ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މިނިވަން ނޫސްވެރިކަން ސަރުކާރުން ކަށަވަރުކޮށްދޭނަން: ރައީސް

ދިވެހި ނޫސްވެރިކަން އޭގެ އެންމެ ފުރިހަމަ މިނިވަންކަމުގައި ދެމެހެއްޓުމަށް ސަރުކާރުގެ ފަރާތުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.

ރައީސްގެ ހިތާބުގައި ވިދާޅުވީ ރާއްޖެއަށް ޑިމޮކްރެސީގެ މަގުގައި ލިބުނު ކުރިއެރުންތަކުގެ މައިގަނޑު އެއް އަސްލަކީ މައުލޫމާތު ފެތުރުމުގެ ދާއިރާއިން ދިވެހި ނޫސްވެރިން ކުރި މިންނެތް މަސައްކަތް ކަމަށެވެ.

"ގާނޫނީ އޮނިގަނޑުގެ ތެރެއިން އާންމު ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ މައިގަނޑު ބާރަކަށްވީ ވެސް އެ ހައްގުތަކާ މެދު އާންމު ރައްޔިތުންގެ މެދުގައި ނޫސްވެރިކަމުގެ ޒަރީއާއިން އުފެދިގެން ދިޔަ ހޭލުންތެރިން. ހަމަ އެފަދައިން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން އެ ހައްގުތަކަށް އެދި ރައްޔިތުން އުފުލަން ފެށި އަޑުތައް،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވި ގޮތުގައި ދިވެހި ނޫސްވެރިކަމުގައި ލިބުނު އިބްރަތްތަކުގެ އަލީގައި ކުރިމަގު އެއަށްވުރެ އުޖާލާ ކުރުމަށް މަސައްކަތް ކުރުމަކީ ކޮންމެ ނޫސްވެރިއެއްގެ އަދި ކޮންމެ ނޫސް އިދާރާއެއްގެވެސް ޒިންމާއެކެވެ.

"ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުވެސް ކޮންމެ ފަރުދަކަށް ލިބިދޭކަން ސަރުކާރުގެ ފަރާތުން އަބަދުވެސް ކަށަވަރުކުރާނެ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

އެ މިނިވަންކަމުގެ ހައްގު އެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ހުރިހާ ނޫސްވެރިންގެ ވެސް މަސްއޫލިއްޔަތެއް ކަމަށާއި އެ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގާއި ގުޅިފައިވާ ޒިންމާތަކަށް ފުރިހަމައަށް ރައްކާތެރިވުން ކަމުގައި ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވި ގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ އެންމެ މަތިވެރި ޒިންމާއަކީ ކޮންމެ ހާލަތެއްގައި ވިޔަސް އިތުބާރު ހުރި ތެދު މައުލޫމާތު ފެތުރުމެވެ.

މިނިވަންކަމާއެކު ނޫސްވެރިކަން ކުރުމުގެ ހައްގު ލިބިފައިވާއިރު އަނެކުންނަށް ލިބިގެންވާ އަބުރާއި އިއްޒަތް އަދި އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގެ ހައްގު ރައްކާތެރިކޮށް ދިނުމަކީ ކޮންމެ ނޫސްވެރިއެއްގެ ޒިންމާއެއްކަމުގައި ހެޔޮ ހިތުން ޤަބޫލުކުރަންޖެހޭ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.