ޗާގޮސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަނެ މޮރިޝަސް ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ސިޓީ ފޮނުއްވެވުން ކުށްވެރިކުރައްވައި އެ ސިޓީ އަނބުރާ ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮވާލައްވައިފި އެވެ.
މޮރިޝަސް ސަރުކާރަށް ރައީސް ސޯލިހް ފޮނުއްވެވި ސިޓީ އަނބުރާ ގެނައުމަށް މެންބަރުން ގޮވާލެއްވީ ޗާގޮސް މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.
ޗާގޯސް މައްސަލައިގައި ހުށަހެޅުއްވި ކުއްލި މައްސަލައިގައި ރާއްޖޭގެ ސިޔާސަތާއި ސްޓޭންޑް ބަދަލުކުރި ސަބަބު ސަރުކާރުން ރައްޔިތުންނަށް ހާމަކޮށްދިނުމަށް ވަނީ ގޮވާލާފައިވެ އެވެ.
މީގެ އިތުރުން ޗާގޯސް މައްސަލައިގައި ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅުނު ސިޔާސަތާއި ސްޓޭންޑް ދެމެހެއްޓުމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މޮރިޝަސްއަށް ފޮނުއްވި ސިޓީ ހާމަކުރުމަށްވެސް މެންބަރުން އެދިވަޑައިގެންނެވި އެވެ.
ސިއްރު ސިޓީ ޑީލްއަކީ 500 މިލިއަން ޑޮލަރު: އިބްރާހީމް ރަޝީދު
ކުއްލި މައްސަލައިގެ ބަހުސްގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވީ ސަރުކާރުން ސިއްރު ސިޓީއެއް މޮރިޝަސްއަށް ފޮނުވާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން 2010 ވަނަ އަހަރު ފާސްކޮށް އދ. އަށް ލިޔެކިޔުން ހުށަހަޅާފައިވާއިރު އެ ސިޓީއަކީ އެ ލިޔުންތައް ބާތިލުވާ ފަދަ ސިޓީއެއް ކަމަށް މެންބަރު ވިދާޅުވި އެވެ.
ރާއްޖެއާއި މޮރިޝަސް ގުޅޭ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އަންނަ ހުކުރު ދުވަހު ނިންމާ ނިންމުމުގެ ސަބަބުން މަސްކަނޑުން ބޮޑު ބައެއް ގެއްލިދާނެ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށް އިބްރާހީމް ރަޝީދު ވިދާޅުވި އެވެ. މަސް ކަނޑުގެ ސަރަހައްދު މޮރިޝަސްއަށް ދޫކޮށްލުމަށް ސަރުކާރުން 500 މިލިއަން ޑޮލަރުގެ ޑީލެއް ހަދާފައިވާ ކަމަށްވެސް އިބްރާހީމް ރަޝީދު ތުހުމަތު ކުރެއްވި އެވެ.
"ސިއްރު ސިޓީއެއް 500 މިލިއަން ޑޮލަރުގެ ޑީލެއް ހަދައިގެން މޮރިޝަސްގެ މަސް ފެކްޓްރީތަކާއެކު. އިއްޒަތްތެރި ރައީސް މި މޮނޮއްޕޮލީ ކުރަނީ އިންޑިއާ ކަނޑުގެ މަސްވެރިކަން،" އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.
އިބްރާހީމް ރަޝީދު ވަނީ އެ ފައިސާ އަނބުރާ މޮރިޝަންސްއާ ހަވާލުކުރުމަށާއި މޮރިޝަސް އަށް ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށް ގޮވާލައްވާފަ އެވެ.
މޮރިޝަސްއަކީ ކުރިން މީހުން އުޅުނު ތަނެއް ނޫން ކަމަށް މެންބަރު ވިދާޅުވި އެވެ.
"މޮރިޝަސްއޭ މިކިޔާ ތަނަކީ ކުރީ ޒަމާނުގައި މުހައްމަދުތަކުރުފާނު ޒަމާނުގައިވެސް މީހުން ދިރިއުޅުނު ރަށެއްވެސް ނޫން. ކަލާފާނު ޒަމާނުގައިވެސް ދިރިއުޅުނު ރަށެއް ނޫން. މިތަނަށް ކިޔާ އުޅެނީ ދިނާރުބޯ" އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މޮރިޝަސް އަކީ ދިވެހިން ޒަންޖިބާރަށް ދަތުރުކުރިއިރު ކަނޑުގަދަވުމުން މަޑުކޮށްލާ ތަނެއްގެ ގޮތުގައި ބޭނުންކުރި ތަނެއް ކަމަށެވެ.
