ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކޮށް، އޭނާ ރާއްޖެއިން ފުރައިގެން ދާން ހުއްދަ ދިން މައްސަލައާ ގުޅިގެން ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ މައްސަލަތައް ކުރިއަށް ދާގޮތަށް ފާރަވެރިވެ ކައިރިން ބަލަން ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެ ކޮމިޓީ މިއަދު ބޭއްވީ އެ މައްސަލާގައި މިހާތަނަށް ހޯދި ހޯދުންތަކުގެ މައްޗަށް ރިއާޔަތްކޮށް ގޮތެއް ނިންމާށެވެ. އެ ގޮތުން އަލީ، ފުރަން ކްރިމިނަލް ކޯޓުން ހުއްދައެއް ދީ އޭނާގެ ޕާސްޕޯޓް ދޫކުރަން އަމުރު ނެރުއްވި އެކޯޓުގެ ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ޕިޖީ އިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައިވާ ކަމަށާއި، އަދި އެކޯޓު އަމުރު ހައިކޯޓުގައި މިހާރު އިސްތިއުނާފު ކޮށްފައިވާ ކަމަށް ކޮމެޓީގެ ރިޕޯޓުގައި ވެއެވެ.
"... އެހެން ކަމުން ކޮމެޓީގެ ނިންމުމަކީ މި މައްސަލައާއި ގުޅިގެން އެ މުއައްސަސާތަކުން ކުރާ މަސައްކަތްތަކަށް ފާރަވެރިވެ ކޮމެޓީގެ އިހުތިސޯސްގެ ތެރޭ ހިމެނޭ މުއައްސަސާތައް ޖަވާބުދާރީ ކުރުވުން،" އެ ރިޕޯޓުގައި ވެއެވެ.
ކޮމެޓީއަށް މިއަދު ހާޒިރުވެ ވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ އެ ރިޕޯޓު ވަނީ ފާސް ކޮށްފަ އެވެ.
ނަމަވެސް މި މައްސަލާގައި އަދިވެސް އިމިގްރޭޝަނުގެ އިހުމާލެއް އޮތްކަން ފާހަގަ ކުރެވޭ ކަމަށް މެމްބަރަކު މިއަދު ފާހަގަ ކުރެއްވި އެވެ. އެކަމާ ގުޅިގެން ކޮމެޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، އިމިގްރޭޝަނުގެ ހުމާލެއް އޮތްކަން ފާހަގަ ނުވާ ކަމަށެވެ.
ކުރިން ވެސް މި މައްސަލައިގައި ގޮތެއް ނިންމަން ބައްދަލުމެއް ބޭއްވި އެވެ. އެފަހަރު ބައްދަލުވުން ނިންމައިލީ ބަލަން ޖެހޭ އިތުރު ކަންކަން ހުރުމުން އެކަންކަން ބަލާށެވެ. އެގޮތުން އިމިގްރޭޝަނުން، އަލީގެ ޕާސްޕޯޓް ދޫކޮށްލީ ކޯޓު އަމުރެއްގެ ދަށުންތޯ ސާފުކުރަން ކޮމެޓީން ބޭނުންވި އެވެ.
މިއަދުގެ ބައްދަލުވުމުގައި މުގައްރިރު ވިދާޅުވީ، އިމިގްރޭޝަނުން ޕާސްޕޯޓް ދޫކޮށްފައި ވަނީ ކޯޓު އަމުރަށް ކަމަށާއި ކޯޓުން އަމުރެއް ދިއުމުން ޕާސްޕޯޓު ރިލީޒް ކުރަން މަޖުބޫރު ވާނެ ކަމަށެވެ.
ބޭސް ފަރުވާ ލިބުމަކީ ހުރިހާ އެންމެންގެ ވެސް ހައްގެއްކަން ފާހަގަކުރައްވައި މުގައްރިރު ވިދާޅުވީ މައްސަލަ ޖެހޭނީ ފުރައިގެން ގޮސް ފިލައިފި ނަމަ ކަމަށާއި ކޯޓުން މުއްދަތެއް ދީ އޭނާ ހާޒިރު ނުވެއްޖެ ނަމަ މައްސަލަ ޖެހޭނެ ކަމަށެވެ. މިމައްސަލައިގައި އަދި އެހިސާބަށް ނުދާ ކަމަށް ވެސް ވިދާޅުވި އެވެ.
ކުރީގެ ވަޒީރު އަލީ ކުއްލި ގޮތަކަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައި ވަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައި ވަނިކޮށެވެ. މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އޭނާ ވަޑައިގަތީ ތުރުކީގެ އިސްތަންބޫލަށެވެ.