ޗާގޯސް އާކިޕެލާގޯ

ރާއްޖޭގެ ސިޔާސަތުގައި އޮތީ މޮރިޝަސްއަށް ޗާގޯސް ދޭން: ޝަހީދު

May 8, 2023
3

ދިވެހިރާއްޖެއަަށް މިނިވަންކަން ލިބުނީއްސުރެ، ޗާގޮސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ރާއްޖެއިން ދިޔައީ ގަބޫލުކުރަމުން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.

ޝަހީދު މިހެން ވިދާޅުވެފައި މިވަނީ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބުމާ ގުޅޭގޮތުން ރާއްޖެއިން ހިފަހައްޓަމުން އައި ސިޔާސަތަށް 2010 ވަނަ އަހަރު ބަދަލު ގެނައި ކަމަށް ކުރީގެ ބަންޑާރަނައިބް އާޒިމާ ޝަކޫރު ވިދާޅުވުމާ ގުޅިގެންނެވެ.

އާޒިމާ ވިދާޅުވާ ދުވަސްވަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރަކަށް ހުންނެވީ ޑރ. ޝަހީދު އެވެ.

އާޒިމާ ވިދާޅުވި ގޮތުގައި ޗާގޮސްގެ ސިޔާދަތީ ބާރު ހޯދުމަށް 2001 ވަނަ އަހަރު މޮރިޝަސް އިން ރާއްޖެއާ އެކު މަޝްވަރާކުރަން ހުށަހެޅުމުން އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުން ވަނީ އެކަމަށް ދެކޮޅު ހަދާފަ އެވެ. ސަަބަބަކީ ޗާގޯސްގެ ސިޔާދަތީ ބާރު ހޯދުމަށް މޮރިޝަސް އާއި އިނގިރޭސިވިލާތުން ވެސް އޭރު މަސައްކަތްތަކެއް ކުރަމުން ދިއުމެވެ. ދިވެހި ސަރުކާރުން ބޭނުންވީ އެ ދެ ގައުމުގެ ހިޔާލުތަފާތުވުން ނިމޭ ގޮތެއް ބަލާފައި ނޫނީ ޗާގޯސްގެ މައްސަލައިގައި މޮރިޝަސްއާ މަޝްވަރާ ނުކުރުން ކަމުގައި އާޒިމާ ވިދާޅުވި އެވެ.

އެގޮތަށް ސިޔާސަތު ތަންފީޒު ކުރަމުން ދަނިކޮށް 2010 ވަނަ އަހަރު ދިވެހި ސަރުކާރާއި މޮރިޝަސް ސަރުކާރުން މަޝްވަރާކުރުމާ އެކު ސިޔާސަތަށް ބަދަލެއް އައި ކަމުގައި އާޒިމާ ވިދާޅުވި އެވެ. އޭގެފަހުން އޭނާގެ ބަންޑާރަނައިބް ކަމުގައި އެކަން ފާހަގަކުރެވިގެން ގައުމީ ސަލާމަތާ ބެހޭ ކައުންސިލަށް އެ މައްސަލަ ހުށަހެޅުއްވި ކަމަށްވެސް އާޒިމާ ވިދާޅުވި އެވެ.

ނަމަވެސް އާޒިމާ އަށް ރައްދު ދެއްވަމުން ޑރ. ޝަހީދު ވިދާޅުވީ ރާއްޖެ މިނިވަންވީއްސުރެ ރާއްޖެ އިން ދެކުނީ ޗާގޯސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ކަމަށެވެ. އެނޫން ސިޔާސަތެއް އެ ނޫން ބަދަލެއް ގެނެސްފައި ނެތް ކަމަށް ވިދާޅުވި އެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން މިދިޔަ އޭޕްރީލް 28 ވަނަ ދުވަހު ނިންމީ ޗާގޯސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހަމަޖައްސައި، ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ ބޮޑު ސަރަހައްދެއް ރާއްޖެއަށް ލިބޭ ގޮތަށެވެ. އެގޮތުން ދެ ގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ ގާތްގަނޑަކަށް 4،600 އަކަ ކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފަ އެވެ. އިޓްލޮސް އިން މައްސަލަ ނިންމާފައިވާ ގޮތުން ރާއްޖޭގެ ދެކުނުން 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ކަށަވަރުވާނެ އެވެ. މޮރިޝަސް އަށް ލިބޭނީ 45،331 އަކަކިލޯމީޓަރުގެ ސަރަހައްދެކެވެ. މިއީ މައްސަލަ ޖެހިގެން އުޅޭ 95،000 އަކަކިލޯމީޓަރު އިއްޔެ ބަހާލި ގޮތެވެ.

އިޓްލޮސްގެ ނިންމުމާ ގުޅިގެން ޑރ. ޝަހީދު މީގެކުރިން ވިދާޅުވީ އެ ނިންމުމަކީ ރާއްޖެއަށް އެންމެ ބޮޑު، އަދި އެންމެ މޮޅު ގޮތް ކަމަށެވެ.