"މި ސަރުކާރުން މި އުޅެނީ ފަޅު ރަށަކަށް ދިވެހިރާއްޖޭގެ ސަރަހައްދެއް ވިއްކާލަން." އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.
މަޖިލީހާއި ހިއްސާނުކޮށް ސިޓީ ފޮނުވުން ގާނޫނު އަސާސީއާ ހިލާފު: އަލީ ހުސައިން
ކުއްލި މައްސަލައިގެ ބަހުސްގައި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ކަމާ ގުޅޭ މައުލޫމާތު ނުދެވޭ ވަރުގެ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާއަށް ނުފޮނުއްވެވޭނެ ކަމަށެވެ.
"އެ ސިޓީގައި އޮތީ ކޮންޗެއްކަން އަމުދުން އަޅުގަނޑުމެންނަކަށް ނޭނގޭ. ކޮންބައެއްގެ ނަމުގައި ކޮން ބައެއްގެ ފަރާތުން ފޮނުއްވި ސިޓީއެއްތޯ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ކޮންމެ ސިޓީއަކީ ދިވެހި ރައްޔިތުންގެ ނަމުގައި ދިވެހި ރައްޔިތުންގެ ފަރާތުން ފޮނުއްވާ ސިޓީއެއް،" މެމްބަރު އަލީ ހުސައިމް ވިދާޅުވި އެވެ.
އެ ސިޓީ ފޮނުއްވީ ސިއްރުން ވަގަށް ކަމަށް މެންބަރު އަލީ ހުސައިން ވަނީ ތުހުމަތު ކުރައްވާފަ އެވެ.
ރާއްޖޭގެ ސަރަހައްދާއި ގުޅޭގޮތުން ޝައްކެއް އުފެދޭ ސިޓީއެއް މަޖިލީހުގެ ބަހެއް ނެތި ފޮނުއްވަވައިގެން ނުވާނެ ކަމަށާއި މަޖިލީހާއި ހިއްސާނުކޮށް އެފަދަ ސިޓީއެއް ރައީސް ފޮނުއްވުމަކީ ގާނޫނު އަސާސީއާއި ހިލާފަށް ކުރެއްވި ކަމެއް ކަމަށް މެންބަރު އަލީ ހުސައިން ވިދާޅުވި އެވެ.
"ދިވެހިންނަށް 200 ނޯޓިކަލް މޭލު ނުލިބޭ ގޮތަށް މި މައްސަލަ ނިމިއްޖެ ކަމަށްވާނަމަ އަޅުގަނޑު ދަންނަވާނީ މި ސަރުކާރަކީ މި ފަހުގެ ތާރީހުގައި މިރާއްޖެއަށް ގައްދާރުވި ސަރުކާރެއްގެ ގޮތުގައި ތާރީހުގައި ލިޔެވިގެންދާނެ،" އަލީ ހުސައިން ވިދާޅުވި އެވެ.
ދެ މެންބަރަކަށް ސިޓީ ފެނުނު މައްސަލަ ތަހުގީގުކުރަންޖެހޭ: ޝިޔާމް
ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ ޕީޕީއެމް މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް ސޯލިހް މޮރިޝަސްއަށް ފޮނުއްވެވި ސިޓީ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރަކަށް ފެނިވަޑައިގެންނެވި ކަމަށް އެ މެންބަރުން ވިދާޅުވާ ކަމަށާއި އެކަން ތަހުގީގު ކުރަން ޖެހޭ ކަމަށެވެ.
"މަރަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އެބަ ވިދާޅުވޭ، އެއީ ހާރިޖީ ކޮމިޓީގެ މުގައްރިރު އެބަ ވިދާޅުވޭ ތިމަންނަ އެ ސިޓީ ދުށީމޭ. މީގެ ކުރިން ހިންނަވަރު ދާއިރާގެ އިއްޒަތްތެރި މެންބަރު ޖީހާން މަހުމޫދުވެސް އެބައޮތް ވިދާޅުވެފައި ތިމަންނާ އެ ސިޓީ ދުށީމޭ،" ޝިޔާމް ވިދާޅުވި އެވެ.
