ރައްޔިތުންގެ މަޖިލިސް

ހެއްކާބެހޭ ގާނޫނުގެ އިސްލާހު އަނބުރާ ކޮމިޓީއަށް

ހެއްކާބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ގެނައި އިސްލާހުތައް މަޖިލީހުން ފާސްނުވުމުން އަނބުރާ ކޮމިޓީއަށް ފޮނުވާލައިފި އެވެ.

މަސްދަރު ހާމަކުރަން ހައިކޯޓަށް މަޖުބޫރު ކުރެވޭ ގޮތަށް ހެއްކާބެހޭ ގާނޫނު އިސްލާހުކުރަން ޖުޑިޝަރީ ކޮމިޓީން ނިންމި ނިންމުން މަޖިލީހުން ފާސްކުރުމާމެދު ގޮތެއް ނިންމުމަށް މިއަދު ނެގި ވޯޓުގައި ކޮމިޓީ ރިޕޯޓު ފާސްކުރުމާއި ދެކޮޅަށް 31 މެންބަރުން ވޯޓު ދެއްވި އެވެ. ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

ބިލު އިތުރަށް ފުރިހަމަކުރަން ޖުޑިޝަރީ ކޮމިޓީއަށް އަނބުރާ ފޮނުވުމަށް 31 މެންބަރުން ވޯޓު ދެއްވިއިރު ދެކޮޅަށް ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ.

ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު ޝަރީއަތް މެދުވެރިކޮށް ހާމަކުރުވޭ ގޮތަށް އޮތް ހެއްކާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށީ މިއަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.

ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގައި ފުލުހުންނަށް ނުވަތަ ދައުލަތުގެ ފަރާތުން މަސްދަރު ހާމަކުރަން އެދެފިނަމަ ޝަރީއަތުން އަންގާ ގޮތެއްގެ މަތިން މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

މައްސަލަ ރައްދުވާ ފަރާތަށްވެސް މަސްދަރު ހާމަކުރުމަށް އެދި ކޯޓަށް ހުށަހެޅޭނެ ކަމަށް ގާނޫނުގައިވެ އެވެ.

ހެއްކާ ބެހޭ ގާނޫނަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ހުށަހެޅި އިސްލާހުގައިވާ ގޮތުން ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ އަމަލެއް އެކުލެވޭ ކުށްތަކުގެ މައްސަލަތަކުގައި ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް ހައިކޯޓަށް ހުށަހެޅުމުން ވަކި ހާލަތްތަކެއްގައި އެ މަސްދަރު ހާމަކުރުމަށް އެ ކޯޓުން އަމުރު ކުރެވޭނެ އެވެ.