ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައިދިނުމަށް އަމުރެއް ނެރެދެވެން ނެތް ކަމަށް ހައިކޯޓުން މިއަދު އަނެއްކާވެސް ނިންމައިފި އެވެ.
އަލީގެ ޕާސްޕޯޓް ހިފަހައްޓައި ދޭން އެދުނު އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެންމެ ފުރަތަމަ ހައިކޯޓުގެ ރަޖިސްޓްރާ ވަނީ މައްސަލަ ބަލައިނުގަތުމަށް ނިންމާފަ އެވެ.
ހައިކޯޓުން އެ މައްސަލަ ބަލައިނުގަތީ އަލީގެ ގައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމާފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ހައިކޯޓަށް އެ މައްސަލަ ނިންމޭނެ ކަމަށް ފަހުން ކަނޑައަޅާފަ އެވެ.
ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން ހައިކޯޓުގައި މައްސަލަ ކުރިއަށް ގެންދިޔަ ނަމަވެސް ހައި ކޯޓުން ވެސް މިއަދު ނިންމީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. ހައިކޯޓުން މިއަދު ގޮތް ނިންމި މައްސަލައަކީ އަލީގެ ޕާސްޕޯޓް ހިފަހައްޓަން އަމުރެއް ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ދެވަނަ ފަހަރަށް ނިންމުމުން ދައުލަތުން އިސްތިއުނާފް ކުރި މައްސަލަ އެވެ. އަލީގެ ޕާސްޕޯޓް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން މިދިޔަ މަހު ވެސް ނިންމި އެވެ.
ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ޖިނާއީ އިޖުރައާތުގެ ގާނޫނުގައިވާ ގޮތުން މީހެއްގެ ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރު ނެރެވޭނީ އެ މީހަކު ރާއްޖެއިން ބޭރަށް ދިއުމުގެ ކުރިން ކަމަށެވެ. އެހެންކަމުން އެފަދަ އަމުރެއް ނެރެދެވޭނެ ހަމައެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށްވެސް ބުނެފައިވެ އެވެ.
ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ އަލީގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ފުލުސް މެދުވެރިކޮށް ދައުލަތުން އެންމެ ފުރަތަމަ އެދުނީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު އޭރު އެ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމީ އަލީގެ ޕާސްޕޯޓު ހިފަހައްޓާނެ ސަބަބެއް ނެތް ކަމަށް ކަނޑައެޅުމަށްފަހު އެވެ.
ދައުލަތުން ކުރިން ހިފަހައްޓަން އެދިފައިވަނީ އަލީ ވަހީދު ޓްރާންސްޕޯޓް މިނިސްޓަރަކަށް ހުންނެވިއިރު އޭނާ ގެންގުޅުއްވި ޑިޕްލޮމެޓިކް ޕާސްޕޯޓެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރުމާ ގުޅިގެން އެ ޕާސްޕޯޓްގެ ބޭނުން ކެނޑިފައިވާތީ އޭރު އެ އަމުރު ނެރެދެވެން ނެތް ކަމަށް ކޯޓުން ކަނޑައެޅި އެވެ.
އަލީގެ ޕާސްޕޯޓު ހިފަހައްޓަން ނެރުނު އަމުރު ކްރިމިނަލް ކޯޓުން ބާތިލު ކުރުމާ ގުޅިގެން އޭނާ ރާއްޖެއިން ބޭރަށް ވަޑައިގެންފައިވަނީ މިދިޔަ ފެބްރުއަރީ ނުވަ ވަނަ ދުވަހު އެވެ. ފުރަތަމަ ތުރުކީ ވިލާތަށް ވަޑައިގަތުމަށްފަހު މިހާރު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.
އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސްޕްރީމް ކޯޓުން ވަނީ އަލީއަށް ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވާފަ އެވެ. ނަމަވެސް އެދުވަހު ކޯޓަށް ހާޒިރު ވެފައި ނުވާތީ ކޯޓުގެ ހުރުމަތްކެނޑިކަމުގެ ކުށުގައި ކޯޓުން ވަނީ އޭނާގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އެކަމަކު ހުކުމް ތަންފީޒު ކުރުމަށް އަލީ އަދި ރާއްޖެ ގެނެވިފައެއް ނުވެ އެވެ.
އަލީ ވަހީދަށް ދައުލަތުން ކުރާ ޖިންސީ ގޯނާގެ ދައުވާތަކާ ގުޅިގެން އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ނުގެންދިއުމަށްވެސް ސުޕްރީމް ކޯޓުން މިހާރު ވަނީ ކޯޓު ތަކަށް އަމުރުކޮށްފަ އެވެ.