އެ ސިޓީ ފެންނަންޖެހޭނީ އެ ދެ މެންބަރުންނައްތޯ ސުވާލު އުފައްދަވަމުން އެ މައްސަލަ ތަހުގީގުކުރަން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
އދ.ގެ އާންމު މަޖިލީހުގެ ރައީސްއަކަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހޮވުމުން ބައެއް ބޭފުޅުންނަށް އެއީ ފަހުރަކާއި ޝަރަފަކަށްވި ކަންވެސް ޝިޔާމް ފާހަގަކުރެއްވި އެވެ.
"އެކަމަކު މިއަދު ކިހިނެތްތޯ މިވީ. ގައްދާރަކަށް ހާއިނަކަށް ގައުމު ވިއްކާލި މީހަކަށް ނޫންތޯ [ޝާހިދު] މިވީ،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިނިސްޓަރު ޝާހިދު އދ.ގެ އާންމު މަޖިލީހުގެ ރައީސް ކަން ހޯއްދެވީ "އަޑި ނޭނގޭ ޑީލްތަކެއްގެ ތެރެއިން" ކަމަށް ތުހުމަތު ކުރެވޭނެ ޖާގަ އެބައޮތް ކަމަށެވެ.
"ފޯޅަވަހި ވިއްކާލުމުގައި ފޮރިން މިނިސްޓަރުގެ ދައުރު ނޯންނާނެ ގޮތަކަށް އެކަން ނުކުރެވޭނެ. އެއީ އަޅުގަނޑުމެން އެންމެން ދަންނަ ހަގީގަތް،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ މޮރިޝަސްއަކީ މަސްވެރިކަންކުރާ ގައުމެއް ނޫން ކަމަށާއި މަސްވެރިކަން ކުރާ އެހެން ގައުމުތަކަށް މޮރިޝަސް އިން ލައިސަންސް ދޫކޮށްގެން ކޮންމެ އަހަރަކު ފަސް ލައްކަ މެޓްރިކްޓަނުގެ މަސް ވިއްކާ ކަމަށެވެ.
ފޯޅަވައްސާއި މަލިކު ހޯދަން ވާހަކަ ދައްކަންޖެހޭ: އާމިރު
ކުއްލި މައްސަލައިގެ ބަހުސްގައި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު އަހްމަދު އާމިރު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ބައެއް އުނިވެދާނެ ކަމުގެ ކަންބޮޑުވުން އޮތްނަމަ މަޖިލީހުގައި އެ ވާހަކަ ދެއްކުމަށް މެންބަރުންނަށް ރައްޔިތުން ލާޒިމުކޮށްފައިވާ ކަމަށެވެ.
އާމިރު ވިދާޅުވީ ޒަމާނުންސުރެ ދިވެހިންގެ ތަންތަން ކަމަށް ކާބަފައިގެން ހިސާބުން ފެށިގެން ގަބޫލުކުރެވޭ ތަންތަން އެބަހުރި ކަމަށެވެ. އެގޮތުން ދިވެހިންނާއި އެއް ބަހުން ވާހަކަ ދައްކާ ތަންތަން އެބަހުރި ކަމަށާއި އެތަންތަން ހޯދުމަށް މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
"މިފަދަ މައްސަލަތައް އުފެދިގެންދާ ވަގުތުގައި އަޅުގަނޑުމެންގެ ކަންބޮޑުވުން އޮވެގެން ފޯޅަވައްސާއި އަދި މަލިކު ފަދަ ތަންތަން އަޅުގަނޑުމެންނަށް ހޯދުމުގެ ހިތްވަރު ލިބި އެވާހަކަ ދައްކަން ހިތްވަރު ނުލިބެންވީ ސަބަބެއް ނެތް،" އާމިރު ވިދާޅުވި އެވެ.
