަން ނޫސްވެރިކަމެއް ކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ހުރިހާ އެންމެންވެސް ގުޅިގެން ކުރިމަތިލާން ޖެހޭ ކަމަށެވެ. އެންމެންގެ އެއްބާރުލުމާއި އެކު މީޑިއާތައް ރައްކާތެރިކޮށް، އިންސާފާއި އިންސާނީ ހައްގުތައް ރައްކާތެރިކުރަން ޖެހޭ ކަމުގައިވެސް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.
ކޮންމެ އަހަރެއްގެ މެއި މަހުގެ ތިންވަނަ ދުވަހަކީ ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި މުޅި ދުނިޔޭގައި ފާހަގަކުރާ ދުވަހެކެވެ.