ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް ރާއްޖޭގެ ދެކުނުގެ އިގްތިސާދީ ހާއްސަ ސަރަހައްދު -- އެކްސްކުލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ކަނޑައެޅިގެން ދިއުމަކީ ލިބުނު ކާމިޔާބީއެއް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިއަދު ނިންމާފައިވާއިރު ޑރ. ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައްސަލަ ނިމުނީ ރައްޔިތުން މޮޅުވާ ގޮތަށް ކަމަށެވެ.
"ދިވެހިރާއްޖޭގެ އީއީޒެޑް ގެ ދެކުނު ބައުންޑަރީ ކަނޑައެޅިގެން ދިޔައީ ރާއްޖެއަށް ބޮޑުބައި ލިބޭގޮތަށް އަދި ރައްޔިތުންނަށް މޮޅުވާގޮތަށް. މިއީ ވަރަށް ބޮޑު ކާމިޔާބީއެއް،" ޑރ. ހުސައިން ވިދާޅުވި އެވެ.
ޑރ. ހުސައިން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ބަންޑާރަނައިބު އިބްރާހީމް ރިފްއަތުއަށް މަރުހަބާ ދަންނަވާފަ އެވެ.
ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު ދެ ގައުމުގެ ހިޔާލުތަފާތުވާ ކަނޑުގެ ސަރަހައްދުގެ ބޮޑުމިނުގައި 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ހިމެނެ އެވެ.
އިޓްލޮސްގެ ނިންމުމާއެކު ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރު ލިބޭއިރު މޮރިޝަސްއަށް ލިބެނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.