ޗާގޯސް މައްސަލަ ފެންމަތިވިއިރު ބައެއް މެންބަރުން ގައުމުގެ ހައިބަތު ކުޑަކުރުމަށް ވާހަކަ ދައްކާވައިވާ ކަމަށްވެސް އާމިރު ވިދާޅުވި އެވެ.
"ހިތާމައަކީ މި މައްސަލަ އެންމެ ފުރަތަމަވެސް ދިވެހިރާއްޖޭގައި ފެންމަތިވެގެން އައި ވަގުތުގައި ބައެއް އިއްޒަތްތެރި މެންބަރުން އަޅުގަނޑުމެންގެ ގައުމުގެ ހައިބަތު ކުޑަކުރުމަށްޓަކައި ވާހަކަ ދައްކަވާފައި އެބަވޭ،" އާމިރު ވިދާޅުވި އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ ގާނޫނެއް ނެތް ކަމަށް ބުނެ ބައެއް މެންބަރުން ވާހަކަ ދެއްކެވިއިރު ސަރަހައްދުގެ އިން ކަނޑައެޅުމާއި ސަރަހައްދަށް ބަދަލު ގެނައުމުގައި އަމަލުކުރާނެ ގޮތް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާންކުރާ ކަމަށްވެސް އާމިރު ވަނީ ވިދާޅުވެފަ އެވެ.
ވިއްކާލީ ހއ. އަތޮޅާއި ލ. އަތޮޅާ ދެމެދުގެ ސަރަހައްދެއް: ސައީދު
ކުއްލި މައްސަލައިގެ ބަހުސްގައި މާވަށު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ހއ. އަތޮޅާއި ލ. އަތޮޅާއި ދެމެދުގެ ސަރަހައްދެއް ސަރުކާރުން ވިއްކާލާފައިވާ ކަމަށެވެ.
"ދޫކޮށްލައިގެން މިއުޅެނީ ކިހާވަރެއްގެ ސަރަހައްދެއްތޯ. ހއ. ތުރާކުނުން ފެށިގެން ލ. އަތޮޅާއި ހަމައަށް މި އޮތް ޖާގަ މޮރިޝަސްއަށް ދޫކޮށްލައިގެން މިއުޅެނީ، ވިއްކާލައިގެން މިއުޅެނީ،" ސައީދު ވިދާޅުވި އެވެ.
ކުރިން އިކޮނިމިކް މިނިސްޓަރު ކަންވެސް ކުރައްވާފައިވާ ސައީދު ވިދާޅުވީ ފޯޅަވައްސަކީ އެއްވެސް ޒަމާނެއްގައި މޮރިޝަސްއަށް މިލްކުވެރިކަން ލިބިފައި އޮތް ތަނެއް ނޫން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި އިންސާފުވެރި ބަހުސެއް ކުރެވިއްޖެނަމަ ފޯޅަވަހި މައްސަލައިގައި ދިވެހި ރައްޔިތުންގެ މިލްކެއް ގޯސްކޮށް ދޫކޮށްލި ކަމަށް މުޅި މަޖިލިސް އިއްތިފާގުވާނެ ކަމުގައިވެސް ސައީދު ވިދާޅުވި އެވެ.
"ރާއްޖޭގެ ވެރިއަކަށް މި ލިބެނީ ދިވެހި ސްޓޭޓްގެ ހުރިހާ ބާރެއް. ދަންނަވަން މިއުޅެނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަތްޕުޅަށް ހުރިހާ ބާރެއް އައީމަ އަދި ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރަށް ޔޫއެން ޖެނެރަލް އެސެމްބްލީގެ ޗެއާ ލިބުނު ހިސާބުން ފެށިގެން ކުއްލިއަކަށް މި ޑީލް ފާޅުވެއްޖެ އިއްޒަތްތެރި ރައީސް. އަޅުގަނޑު ނެތިން އަބްދުﷲ ޝާހިދޭ 500 މިލިއަން އެމެރިކާ ޑޮލަރު ބޭނުންކުރީކީ ދަންނަވާކަށް،" ސައީދު ވިދާޅުވި އެވެ.
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ދެއްކެވި ވާހަކަ ތަހުގީގުކުރަން ޖެހޭ ކަމަށްވެސް ސައީދާއި ބައެއް މެންބަރުން ވިދާޅުވި އެވެ.