ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަން ދިނުމުގެ ނަތީޖާއާ މެދު އުފާކުރަން: ރައީސް

ވަރަށް ހަރުކަށި ހިފެހެއްޓުންތަކެއްގެ ތެރޭގައި މީގެ ތިން އަހަރު ކުރިން އޮތް ދިވެހި ނޫސްވެރި ކަމަށް ފުރިހަމަ މިނިވަންކަން ދިނުމުގެ ނަތީޖާއާ މެދު އުފާކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.

ރައީސްގެ ހިތާބުގައި ވިދާޅުވީ އޭޝިޔާ ސަރަހައްދަށް ބަލާއިރު ދިވެހިރާއްޖެއަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު މިހާރު އެންމެ ފުރިހަމައަށް ލިބިދީފައިވާ އަދި އެ ހައްގުގެ ބޭނުން އެންމެ ފުރިހަމައަށް ހިފާ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމުކަމާ މެދަކު ޝައްކު ނުކުރައްވާ ކަމަށެވެ. އަދި ދެކުނު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު އެންމެ ފުރިހަމައަށް ލިބިދީފައިވާ ގައުމު ކަމަށެވެ.

"ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ހިމާޔަތް ކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ހަބަރާއި މައުލޫމާތު ފެތުރުމުގެ ފުރިހަމަ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކުރިމަގުގައިވެސް ދިވެހި ނޫސްވެރިންނަށާއި ދިވެހި ރައްޔިތުންނަށް ފުރިހަމައަށް ލިބިދޭނެކަން މި ފުރުސަތުގައި ޔަގީންކޮށް އަރުވަމެވެ،"

ރައީސް ވިދާޅުވީ މިނިވަން ނޫސްވެރި ކަމަށް ފުރުސަތު ދިނުމަކީ ސަރުކާރު ޒިންމާދާރު ކުރުވައި ޑިމޮކްރެސީ ހަރުދަނާ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާ ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަނާއި ހިޔާނާތުގެ އަމަލުތައް ނައްތައިލުމަށްޓަކައިވެސް ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ފުރިހަމަ މިނިވަންކަން ފަހިކޮށްދީފައި އޮތުން މުހިންމު ކަމަށެވެ. އަދި ކުރިއަރާފައިވާ ޑިމޮކްރެސީތަކުގައި ގާއިމުވެފައިވާ ފަދަ ޒިންމާދާރު ނޫސްވެރިކަމެއް ގާއިމުކުރެވޭނީވެސް ނޫސްވެރިކަން ހިފެހެއްޓުމުގެ ބަދަލުގައި ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަން ދިނުމުންކަން މިދިޔަ ތިން އަހަރުގެ ތަޖުރިބާއިން ކަށަވަރުވެފައިވާ ކަމަށެވެ.

"ވަރަށް ހަރުކަށި ހިފެހެއްޓުންތަކެއްގެ ތެރޭގައި މީގެ ތިން އަހަރު ކުރިން އޮތް ދިވެހި ނޫސްވެރި ކަމަށް ފުރިހަމަ މިނިވަންކަން ދިނުމުގެ ނަތީޖާއާ މެދު މިއަދު އަޅުގަނޑު އުފާކުރަމެވެ. މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ނޫސްވެރިންނަށް ފަހިކޮށްދިން މިނިވަން މާހައުލުގެ ސަބަބުން ދިވެހި ނޫސްވެރިންގެ ފަރާތުން ފެންނަމުން ދަނީ ޒިންމާދާރުކަމާއެކު އެބޭފުޅުންގެ ވާޖިބު އަދާކުރައްވައި ރައްޔިތުންނަށް ކަންކަމުގެ ތެދު މައުލޫމާތާއި ހަގީގަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ މަންޒަރެވެ. ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހުރި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ތެރެއިން ރައްޔިތުންނާ ހަމައަށް ތިލަކުރުމަކީ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުމަށްވެސް ލިބޭ ނުހަނު ބޮޑު ބާރެކެވެ،" ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ހިފެހެއްޓުމެއް ނެތި ދީފައި އޮތަސް ކޮންމެ ނޫސްވެރިއެއްގެ ކޮނޑުގައި ވަރަށް މަތިވެރި ގައުމީ މަސްއޫލިއްޔަތެއް އެޅިފައިވާކަން ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ހަގީގަތާއި ތެދު މައުލޫމާތު ހާމަކުރުމާއި އަނެކުންގެ އަބުރު ރައްކާތެރިކުރުމުގެ ހައްގު ހިމާޔަތް ކޮށްދިނުން ކަމަށެވެ. ކިތަންމެ ފުރިހަމަ މިނިވަންކަމެއް ލިބިފައި އޮތަސް އެ ރޮނގު ހުރަސްކުރުމަކީ ތަހުޒީބީ އެއްވެސް މުޖުތަމައެއް ގަބޫލު ކުރާނެ ކަންކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

"ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ތިބުމަށްފަހު ދިރިއުޅުމުގެ އާންމު ހާލަތަކަށް މިއަދު ނުކުމެވިފައި ތިބިއިރު މި ނުރައްކާތެރި ބަލިމަޑުކަމާ މެދު ރައްޔިތުން ހޭލުންތެރި ކުރުމަށް ރާއްޖޭގެ ހުރިހާ ނޫސްވެރިން އެއްބައެއްގެ ގޮތުގައި ތިބެ ކުރި މަސައްކަތް އަޅުގަނޑުމެން ހަނދާން ކުރަންޖެހެއެވެ. ކުރިމަގުގައިވެސް ދިވެހި ގައުމަށް ކުރިމަތިވާ މިފަދަ ބޮޑު ކޮންމެ ކަމެއްގައި ދިވެހި ނޫސްވެރިންގެ ފަރާތުން މިފަދަ ޒިންމާދާރު ގައުމީ ހިދުމަތްތައް ފެނިގެންދާނެ ކަމުގައި އަޅުގަނޑު އުންމީދު ކުރަމެވެ،"