ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް.) ގެ އެންމެ އިސްވެރިންގެ 10 ވަނަ ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެންގޯލާއަށް ވަޑައިގެންފި އެވެ.
އެންގޯލާގެ ލުއާންޑާގައި ކުރިއަށްދާ މި ސަމިޓަކީ "ތިން ބައްރުގެ، ތިން ކަނޑުގެ، އެއް މަންޒިލަށް: އޯ.އޭ.ސީ.ޕީ.އެސް މިހާރަށްވުރެ ދެމެހެެއްޓެނިވި، އަދި ވިލުންވެރިކަމާއި ދިމާއަށް" މި ޝިއާރުގެ ދަށުން ބާއްވާ ސަމިޓެކެވެ.
މިސަމިޓުގައި ބައިވެރިވާ ގައުމުތަކުގެ އިސްވެރިން އޯ.އޭ.ސީ.ޕީ.އެސް. ގެ ފުރިހަމަ މެންބަރަކަށްވުމަށް ރާއްޖޭން ހުށަހެޅި ހުށައެޅުން ގަބޫލުކޮށް އެ ޖަމިއްޔާގެ ފުރިހަމަ މެންބަރުކަން ރާއްޖެއަށް ލިބޭނެ ކަމަށް ބެލެވޭ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. މިއަހަރުގެ ޖޫންމަހުގެ ތެރޭގައި އެ ޖަމިއްޔާގެ އޮބްޒާވަރެއްގެ ހައިސިއްޔަތު ރާއްޖެއަށް ވަނީ ލިބިފަ އެވެ.
ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި މިއަހަރުގެ ނޮވެމްބަރު މަހުގެ 27 އިން 28 އަށް ބޭއްވި އެޖަމުއިއްޔާގެ ކައުންސިލް އޮފް މިނިސްޓާސްގެ ބައްދަލުވުމުގައި އެޖަމިއްޔާގެ ހުރިހާ މެމްބަރު ގައުމުތަކުން ވަނީ، އޯ.އޭ.ސީ.ޕީ.އެސް. ގެ ފުރިހަމަ މެމްބަރުކަން ހޯދުމަށް ރާއްޖެއިން ހުށަހަޅާފައިވާ ހުށައެޅުމަށް ތާއިދުކުރާކަން ހާމަކޮށްފަ އެވެ.