މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއްގެ ގޮތުގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން މިދިޔަ މަހު ކަނޑައަޅާފައިވާ ޗާގޮސްއާ ބެހޭ ގޮތުން 1982 ވަނަ އަހަރުން ފެށިގެން ދިވެހި ދައުލަތުން ކޮށްފައިވާ ހުރިހާ މުއާމަލާތެއް ހާމަކުރުމަށް ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ގޮވާލައްވައިފި އެވެ.
ޝަހީދު މިކަމަށް ގޮވާލައްވާފައި މިވަނީ ރާއްޖެއާއި މޮރިޝަސްއާއި ދެމެދު ހިޔާލުތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ދިވެހި ސަރުކާރުން އަމަލުކުރި ގޮތާ މެދު ދިވެހި ސަރުކާރާއި ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅޭގޮތަށް އެކި ކަހަލަ ވާހަކަދައްކަމުންދާ ވަގުތެއްގަ އެވެ.
ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ހިޔާލުތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އިޓްލޮސް އިން ނިންމުމަށް ޑރ. ޝަހީދު ވަނީ ކުރިން ތާއީދުކުރައްވާފަ އެވެ. އިޓްލޮސްގެ ނިންމުމަކީ ރާއްޖެއަށް އެންމެ މޮޅު ލިބޭ ގޮތަށް އަދި އެއަށްވުރެ އިތުރު މޮޅު ގޮތެއް ނުހޯދޭނެ ގޮތަކަށް ނިންމާފައި އޮތް ނިންމުމެއް ކަމުގައިވެސް ވިދާޅުވި އެވެ. ރާއްޖެ މިނިވަންވީއްސުރެ ރާއްޖެ އިން ދެކުނީ ޗާގޯސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ކަމަށާއި އެނޫން ސިޔާސަތެއް އެ ނޫން ބަދަލެއް ދިވެހި ސަރުކާރުން ގެނެސްފައި ނެތް ކަމަށްވެސް ޝަހީދު ކުރިން ވިދާޅުވެފައިވެ އެވެ.
ޑރ. ޝަހީދު މިއަދު ވިދާޅުވީ ދައުލަތުން މައުލޫމާތު ހިއްސާކުރުމަކީ އިތުބާރު އުފެއްދުމަށާއި ޕްރޮފެޝަނަލް ނޫސްވެރިން ބާރުވެރި ކުރެވޭނެ ކަމެއް ކަމަށެވެ. އެހެންވެ އޭނާ އެދިވަޑައިގެންނެވީ ކަނޑުގެ ގާނޫނާއި، ޗާގޯސްއާ ބެހޭ ގޮތުން 1982 ވަނަ އަހަރުން ފެށިގެން ރައީސް އޮފީހާއި، ފޮރިން މިނިސްޓްރީއާއި، ނިއުޔޯކާއި ލަންޑަންގައި ހުންނަ ދިވެހި މިޝަންތަކުގައި ހުރި ހުރިހާ ލިޔެކިޔުމެއް ހާމަކުރުމަށެވެ.
"މިނިވަން ޕްރޮފެޝަނަލް ނޫސްވެރިކަމެއް ނެތް ގައުމެއްގައި ހެޔޮ ވެރިކަމެއް ނުކުރެވޭނެ. މިނިވަން ނޫސްވެރިކަން ނަގާލީމާ ސަރުކާރާ މެދު ރައްޔިތުން އިތުބާރު އުފެއްދޭނެ މުއާމަލާތެއް ހިންގޭނެ ގޮތެއް ނޯންނާނެ،" އދ.ގެ ރެޕަޓުއާގެ މަގާމުވެސް ފުރުއްވާފައިވާ ޝަހީދު ވިދާޅުވި އެވެ.
ޗާގޯސްގެ މައްސަލަ އާއި ގުޅޭ ލިޔުންތައް ހާމަކޮށްދިނުމަށް ޝަހީދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުންވެސް އެދިވަޑައިގެންފަ އެވެ.
"ސައްހަ ފުރިހަމަ މައުލޫމާތުގެ އަލީގައި ރައްޔިތުން މި ބަހުސްގައި ބައިވެރިވެވޭނެ މަގެއް ކޮށައި ދެއްވުމަކީ ވެރިންނާއި ނޫސްވެރިންނާއި އަދި ޔުނިވަސިޓީތަކުގެ ޒިންމާއެއް،" ޝަހީދު ވިދާޅުވި އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލާފައިވާ ކަމަށް ބުނެ "ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދު"އެއް މިހާރު ވަނީ ބައެއް ސިޔާސީ ޕާޓީތަކާއި ސިޔާސީ އިސް ބޭފުޅުން ގުޅިގެން އުފައްދާފަ އެވެ. މިކޯލިޝަނުން ކުރިއަށް އޮތް ޖޫން ދެވަނަ ދުވަހު މާލޭގައި އެއްވުމަށް ވަނީ ނިންމާފަ އެވެ.