ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު އަނބުރާ ގެންގޮސްފި އެވެ.
އަވަސްއާ ވާހަކަދެއްކެވި މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވީ ޝާހިދުގެ މައްސަލަ މިއަދު މަޖިލީހަށް ހުށަހެޅުމަށްފަހު އަނބުރާ ގެންދިޔައީ މައްސަލައިގެ ލިޔުމަށް ބަދަލެއް ގެންނަންޖެހޭތީ އިތުރު މެންބަރުން ސޮއިކުރައްވަން އެދިވަޑައިގަންނަވާތީ ކަމަށެވެ.
"މިމައްސަލައަށް އިތުރު ސަބަބުތަކެއް ހުށަހަޅަން އަޅުގަނޑުމެންގެ ބައެއް މެންބަރުން އަދިވެސް ބޭނުންވާތީ މައްސަލަ އިތުރަށް ފުރިހަމަކޮށްލަން ގެންދިޔައީ،" ނަން ނުޖެހުމަށް ޝަރުތުކޮށް މެންބަރަކު ވިދާޅުވި އެވެ.
ޝާހިދުގެ މައްްސަލަ މަޖިލީހަށް ހުށަހެޅުއްވީ ޕީޕީއެމް، އެމްއެންޕީ، ޖޭޕީގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންގެ ސޮޔާ އެކު އެވެ. ޝާހިދުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވިއިރު ވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއި ނުކުރާ ކަމަށްވެ އެވެ. ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ސޮއި ނުކުރައްވާ ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ.
ވެރިކަން ކުރާ ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން، ޝާހިދުގެ އިތުބާރު ނެތް މައްސަލައިގެ ވޯޓުގައި ސޮއި ކުރެއްވި ނަމަވެސް ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ސޮއިކުރައްވާފައެއް ނުވެ އެވެ.
ބަންޑާރަނައިބް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ހުށަހެޅުމަށްފަހު ގުޅިފައިވާ ޕާޓީތަކުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. އަދި އިތުބާރު ނެތް ކަމުގެ މައްސަލަތައް ކާމިޔާބު ކުރުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަތަކާ ގުޅިގެން އެމްޑީޕީން ވަނީ އެ މައްސަލަތަކުގައި ބައިވެރިވާ އެމްޑީޕީގެ މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.