ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް 14 ދުވަހުގެ ނޯޓިސް ދީފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވީ 13 މެންބަރުންގެ ސޮޔާ އެކު ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މިމަހުގެ 18 ވަނަ ދުވަހު އެވެ. ނަމަވެސް އޭގެ ކުރިން މިމަހުގެ 15 ދުވަހުވެސް ޝާހިދުގެ މައްސަލަ މަޖިލީހަށް ހުށަހެޅި އެވެ. އެ މައްސަލަ އަނބުރާ ގެންދިއުމަށްފަހު މައްސަލަ އަލުން މިމަހުގެ 16 ވަނަ ދުވަހު ހުށަހެޅީ ކުރިން ހުށަހެޅި މައްސަލައަށް ބައެއް ބައިތައް އިތުރުކުރުމަށްފަހު އެވެ.
އީވާ މިއަދު ވިދާޅުވީ ޗާގޯސްގެ މައްސަލައިގައި ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާތީ ޖަވާބުދާރީވުމަށް މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ ނޯޓިސް ދީފައިވާ ކަމަށެވެ.
ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޕީޕިއެމް އާއި ޕީއެންސީގެ އިތުރުން އެމްއެންޕީގެ ހުރިހާ މެންބަރުން ވަނީ ސޮއިކުރައްވާފަ އެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން ސޮއިކުރެއްވީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އެވެ. އިތުބާރު ނެތްކަމުގެ މައްސަލައިގައި އަލީ ހުސައިން ސޮއިކުރެއްވީ އަމިއްލަ ހައިސިއްޔަތުން ކަމަށް އެޕާޓީގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.
ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުންގެ ތެރެއިން ސޮއިކުރެއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އެކަންޏެވެ.
ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ ބައެއް ދިވެހި ސަރުކާރުން މޮރިޝަސްއަށް ވިއްކާލާފައިވާ ކަމަށް ބުނެ އިދިކޮޅުން ވަނީ ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް މަޖިލީހަށް ހުށަހަޅާފަ އެވެ. މިމައްސަލައިގައި ޖަވާބުދާރީވުމަށް ރިފްއަތަށް 14 ދުވަހުގެ ނޯޓިސް ދިނީ މިމަހުގެ 16 ވަނަ ދުވަހު އެވެ.